އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، އިސްލާމީ އަގީދާއާ ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށްނުޖެހޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިންބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި “ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” މިނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ހުރި ކަމަށާ އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކަށް ފާޑުކިޔާފައިވާކަަމަށް ބުނެ އާންމު ފަރާތުން ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަގެ ތަހުގީގު ހިންގަން ނިންމާ، މައުލޫމާތު ސާފު ކުރަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ވެސް އެ މައްސަލަ ބަލަން ހުށައަޅާފައިވާ ކަމަށެވެ.
މީގެއިތރުން އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، އިސްލާމީ އަގީދާއާ ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެ އެވެ.އަދި އެކަން ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާއަކަށް މިހާރު އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. ފުލުހުން ވަނީ މިފަދަ ގާނޫނާއި ޚިލާފު އަމަލުތަކުން ދުރުުވުމަށްވެސް އިލްތިމާސްކޮށްފައެވެ.