ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލީހްއަށް ސަލާމަތް އޮތީ ކަތުރުފަނިތައް ފިލުވައިގެން!

ރައީސް ސާލިޙް ސުޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރަށް އެއް އަހަރުވާން ދެން މާ ގިނަ ދުވަހެއް ނެތެވެ. މިވީ ކުޑަ މުއްދަތުގެ ތެރޭގައި ރައީސް ސާލިޙްއަށް ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ކަންކަން ނުވަތަ މައްސަލަތައް ވެސް މަދެއް ނޫނެވެ.

ރައީސް ސާލިޙްގެ ސަރުކާރަށް މިވީ ކުޑަ މުއްދަތުގެ ތެތޭގައި އެމަނިކުފާންގެ ސަރުކާރާ ބެހޭ ގޮތުން އެންމެ ގިނައިން ދައްކާ އެއްވާހަކައަކީ ސަރުކާރުގެ ސްލޯކަމުގެ ވާހަކައެވެ. ތަރައްގީގެ މަޝްރޫޢުތައް ނިހިނގާ ކަމުގެ ވާހަކައެވެ. ރައްޔިތުންގެ މަޖިލީޙުން މިއަހަރަށް ފާސްކޮށްދިން ބަޖެޓަށް ވީނުވީއެއް ނޭނގި ހުސްވި ކަމުގެ ވާހަކައެވެ.

ކޮންމެއަކަސް މި ހިޔާލުގައި ސަރުކާރުގެ ސްލޯކަމުގެ ވާހަކަ މަޝްރޫޢުތައް ނުހިނގޭ ކަމުގެ ވާހަކަ ބެޖެޓަށް ވީނުވީއެއް ނޭނގި ހުސްވި ވާހަކަ ދައްކާކަށް ނެތީމެވެ. އޭގެ ބަދަކުގައި ފެންނަމުންދާ އެހެން މަންޒަރެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލީޙް ދިވެހިރާއްޖޭގެ ވެރިކަމުގެ ތަޙުތާ ހަވާލުވެވަޑައިގެންނެވީ ޖަޒީރާވަންތައް ރާއްޖެއެއް ތަރައްގީ ކުރުމުގެ ކޮންސެޕްޓެއް ހިއްޕަވައިގެންނެވެ. ނަމަވެސް ރައީސް ސާލިޙްގެ ޖަޒީރާ ކޮންސެޕްޓް ތަންފީޒް ކުރުމުގައި ނުވަތަ ތަންފީޒް ކުރަމުންދާ މިންވަރާއި ބެހޭ ގޮތުން ރައީސް ސާލިޙް ފިޔަވައި އިތުރު އެހެން ބޭފުޅަކަށް ބުނެދެވޭ މަންޒަރެއް ނުފެނެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

ރައީސް ސާލިޙް ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ވެރިރަށް މާލެއަށް ދިމާވި ފެނުގެ ކާރިސާއެވެ. އެ ކާރިސާގައި ރައްޔިތުންނަށް ލިބުނު ގެއްލުންތަކާއި ކުރިމަތިވި މައްސަލަ ހައްލު ކުރެއްވުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ އެމަނިކުފާނެވެ. އެވަރަކުން ފުދުނީއެއް ނޫނެވެ. ފެން ހިންދުމަށް ބޭނުން ކުރާ ސާމާނުގެ މައުލޫމާތާއި ކުރަމުންދާ މަސައްކަތުގެ މައުލޫމާތުވެސް ކަމާއި ގުޅުންހުރި ބޭފުޅުންނާއި މުއައްސަސާތައް ގާއިމް ކުރެވިފައި ވަނިކޮށް އެކަން ވެސް ކުރައްވަން ޖެހުނީ ހަމަ އެމަނިކުފާނަށެވެ. މުއައްސަސާތައް ހިންގަވަން ތިއްބެވި ވެރިނަށް ނުވަތަ ބޭފުޅުންނަށް މައްސަލަތަކާއި ބެހޭގޮތުން މީޑިއާތަކުން އަމާޒްކުރާ ސުވާލުތަކަށް ޖަވާބް ނުދެވުމުގެ ނަތީޖާއަކަށް ވެގެންދެނީ ރައީސް ސާލިޙް ގައުމް ހިންގެވުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓަވާލެއްވުމަށްފަހު ވަޒީރުންނާއި އެހެން ބޭފުޅުންގެ ދިފާއުގައި ނިކުންނަވަން ޖެހިވަޑައިގަތުމެވެ. ދިފާޢަށް ކުޅުއްވަން ޖެހުމެވެ.

ރާއްޖޭގެ އެތައްހާސް ރައްޔިތުންގެ ކަންބޮޑުވުމާއި ރުޅިވެރިކަން އަމާޒްވެގެން ދިޔަ އެހެން މައްސަލައެއް ނުވަތަ ހާދިސާއެއް ހިއްސާކޮށްލާނަމެވެ. 1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގެ މޭސްތިރި ބާޢީ އަބްދުﷲ ލުތުފީ ފިލައިގެން ލަންކާގައި ހުންނަ ދިވެހި އެންބަސީގައި ހުރިކަން ފަޅާއެރުމުން ދެން ކަންކަން ވެގެން ދިޔަ ގޮތާއި ސަރުކާރުގެ ތެރެއިން މައްސަލައާއި ގުޅޭ ގޮތުން މީޑިއާތަކަށާއި އާންމު ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި އަމަލު ކުރި ގޮތް އެއީ ލަދުވެތި ޒިންމާދާރުކަން ކުޑަގޮތެކެވެ. ލުތުފީ ފިލިގޮތާއި އެންބަސީއަށް ވަތް ގޮތް ސަރުކާރުގެ ތެރެއިން އެކިއެކި ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެކިގޮތަށެވެ. ދެއްވަމުން ގެންދެވީ އެކިއެކި ތާޜީހްތަކެވެ. ފެންނަމުން ދިޔައީ މައްސަލައިން ރެކިވަޑައިގަންނަވަން އުޅުއްވި މަންޒަރެވެ. އެންމެފަހުން ބާޢީ ލުތުފީ ރާއްޖެ ގެނައުމުގެ މައްސަލައިގައި ރައްޔިތުން ރަތަށް އެރުމުން ކަންވެގެން ދިޔަގޮތާއި ސަރުކާރުން ކަން ކުރަން ނިންމާފައިވާ ގޮތާއި މިނޫންވެސް މައްސަލައާއި ގުޅުންހުރި ހުރިހައި މައުލޫމާތެއް މީޑިއާތަކަށާއި ރައްޔިތުންނަށް ދެއްވަން ޖެހިވަޑައިގަތީ ހަމަ ރައީސް ސާލިޙްއަށެވެ. ފޮރިން މިނިސްޓަރުގެ ބޭނުމެއް ނެތެވެ. ދެންވެސް ތިއްބެވި ބޭފުޅުންގެ ބޭނުމެއް ނެތެވެ.

އޭގެފަހުން ދެން ދިމާވި މައްސަލައިގައި ކަން ހިނގާދިޔައީވެސް ހަމަ މިދެންނެވި މަގުންނެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާން މަރުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ލީކްވެ އޭގެ ސައްހަކަން ގެއްލޭ ހިސާބަށް ދިއުމުން އެ މައްސަލައިގައި ވެސް ކަން އޮތް ގޮތާއި ސަރުކާރުން އަމަލު ކުރާނެ ގޮތް ހާމަކޮށްދެއްވަން ޖެހިވަޑައިގަތީ ހަމަ ރައީސް ސާލިޙްއަށެވެ. ރިޔާސީ ކޮމިޝަންގެ ބޭނުމެއް ކޮބައިތޯއެވެ؟ ފްލެޓްގެ ކަންކަން ހައްލު ކުރުމަށް އެކުލަވާލި ކޮމެޓީއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ހާލަކީ ވެސް ހަމަ މިއީއެވެ. މި ކޮމިޝަންތަކުން ކުރާ މަސައްކަތްތަކުގެ މީޑިއާއަށް ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވަނީ ހަމަ ރައީސުލްޖުމްހޫރީއްޔާއަށެވެ.

ދެން އޮތީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ވާހަކައެވެ. މުއައްސަސާތަކުން ކުރާ މަސައްކަތްތަކުގެ ވާހަކައެވެ. ސަރުކާރުން ހަފްތާއަކު އެއްފަހަރު ނުވަގަޑި ސައެއް ބާއްވާއިރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރުމަށް މުއައްސަސާތަކުގެ ވެރިން ތިބެނީ ނުކުޅެދިފައެވެ. ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބް ނުދެވޭތާ ފެންނަމުންދާ މަންޒަރަކީ ކުރީގެ ސަރުކާރުން ނެއްޓެން ނޭނގިގެން އުޅޭ މަންޒަރެވެ.

އެންމެ ފަހުން ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން ވެސް މީޑިއާތަކަށާއި ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރައްވަން ހަމަ ޖެހިވަޑައިގަތީ ރައީސް ސާލިހްއަށެވެ. ފުކެއް ބޮޑުވަރު އެހެން ނޫންތޯއެވެ. އެހެން ކަމުން އަޅުގަނޑަށް ސިފަކުރެވެނީ ރައީސް ސާލިހު އަކީ ވަން މޭން ޝޯ ކުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު އދ.ގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށް ހެންވޭރު ބޮޑު ހުޅުގެ ކާރިސާގައި ސާބިތުކަން ދެއްކެވިއެވެ.

ހަމަ ފުރާވަޑައިގަތުމާއެކު އެއް މުއައްސަސާ އަނެއް މުއައްސަސާ ބޮލަށް ޒިންމާ ޖަހަމުން ދިޔައެވެ. އެމަނިކުފާނު އެނބުރި ވަޑައިގެން ގުދަންތަކުގައި ތަޅު އަޅުއްވައި މީހުން ދިރިއުޅޭ ސަރަހައްދުން ބޭރުކުރާ ހިސާބަށް އަދި ދާނެއެވެ. ރައީސުލް ޖުމްހޫރިއްޔާ ގުދަންތަކުގައި ޑީ ތަޅު އަޅުވައި ތަޅުދަނޑިފަތި ހިއްޕަވައިގެން މަގުމަތީގައި އުޅުއްވަންޖެހިވަޑައިގަތުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. ވެރިކަމަށް އަހަރެއްވާން ބާކީ އޮތީ ދޮޅުމަސް ދުވަހެވެ. ރައީސް ސާލިހު އެވެ. ހުރިހާ ކަތުރު ފަނިތަކަށް ބޭސްޖަހައި ސާފުކުރައްވާށެވެ. އެހެން ނޫނީ ބައި ކޮޅަށް ގޯލް ވަންނަމުންގޮސް މުބާރާތުގެ ތަށި ދެވަނަ ފަހަރަށް ކާމިޔާބު ކުރުމަށް ދަނޑުމައްޗަށް ނިކުމެވަޑައިގަންނަވާއިރު މި ކަތުރުފަނިތައް ޓީމްގައި ހިމަނުއްވަގައިގެން މަނިކުފާނަށް ރޭހުގެ ފަހަތުން އެއްވަނަ ލިބުމަށް ދިވެހި ރައްޔިތުން ނޭދެއެވެ. ދިފާއުގަ ނުކުޅުއްވައި ކަތުރު ފަނި ފިލުވާށެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: