ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޒީރާ ރާއްޖެވުމަކީ “ފޯ ގިޔަރު ޓޮއިލެޓް” އަކަށް އަނބުރާ ދިއުން: މެމްބަރު ޖާބިރު

ޖަޒީރާ ރާއްޖެއަކީ އޮޅުވާލުމެއް: ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޒީރާ ރައްޖޭގެ ނަމުގައި، އިގްތިސޯދީ ގޮތުން ގައުމު ފަހަތަށް ޖައްސާ ހަމަ އެކަނި މާލެއަށް ކުރިއެރުން ގެނައުމަކީ އެއީ “ޖަޒީރާ ރާއްޖެ” އެއް ނޫން ކަމަށް ޑީއާރުޕީގެ ލީޑަރު، އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ ގަރާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ޖާބިރު ވިދާޅުވީ، މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަންޖެހިފައި މިވަނީ ކުރީގެ އެއްވެސް ޕްލޭނެއް ނެތި ކަންތައް ކުރުމުން ކަމަށެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން އައިސް “އެޑްހޯކް ބޭސިސް” ގައި މަސައްކަތް ކުރަމުން އައީ ކަަމަށާއި، ކަމަކަށް ކަމެއް ކުރުމުގެ ނަތީޖާއަކީ އެއީ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ އެ ދުވަހު ކުރަންޖެހޭ މަސައްކަތެއް ނަަމަ، އެކަމެއް ނިންމާލަނީ ކަމަށާއި އެއްވެސް ޕްލޭނެއް އަދި ވިސްނުމެއްވެސް ގިނަ ފަހަރަށް އެ ކަމެއްގައި ނޯންނަ ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެ ގައުމެއްގެ ކުރިމަގާއި މެދު ޕްލޭނެއް އޮންނަ ކަމަށާއި ނަމަވެސް، ނަމަވެސް އެއާއި އެއްގޮތަށް އެއްވެސް ވިސްނުމެއް ފިކުރެއް އޭރު ގެންގުޅެފައި ނުވާކަމަށް ޖާބިރު ވިދާޅުވިއެވެ.

2018 ވަނަ އަަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށާއި އިސްލާހުގެ މަގަށް ކުރަމުންދާ މަސައްކަތްތަކަށް އެމްޑީޕީން ބޭނުން ކުރަމުންދާ “ޖަޒީރާ ރާއްޖެ” އާއި ގުޅޭގޮތުން ޖާބިރު ވިދާޅުވީ އެއީ 300 އަހަރު ފަހަތަށް ދިއުން ކަމަށެވެ. ޖާބިރު ވިދާޅުވީ ޖަޒީރާ ރާއްޖެވުމަކީ “ފޯ ގިޔަރު ޓޮއިލެޓް” އަކަށް އަނބުރާ ދިއުން ކަމަށެވެ.

“ޖަޒީރާ ރާއްޖެއެކޭ ކިޔައިގެންވެސް އަޅުގަނޑުމެން އެބައުޅެން. އެއީ ކޯޗެއްތޯ. 300 އަހަރު ފަހަތަށް ގައުމު ދިއުން އެޔަށް ކިޔަނީ.” ޖާބިރު ވިދާޅުވިއެވެ.

ތަރައްގީގެ ގޮތުން ރާއްޖެ ބަދަލުވާންވީ ވޮޝިންގްޓަން، ނިއުޔޯކް، ސިންގަޕޯރ އަށް ކަމަށާއި ޖަޒީރާގެ ނަން ބޭނުންކޮށް ދެން އޮޅުވާލުމުގެ ބޭނުމެއް ނެތް ކަމަށެވެ. ޖަޒީރާ ރާއްޖެއަކަށް އުފަންވެ، ކާބަފައިންގެ ޒަމާނުއްސުރެ މިއަދާއި ހަމައަށް ވެސް މިތިބީ ޖަޒީރާއެއްގެ މަތީގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން އަބަދާ އަބަދު ޖަޒީރާގެ ނަން ބޭނުން ނުކުރާ ކަމަށާއި ބޭނުންވަނީ މި ދިވެހި ގައުމަށް ތަރަައްގީ އައުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ޖަޒީރާގެ ނަމުގައި އެއްވެސް އޮޅުވާލުމެއް ބޭނުން ނުވާކަމަށާއި، ރާއްޖެ އިގްތިސޯދީ ގޮތުން ފަހަތަކަށް ޖައްސާލުމަކީ އެއީ ކޮން މެނިފެސްޓޯއެއްގައި ވާ ކަމެއްތޯ ވިދާޅުވެ މެމްބަރު ޖާބިރު ވަނީ ސުވާލު އުފައްދާފައެވެ.

ރައްޔިތުން ތާ އަބަދު، ބިކަ ހާލުގައި ބައިތިއްބާކަށް ނުޖެހޭ ކަން ފާހަގަކުރައްވާ ޖާބިރު ވަނީ، ޖަޒީރާ ރާއްޖެއަކީ ބައެއްގެ ސިޔާސީ ހަތިޔާރެއް ކަމަށެވެ. އެއީ އެމްޑީޕީގެ ސިޔާސީ ސްލޯގަންއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ޖަޒީރާ ކިޔާ އޮޅުވާލައިގެން އުޅޭނެ ކަމެއް ނެތް. މި ރާއްޖޭގެ ރައްޔިތުން ދެން އިތުރަޖަށް ޖަޒީރާ ވަންތަކަން ބޭނުމެއް ނޫން. ތަރައްގީ ބޭނުންވަނީ. އަޅުގަނޑުމެން ޒަޒީރާ ނުކިޔަސް އަޅުގަނޑުމެން އުފަންވެފައި މިތިބީ ޖަޒީރާ ރަށްރަށަށް. ކީއްވެގެން ތޯ އޮޅުވާލަންވީ. ކޮން މެނިފެސްޓޯއެއްގައި ތޯ އޮތީ އަޅުގަނޑުމެން ފަހަތަށް ދުއްވާލަން. އެހެން ކިޔައިގެން އޮޅުވާލައިގެން އުޅުނީމަ ރައްޔިތުންނަށް އެބަ އިނގެއެއް ނޫންތޯ ޖަޒީރާ ޜާއްޖެ އޮތީ މާ ކުރީއްސުރެ ހަަމަޖެހިފައިކަން. ބަޔަކު ސިޔާސީ ބޭނުނަމަށް، ޖަަޒީރާ ކިޔާ ޕްރޮމޯޓު ކުރިޔަސް ނުފުދޭނެ، އޭގައި ހުންނަން ޖެހޭ ވަނަވަރުތަކާއި ސިފަތަކުގައި މިހާރުވެސް އަޅުގަނޑުމެން ދިރިއުޅެމުން އަންނަނީ” ޖާބިރު ވިދާޅުވިއެވެ.

މިއީ ދިވެހި ރާއްޖެ ކަމަށާއި، ގާނޫނު އަސާސީގައި ވެސް ހަމަ އެ ނަން ބޭނުންކޮށްފައިވާއިރު ޖަޒީރާ ރާއްޖެއަކީ ސިޔާސީ ސްލޯގަންއެއް ކަމަށް ޖާބިރު ވިދާޅުވިއެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ފީޒަބަލް ނުވާ ޕްރޮޖެކްޓެއް ނުހިނގާނެ ކަމަށާއި ކޮންމެ ކަމެއްގައި ވެސް ވޮލިއުމްއެއް ހުންނަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެން ކަމަށް ވާނަމަ ސީދާ ސިޔާސީ ބޭނުމަށް ކުރެވޭ ކަންތަށް ދޫކޮށްލުމަށް ޖާބިރު ގޮވާލެއްވިއެވެ. ހަމަކަނި މާލެއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މުޅި ރާއްޖޭގެ ތަރައްގީއަށް ވިސްނަންޖެހޭކަމަށް ޖާބިރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވޮލިއުމް އުފެއްދުމުގެ ނަމުގައި މާލެ ތަރައްގީ ކުރުމުގެ ސިޔާސަތަށް ފާޑުވިދާޅުވެ ޖާބިރު ވަނީ ސީދާ ތަރައްގީއަށް ދިއުމަށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ދައުލަތުގެ ބަޖެޓުގެ ޑިސްޓްރިބިއުޝަން ރަނގަޅު ކުރުމުގެ ވާހަކަ ދައްކާއިރު މީހުން އެތަނަކަށް އެއް ކުރުމުގެ ސިޔާސަތު ދޫކޮށްލަން ޖެހޭކަން ޖާބިރު ވަނީ ފާހަަގަ ކުރައްވާފައެވެ.

“ހިނގާ ކުޑަކޮށް މައިތިރިކޮށް ވިސްނާލަން. ރައްޔިތުންނަށް ބޭނުންވާ ހައްގު އަސާސީ ހިދުމަތްތައް ނުލިބިގެން މިއުޅޭނީ ކީއްވެގެން ތޯ. ދުނިޔޭގެ އެއްވެސް ގައުމެއްގެ އެއްވެސް ހިސާބެއްގައި ފީޒަބަލް ނުވާ ޕްރޮޖެކްޓުތައް ނުހިނގާނެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި، އޮސްޓްރެލިއާ ތަންތަނުގައި އަދި ނިއުޒިލޭންޑް ފަދަ ބޮޑެތި ގައުމުތަކުގައި އެބަތިބި ޑޮކްޓަރުން ބައިތިއްބާފައި. ޑޮކްޓަރު މީހާ މޮޔަ ވަނީ ބަލި މީހަކު ނައިސްގެން. އަދަދު ހުންނަން ޖެހޭ، ވޮލިއުމްއެއް ނެތި ވިޔަފާރިއެއްވެސް އަދި އެއްވެސް ކަމެއް ނުޥާނެ. އެހެން ކަމުން ވޮލިއުމް ކްރިއޭޓް ކުުރުމަށް ހަމަ އެކަނި މާލެއަށް ފޯކަސްކޮށްގެން މިކުރާ މަސައްކަތް ދޫކުރަން ޖެހޭ” ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ބަޔަކު ހުރަސްއަޅަނީ ސިޔާސީ ކަންކަން ޙާސިލް ކުރުމަށް ކަމަށާއި، ނަމަވެސް އޭގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ހީވެސް ނުކުރާހާ ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ، ރާއްޖޭގެ ރަށްތަކަކީ ޖަޒީރާ ރާއްޖެއެއް ކަމަށް ބުނެ ދޫކޮށްލުމަށްފަހު އެ ރަށްތަކުގެ ރައްޔިތުން އަސާސީ ހައްގުތަކުން މަހްރޫމް ކުރުމުގެ އެއްވެސް ފުރުސަތެއް ނެތްކަށް ވިދާޅުވެފައެވެ.

ގާނޫނު އަސާސީ އުފެއްދިއިރުވެސް ތަރައްގީގެ ވާހަކަ ދެއްކި ކަމަށާއި، އޭރުވެސް ރަށްތަކަށް އައި ގެއްލުމުގެ ވާހަކަވެސް ދައްކާފައިވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ބޭނުންވަނީ، އެ ރަށަކުން ހުރިހާ ކަމެއް ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުން ކަން ޖާބިރު ފާހަގަކުރެއްވިއެވެ. އަދި ޑިސްޓްރިބިއުޝަންވެސް ރަނގަޅު ކުރަންޖެހޭނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ޕްލޭނިން މިނިސްޓްރީ މަސައްކަތް ކުރިޔަށް ނުދާތީ، ޖާބިރު ވަނީ އެކަމާވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

“އެހެން ވީމަ، މި މަޖިލީހުން އެބަޖެހޭ. ޕްލޭނިން މިނިސްޓަރު ގެނެސް މިތާ ބައިންދައިގެން އެ މަސައްކަތް ކުރަން. މިތާ ބައިންދަންވީ، މިހާރުން މިހާރަށް ގެނެސް މަަސައްކަތްތައް ކުރުވަންވީ، ޕްލޭން ކުރަން ބުނަންވީ” ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: