ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓު: “މިއީ ޝަހިންދާ އަލަށް ކުރާ ކަމެއް ނޫން”

އެމްޑީއެންގެ ފައުންޑާ، ޝަހިންދާ އިސްމާއިލް - ފޮޓޯ: ޓްވިޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްދުފަހަނަ އަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ މޯލްޑިވިއަން ޑިމޮކެރެސީ ނެޓްވޯކް ( އެމްޑީއެން) އަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި، ދީނުގައި ކަނޑައެޅިގެން އަންގަވާފައިވާ ކަންކަމަށް ސުވާލު އުފެއްދުމަށް މަޝްހޫރު ޖަމިއްޔާއެކެވެ. ބޭނުމަކީ ހުޅަނގުގެ ވިސްނުން ގެނައުމެވެ. ތިމާމެންނަކީ 21 ވަނަ ގަރުނުގެ “މޮޑާން ފިކުރުގެ” ބަޔަކަށް ހިތުން ވީތީއެވެ. އެކަމާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކީ ފިތުނަ އުފައްދާ މީހެކެވެ. ނަމަވެސް، އެންޑީއެމްގެ ފައުންޑާ އަދި އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއީލަކީ އޭނާ ދޭތެރެ ދޭތެރެއިން ކޮށްލާ ޓްވީޓުތަކާއި އޭނާގެ ޖަމްއިއްޔާއިން ނެރޭ ބަޔާންތަކަށް ހޫނު ފެނަށް ވެއްޓޭ މީހެކެވެ.

ނަމަވެސް، އޭނާއަށް ފަރުވާލެއް ނެތެވެ. ދިފާއު ކުރުމާއިގެން ކުރިޔަށް ދެއެވެ. އެއަށްވުރެ ފޯރިއާއި ޖޯޝާއި އެކުގައެވެ. ފުލުފުލުގައި ޓްވީޓުތަކެއްކޮށް “ތިއީ ގައުމު ހަލާކު ކުރާ” މީހުން ކަމަށް ބުނެއެވެ. ނަމަވެސް، ހަގީގަތަކީ ގައުމު ހަލާކުވަނީ ޝަހިންދާ އާއި، ޝަހިންދާއަށް ހިއްވަރުދޭ ދެތިން މީހުންނާއި ހެދިއެވެ.

ދާދިފަހުން އެންޑީއެމް އިން “ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފާޅުގައި ފާޑުކިޔާފައިވެއެވެ. ރިޕޯޓުގައި އިސްލާމްދީނާ ދެކޮޅު އެތައް ވާހަކަތަކާއި، ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސް ބަސްފުޅުތަކަށް ސުވާލު އުފައްދާފައި ހުރުމުން ސޯޝަލް މީޑިއާގައި އެކަމާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި، ރިޕޯޓު އިސްލާހުކޮށް އަލުން އާއްމު ކުރާނެ ކަމަށް ބުނެ ރިޕޯޓު ނެގިޔަސް މިއީ އޮޅިގެން ކުރިކަމެއްނޫނެވެ. މިއީ ހަމަ ގަސްތުގައި ކެރިގެން ތިބެ ހިންގާފައިވާ އަމަލެކެވެ.

https://twitter.com/MDN_mv/status/1179710228356403200

އަޅުގަނޑުމެން ދިވެހި މުސްލިމް ލޮބުވެތި ރައްޔިތުން ނުވަތަ އިސްލާމްދީނަށް ލޯބިކުރާ އަދި ދީނުގައި އަންގަވާފައިވާ މަގުން ކަންތައްކުރަން ބޭނުންވާ ހުރިހާ ކުދިބޮޑު ރައްޔިތުން ހަމަޖެހިލައިގެން ވަގުތުކޮޅަކަށް ނަމަވެސް މިކަމާ ފުންކޮށް ވިސްނަން އެބަޖެހެއެވެ!

މިލޮބުވިތު ފަސްގަނޑުގައި ތިބެގެން ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީ ހޯދައިގެން އަދި އެމީހުންގެ ހިމާޔަތާއި ރައްކާތެރިކަންވެސް ލިބޭނެކަމުގެ ޔަގީންކަން ހޯދައިގެން ތިބި މިރާއްޖޭގެ މަދުން ނަމަވެސް ބަޔަކު އިސްލާމްދީނާ ދިވެހި ގައުމާ ދެކޮޅަށް ހިންގަމުން މިގެންދާ ހަޑިމުޑުދާރު ޖަރީމާތައް ހުއްޓުވަން މަސައްކަތް ނުކޮށް އަދިވެސް ދެއަތް އުރާލައިގެން ދޫ ބަންދުކޮށްގެން ހަމަ ގޭގައި ތިބެންވީތޯއެވެ؟. ފާއިތުވެދިޔަ ތަނުގައި ދީނާ ދެކޮޅަށް ކަންތައްކުރި މީހުނާއި ދޭތެރޭ ފިޔަވަޅެއް އެޅުނު ތަނެއް ފެނިފައެއް ނެތެވެ. އަދި އެއާއިއެކު ކަމާ ގުޅުންހުރި އިދާރާއަކުން ބަޔާނެއް ނެރެގެން ކޮންމެވެސް އެއްޗެއް ބުނެލުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވެއެވެ. ކުރިން ދެންނެވި ފަދަ ހައްދު ފަހަނައަޅާފައިވާ ލާދީނީ ފުކުރުގެ މީހުނާއި ގުޅިފައިވާ މިރާއްޖޭގެ ޖަމްޢިއްޔާއަކުން މިހާރު މިއޮތީ ވަރަށް ފާޅުކަން ބޮޑުގޮތަކަށް އިސްލާމްދީނަށް ފުރައްސާރަކޮށްފައެވެ.

ރާއްޖޭގެ ކަރިކިއުލަމްގެ ސަބަބުން އިސްލާމް ދީން ގަބޫލުކުރާ ދިވެހި ކުދިން އެހެން ދީންތަކަށް ހުރުމަތްތެރިކޮށް ހިތާ މިންވަރު ނުވަތަ އިހްތިރާމް ކުރާ މިންވަރު ދަށްވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ފިލާވަޅުތަކުގެ ފޮޓޯ ހިމަނާ ވަކި ވަކީން ހައިލައިޓްކޮށް ރިޕޯޓުގައި ވަނީ މިއީ ކުދިންނަށް ކޮންމެހެން ކިޔަވައިދޭންޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ފޮތްތަކުގައި އިސްލާމް ދީނުގެ ތާރީޚުގައި ހިނގާފައިހުރި ހަނގުރާމަތަކާއި ކަންތައްތައް ދީނާ ގުޅުވައިފައިވުމުން އެހެން ދީންތަކާ މެދު ނަފްރަތު ކުރެވޭ ގޮތް ދިމާވެ ޖިހާދަށް މަގުފަހިވާކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އޭގެ އިތުރުން މިއީ އެހެން ދީންތަކަށް “ނަފްރަތު” ކުރުވުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

https://twitter.com/alizaid1000/status/1179467940191600640

ރިޕޯޓުގައި މިފަދަ ވާހަކަތަކެއް ލިޔެފައިވާއިރު 2017 ވަނަ އަހަރުގެ ފަހުކޮޅު ޝަހިންދާގެ ޓްވީޓެއް ފެންމަތިވެގެން ދިޔައެވެ. އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނުދޭނެކަމަށް އޭރުގެ ރައީސް ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވި ހަބަރެެއް ރީޓްވީޓުކޮށް ޝަހިންދާ ބުނެފައިވަނީ “މި ދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ. ނޫން ނަމަ އެހެން ދީންތަކެއް ނޯންނާނެ ނޫންތަ،” އެވެ. މިއީ އެ އަހަރުގެ ޑިސެބަރު 20، ގައި އޭނާ ކުރި ޓްވީޓެކެވެ. މިފަދަ ޓްވީޓުތައް އޭނާގެ ފަރާތުން ފެނުމަކީ އާންމުކަމަކަށް ވާއިރު، އެނާ ގަބޫލުކުރާގޮތުން މިވެސް “ބަޔަކު އަމިއްލަ ގޮތަކަށް މާނަކޮށްގެން” ދައްކާ ވާހަކަތަކެކެވެ.

 

https://twitter.com/HindhaIsmail/status/943585542544834560?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E943585542544834560&ref_url=https%3A%2F%2Fmihaaru.com%2Fnews%2F28721

ކޮންމެއަކަސް، އެންޑީއެމް އަނެއްކާވެސް މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރީއެވެ. ޝަހިންދާއަށް މިއަދުވެސް ގޯސްވީ މީޑިއާތަކެވެ. ރިޕޯޓުގައި ނެތް ވާހަކައެއް ނުދައްކަމެވެ. ލިޔެފައި ހުރި ވާހަތަކައް ވަރަށް ސާފެވެ. ކީރިތި ގުރުއާނަށް ހަޖޫ ޖަހާފައިވާ އެ ރިޕޯޓަކީ ކުރި ދިރާސާއެއްގެ މައްޗަށް ތައްޔާރުކުރި ރިޕޯޓެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ނަމަވެސް ރިޕޯޓުގައި އުފައްދާފައިވާ ސުވާލުތަކުން ފެށިގެން ރިޕޯޓްގެ ކޮންމެ ބަހަކާއި، ކޮންމެ ޖުމްލައެއްގައި އޮތީ އިސްލާމްދީނަށް ފުރައްސާރަކޮށްފައެވެ. އެއް ފަހަރަކު ދެފަހަރަކުވެސް ނޫނެވެ. ބަޔަކު އަޖައިބުވެ އަންތަރީސް ވާ ވަރަށެވެ.

މިވާހަކަތައް، ގެނެސްދޭން ފެށުމާއި އެކު އެރި ފޯރީގައި ޝަހިންދާ ބުނެފައިވަނީ އެއީ މީގެ ތިން ހަތަރު އަހަރު ކުރިން ނެރެފައިވާ ރިޕޯޓެއްކަމަށެވެ. “ލޮލުގައި އެޅީ” އަދި ކިރިޔާކަމަށެވެ. ދެން، ޝަހިންދާއެއް ކަމަކު ކޮންމެކަމަކުން އަނދުނެއް ނޭޅުވޭނެއެވެ. ތިޔަ ބުނާ ރިޕޯޓެއް 2016 ގައި ވެސް ނެރުނެވެ. ރަނގަޅުވާހަކައެކެވެ. ނަަމަވެސް އޭރު އެއީ 31 ސަޮފުހާގެ ރިޕޯޓެއް ނޫން ހެެއްޔެވެ؟ ފަހުން ނެރުނު ރިޕޯޓަކީ އިތުރުބައިތަކެއްލާ، ހިތުން މާ މޮޅުކޮށްލާފައި ނެރުނު 125 ސޮފުހާގެ ރިޕޯޓެކެވެ.

ޝަހިންދާމެނަށް ކުރެވޭހާވެސް ކަމަކީ އިސްލާހުގެ ނަމުގައި ފަސާދަ ކުރުމެވެ. އެކަމަކު އެކަމެއް ޝަހިންދާމެންފަދަ މީހުންނަކަށް ރޭކާވެސް ނުލައެވެ. ނަމުން އިސްލާހީ މަސައްކަތެވެ، ކަމުން ފަސާދަ ކުރަނީ މި މީހުންނެވެ. މުޅި ގައުމުގެ އިޖުތިމާއީ ފޭރާންވެސް ލޫޓުވައިފިއެވެ. ގައުމު ފަސާދަކޮށްފިއެވެ.

އިސްލާމްދީނަށް ފުުރައްސާރަކޮށް ނެރުނު ޓްވީޓުގެ ދިފައުގައި ޝަހިންދާ ވަނީ ނިކުމެފައި : ފޮޓޯ – ސޯޝަލް މީޑިއާ

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާ މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގެ ގޮތުގައި ލިޔެފައި ވަނީ ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެެއް ކަންތައްތަކެވެ.

ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ. ސުންނަތުުން އައިސްފައިވާ ކަންތައްތަކަށް ރިޕޯޓްގައި ދެކޮޅު ހަދާފައިވާ ކަމުގެ އެއް މިސާލަކީ ދޫ ރައްކާތެރި ކުރުމުގެ ގޮތުން ތިމާއާ ނުބޭ ކަންކަމާ ނުބެހުމަށް އަންގަވާފައިވާ ހަދީސެވެ. ރިޕޯޓްގައި ބުނެފައި ވަނީ އެއީ ޑިމޮކްރަސީގެ އުސޫލެއްް ކަމަށްވާ ޚިޔާފާޅުކުރުމުގެ މިނިވަންކަމާ ތައާރުޒުވާ ކަމެއް ކަމަށެވެ.

ދެންވެސް ހިނގީ އަދި މިއަށްވުރެ މާ ހައިރާންވާ ކަމެކެވެ. އާންމުން ހޭ ވައްޓާލާފައި އެމްޑީއެން ބަންދު ކުރުމަށް ގޮވަނީއެވެ. މުއައްސަސާތައް ހަމަހިމޭނުންނެވެ. ޔޫތު މިނިސްޓްރީން ވެސް ނެރުނީ ޖޯކު ބަޔާނެކެވެ. ރައްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ކްލަބް، ޖަމިއްޔާޔަކަށް ނެރުނު ބަޔާނުގައި އެ މިނިސްޓްރީން ބުނީ ދީނީ މިނިވަންކަން ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިލްތިމާސް ކުރާ ވާހަކައެވެ. މި ދައްކަނީ، ބަޔަކު ފާޅުގައި ނިކުމެ އިސްލާމްދީނަށް ފުރައްސާރަ ކުރި ވާހަކައެވެ. ނަމަވެސް، ޔޫތް މިނިސްޓްރީން ނެރުނު “ޖޯކު” ބަޔާނަކީ މިއީއެވެ.

https://twitter.com/MoYSCEmv/status/1180439320429096963

ރިޕޯޓްގެ މައްސަލަ ހޫނުވުމުން ފުލުހުން ފުރަތަމަ ތަހުގީގު ކުރަން ފެށީ ވެސް ރިޕޯޓް އާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފޮޓޯ އާއްމުކޮށް ނަފުރަތު އުފައްދަން މަސައްކަތް ކުރާ މައްސަލަ އެކެވެ. ރިޕޯޓު ނެރުނު މީހުންނާއި އެކަން ކުރި މީހަކާއި ސުވާލު ކުރާކަށް ނޫޅެއެވެ.

އެފަދަ މީހުންގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ބުނަނީ އިންސާނީ ހައްޤުގެ ވާހަކައެވެ. އެންޑީއެމްގެ މެމްބަރުންވެސް ޓްވީޓުކޮށް ބުނަނީ އެހެންނެވެ. އިސްލާހުކުރުމަށް މި ނޫން ސިފައެއްގައި ވެސް މަސަައްކަތް ކުރެވިދާނެއެވެ. ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އެ ބުނާ ހައްގުވާ މިންވަރަކީ ކޮބައިކަމެއް ވެސް ނޭނގެއެވެ.

މި މީހުންނަކަށް އެއްވެސް ހާލެއްގައި، ދީނަށް ފުރައްސާރަ ކޮށް ދައްކާ ވާހަކަތަކުގެ ސަބަބުން، މުޖްތަމައުއަށް ކޮށްފާނެ ނޭދެވޭ އަސަރަކާއި މެދު ވިސްނައެއް ނުލައެވެ. އެކަމުގެ ސަބަބުން ޤައުމުގެ ޒުވާން ޖީލަށް ވެގެންދާނެ ގޮތަކާއި މެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ހައްޤު އޮންނަނީ ދީނަށް ފުރައްސާރަ ކުރާ މީހާގެ އެކަނިތޯއެވެ؟ އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ވާސިލުކޮށްދޭން ބޭނުންވާ މީހުންގެ ހައްޤުތައް ކޮބައިތޯއެވެ؟ މިނިވަން ފިކުރޭ ބުނެ މިއީ ޝަހިންދަމެން އަލަށް ކުރާ ކަންކަމެއް ނޫނެވެ. އަޅެ ފަހެ ބަޔަކު ހައިރާނެއް ނުވާނެ ތޯއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަހަރެންނަށް ފާހަގަވާ އެއްކަމަކީ ދީނަށް ފުރައްސާރަކުރުމާ މުރުތަދުވުން މަނާކުރުން ބަޔާން ވެވިފައި ދަލީލުތަކާ ހުއްޖަތުގެ ބާރު ހުރި މިންވަރަށް މިއުޒިކު ނުކުޅުމާ ބުރުގާ އެޅުމަށް ދީނީގޮތުން ހުރި ދަލީލުތައް އެބަހުރިކަމެވެ. އެއްވަރެއްގެ ބާރު ހުރި ރައުޔުތަކެއް އަދި ދަލީލު ތަކެއް ގައި އަމިއްލަޔަށް ބުރުގާ އެޅުމާ ދެކޮޅު ހަދާފައި އެހެން މުރުތަދުވާ މީހާ މަރާލަން ގޮވުމަކީ ވަރަށް ވެސް ރަންގަޅަށް ދީން ހިމާޔަތްވުމެވެ. ރަންގަޅަށް ރިސޯޓުން ރާ ވިއްކާ ، އޫރުމަސް ވިއްކާ ، ރިބާގެ ބޭނުން ކޮށް ، ކުރަހާފަ ހުންނަ ސޫރަ ހުންނަ ކާޓޫނު ބަލާ ، މިއުޒިކާ ލަވަޔާ އައުރަ ނިވާ ނުވެ ތިބޭ އަންހެނުން ޓީވީން ވާ ވަރަށް ބަލާފަ ރަންގަޅަށް ނަމާދުވެސް ނުކުރެވޭ ހާލު ދީން ހިމާޔަތް ކުރަން ކުރެވޭނެ އެންމެ ފަސޭހަ އެއްކަމަކީ މުރުތަދުވާ މީހުން މަރާލުމަށް ނުވަތަ އެގޮތަށް ބާރުލިބޭ ގޮތަށް ޓުވީޓެއް ކޮށްލުން. ރަންގަޅަށް ހިތްހަމަ ޖެހުމާ އުފާވެރިކަން ލިބޭނެ. މިގޮތުގަށް ކަންކުރުމުން އަހަރުތެކެއްފަހުން ހުންނާނީ ރަންގަޅަށް ދީން ހިމާޔަތް ވެފަ.

Leave a Reply to އަލިބެ ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: