ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމުގައި އިސްލާހު ކުރުން، ކަމުގައި އަތްގަދަ ކުރުން!

ދައުލަތުގެ ތިން ބާރުގެ ވެރިން: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ ދާއިރާ މިނިވަންކޮށް ހަރުދަނާ ކުރުމުގެ ވާހަކަ ފަހަކަށް އައިސް ދެކެވެން ފެށީ ވެރިކަމުގެ ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމު ކުރަން ކަމަށް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރަތަމަ ތަގުރީރުގައި އެހެން ވިދާޅުވުމުންނެވެ.

އޭގެ ފަހުން، “އެޖެންޑާ 19” ނަމުގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމި ކަރުދާހެއްގައި ވެސް ޝަރުއީ ނިޒާމު ހަރުދަނާ ކުރުން އެބަ އޮތެވެ. އަދި ޝަރުއީ ނިޒާމު އިސްލާހުކޮށް، ހަރުދަނާ ކުރުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (ޑީޖޭއޭ) އިން “ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް” ނަމުގައި މަހާސިންތާއެއް ބާއްވައި ހިޔާލު ހޯދުމަކީ އެ ދާއިރާ މިނިވަންކުރަން އެޅޭނެ ބާރެއް ކަމަށް ބަޔަކު ގަބޫލުކުރިއެވެ.

މީގެިއތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ކުރިއަސް އޮތް ފަސް އަހަރުގެ އެކްޝަންސް ޕްލޭނުގައި ވެސް އެންމެ އިސްކަމެއް ދެއްވާފައި ވަނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށެވެ. އެގޮތުން އެކްޝަން ޕްލޭންގެ “ހެޔޮ ވެރިން” ބައި ބެހިފައި ވަނީ ޖުމުލަ ހަތް ދާއިރާ އަކަށެވެ. އެއީ ޤާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަރުޢީ ނިޒާމުއިޞްލާޙުކުރުމާއި ޤައުމީ ސަލާމަތާއި އާންމުންގެ ރައްކާތެރިކަން، ކޮރަޕްޝަން ނައްތާލުން، ހަމައެހެންމެ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ގާއިމް ކުރުމާއި މިނިވަން މުއައްސަސާތަކާއި ޕަބްލިކް ސާވިސް އިޞްލާޙުކުރުމާއި މިންތީގެ ހަމަހަމަކަމުގެ އިތުރުން ޚާރިޖިއްޔާއެވެ.

ހެޔޮވެރިކަން ގާއިމްކުރުމުގެ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ސިޔާސަތު ކަމުގައިވާާ ގާނޫނުގެ ޙުކޫމަތު ނެގެހެއްޓުމާއި ޝަރުޢީ ނިޒާމު އިސްލާޙު ކުރުމުގެ ބައިގައި ބުނެފައިވާ ގޮތުގައި ޤާނޫނީ އަދި ޝަރުޢީ ނިޒާމު އިޞްލާޙު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު އެއް ވައުދެވެ.

ހަރުދަނާ ޤާނޫނުތަކެއް ނެތުމުގެ ސަބަބުންނާއި މިހާރު ޢަމަލު ކުރެވެމުން ދާ ޤާނޫނުތަކުގައި ހުރި އުނި ކަންތައްތަކުގެ ސަބަބުން ދައުލަތުގެ އެކި އެކި މުއައްސަސާތައް އެކަށީގެންވާ ގޮތެއްގައި ހިނގަމުން ނުދާކަށް އެކްޝަން ޕްލޭންގައި ބުނެފައިވެއެވެ.

މީގެ އިތުރުން މައްސަލަތައް ނިންމުމުގައި ޝަރުޢީ ދާއިރާއިން ވަކި ފަރާތަކަށް ބުރަވާ ކަމަށާއި، ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުގައި އެފަރާތްތައް ޖެހިފައިވާ ކަމުގެ ތުހުމަތުގެ އިނގިލި އެ ދާއިރާއަށް ދިއްކުރެވެމުން އަންނައިރު، ޤާނޫނުތައް މި ފަދަ ޝަރުޢީ ނިޒާމަކުން ތަންފީޒުކުރަމުން ގެންދިއުމަކީ ވެސް ދިވެހި ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ދިމާވާ ގޮންޖެހުން ތަކެއް ކަމަށް އެކްޝަން ޕްލޭންގައި ވަނީ ބުނެފައެވެ. އަދި އަދުލު އިންސާފުގެ ދާއިރާއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމަ އަދި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމާއި، މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނީ އޮނިގަނޑުގައި ފުށުއެރުން ތަކަކާއި ފޫނުބެއްދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.

ކޮންމެއަކަސް ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނުގެ ވެރިކަން ނަގަހައްޓާ ފަރާތަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ބާރެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދޭ ފަރާތަކީ ވެސް ޝަރުއީ ނިޒާމެވެ. އަނިޔާ ދިން ފަރާތްތަކަށް ހައްގު އަދަބު ދެނީ ވެސް ފަނޑިޔާރުންނެވެ. އެ ނިޒާމު މިނިވަން ކުރަން ޖެހޭނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށް، ކަށަވަރުކޮށް ދިނުމުގެ ބޭނުމުގަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށާއި ހައިކޯޓަށާއި އަދި ގާނޫނަކުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކަށް ކަމަށެވެ. ހަމައެހެންމެ މި ދެންނެވި މާއްދާގެ (ށ) ގައި ބުނެފައި ވަނީ އަދުލު އިންސާފް ގާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. މި މާއްދާގެ (ނ) ގައި ބުނެފައި ވަނީ އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކު ވިޔަސްފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ. ހަމައެހެންމެ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކޮށްދީ އެތަންތަނަކީ ކޮންމެ މީކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ޒައްރީއްޔާއިންނާއި، އެހެންނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި، ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ މި ދެންނެވި މާއްދާތަކުން އެނގި ސާފުވެގެންދާ ކަމަކީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކުރުމަށްޓަކައި ކުރާން ޖެހޭ އެންމެހައި މަސައްކަތްކާއި އަޅަން ޖެހޭ އެންމެހައި ފިޔަވޅުތައް އެޅުމަކީ ސުޕްރީމް ކޯޓާއި އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ މަސްއޫލީއްޔަތެއް ކަމެވެ. އަދި ވެރިކަން ހިންގުމުގެ ބާރުންނާއި، ގާނޫނު ހެދުމުގެ ބާރުން ކުރާން ޖެހޭ ކަމަކީ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ރައްކާތެރިކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުންކަން ސާފުކޮށް އެނގި ހާމަވެއެވެ.

ކޮންމެއަކަސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމާއެކު، ފަނޑިޔާރުގެ ހަރުދަނާކޮށް ފަނޑިޔާރުގެއިން ރައްޔިތުންނަށްދެވޭ ޢަދުލު އިންޞާފު ލިބިދިނުމުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކޮށް، ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ މަތި ކުރެވިފައި އޮންނަ ދުސްތޫރީ ޒިންމާ އަދާ ކުރުމުގެ ގޮތުން، 2019 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ އިސް ނެގުމަށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމާއި ފަނޑިޔާރުގެ އިޞްލާޙު ކުރުމާ ބެހޭގޮތުން ޢިލްމީ ފެންވަރުގައި ބަޙުޘްކޮށް މަޝްވަރާ ކުރުމަށްޓަކައި ވަނީ ކޮންފަރެންސެއް ބޭއްވިފައެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިޞްލާޙު ކުރުމަކީ މުޅި ޤައުމުގެ މަޞްލަޙަތު އެކަމާގުޅި ލާމެހިފައިވާ ކަމެއް ކަމުގައި ވާތީ، މި ކޮންފަރެންސް ބޭއްވުނީ ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް ދަޢުވަތު ދީގެން، އެންމެހައި ސްޓޭކްހޯލްޑަރުންގެ ފުރިހަމަ ބައިވެރިވުމާ އެކުގައެވެ.

އެގޮތުން ޝަރުޢީ ދާއިރާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒް ފަދަ އިދާރާތަކާއި ރާއްޖޭގެ ގާނޫނީ ވަކީލުންގެ ތެރެއިން ސީނިއާ ބޭފުޅުންތަކެއް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންފައި ވާއިރު، އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިޔުޓާ ޖެނެރަލްގެ އޮފީހާއި ޤާނޫނީ ވަކީލުންގެ ފަރާތުން މުހިއްމު ކަރުދާސްތަކެއް ކޮންފަރެންސުގައި ހުށައެޅުއްވިކަން ވެސް ފާހަގަ ކުރަމެވެ. އަދި މި ކޮންފަރެންސުގައި ޔޫއެންޑީޕީ މޯލްޑިވްސް އާއި ޔުނިސެފް މޯލްޑިވްސްގެ ފަރާތުން ބައިވެރި ވެވަޑައިގެންފައި ވާއިރު، އޮބްޒާވަރުންގެ ގޮތުގައި ޔޫރަޕިއަން ޔޫނިއަނުން ވެސް ބައިވެރި ވެވަޑައިގެންފައި ވެއެވެ. މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަނޑިޔާރުންނާއި ބައިނަލްއަޤުވާމީ ތަޖުރިބާކާރުން ވެސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެން ކަރުދާސް ހުށައަޅުއްވައިފައި ވެއެވެ.

މި ދެންނެވި މުހިއްމު ކޮންފަރެންސުގައި ހުށައެޅުނު ކަރުދާސްތަކާއި، ކުރެވުނު ބަޙުޘްތަކާއި މަޝްވަރާތަކުގެ ތެރެއިން، ޝަރުޢީ ދާއިރާ ހަރުދަނާކޮށް އިޞްލާޙު ކުރުމާބެހޭގޮތުން ޝާމިލު ގޮތެއްގައި ރިކޮމެންޑޭޝަންތަކެއް ހުށަހެޅި، އެ ރިކޮމެންޑޭޝަންތަކުގެ މައްޗަށް އިޞްލާޙީ މަގުޗާޓެއް 1 މެއި 2019 ގައި އިފްތިތާޙު ކުރެވިފައެވެ. އަދި އެ މަގުޗާޓު ތަންފީޛުކުރެވޭނޭ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށް އިފްތިތާޙުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. މި މުހިއްމު މަސައްކަތް ކުރެވެމުން ދަނީ ޝަރުޢީ ދާއިރާއާ ގުޅުންހުރި، މައިގަނޑު ސްޓޭކްހޯލްޑަރުންގެ ލަފަޔާ އިރުޝާދާ އެކުގައެވެ.

މިގޮތުގެމަތިން، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް މުހިއްމު މަސައްކަތްތަކެއް، ޢިލްމީ އަދި ފަންނީ ފެންވަރުގައި ކުރެވިފައި ވަނިކޮށް، އެޓަރނީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިންމަވައި، އެ ދިރާސާ ކުރެއްވުމަށްޓަކައި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލާ ރާއްޖެ ގެންނަވައި، މަސައްކަތްތަކެއް ފެއްޓެވިއެވެ. އަޅުގަނޑުގެ ސުވާލަކީ ބައިނައްލަޢުވާމީ ފެންވަރުގެ ބުޑު ކޮންފެރެސްއެއް ބާއްވައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގުޗާޓެއް އެކުލަވާލާފައިވަނިކޮށް އެ މަގު ޗާޓް ތަންފީޒް ކުރުމުގެ ބަދަލުގައި ބޭފުޅަކު ގެނައުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އަދި ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ އެއްވެސް މިންވަރަކަށް އެނގިވަޑައި ނުގަންނަވާ ބޭފުޅަކު ނެރުއްވި ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ދެއިރު ދެދަޅަޔަށް ޖޭއެސްސީއަށް ހާޒިރު ކުރުމުގެ ބޭނުނަކީ ކޮބައިތޯއެވެ.

އަޅުގަނޑުގެ ގަބޫލު ކުރާ ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުމުގެ ހެޔޮ ނިޔަތެއް ހަމަހަގީގަތުގައިވެސް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްޢަތުގެ އޮތްނަމަ އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ އެޓާނީ ޖެނަރަލްގެ ވެސް ބައިވެރިވުމާއިއެކު ތައްޔާރު ކުރެވުނު ޝަރުއީ ދާއިރާ އިސްލާހު ކުމުގެ މަގު ޗާޓް ތަންފީޒް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ދަންނަވަންތޯއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ރިކޮމެންޑް ކުރައްވާނެކަމަށް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ބިރު ދައްކަވައި އިންޒާރު ދެއްވި ކަމަށް ސުޕްރީމް ކޯޓުން ހާމަ ކުރެއްވުމުން އެކަން ތަހުގީގު ކުރުމުގެ ބަދަލުގައި އޭނާ ދެއްކެވި ވާހަތައް އެޓާނީ ޖެނަރަލް ދިފާއު ކުރެއްވުމަކީ ވެސް ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި އެޓާނީ ޖެނަރަލްއާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ހަމައެހެންމެ ޖުޑިޝަލް ސާވިސް ކޮމިޝަންގެ އިހުލާސްތެރިކަން އޮތް މިންވަރާއި މެދު ސުވާލު އުފެދޭ ކަމެކެވެ.

ދަންނަވަންތޯއެވެ. މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީގެ އަމަލިުތައް ހުރި ގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ރި÷ޯޓެއް ތައްުާރު ކުރުމަށް ހަވާލު ކުރި ރިޓާޔާޑް ޖަސްޓިސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވައި އިންޒާރު ދެއްވިކަން މިއަދު މިވަނީ ސާބިތުވެފައެވެ. އޭނާ އެ ވިދާޅުވި ގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް އެ ވަނީ ރިޕޯޓު ނެރެފައެވެ. އަދި އޭނާގެ އެ ރިޕޯޓާއި އެއްގޮތަށް ޖޭއެސްސީން ވަނީ އަމަލު ކުރަން ފަށާފައެވެ. އަދި އެއީ ވެސް ގާނޫއަސާސީއާއި ޖޭއެސްސީގެ ގާނޫނުން ޖޭއެސްސީއަށް ލިބިގެން ނުވާ ބާރެއްގެ ބޭނުން ކޮށްގެންނެވެ.

ޖޭއެސްސީން ބުނާ ގޮތުގައި އެ ކޮމިޝަނުން ބަލަނީ ސުޕްރީމް ކޯޓިގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެކެވެ. ސުވާލަކީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ނިންމާފައިވާ ނިންމުންތަކަކީ ޖޭއެސްސީއަށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލިދާނެ މައްސަލައެއްތޯއެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހައިސީއްޔަތުން އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން ކުރައްވާ ހުކުމް ކުރުން ސުލޫކީ މައްސަލައަކަށް ވަނީ ކޮންގޮތަކަށްތޯއެވެ. ހަމައެހެންމެ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްތަކާއި ނިންމާފައިވާ ނިންމުންތައް އެއީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ހިލާފް ހުކުމެއްތަކެއްކަން ނުވަތަ ގާނޫނުއަސާސީއާއި ހިލާފް ކަންތައްތަކެއްކަން ބަލައި ތަހިގީގު ކުރުމުގެ ބާރު ޖޭއެސްސީއަށް ލިބިފައި ވަނީ ގާނޫނުއަސާސީގެ ކޮން މާއްދާއެއްގެ ދަށުންތޯއެވެ. އެއީ އެއްވެސް މާއްދާގެ ދަށުން އަދި އެއްވެސް ގާނޫނެއްގެ ދަށުން ޖޭއެސްސީއަށް ލިބިގެންވާ ބާރެއް ނޫނެވެ.

އަޅުގަނޑުގެ ހިޔާލުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި އެޓާނީ ޖެނަރަލްއާއި އެމްޑީޕީން އަދި މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ޖޭއެސްސީގައި އިންނަވައިގެން މި ކުޅުއްވާ ޗަރުކޭހުގެ ފަހަތުގައި ވަނީ ބޮޑު ރޭވުމެކެވެ. އެއީ އެމްޑީޕީން ބޭނުންވާ ގޮތަކަށް ބެރުޖަހާނެ ބަޔަކު ފަނޑިޔާރުގެއަށް ވެއްދާ ހުރިހައި ބާރެއްގެ ތެރެއަށް އަތްގަދަކުރުމެވެ. އެމްޑީޕީއާއި ރައީސް މުހައްމަދު ނަޝީދު ހިތްޕުޅާވާ ބަޔަކު ފަނޑިޔާރުގެއަށް ވެއްދިއްޖެނަމަ ފަނޑިޔާރުގެ މިނިވަންވީއެވެ. އަދުލް އިންސާފް ގާއިމްވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: