ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކުރުން، ބޮޑު ކުށެއް، އެކަމަކު އަދަބު ކުޑަ!

ބޮޑު ކުށެއްގެ އަދަބް ކުޑަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނައަޅާފައިވާ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ އަސްލަކީ އިސްލާމް ދީން ކަމުގައި ބަޔަކު މީހުން ވަނީ ނިންމައިފަ އެވެ. އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި، މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމީ އަދުގެ ހަގީގަތެވެ. އެމީހުންގެ ނަޒަރުގައި ކޮންމެ މުސްލިމަކީ ޓެރަރިސްޓެކެވެ. ނޫނީ މުސްތަގުބަލުގައި ޓެރަރިސްޓަކަށްވެދާނެ މީހެކެވެ.

އެމީހުން ގަބޫލުކުރާ ގޮތުގައި ދީނީ ހަރުކަށި ފިކުރު ނައްތާލުމަށް އޮތް ހައްލަކީ ނުވަތަ ހަމައެކަނި އޮތް ގޮތަކީ އިސްލާމް ދީން ދުނިޔެއިން ފުހެލުމެވެ. ނޫނީ އެމީހުން ބޭނުންވާ ވަކި މިންގަނޑެއްގެ ތެރޭގައި މުސްލިމުން ކޮންޓްރޯލް ކުރުމެވެ. އިސްލާމްދީން ކޮންޓްރޯލް ކުރުމެވެ. ހިތާމައަކީ، ރާއްޖޭގައިވެސް އެފަދަ މަންޒަރުތައް ފެނި އަޑުތައް އިވެމުންދާކަމެވެ.

އެގޮތުން މީސްމީޑާއާގެ ތަފާތު އެކިއެކި ޕްލެޓްފޯމްތަކުގައި އިސްލާމްދީނުގެ އަސްލުތަކަށާއި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ހުކުމްތަކަށާއި ކީރިތި މާތް ނަބީއްޔާގެ ހަދީސް ބަސްފުޅުތަކުގެ އިތުރުން އެއްކައުންވަންތަ ﷲ އަށް ނިސްބަތްކޮށް ހަޑިހުތުރު ބަސްތައް ގޮވަމުންދާ މީހުންނާއި ލިޔަމުންދާ މީހުން ދުވަހެއް ދުވަހަކަށް ދަނީ ގިނަވަމުންނެވެ. އިތުރުވަމުންނެވެ. މިހާތަނަށް އެޅުނު ފިޔަވަޅެއް ނެތެވެ. އެކަމުގެ ހިތި ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. މުސްކުޅިން ބުނާފަދައިން ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކަށްޗަށެވެ. އެހެން ކަމުން އިސްލާމްދީނަށާއި މާތް ރަސޫލޫއަށް ފުރައްސާރަކޮށް ބަދުބަސް ބުނި މީހުންނަށް އެންމެ ފުރަތަމަ ދުވަހު ހަރުކަށި ފިޔަޅު ނޭޅުމުގެ ނަތީޖާއަކަށްވީ އެކަން ކުރުމަށް އިތުރު ހިއްވަރެއް ލިބިގެން ދިއުމެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތަށްނަމަ ލާދީނީ ބައިގަނޑު އެކަކު އަނެކެއްގެ ކިބައިން ހިއްވަރުލިބިގެން އެންމެ ފަހުން އެމްޑީއެންގެ ނަމުގައި ދޫކޮށްލި މިސައިލުން މުޅި ދިވެހި ގައުމު މިވަނީ ބޮޑު ފިތުނަވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

އެމްޑީއެން ނަމަކަށް ކިޔާ ޖަމިއްޔާއަކުން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފަވާއިރު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

ހަގީގަތަކީ މެދުމިނުމުގެ ފިކުރާއި، ޑިމޮކްރަސީގެ ހައްގުތަކުގެ ނަމުގައި ދިވެހިންގެ ބިމުން އެހެން ދީނަކަށް ފުރުސަތުދޭން ބަޔަކު މީހުން މަސައްކަތް ކުރުމާއި ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފާޅުގައި ގޮންޖަހައި މަލާމާތް ކުރަމުންދާ ކަމެވެ. އަދި ބަހަނާތައް ދައްކައިގެން އެކިއެކި ސަރުކާރުތަކުން ފިޔަވަޚޅު ނާޅާ ތިބިކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީއްޔާގެ ގާނޫނުއަސާސީއާއި ގާނޫނޫލްއުގޫބާތާއި މިނޫންވެސް އެކިއެކި ގާނޫނުތަކުން އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅެން އެބައޮތެވެ.

ޖަމިއްޔާތަކާ ބެހޭ ގަވާއިދުގެ 19 ވަަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން އިސްލާމް ދީނުގެ އަސްލަކާ ހިލާފުވުން ނުވަތަ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުން ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުން ނުވަތަ އެއްބައިވަންތަކަމަށް އުނިކަމެއް ގެނައުން ނުވަތަ އިސްލާމްދީން ނޫން ދީނެއްގެ ފިކުރާ ޝިއާރު ރާއްޖޭގައި ފާޅުކުރުން ނުވަތަ ފެތުރުމަކީ ޖަމިއްޔާ ހެދުން މަނާކުރެވޭ ނުވަތަ އެ ޖަމިއްޔާއެއް އުވާލެވޭނެ އެވެ. އެމްޑީއެން ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޖެހެނީ އުވާލާށެވެ. ގަވާއިދުގެ އެކަން ވާން އެބައޮތެވެ. ނުކުރީ ކީއްވެގެންތޯއެވެ.؟ އެމްޑީއެންގެ ތެރޭގައި ފިތިބާރުވީތޯއެވެ.

ދެން ދައްކަން އޮތީ ވަރަށް ލަދުވެތި ވާހަކައެކެވެ. ކަރުގެ ނާރުތައް ފުއްޕައިގެން އެންމެން އަޑުގެ ނެތްތަނަށް އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކަ ދައްކާއިރު ދިވެހިރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންކަމަށް ސުވާލު އުފެއްދުމުގައި މާތް ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ދިނުމަށް ކަނޑައަޅާފައި ވަނީ ވަރަށް ކުޑަކުޑަ އަދަބެކެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކޭ ބުނަން ލަދުވެސް ގަންނަން ޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި އިސްލާމްދީނާ އިދިކޮޅު ޢަމަލުތައް ހިންގުމަކީ ކުށެވެ. އެގޮތުން މި މާއްދާގައި ބުނެފައިވާ ގޮތުގައި މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަޤްރީރުކުރުމަކީ ކުށެވެ. ހަމައެހެންމެ އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ވެސް ކުށެކެވެ. މީގެއިތުރުން ދިވެހިރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ އަޅުކަންކުރަން ގެންގުޅޭ ބުދު ދިވެހިރާއްޖޭގައި އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ދިވެހިރާއްޖެއަށް ގެނައުން؛ ނުވަތަ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް ޢަމަލުކުރުމަކީ ވެސް ކުށެވެ.

ހިތާމަަކީ ދިވެހިރާއްޖޭގައި މިދެންނެވިފަދަ ކުށްތައް އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ކީރިތިގުރުއާނަށް ހަޖޫ ޖަހައި ހެދި މީއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އެ މީހަކަށް ދޭން ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ މުއްދަތަށް ޖަލަށް ލުމެވެ. އަސާސީ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. ކުށުގެ އަދަބެެއްގެ ގޮތުގައި ޖޫރިމަނާ ކުރާނަމަ އެންމެ ބޮޑު އަދަދަކީ 18،000ރ. އެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގެ 1،205 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅާފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެވެ. އެހެންކަމަށްވާނަމަ މާތްﷲ އަށް ބަދުބަސް ބުނެ ރަސޫލާއަށް ފުރައްސާރަކޮށް ކީރިތިގުރުއާނަށް ހަޖޫ ޖެހުމަކީ އިސްލާމީ ޝަރީޢަތުގައި މުރުތައްދުވުމެވެ. ދީނުންބޭރުވުމެވެ. އެފަދަ މީހަކަށް ނަސޭހްތެތެރިވުމުން ވެސް އިސްލާހު ނުވެއްޖެނަމަ އިސްލާމީ ޝަރީޢަތުގައި އޮންނަ ގޮތުން އެ މީހަކު ޖެހޭނީ ގަތުލުކުރާށެވެ.

ސުވާލަކީ މިރާއްޖޭގައި މިދެންނެވި ގޮތަށް މިކަން ކުރެވިދާނެތޯއެވެ. އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ކީރިތިގުރުއާނަށް ހަޖޫ ޖެހި އާދައިގެ ކެނައިންތަކެއް އުޅޭ ޖަމްއިއްޔާ ގަނޑެއް އުވާލަން ނުކުރުނު ބަޔަކަށް ދެން އިސްލާމްދީނުގެ ދިފާއުގައި ކުރެވޭނެ އިތުރު ކަމެއް އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އޭގެ އެއް ހެއްކަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެނުއަރީ 22، 2019 ގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހިމެނި ވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ ހާއްސަ ކޮމިޓީން އެއްވެސް ބަހެއް ނުބުނެ ހަނުއޮތުމެވެ.

ކޮންމެއަކަސް ރާއްޖޭގެ ދީނީ ހާލަތާއި ގުޅޭގޮތުން ނެރޭ ރިޕޯޓެއްގައި މާތް ﷲ ރަސޫލާއަށް ދެއްކެވި މުއުޖިޒާތެއްގެ ވާހަކަތައް އެއްވެސް އަސާސެއްނެތް ގޮތުގައި ތިމާމެންނަށް ފެންނަ “ލޮޖިކް” ގެ މައްޗަށް ބަޔާންކޮށް ފުރައްސާރަ ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ހަރުކަށިކަމާ މާތް ރަސޫލާގެ ހަދީސް ބަސްފުޅުތަކާއި ގުޅުވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ މިއީ ނުރައްކާތެރި އިންޒާރެވެ. މިއީ ނުރައްކާތެރި ފިކުރެކެވެ. ފަތުރަމުން މިދަނީ އެމްޑީއެންގެ ފިކުރެވެ. މިއީ ދިވެހިންގެ އިސްލާމީ ވަންތަ ކަމަށް ޖެހި ހަންޖަރެކެވެ. މިއީ ފާރަވެރިވާން ޖެހޭކަމެކެވެ. ރާއްޖެ މިނިވަން އަދި ހަމަޖެހޭ ގައުމެއްގެ ގޮތުގައި ދެމި އޮތުމުގެ އަސްލަކީ އިސްލާމްދީނެވެ. މިއީ މައްސަލަ ބަލާ ފިޔަވަޅު އަޅަންވީ ވަގުތެވެ. ދިވެހިންގެ ބިމުން އެހެން ދީނަކަށް ފުރުސަތު ނުދޭނެކަން ދައުލަތުން ސާބިތު ކޮށްދޭންވީ ވަގުތަކީ މިއީ އެވެ. ބިރުގަަންނަންވީ ވަކި ކާކު ދެކެ ހެއްޔެވެ؟ ހަމަ ގައި،ުވެސް ﷲ ފިޔަވައި އަހަރެމެން ބިރުގަންނަ ފަރާތެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: