ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީއެންގެ ރިޕޯޓް ބަހުސް: މަޖިލީހުގައި އޭނާ މީނަ ތީނަ، މިސަރުކާރު، ކުރީ ސަރުކާރު!

ރައްޔިތުންގެ މަޖިލީހުގައި އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ކުރީ ސިޔާސީ ބަހުސްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި ބިލެއް ހުށަހެޅުން ވެގެންދިޔައީ ރައްޔިތުންގެ ސަމާލުކަން އެކަމަކަށް ހުއްޓުނު މައްސަލައަކަށެވެ. “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވުމާއި ގުޅިގެން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮޅިވަރަން ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ.

އެކަމަކު އެމްޑީއެންގެ ރިޕޯޓުގައި އޮތް އެއްޗަކަށް މެމްބަރުންގެ މެދުގައި ބަހުސް ކުރެއްވުމުގެ ބަދަލުގައި ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި ދީނާއި ގުޅުވައިގެން ދައްކަވާފައި ހުރި ވާހަކަތަކާއި ގުޅޭގޮތުންނެވެ. އަަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގެ ވާހަކައާއި، އަދި އޭގެ ކުރިންނާއި ފަހުންވެސް އަމަލުތައް ބެހެއްޓެވި ގޮތުގެ ވާހަކައެވެ. ހޯމަ ދުވަހުގެ ޖަލްސާއަކީ ކޯޅުމެއް ނުވަތަ އަރައިރުމެއް ވެސް ނޫނެވެ. ދީނުގައި ނަމުގައި، ދީން ހަތިޔާރަކަށް ހަދާ ވާހަކަ ދައްކަމުން ދިޔަ އެތައް މެމްބަރުންތަކެކެވެ. ޖަލްސާ ފެށި، ބަހުސް މަރުހަލާ ނިމުމާއި ހަމައަށް ފެނިގެން ދިޔަ މަންޒަރަކީ އެއީއެވެ.

ބަހުސް މަރުހަލާގައި، އެމްޑީޕީގެ މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދު ދިފާއުކުރެއްވި އިރު، ޔާމީން ދިފާއުކުރެއްވީ އިދިކޮޅު މެމްބަރުންނެވެ. އެކަމުގެ ސަބަބުން މަޖިލިހުގެ ޖަލްސާގެ ގިނަ ވަގުތު ހިނގީ ވެސް ނިޒާމީ އޮއިވަރެއްގަ އެވެ. ނިޒާމީ، މައްސަލަތައް ދިޔައީ މަތި މައްޗަށް ނަގަމުންނެވެ. ޒާތީވެ، މެމްބަރެއްގެ ފަރާތުން ނުފެންނަން ޖެހޭ “ދަށު ދަރަޖައިގެ” ބަސްތައް ބޭނުން ކުރިތަންވެސް ފެނުނެވެ.

ޖަލްސާގެ އެންމެ ފޯރި އެރި ވަގުތާއި ދިމާކޮށް ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ވަނީ ވައްކަން ކުރާ މީހުން އަތް ކަނޑަން ނުޖެހޭނެ ވާހަކަ އާއި ކީރިތި ޤުރުއާނާއި ރަސޫލާގެ ހަދީސަށް ފުރައްސާރަ ކުރެއްވި އިރު، އެ ދުވަހު އަތް ޖެއްސެވީ “މި ތިއްބެވި 65 މެމްބަރުން” ކަމަށެވެ. އޭގެ ސަބަބުން އެމްޑީޕީގެ މެމްބަރުން އިތުރަށް ހޫނުވިއެވެ. މެމްބަރު ނަޝީދު ވަނީ ރައީސް ނަޝީދަށް ލާދީނީއަށް ގޮވާ މަޖިލީހުގައި ތިބި 65 މެމްބަރުންނަކީ ވެސް ލާދީނީ މެމްބަރުންކަމަށް ގޮވާލައްވާފައެވެ. އަދި ދީނަށް ފުރައްސާރަކޮށް މަޖިލީހުގައި ވާހަކަ ދައްކާވާ މެމްބަރުންނަކީވެސް އެއީކަމަށް އޭނާ ވިދާޅުވިއެވެ.

ތަޅުމުގައި ވާހަކަ ދެއްކި މެމްބަރުން، އެމްޑީއެންގެ ރިޕޯޓު ކުށްވެރި ކުރިއެެވެ. ނަމަވެސް، އެތަން ބަންދު ކުރުމަށް ގޮވާލާ، ނުވަތަ އެ ކަމުގައި ޝާމިލް ވާ މީހުން ހައްޔަރު ކުރުމަށް ގޮވައެއް ނުލައެވެ. ކޮންމެ މެމްބަރެއްވެސް ބާރުލާފައި ބުނީ، “މި ސަރުކާރުން މިކަން އެދަނީ ބަލަމުން” ނެވެ. އެއަށްފަހު ބުނަމުން ދިޔައީ އެއީ 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަމަށެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި “މާތް ﷲ ގެ ދެ ވަނަ ދަރިންނެއް ނޫނޭ” ވިދާޅުވެ، ރާއްޖޭގެ ވަލީއުލްއަމުރު ވާހަކަފުޅު ދެއްކެވި އިރު، ބައެއް ބޭފުޅުން އޭރު ތިއްބެވީ އަތް ޖައްސަވަން ކަމަށެވެ. އެ ދުވަހު އެހާ ފޯރިނޭރީ ކީއްވެތޯ ވެސް އޭނާ ސުވާލު ކުރިއެވެ.

ރައީސް ޔާމީނަށް އިޝާރާތް ކުރައްވައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު ވެސް ވަނީ، ރިޔާސީ އިންތިހާބާއި ދިމާކޮށް ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން “އައްތަހިޔާތުގައި ތަޅުވަނީ އެއް އިނގިލި” ކަމަށް ވެސް ވިދާޅުވިކަމަށެވެ. އެހެން ކަމުން ލާދީނީ ފިކުރަކީ ކޮން ބައެއްގެ ފިކުރެއްކަން ވަރަށް ރަނގަޅަށް ސާބިތުވާކަމަށް އޭނާ ވިދާޅުވިއެވެ. ބޮންޑޭ ވަނީ އިސްލާމް ދީނުގައި “ﷲ ގެ ދެ ވަނަ ދަރިންނޭ” ބުނުމަށް ވުރެ ނުބައި ނުލަފާ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެެވެ. ނަމަވެސް، އޭނާގެ ވާހަކައިގައިވެސް އެއްވެސް ވަރަކަށް އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ.

ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން އެމްޑީއެންގެ ރިޕޯޓު ކުށްވެރި ކުރުމުގެ ބަދަލުގައި ފާޑުކިޔާފައިވަނީ ރައީސް ޔާމީނަށެވެ. އެގޮތުން، ބައެއް މީހުން ސަޖިދައިގައި އޮއްވާ ނަގައިންގެން ގޮސް ޖަލަށް ލީކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުންވެސް އަސޭލާ ކިޔާ ސިިހުރު ހަދާ މީހަކު ގެނެސް އޭނާއަށް ވަޒީފާ ދީ، ތިމާއަށް މޮޅުގޮތް ހޯދުމަށް މަސައްކަތް ކުރިއިރު ޕީޕީއެމާއި ޕީއެންސީ އޮތީ ކޮންތާކުތޯ ސުވާލު އުފައްދާ އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ “އަޅުގަނޑުމެންނަކީ ﷲ ގެ ދެ ވަނަ ދަރިން ނޫން” ކަމަށް ވިދާޅުވެ، ޔާމީން ދެއްކެވި ވާހަކަފުޅެއްގެ އޯޑިއޯ އިއްވަވައި މިއީ ދީނަށް ފުރައްސާރަ ކުރުން ނޫންތޯ ސުވާލުކުރައްވައިފަ އެވެ. އާޒިމް އެ އޯޑިއޯ ދެ ފަހަރަށް އަޑުއިއްވިއެވެ. އަދި އެއީ ގައުމެއްގެ ވަލިއްޔުލް އަމްރު ކަމުގައި އިންނެވި ބޭފުޅަކު ދެއްކެވި ވާހައެއް ކަމަށާއި އެ ބޭފުޅާގެ ދިފާއުގައި ބަޔަކު ވާހަކަ ދައްކަންވީ ކީއްކުރަންތޯ ސުވާލު ކުރެއްވިއެވެ. ކުރިޔަށްވުރެ ތަޅުން ހޫނުވެގެން ދިޔަ ސަބަބަކީ މިއީއެވެ. މެމްބަރުންގެ މެދުގައި އެކަކު އަނެކަކަަށް މަލާމާތް ކުރުމާއި، ވާހަކަ ދެއްކުމަށް ފުރުސަތު ނުދީ ނިޒާމީ މައްސަލަ ނަގަމުން ގެންދެވިއެވެ.

އޭނާ ދެން އިއްވެވީ “ފައިސާ ފޮއްޗެއް ދީފި ނަމަ، ނުހިފާނީ ކާކުތޯ” ވިދާޅުވެ، ޔާމީން ދެއްކެވި ވާހަކަފުޅެއްގެ ރިކޯޑިން އެވެ. އަދި މި ވާހަކަތައް ދެއްކެވި އިރު، ދީނުގެ ދިފާއުގައި، ނޫޅުއްވީ ކީއްވެތޯ އާޒިމް ވަނީ އިދިކޮޅު މެމްބަރުންނާ ސުވާލު ކުރައްވައިފަ އެވެ.

އާޒިމްގެ އޯޑިއޯއާ ގުޅިގެން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވީ އާޒިމަށް އޯޑިއޯ އިއްވެވުމުގެ ފުރުސަތު ދެއްވީ މަޖިލިހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. ގަވާއިދު ބުނާ ގޮތުން، އޯޑިއޯ އިއްވުން މަނަ އެވެ. އެކަމަކު މަޖިލިހުގެ ތަޅުމުން ވޯޓު ނަގައިގެން އެކަމަށް ހުއްދަ ދީފި ނަމަ އޯޑިއޯ އިއްވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޓޮމް އެ މައްސަލަ ނެންގެވުމަށް ފަހު ވަނީ ބޭރު ގައުމެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅެއްގެ އަޑު އިއްވަވައިފަ އެވެ. ދެން އޭނާ ވިދާޅުވީ އެމްޑީއެންއާ މެދު ފިޔަވަޅު އަޅަން ސަރުކާރަށް ނުކެރޭނެ ކަމަށެވެ. އެމްޑީއެންއަކީ އެމްޑީޕީގެ ބައެއް ކަމަށް ތޯރިގް ވިދާޅުވުމުން އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް އަޑުގަދަ ކުރެއްވި އެވެ.

ފަހަރަކު މެމްބަރަކަށް ވާހަކައެއް ނަންގަވާ، ޖަލްސާ ދިގު ދެއްމުމަށްފަހު ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވަނީ “ބެންކޮކަށް ފައިސާ ދީގެން ހޯދާ އަންހެން ކުދިންނަކީ ހިލޭ އަންހެނުން ނޫން ކަމަށް” ކުރީގައި ވެރިކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އިރު، އޭރުގައި އެ މައްސަލަ ނަންގަވައި އެއްޗެއް ވިދާޅުވާން ނުކެރުމަކީ ޖޯކެއް ކަމަށް ވިދާޅުވެފައެވެ. އަފީފް ސިފަ ކުރެއްވީ އެމްޑީއެން ރިޕޯޓުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމައްސަލަ ސިޔާސީ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: