ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއްގައި ހިމެނޭ ބަޔަކު ދޫކޮށްލައިފި

ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި : ފޮޓޯ- ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި އަތުލައިގައި ނެޓްވޯކުގައި ހިމެނޭ ފަސް މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އެ ފަސް މީހުން އަތުލައިގެންފައިވަނީ މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުގައެވެ. އެކި ފަހަރުމަތީން ބޮޑެތި ކުށްތަކުގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހުންގެ ވަނަވަރު އާއްމުކޮށް ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވާ ޑީލަރުންކަމަށެވެ.

ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ކޯޓުން ދޫކޮށްލާފައި ވަނީ އަބްދުﷲ އިބްރާހިމާއި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހެވެ. އެ މައްސަލާގައި ހިމެނޭ އަލީ ހަސަންގެ ބަންދަށް ފަސް ދުވަސް ޖަހައިދީފައި ވަނީ އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާތީ އެވެ.

އަދި އެ މައްސަލާގައި ހިމެނޭ މުހައްމަދު ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ.

އެ މައްސަލާގައި އަބްދުﷲ އިބްރާހީމާއި މުހައްމަދު ފައިސަލާއި އަލީ ހަސަންގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކޮށްފަ އެވެ. އަދި އަހުމަދު ރައޫފާއި އަހުމަދު މަމްދޫހްގެ މައްޗަށް ދައުލަތުން ވަނީ ކެނަބިސް ޓްރެފިކްކުރުމަށް އެހީތެރިވުމުގެ ދައުވާކޮށްފަ އެވެ.

މަސްތުވާތަކެތީގެ މި ބޮޑު މައްސަލާގައި ހިމެނޭ ތިން މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ ބަންދުގައި އެމީހުން 62 ދުވަސް ވަންދެން ބެހެއްޓުމަށްފަހުއެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން އެމީހުން ބަންދުކޮށްދިނުމަށް އެދިފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

ހަ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ފަސް މީހުން

އެމީހުންގެ ބޮޑެތި ކުށްތަކުގެ މައުލޫމާތުތައް ވެސް އެނގެން ހުރިއިރު އޭގެއިން އެއްވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތެއް މީގެ ކުރިން ސާބިތުވެފައެއް ނުވެއެވެ. އެގޮތުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީ، ފިނިފަރު އަބްދުﷲ އިބްރާހީމް އަކީ މަސްތުވާތަކެތީގެ މައްސަލައިގައި އަށް ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ އިތުރުން އޭނާއަކީ ގްރޫޕް ހަދައިގެން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައިވެސް ހައްޔަރުކޮށްފައިވާ މީހެއްކަމަށް ރެކޯޑުތަކުން ދައްކައެވެ. އަދި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ކުށުގައިވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އާއްމު ކުރި މައުލޫމާތުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން މަސްތުވާތަކެރި ރާއްޖެއަށް އެތެރެ ކުރާ ބޮޑު ޑީލަރަކީވެސް މިއީކަމަށް މައުލޫމާތު ލިބެއެވެ. މައްސަލައިގައި ދެން ހައްޔަރުކުރި އައްޑޫ ހިތަދޫ ހުޅުދެލި އަލީ ހަސަން އަކީ މަސްތުވާތަކެތީގެ މައްސަލައިގައި އެކަނިވެސް މީގެ ކުރިން ނުވަ ފަހަރަށް ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވާ މީހެކެވެ. އޭގެ އިތުރުން މީހުންގެ މުދަލަށް ގަސްތުގައި ގެއްލުން ދިނުމާއި، މާރާމާރީގެ ކުށުގެ ރިކޯޑުވެސް އަލީ ހަސަންގެ އޮންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަސް މީހުންގެ ތެރޭގައި ހިމެނޭ ތިން ވަނަ މީހަކީވެސް އައްޑޫ ހިތަދޫ މީހެއްކެވެ. އެ ރަށުގެ ޕޫލްބަހާރު ގެއަށް ނިސްބަތްވާ މުހައްމަދު ފައިސަލް އަކީ މަސްތިވާތަކެތީގެ މައްސަލައިގައި ދެ ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭގެ އިތުރުން ގަވައިދާއި ހިލާފުވުމާއި، ގްރޫޕް ހަދައިގެން ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ރިކޯޑުވެސް ފައިސަލްގެ އޮންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ހއ ހޯރަފުއްޓަށް ނިސްބަތްވާ ރަންމުލި އަހުމަދު ރައޫފުއެވެ. އޭނާއަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް އަދި ވައްކަމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ފަސް މީހުންގެ ތެރޭގައި ހިމެނޭ އެންމެ ފަހު މީހަކީވެސް ހޯރަފުށީ މީހެކެވެ. އެއީ އެ ރަށު އާރޯ އަހުމަދު މަމްދޫޙުއެވެ. އޭނާއަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުގެ އިތުރުން ގޮވާތަކެތި ބޭނުން ކުރުމުގެ މައްސަލައިގައިވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އަހުމަދު މަމްދޫހުއަކީ 2015 ވަނަ އަހަރުގެ ތެރޭގައި މުލިއާގެ ކައިރީގައި ބޮމެއް ބޭއްވި މައްސަލައިގެ ކުށް ސާބިތުވެ 17 އަހަރަށް ޖަލަށް ލީ މީހެެކެވެ. އެހެން ނަމަވެސް އޭނާ މިނިވަންވެފައިވަނީ އެ ހުކުމް ހައިކޯޓުން މިދިޔަ އޮކްޓޯބަރު މަހު ބާތިލު ކުރުމާއި ގުޅިގެންނެވެ.

މި މީހުން ހައްޔަރުކުރި އިރު މަސްތުވާތަކެތި ފެނުނީ ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކުން އަދި އެ މީހުން ބަންދުގެ މަޖިލީހުގައި ވަނީ، އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރަން މަސައްކަތްކޮށްފައެވެ. ފަސް މީހުން ހައްޔަރުކުރީ ފުލުހުން ހއ. އަތޮޅާ ހިސާބުން ފާރަލަމުން އައިސް މާލޭގެ ޓީޖެޓީ ސަރަހައްދުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހަތަރު ރަބަރުގަނޑު މި މީހުންގެ އަތުން ވަނީ ފެނިފައެވެ. މި އޮޕަރޭޝަން ފެށީ ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ. މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ އަދި މި ވިޔަފާރީގައި އިސްކޮށް އުޅޭ މީހުން ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: