ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ ބިލު: “ބޭނުމަކީ ދީނީ އިލްމުވެރިން ހިފާ ހައްޔަރު ކުރުން”

ޑރ. ޝަހީމް ވަނީ، މި ބިލަކީ މިއަދު ބިލަށް ތާއީދު ކުރާ ދީނީ އިލްމުވެރިންނަށް މާދަމާ ވެސް ބިރަކަށް ވެދާނެ ކަމަށް ފޮޓޯ: ޝަހީމް ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެރެރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ދަށުން އިލްމުވެރިން ޓެރަރިސްޓުންނަށް ހަދާ ހައްޔަރު ކުރުމުގެ ބިރު އެބައޮތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ވާދަކުރެއްވި ޝަހީމް ވަނީ ޓެރަރިޒަމްގެ ބިލާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސް ކުުރަން ވަނީ ހަމަޖައްސާފަ އެވެ.

ބިލާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާ ޝަހީމް ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށްޓަކާ ގިނަ މަސައްކަތްތަކެއް ކޮށް، ގާނޫނަށް ހަރުދަނާ އިސްލާހުތަކެއް ގެންނަން ޖެހޭކަން އޭނާވެސް ގަބޫލު ކުރައްވާކަމަށެވެ. އެހެން ނަމަވެސް، އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރުމުގެ ބާރުތައް ފުލުހުންނަށް ދިނުމަކީ އޭގެ ބޭނުން ސިޔާސީ ގޮތުން ނަހަމަގޮތުގައި ހިފާނެކަމުގެ ބިރެއް ކަމަށެވެ. މި އިސްލާހުތަކަކީ ދީނީ ދާއިރާގެ ކަންކަމަށް އަމާޒުކޮށްގެން ގެންނަ އިސްލާހެއްގެ ގޮތުގައި ވިފާޅުވެ ޝަހީމް ވަނީ، މީހުން ހިފާ ހައްޔަރު ކުރުމުގައި ދީނީ އިލްމުވެރިންނަށް އަމާޒު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޓެރަރިޒަމްގެ ކުށުގައި ދީނީ އިލްމުވެރިންނަށް އަނިޔާއެއް ލިބިދާނެތީ އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުން ޝަހީމް ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ވެސް މި އިސްލާހުތަކަށް ތާއީދު ކުރާ އިލްމުވެރިންނަށް މިއީ މަޅިއަކަށް ވެގެން ގޮސްދާނެ ކަމަށެވެ. އެ ފަރާތްތައް މާދަމާވެސް މި ގާނޫނުގެ ޝިކާރައަކަށް ވެގެން ގޮސްދާނެ ކަމާއި މެދު ވިސްނެވުމަށް ޝަހީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

 

“ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރެވޭ ގޮތައް ފުލުހުންނަށް ބާރުތަކެއްދީ ގާނޫނަށް ގެންނަން އުޅޭ ބަދަލަކީ ބިރުވެރި ރަނގަބީލެއްކަމުގައި ދެކެން. ކުށުގެ ވެށިން މީހަކު ހައްޔަރު ކުރުމަކީ ތަފާތު ކަމެއް. ނަމަވެސް ކޯޓު އަމުރެއް ނެތި ކޮންމެ ކޮންމެ މީހަކު ހަމަ އެކަނި ތުހުމަތެއްކުރެވިގެން ހައްޔަރު ކުރެވޭ ގޮތައް އޮވެއްޖެނަމަ އެކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އެބަ އޮތް. ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރާ ދީނީ އިލްމުވެރިން މިގާނޫނުގެ ދަށަށް ފައްތައި ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތް” ޝަހީމް ވިދާޅުވިއެވެ.

މާޒީގައި ހިނގައި ގޮސްފައިވާ ބައެއް ކަންތައްތައް ވެސް ފޭސްބުކް ޕޯސްޓުގައި ހިމަނުއްވަވާ ޝަހީމް ވިދާޅުވީ، މީގެ ކުރިންވެސް އެންމެ ގިނަ ލާއިންސާނީ އަނިޔާ ލިބުނު ބަޔަކަށް ދީނީ އިލްމުވެރިން ވާނެ ކަމަށެވެ. އެގޮތުން ކުށެއް ނެތި އިލްމުވެރިން ޖަލަށް ލުމާއި، އިލްމުވެރިންގެ ތުނބުޅި ގަދަކަމުން ބާލުވައި ހެދި މަންޒަރު ފެނިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އިލްމުވެރިންނާއި، އަންހެނުން މަގުމަތީންނާއި މިސްކިތުގެ ތެރެއިން ދަމާ ކޫއްތާ ގެންގޮސް އެތައް އަނިޔާއެއް ދީފައިވާ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުންވެސް ރޭގަނޑުގެ ދަންވަރު ނިދާފައި ތިބޭ ވަގުތު ދީނީ އިލްމުވެރިންގެ ގެތަކަށް ވަދެ ބިރުދެއްކުމުގެ އަމަލުތައް އެތައް ފަހަރެއްގެ މަތީން ބަޔަކު ހިންގާފައިވާކަން ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ އެ ދުވަހުވެސް ދީނީ އިލްމުވެރިންގެ އެއްވެސް ކުށެއް ނެތްކަމަށެވެ. ހަމައެކަނި ކުށަކަށް ވީ އޭރު އޮތް ސަރުކާރާއި، ބައެއް މީހުންގެ ދީނީ ސިޔާސަތުތަކާއި ފަތުވާތަކާއި ހިޔާލު ތަފާތުވުން ކަމަށެވެ. އިލްމުވެރިންނަށް ޖެއްސި ހާލުގެ ތެރޭގައި އިލްމުވެރިން ހިނގަމުން ދިޔަ ސްކޫލުތައް ހުއްޓުވުމާއި، ބައެއް ވިޔަފާރިތައް ވެސް ގަދަ ބާރުން ހުއްޓުވާފައިވާކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ އެ ފަދަ ދުވަސްތަކަކަށްފަހު ގާނޫނު އަސާސީގެ ތެރެއިން ލިބިގެންދިޔަ އަސާސީ މިނިވަންކަމާއި ހައްގުތަކުގެ ދަށުން ކޯޓު އަމުރެއްނެތި މީހުން ހިފާ ހައްޔަރު ކުރުން މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ.

ދިވެހި ރާއްޖެއަށް މިނިވަންކަމާއި އަސާސީ ހައްގުތައް ހޯދައިދެވުނީ އެތައް ބައެއްގެ ގުރުބާނީއަށް ފަހުގައިކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އެކަން ދަންނާނެ ބޭފުޅުން މިއަދުވެސް މި ސަރުކާރުގެ ތެރޭގައި އެބަތިއްބެވި ކަމަށެވެ.

ކޯޓު އަމުރެއް ނެތި ކޮންމެ ކޮންމެ މީހަކު ހަމަ އެކަނި ތުހުމަތެއް ކުރެވިގެން ހައްޔަރު ކުރެވޭ ގޮތައް އޮވެއްޖެ ނަމަ އެކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު އެބަ އޮތްކަމަށް ވިދާޅުވެ، ޝަހީމް ވަނީ އެއީ ބިރުވެރިކަމުގެ ރަނގަބީލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ޚާއްސަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރާ ދީނީ އިލްމުވެރިން މިގާނޫނުގެ ތެރެއަށް ފައްތައި ޓެރަރިސްޓުންނަށް ހެދުމުގެ ބިރު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

https://www.facebook.com/shaheemalisaeed/posts/2423648434387130

މި ސަރުކާރު އުފެދިގެން އައިއިރުވެސް އަދި މިއަދުވެސް އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމް ކުރުމުގެ ވާހަކަ ދައްކާއިރު، ޓެރަރިޒަމްގެ ކުށުގައި ކަމަށް ބުނެ ފަނޑިޔާރު ގޭގެ އަމުރެއް ނެތި އެކި ފަރާތްތައް ހައްޔަރު ކުރަން އުޅެނީ ކޮން ބޭނުމެއްގައި ތޯ ޝަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. ބިލު، މަޖިލީހަށް ހުށަހެޅުމުން ބައެއް މަޖިލީސް މެމްބަރުންގެ ކަންބޮޑުވުންތައް ވެސް ފެނިގެން ދިޔަ ކަމަށާއި، އަދިވެސް އެދެނީ މަޖިލީސް މެމްބަރުން މި ބިލުގައި ހުރި ކަންކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް މަސައްކަތްކޮށްދެއްވުން ކަމުގައި ޝަހީމް ވަނީ ވިދާޅުވަފައެވެ.

ފުލުހުންނަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ހުށަހެޅި ބިލް މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީ އަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ ބިލް ދިރާސާކުރަން މިހާތަނަށް ތިން ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެކަމަކު، ކޮމިޓީގެ މެމްބަރުން ބިލް ދިރާސާކުރައްވަނީ މަޖިލިހުގެ ގަވައިދުން ލިބޭ ބާރުގެ ދަށުން، މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ސިއްރު ބައްދަލުވުމުގައި، ފާސް ކުރި ބިލްގައި އަލަށް ހިމެނި އެއް ބަޔަކީ ހަނގުރާމަ އަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވަން މަސައްކަތް ކުރުން ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހެދުމަށެވެ. އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ބިލްގައި އަލަށް ހިމެނި މާއްދާގައި ބުނެފައިވެ އެވެ.

ކޮމިޓީން ބިލް ދިރާސާ ކުރި އިރު، ކުށުގެ އަދަބުތަކަށް ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ.

ބިލް މަޖިލިހަށް ހުށަހެޅި އިރު، އޮތީ ހަނގުރާމައަށް ދާ މީހެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ. އެކަމަކު، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ހަނގުރާމަވެރި ސަރަހައްދަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކުށެއްގެ ގޮތުގައި ބިލްގައި އޮތީ ކުރިން ހިމަނައިފަ އެވެ. އެކަމަކު، ބިލަށް ބަދަލު ގެނައި އިރު، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

ބިލަށް އިތުރު ކުރި ބައެއް މާއްދާތަކުގެ ތެރޭގައި ތުހުމަތު ކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރާ ވަގުތުގެ ދެގަޑިއިރު ކުރިން ކޯޓަށް ސިޓީއަކުން އެންގުމުން ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްގެ އިންތިޒާމުތައް ހަމަޖައްސަން ވާނެ އެވެ.

ޓެރަރިޒަމްގެ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދޭން ސަރުކާރުން ހުށަހެޅި ބިލުގައި އޮތީ ބިލްގައި ހިމަނައިފަ އެވެ. މަޖިލިހުގެ ކޮމިޓީން ބިލް ދިރާސާ ކުރި އިރު، ބިލްގެ އެ މާއްދާ އަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ބިލްގައި ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށާއި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރުން ހުއްޓުވުމަށާއި ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންނާ މެދު އަމަލު ކުރާނެ އިޖުރާއުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ސިޔާސީ ކަންކަމާ ގުޅިގެން ޓެރަރިޒަމް ގާނޫނުގެ ބޭނުން ކުރުން ހުއްޓުވުމަށް ޓެރަރިޒަމްގެ އަމަލުތައް ބިލްގައި ތަފްސީލްކޮށްދީފައިވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: