ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރު ފަހުން، އަލްހާންއަށް ހަމަލަ ދިން މީހާއަށް ހުކުމެއް!

އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅިން ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރުން- ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅިން ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހަތް އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ އައްޑޫ ސިޓީ ހިތަދޫ، އުލްފާމަންޒިލް މުހައްމަދު ނަސީމްގެ މައްޗަށެވެ. އެ މައްސަލާގެ ޝަރީއަތް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު  ކުރެއްވި ހުކުމްގައި ބުނެފައިވަނީ އަލްހާނަށް ހަމަލާދިން ކަމަށް ނަސީމް އިންކާރުކޮށްފައިވީ ނަމަވެސް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެ ހަމަލާ ދީފައިވަނީ ނަސީމްކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ކުށް ކަނޑައަޅާފައިވަނީ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށަށް ފަސް އަހަރު އަދި އެކަމުގައި ތޫނު އެއްޗެއް ބޭނުން ކޮށްފައިވާތީ ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައިވަނީ ސިއްރު ހެކިވެރިއެއްގެ ހެކި ބަހަށެވެ. ހުކުމުގައިވާ ގޮތުން އެ ހާދިސާއަށް ފަހު ގެއެއްގެ ތެރެއިން ލޭ ހޭކިފައި ހުރި ވަޅިއެއް ފެނުނު، އަދި އެ ވަޅިއަކީ ނަސީމް އެ ދުވަހު އަލްހާންއަށް ހަމަލާ ދިނުމަށް ގެންގުޅުނު ވަޅިއެއް ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ. އެއާއި އެކު، ވަޅީގައި ހުރި ލޭގެ ޑީއެންއޭ އާއި އަލްހާންގެ ޑީއެންއޭއާއި ދިމާވާކަން ފޮރޮސެންސިކް ތަހުލީލުތަކުން ސާބިތުވާކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ، އަލްހާންއަށް ހަމާލާދިން މީހާ ދުވެފައި ދަނިކޮށް އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ މީހާ އާއި ސިފަ އެއްގޮތް ތިން ސިފައެއް އެކުލެވޭކަން ވީޑިއޯ އެނަލިސިސް ހެދުމުން ސާބިތުވާ ކަމަށެވެ. އަދި ހަމަލާ ދިނުމަށްފަހު ނަސީމް ފިލަން ދިޔަ ގެޔަކީ އޭނާ ހައްޔަރު ކުރިއިރު ވެސް ހުރި ގެކަމަށް ވަނީ ބުނެފައެވެ. އަދި ހެކިބަހުންވެސް އެކަން ސާބިތުވާކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

އެހެންވެ، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މީހެެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުން ނަސީމް ކުށްވެރިވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި އެ ކުށް ކުރުމުގައި ތޫނު ހަތިޔާރެއް ބޭނުން ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އިތުރު ދެ އަހަރުގެ ޖަލު ހުކުމަކާ އެކު، ޖުމްލަ ހަތް އަހަރަށް ނަސީމް ޖަލަށްލާން ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

އަލްހާނަށް ހަމަލާދިން މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

އަލްހާނަށް ހަމަލާދީފައިވަނީ 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާޓިފިޝަލް ބީޗުގައި އޭރު ހުރި ބްރޭކްވޯޓާ ރެސްޓޯރެންޓް ތެރޭގައި އިންނަވަނިކޮށެވެ. އެ ހަމަލާގައި ސީރިއަސް އަނިޔާތަކެއް އަލްހާނަށް ލިބުނުއިރު ރާއްޖެއިން ބޭރަށް ގެންގޮސް އޭނާއަށް ފަރުވާ ދީފައިވެއެވެ.އަދި އަލްހާމްިހާރުވެސް ގެންދަވަނީ ލިބުނު އަނިޔާތަކަށް ފަރވާ ހޯއްދަވަމުންނެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: