ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ ނުރައްކަލާ ދުނިޔޭގެ އިޤްތިޞާދަށް އަރާ ކޮންމެ ލޮޅުމަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރޭ: ރައީސް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. ފޮޓީ: ޓުއަރިޒަމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ނުރައްކަލާ ދުނިޔޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރުވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރުމުގެ ފުރުޞަތު އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދަޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2019 ފާހަގަކުރުމަށް މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުރިމަގު، އުޖާލާކޮށް ފެނުނު ނަމަވެސް މި ޞިނާޢަތު އިތުރަށް ތަރައްޤީކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށީގެ މައްސަލަތައް އެއީ އޭގެ އެއްބައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކު، ތިމާވެށީގެ ޙިމާޔަތަށް ދެފިޔަވަޅު އަޅަން މަޖުބޫރުވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލާ ދުނިޔޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރުވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރުމުގެ ފުރުޞަތު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭން ފައިނަލްކުރުމުގެ މަސައްކަތްތައް ޓުއަރިޒަމް މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި އެ ޕްލޭނުގެ މަސައްކަތް ނިމުމުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރެވިގެންދާނެ ގޮތްތައް ކަނޑައެޅިގެން ދާނެކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ އެންމެ ދަށް އުޖޫރަ އަންނަ އަހަރުގެ ތެރޭގައި ކަނޑައަޅައި އެކަން ތަންފީޒުކުރެވިގެން ދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާއިން މިއަހަރަށް ކަނޑައެޅި ޝިޢާރުކަމުގައިވާ “ފަތުރުވެރިކަމާއި ވަޒީފާ: އެންމެންނަށް ބާއްޖަވެރި ކުރިމަގެއް” މި ޝިޔާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޝިޢާރުންވެސް ފަތުރުވެރިކަމުގެ މަންފާ ވީހާ ގިނަ ބަޔަކަށް ލިބޭނެ ގޮތަށް ކަންކަން ރޭވުމުގެ މުހިންމުކަން އެނގިގެންދާކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން، ޢާންމު ދިރިއުޅުމާއި، ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މި ޝިޢާރުން ހާމަކޮށްދޭކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ބޭނުންފުޅުވަނީ ރިސޯޓްތަކުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ފަހިކޮށްދީ މި ސިނާއަތު ކުރިއަރުވަންކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ މައިގަނޑު ސަބަބަކީ، ސިޔާސީ ގޮތުން ރާއްޖެއަށް ލިބުނު ހަމަޖެހުމާއި އެއާ ގުޅިގެން ދިވެހި ފަތުރުވެރިކަމާ މެދު އިންވެސްޓަރުންނަށް ލިބުނު އިތުބާރާއި ޔަޤީންކަމުންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިސަރުކާރު އުފެދުނު ފަހުން މިއަދާ ހަމައަށް، ފަތުވެރިކަމުގެ ދާއިރާއަށް ގެނެވުނު ބައެއް ކުރިއެރުންތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިހާތަނަށް މުޅިން އާ 19 ރިސޯޓާއި 1 ޔޮޓް މެރީނާ ހުޅުވާފައިވާކަމަށާއި މިއީ އެނދުގެ ޢަދަދަށް ބަލާނަމަ، 4127 އެނދުކަމަށާއި އެއީ ގާތްގަނޑަކަށް 10000 ވަޒީފާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިކަމުގައިވާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންނުކުރާ ޤައުމަކަށް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ހެދުމުގެ ލަނޑުދަނޑީގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުމަށް މިރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ މި ޖާފަތަކީ މި މުނާޞަބާ ފާހަގަކުރުމުގެ ގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން ޓުއަރިޒަމް މިނިސްޓްރީން ކުރިޔަށްގެންދަވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޙަރަކާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: