ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ބޮޑުހުޅު: ރައީސް ޞާލިހް ދެއްކެވި ނަމޫނާ، ސަރުކާރުގެ އެހެން އިސް ފަރާތްތަކަށް ނެދެއްކުން

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ޞާލިހް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރު ބޮޑު ހުޅުގެ ހާދިސާއަކީ ދިވެހިންގެ ހިއްތަކުން ދުވަހަކުވެސް ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި ދުވަހެވެ. ދެކުދިންގެ މައެއް މި ދުނިޔެއިން ވަކިވެގެން ދިޔައެވެ. އެއީ ހަމަގައިމުވެސް ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ ކުޅަދާނަ ކަނބަލެކެވެ.

މިމަހުގެ 20 ވަނަ އަށް ވީ ހުކުރު ދުވަހުގެ ރޭ އިރާކޮޅު 19:28 އެހާކަންހާއިރު ހ.ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ނުރައްކާތެރި ހާދިސާގައި ވަނީ 7 އިމާރާތެއްގައި ރޯވެ 500 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައެވެ. އެ ހާދިސާގައި ރިޕޯޓް ލިބުމާއިއެކު ވަގުތުން ކަމާއިބެހޭ ހުރިހާ އިދާރާތަކުން އެލާޓްވިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ގެތަކުގައި ތާށިވެ ނުނިކުމެވިފައި ތިބި މީހުން ނެރުމުގައި އެމްއެންޑީއެފުން ވަރުބަލި ކަމެއް ނެތި ހަރަކާތްތެރިވިއެވެ. ސިފައިންނާއި ފުލުހުންނާއި އެއާރޕޯޓްގެ ފަޔަރ ލޮރީ އަދި އާއްމު ރައްޔިތުން ކުރެއްވި ބުރަ މަސައްކަތުން އެ ސަރަހައްދުގައި ރޯވެފައި އޮތް އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގާތްގަނޑަކަށް އެ ރޭ ދަންވަރު 1 ޖަހަން ގާތްވެފައި ވަނިކޮށެވެ.

ހިނގައިގެން އުޅެނީ އާދައިގެ އަލިފާނުގެ ހާދިސާއެއް ނޫން ކަން އެނގުނު ހިސާބުން ސަރުކާރު ވެސް އެލާޓްވިއެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެތަކުން މީހުން ހުސްކޮށް، އެމީހުން ވަގުތީ ބޯހިޔާވަހިކަން ދިނީ ކަލާފާނު ސުކޫލުގައެވެ. އޭޑިކޭ ހޮސްޕިޓަލް ކުއްލި ހާލަތަށް ގެނައުމަށް ފަހު، އެ ހޮސްޕިޓަލުގައި ދިޔައީ އެ އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށް ފިހި އަދި އެކިވަރުގެ އަނިޔާ ވި ފަރާތްތަކަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ވަރުބަލިވުމެއްނެތި ހަރަކާތްތެރި ވަމުންނެވެ.

 

ހ.ތިލަފުށިގޭގައި ހިނގި އަލިފާނުގެ ހާދިސާ: ފޮޓޯ ސަން

އެ ރޭ އަލިފާނުގެ ހާދިސާ ހިނގި ވަގުތު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އެ ސަރަހައްދަށް ޒިޔާރަތް ކުރެއްވިއެވެ. ރައީސް އެ ސަރަހައްދަށް ޒިޔާރަތް ކުރެއްވިއިރު، އަލިފާންގަނޑު އަދި އެއްކޮށް ކޮންޓްރޯލެއް ނުކުރެވެއެވެ. ރައީސް ޞާލިހް އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ވަގުތު އެތަން އޮތް ހާލަތު ކައިރިން ބައްލަވައިލެއްވިއެވެ.

ރައީސް ޞާލިހްގެ އަރިހުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީވެސް ވަޑައިގެންނެވިއެވެ. އެމަނިކުފާނު ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ހާލަތު ބައްލަވައިލެއްވުމަށް ފަހު އެ ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބުން ފަރާތްތަކުގެ ހާލަތު ބައްލަވައިލެއްވުމަށް ރައީސް ޒިޔާރަތް ކުރެއްވީ އޭޑިކޭ ހޮސްޕިޓަލަށެވެ.

އެތަނުގައި އެވަގުތު ފަރުވާ ހޯދަމުން ދިޔަ އާއްމު ރައްޔިތުންގެ ހާލަތު އޮޅުންފިއްލެވުމަށްފަހު ރައީސް ޞާލިހް މިސްރާބު ބެހެއްޓެވީ ކަލާފާނު ސުކޫލުގައި ގާއިމިކޮށްފައިވާ ވަގުތީ ހިޔާއަށެވެ.

އެ ސުކޫލަށް ވަޑައިގަންނަވާ އެތަނުގައި ތިބި އާއްމު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވާ އެމީހުންގެ ހާލު ވަރަށް ކައިރިން ބައްލަވައިލެއްވިއެވެ. ރައީސް އެރޭ މީޑިއާ ތަކާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

 

ހ.ތިލަފުށިގޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ރައީސް ބައްލަވައިލަނިކޮށް: ފޮޓޯ ރައީސް އޮފީސް

ރައީސް ސާލިހު އެ ރެއިން އެ ރެއަށް ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި ހުރިހާ ކެމިކަލް ގުދަންތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކުން ބޭރުކުރެއްވުމަށް ނިންމެވިއެވެ. އެ ހާދިސާއިން ލިބުނު ސިހުމާއި ބިރުވެރިކަން ރައްޔިތުންގެ ހިތްތަކުން ރަނގަޅަށް ފިލައިގެން ނުދަނީސް އޭގެ އަނެއް ދުވަހު ރައީސް ޞާލިހް އދ ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފުރައިވަޑައިގެންނެވިއެވެ.

އެ ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް އެއް ދުވަސްވެސް ނުވަނީސް ގައުމުގެ ވެރިޔާ، ގައުމުން ބޭރަށް ފުރައިވަޑައިގަތުމުން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ރައީސް އަށް ފާޑުވެސް ކިޔާފައެވެ.

ނަމަަވެސް އެ ފާޑު ކިޔުންތަކަށް ބީރު ކަންފަތެއް ދެއްވަމުން، ރައީސް ޔޫއެންއަށް ފުރައިވަޑައިގެންނެވީ، އަލިފާނުގެ ހާދިސާގެ ކަންކަން ދައުލަތުގައި ހުރި އެކަމާއި ގުޅޭ ވުޒާރާތަކަށް އިތުބާރު ކުރައްވާ ހަވާލުކުރައްވާފައެވެ. ޝައްކެއްނެތް ގޮތުގައި ރައީސް ޞާލިހް އެ ހާދިސާގެ ކަންކަމުގައި އަވަދިނެތި މަގުމަތީގައި އުޅުއްވާކަށް ނުޖެހޭނެއެވެ.

 

ރައީސް ޞާލިހް އދ ގެ ޖެނެރަލް އެސްމެބްލީގައި: ފޮޓޯ ރައީސް އޮފީސް

ރައީސް ޞާލިހް ޔޫއެންއަށް ފުރައިވަޑައިގެން ފަހުން ދެން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއާއި ފުލުހުން އަދި ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންވެސް، ޑިފެންސް މިނިސްޓަރ މާރިޔާއަށް އަލިފާނުގެ ހާދިސާއާއި ގުޅޭ ކަންކަމުގެ ޒިންމާއެއް ނުނެންގެވޭނެ ކަން ސާބިތުވެގެންދިޔައެވެ.

އެދުވަހު ނޫސްވެރިން ކުރިމަތި ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަަރ ނުކުޅެދުނެވެ.

ފަހަރުގައި އެ އަލިފާނުގެ ހާދިސާގައި ސަރުކާރުގެ އިހުމާލު އޮތްކަން އެނގިވަޑައިގެން ހުންނަވާވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވަން މިނިސްޓަރ ޖެހިލުންވެވަޑައިގެންނެވީ ކަމަށް ވެދާނެއެވެ. އެ ދުވަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާ އުޅުއްވީ ކެމިކަލް ގުދަން ކުރުމާއި ބެހޭ ގަވައިދެއް ހެދިފައި ނެތް ކަމަށް ވިދާޅުވެ އެބަހުގައި ހިފަހައްޓަވައިގެންނެވެ.

 

މާރިޔާ ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ ސަންގު

މިނިސްޓަރ މާރިޔާއަށް އެ ޒިންމާ އަދާނުކުރެއްވިގެން ދެން އެކަމާއި އުޅުއްވަން ފެއްޓެވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާއެވެ. އެހެނަސް، މޭޔަރ ޝިފާއަށް މިނިސްޓަރ މާރިޔާ ކުރެއްވި ވަރަށް ގާތަށްވެސް މަސައްކަތެއް ނުކުރެއްވުނެވެ.

އެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅެމުންދިޔަ އާންމު ރައްޔިތުން އެކަމުގެ އެތައް ޝަކުވާއެއް ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ފެންމަތިވި ހިސާބުން މޭޔަރު ޝިފާވެސް އެ ކަމުން ބޯދަމައިގަތެވެ.

ދެން އެ އަލިފާނުގެ ހާދިސާ ބޮލުގައި އަޅުއްވައިގެން ރައްޔިތުންގެ ހައްގުގައި ތެދުވީ ޕްލޭނިންގް މިނިސްޓަރ އަހުމަދު އަސްލަމެވެ. އަސްލަމު ވިދާޅުވީ، ރައްޔިތުން އެބޭފުޅާއަށް އިތުބާރު ކުރައްވާ، ހުރިހާ ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް 3 މަސް ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. ރައްޔިތުން ތިބީ މިނިސްޓަރ އަސްލަމަށް އިތުބާރު ކުރައްވައިގެން ދުވަސް ގުނާށެވެ.

އަލިފާނުގެ ހާދިސާ ހިނގި ދުވަހު އެ ސަރަހައްދަށް ޒިޔާރަތްކުރެއްވުމަށް  ފަހުން ހޯމް މިނިސްޓަރ އިމްރާން ވެސް ގެއްލުނީއެވެ. ރައީސް ޞާލިހް ޔޫއެންއަށް ވަޑައިގެން ރައްޔިތުންނާއި މިގައުމުގެ ހައްގުގައި އެތައް ބުރަ މަސައްކަތެއް ކުރެއްވުމަށް އެނބުރި މާލެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަވެސް އިސްކަމެއް ދެއްވީ އެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ހާލަތު ބައްލަވައިލެއްވުމަށް އެ ސަރަހައްދަށް ޒިޔާރަތް ކުރައްވާށެވެ.

 

ރައީސް ޞާލިހް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް

އެމަނިކުފާނަށް ދަތުުރުގެ ވަރުބަލިކަން ފިއްލެވުމުގެ ގޮތުން އަރާމު ކުރެއްވުމަށް ވުރެ މުހިންމުވީ ރައްޔިތުންނެވެ. ހަަަމަ ޔަގީނުންވެސް ރައީސް ޞާލިހްއަށް ރައްޔިތުންނަށްވުރެ އެހެން ކަމެއް މުހިންމު ނޫން ކަން ސާބިތުވެގެން ގޮސްފިއެވެ.

ދެން އެންމެ އަވަހަށް ފެނިގެންދާނީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ޑިފެންސް މިނިސްޓަރާއި މާލޭ ސިޓީ ކައުންސިލުން އަދި ވުޒާރާތަކުން ހޭވި ހަޑިތައް ސާފުކުރުމުގައި ރައީސް ޞާލިހް އުޅުއްވާ މަންޒަރެވެ. ގިނަ ފަހަރަށް ފެނިގެން މިދަނީ ވުޒާރާތަކުން އަދާ ކުރަން ޖެހޭ ޒިންމާވެސް ރައީސް ސާލިހު އަދާކުރައްވާތަނެވެ. ދެން ކީއްކުރާ ވަޒީރުންނެއްތޯ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: