ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ފުރައްސާރަ ކުރި، އެމްޑީއެން ސަސްޕެންޑް ކޮށްފި

އެމްޑީއެން ސަސްޕެންޑުކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ސުވާލު އުފެއްދި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުވައި ސަސްޕެންޑުކޮށްފި އެވެ.

އެމްޑީއެން ސަސްޕެންޑް ކުރުމަށްމިނިސްޓްރީއިން ނިންމީ އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓްގެ މައްސަލާގަ އެވެ. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަވާ ފަދަ ބަސްތަކާއެކު ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނުވުމާއެކު އެ ޖަމިއްޔާ އުވާލުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިނިސްޓްރީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އަދި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ނުކުރާކަމަށް ބުނެ ފުލުހުންނަށް ފަޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަމުން ދަނީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި އެއްވެސް ފަރާތަކާ މެދު ޖެހިލުން ނުވާނެ ކަމަށެވެ.

މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ވެސް ވަނީ ޖަމިއްޔާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ. އަދި އިލްމުވެރިން އެ މައްސަލައާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ވެސް ބައްދަލު ކުރިއެެވެ.

ފުލުހުންގެ ތަހުގީގާއި ގުޅިގެން އެމްޑިއެންގެ ފައުންޑާ ޝަހިންދާ އިސްމާއިލް ކުރި ޓްވީޓުތަކެއްގައި ބުނެފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ހުރިކަމަށެވެ. އޭނާއާއި އޭނާގެ ޖައްމިއްޔާއިން ކުށެއް ކޮށްފައިވާނަމަ މައްސަލަ ވެސް ބަލަންޖެހޭނެކަން ޝަހިންދާ ވަނީ ޓްވީޓުތަކުގައި ގަބޫލުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީއެންގެ ރިޕޯޓް ލިޔުނު “ކުދިން” ދިފާއު ކުރެއްވުމަށްފަހު 24 ގަޑިއިރު ވެސް ނުވަނީސް އެމްޑީއެންއަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވާފައެެވެ.

ޝެއިޚް ހުސެއިން ރަޝީދު ލިޔުއްވި ސަހީހު މުސްލިމްގެ ތަރުޖަމާގެ 10 ވަނަ ފޮތް ރަސްމީކޮށް ނެރެދެއްވައި މިރޭ އިސްކަންދަރު ސްކޫލުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން ޝެއިޚް ހުސެއިން ރަޝީދާއި މަޝްވަރާ ކުރެއްވިކަމަށެވެ. ރިޕޯޓެއް ލިޔާއިރު ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ޝެއިޚް ހުސެއިން ރަޝީދުގެ ސަހީހް މުސްލިމް ތަރުޖަމާ ފޮތުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެމްޑީއެންގެ “ކުދިން” އެ ރިޕޯޓް ލިޔަން ފެށުމުގެ ކުރިން ﷲ ސުބުހާނަހޫ ވަތައާލާއި މާތް ނަބިއްޔާ ސއވ އަށް ނިސްބަތްކޮށް ލިޔާނެ ގޮތް ޝެއިޚް ހުސެއިން ރަޝީދުގެ ސަހީހް މުސްލިމް ތަރުޖަމާ ފޮތުން ބަލަންވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޚާއްސަކޮށް ރިޕޯޓެއް ލިޔާއިރު ޝެއިޚް ހުސެއިން ރަޝީދު ވިދާޅުވާ ހަމަތައް އެންމެންވެސް ހިފަހައްޓަވަން ޖެހޭނެކަމަށެވެ. އެ ހަަމަތައް ނުހިފެހެއްޓޭ ސަބަބުތައްވެސް އޮވެދާނެކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ ހަމަތައް ނުހިފެއްޓުމަކީ އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކުން އިސްލާމް ދީނަށް ނަފްރަތު އުފެއްދުމަށް ނުވަތަ އެ ދީން ބަލިކަށި ކުރުމަށް އެދިގެން ގަސްތުގައި ކުރާ ކަމެއް ނޫންކަމަށެވެ

އެމްޑީއެން ސަސްޕެންޑު ކުރި ނަމަވެސް، އެ ޖަމިއްޔާގެ އިސް ބައެއް މެމްބަރުން ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވިއެވެ. އެ ފާޑުކިޔުންތަކާއެކު އެ ޖަމިއްޔާގެ ޗެއާޕާސަން އާއިޝަތު ނޫޝިން ވަހީދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާއަކީ ރައީސް އޮފީހުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޑީއެން އިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު ކަންކަން ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނުގައި އަންގަވާފައިވާ ކަންކަމަށް ހަޖޫޖަހާފައިވާ އެ ރިޕޯޓު އެންޑީއެމްއިން ނަގާފައިވަނީ އާއްމުންގެ ފާޑުކިޔުން އަމާޒުވުމުން “ދީނީ އިލްމުވެރިއެއްގެ” އެހީގައި އަލުން ރިޕޯޓު ނެރޭނެ ކަމަށް ބުނެއެެެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ

https://twitter.com/MoYSCEmv/status/1182269826653274112

ދީނަށް ފުރައްސާރަކޮށް، ނެރުނު ރިޕޯޓަކީ ރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2003/1 ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 20 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނާކުރެވިފައިވާ ކުށަކަށް ވާތީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާއުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް އާއްމުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: