ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާސާ މިއާ މޯލްޑިވްސް ގެސްޓްހައުސްގެ ބަހުސް: ބިން ޖާބިރަށް ދިނީ އުސޫލާއި އެއްގޮތަށް!

ރައްޔިތުން މަޖިލީހުގެ ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ.މަތިވެރީގައި ހިންގާ ކާސާ މިއާ މޯލްޑިވްސް ގެސްޓްހައުސް ރިޗް ކްލަބް މޯލްޑިވްސް އަށް 50 އަހަރަށް ކުއްޔަށް ދިނުމަށް ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މަތިވެރީގެ ދެ ބިމެއް ކްލަބް މޯލްޑިވްސްއަށް 10 އަހަރަށް ދީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެ ބިން 10 އަހަރަށް ކުއްޔަށް ނަގާފައިވާ ހ.މާކޮށާރުގެ އަބްދުއްރައްޒާގު އަލީ އެކަމަށް އެދި ސިޓީ ހުށަހެޅުމުން ބަންޑާރަ ނައިބުގެ ލަފަޔާއެކު އެވެ. ބިން ރިޗް ކްލަބްއަށް ދީފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ކަސާ މިއީ މޯލްޑިވްސްގެ ނަމުގައި މަތިވެރީގައި ހިންގާ ގެސްޓްހައުސް ހުރި ބިން ރިޗް ކްލަބްއަށް ދިނުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދަނީ ވަރަށް ހޫނުކޮށް ވާހަކަ ދެކެވެމުންނެވެ. ބިން ކުއްޔަށް ދިނުމާއި ގުޅޭ ހަގީގަތް އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ނަމަވެސް، ބިން ކުއްޔަށް ދިން ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވަނީ މަތިވެރީ ކައުންސިލްގެ ރައީސް މައްސަލައިގައި އަމަލު ކުރަމުންދަނީ ކަންކަން އޮޅުވާލުމަށް ކަމަށްް ވިދާޅުވެފައެވެ. އެގޮތުން މަތިވެރީގެ ދެބިމެއް ހ.މާކޮށާރުގޭ އަބްދުއްރައްޒާގު އަލީއަށް 10 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެ ކޮންޓްރެކްޓުގައި ސޮއިކުރިއިރު މި ދެ ބިމަކީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ތަރައްގީކުރާ ބިންތަކެއްކަމުގައި ކަނޑައެޅީ 2017 ޖުލައި 10 ވަނަ ދުވަހުކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓާ ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ އުސޫލާ އެއްގޮތަށް އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެގްރިމެންޓް އެކުލަވާލީ 2017 ނޮވެމްބަރު ފަސްވަނަ ދުވަހުކަން މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަަގަކުރައްވާފައެެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއަށް އެ ބިން ކުއްޔަށް ދިނުމުގައި އެއްވެސް ގަވައިދާ ހިލާފު ކަމެއް ހިނގާފައިނުވާނެކަން އަލީ ވަހީދު ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން، މިނިސްޓަރު ވަނީ ކައުންސިލާއި އަބްދުއް ރައްޒާގާއި ދެމެދު ހިނގަދިޔަ މުއާމަލާތްތައް އަދި ވެރިކަން ބަދަލުވުމަށްފަހު ވެސް ކައުންސިލްގެ ރައީސް ގަދަ ބާރުން އެ ބިން އަތުލުމަށް ކުރި މަސައްކަތް އަލީ ވަހީދު ވަނީ ނޫސްވެރިންނަށް ތަފްސީލުކޮށްދެއްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީއިން މީޑިއާތަކާއި ހިއްސާކޮށްފައިވާ ލިޔެކިޔުންތަކުގައި ވާ ގޮތުން ދެ ބިން ވެސް ކުއްޔަށް ދިނުމަށް ކައުންސިލާއި އަބްދުއްރައްޒާގާއެކު ވެފައިވާ އެއްބަސްވުންތަކެއް މަތިވެރި ކައުންސިލްގެ ގަރާރަކުން ބާތިލް ކުރި، އަދި އެކަން ކައުންސިލުން މިނިސްޓްރީ އަށް އެންގީ 2017 ނޮވެމްބަރު 29 ގައެވެ. އޭގެ އިތުރުން ދެން، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިން އިން ކުރި އޮޑިޓަކުން ފާހަގަވީ އަބްދުއްރައްޒާގަށް މަތިވެރިން ކުއްޔަށް ދިން ބިމުގައި ކާސާ މިއާ މޯލްޑިވްސް ގެ ނަމުގައި ގެސްޓްހައުސް އެއް ހިންގަމުންދާކަމެވެ.

މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާގޮތުން، ގެސްޓް ހައުސް އެ މީހުން ހިންގަމުން އައީ ނަގަންޖެހޭ އެއްވެސް ހުއްދައެއް ނުނަގާ ގަވައިދާ ހިލާފަށެވެ. ދެ ބިމުގެ މައްސަލަ މިނިސްޓްރީގެ ޓީމަކާއި، ފުލުހުންގެ ޓީމެއް ގޮސް ގެސްޓް ހައުސް އިންސްޕެކްޓު ކުރިއެވެ. އަދި އެއަށްފަހު 2018 ސެޕްޓެމްބަރު 25 ގެ ނިޔަލަށް ގެސްޓް ހައުސް ބަންދު ކުރުމަށް މުއްދަތެއް ދިނެވެ. ނަމަވެސް، އަބްދުއްރައްޒާގަށް ބިން ކުއްޔަށް ދިން އެއްބަސްވުން ބާތިލް ކަމަށް ކަނޑައަޅައި މަތިވެރި ކައުންސިލުން އަބްދުއްރައްޒާގަށް ފޮނުވި ނޯޓިސް އަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފު ނޯޓިހެއްކަމަށް ކަނޑައަޅައިދިނުމަށް އެދި އަބްދުއްރައްޒާގު ވަނީ މަތިވެރި ކޯޓަށް މައްސަލައެއް ހުށަހަޅިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެ މައްސަލަ ހުށަހެޅުމުން ކޯޓުން ކަނޑައެޅީ މަތިވެރި ކައުންސިލްގެ ގަރާރު ބާތިލް ކަމަށް ކަމާށާއި މަތިވެރީގައި ހިންގާ ލޯކަލް ގެސްޓްހައުސް، ކާސާ މިއާ ގެ ދެ ބިން ޓޫރިޒަމް މިނިސްޓްރީއަށް ނަގައި އެ ދެ ބިން ރިޗް ކްލަބް މޯލްޑިވްސްގެ ނަމަށް ބަދަލުކޮށްދިނުމަށް ރިޗް ކްލަބް މޯލްޑިވްސް އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެދުނު ކަމަށެވެ.

އެއާއެކު މަތިވެރިން އަބްދުއްރައްޒާގަށް ދޫކޮށްފައިވާ ދެ ބިން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓަލާއި ގެސްޓުހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ ބެހޭ އުސޫލާ އެއްގޮތަށް ބަދަލުކޮށް، ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސް އާއި ދެމެދު ސޮއިކުރުމަށް އެމެންޑްމެންޑް އެންޑް ރީސްޓޭޓެޑް ޑްރާފްޓެއް އެކުލަވާލާ އެ ޑްރާފްޓަށް ލަފާ ހޯފުމަށް އޭޖީ އަށް ފޮނުވުނެވެ. މަތިވެރި ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ އެކަމަށް ރިއާޔަތް ކުރުމަށް އޭޖީ އިން ލަފާ ދިނެވެ. އަދި އެއްބަސްވުންތަކަކީ އަބްދުއްރައްޒާގާއި މިނިސްޓްރީ އާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުންތަކެއް ކަމަށް ހަދައި، ކަމާ ބެހޭ މާއްދާތައް އިސްލާހު ކުރުމަށް ވެސް އޭޖީ އިން ލަފާ ދީފައިވެއެވެ.

ނަމަވެސް ހައިކޯޓުން ވަކި ގޮތެއް ނުނިންމަނީސް އެކަމާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް އަންގާފައިވަނިކޮށް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ފޯމު ބާތިލްކޮށްދިނުމަށް 2019 އޮގަސްޓް 6 ގައި މަތިވެރި ކައުންސިލުން އެދުނުކަމަށް ލިޔެކިޔުންތަކުން ދައްކައެވެ. ފޯމު ބާތިލްކުރިކަން ހައިކޯޓުން މަތިވެރި ކައުންސިލަށް އެންގީ 20 އޮގަސްޓް 2019 ގައެވެ. އެއަށްފަހު އޮގަސްޓު 3 ގައި ރަށި ކައުންސިލާއި އަބްދުއްރައްޒާގާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަށް އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރިކަމަށް ވެއެވެ. ބިމުގައި އަބްދުއްރައްޒާގު ކޮށްފައިވާ އިންވެސްތްމެންޓް ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްދިނުމަށް އޮގަސްޓް 3 ގައި ސިޓީ ފޮނުވީ އޭގެ ފަހުންނެވެ.

މަތިވެރި ކައުންސިލާއި ރިޗް ކްލަބް މޯލްޑިވްސް އާ ދެމެދު މަތިވެރީގެ ދެބިން ކުއްޔަށް ދިނުމަށް އެއްބަސްވީއިރު، ޓޫރިސްޓު ހޮޓާ ނުވަތަ ގެސްޓްހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާ އުސޫލާ އެއްގޮތަށް ބަދަލުކޮށް ޓޫރިޒަމް މިނިސްޓްރީ އާއި ރިޗް ކްލަބް މޯލްޑިވްސް އާއި ދެމެދު ސޮއިކޮށް އެމެންޑެޑް އެންޑް ރީ ސްޓޭޓެޑްގެ ޑްރާފްޓެއް އޭޖީ އޮފީހަށް ފޮނުވުމުން، އޭޖީ އޮފީހުން ލަފާ ދީފައިވަނީ އެ އެގްރިމެންޓުގައި ސޮއި ކުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ލިޔެކިއުންތަކުން އެނގޭ ގޮތުގައި، ގެސްޓް ހައުސް އިމާރާތް ކޮށްފައިވާ ސަރަހައްދަކީ މަތިވެރި ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހިމެނޭ ތަނެއް ނޫނެވެ. ކައުންސިލްގެ އިހްތިސާސް އެ ތަނަށް ނުހިނގަނީ އެއީ ޓޫރިޒަމް ތަރައްގީ ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން 2017 ވަނަ އަހަރު ކަނޑައަޅުއްވާފައިވާ ދެ ބިމަކަށް ވާތީއެވެ.

މަތިވެރީ ކައުންސިލުން އެންމެ ފުރަތަމަ އެ ރަށުގެ 21،000 ފޫޓުގެ ބިމަކާއި 25،000 ފޫޓުގެ ބިމެއްގައި ގެސްޓް ހައުސްއެއް ހިންގުމަށް އަމިއްލަ މީހަކާ ދެމެދު އެއްބަސްވުމެއް ހަދައި ކުއްޔަށް ދިނީ 10 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ދެ ބިމުގައި ބޮޑު އިންވެސްޓްމަންޓަކާ އެކު “ކާސާ މިއާ މޯލްޑިވްސް” ގެ ނަމުގައި ތަނެއް ހުޅުވި އެވެ. ހަތަރު ތަރީގެ ގެސްޓް ހައުސް އަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ. ބިމުގެ މައްސަލައިގައި މަތިވެރި ކައުންސިލުން އެކި ފަހަރު އެކި ގޮތަށް ކަންތައް ކުރި އިރު ވެސް ކައުންސިލްގެ ރައީސަކަށް ހުންނެވީ މިހާރުގެ ވެސް ރައީސް އިސްމާއީލް އާތިފް ކަމަށެވެ. އެ މައްސަލައިގައި އާތިފް އަމަލުކުރައްވާ ގޮތުން އޭނާގެ އަމިއްލަ މަސްލަހަތެއް އެކަމުގައި އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: