ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމްރުއަކީ ކައްޕިއެކެވެ! އެސްޓީއޯއަށް ބޭނުންވާކަހަލަ ކައްޕިއެކެވެ!

އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ އަމްރު. ރައީސް ސޯލިހު އެންމެ ފުރަތަމަ އައްޔަންކުރެއްވި އެމްޑީ އިންގެ ތެރޭގައި ހިމެނޭ. ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުން ތަކެތި އިމްޕޯޓްކޮށް ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ރައްޔިތުންނަށް އަތްފޯރާ ފަށެއްގައި ބެހެއްޓުމަށް އަތިރިމާފަންނު ޓްރޭޑިންގ އެކައުންޓް، (އޭޓީއޭ) ޓްރޭޑިންގެ ނަމުގައި 1964 ވަނަ އަހަރު ވިޔަފާރި ފެއްޓެވީ ޒަމާނީ ތަރައްގީއަކާއި ދިމާލަށް ރާއްޖެ މިސްރާބުޖެހި ދިވެހި ޖުމްހޫރިއްޔާގެ ދެވަނަ ރައީސް ނއއވ އިބްރާހިމް ނާސިރު އެވެ. 1979 ވަނަ އަހަރު އޭރުގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އޭޓީއޭ ރީބްރޭންޑްކުރިއެވެ. މިއަދު އެއީ އޭޓީއޭ އެއް ނޫނެވެ. މިއަހަރު 55 އަހަރު ފުރޭއިރު މިއަދު އެއީ އެސްޓީއޯއެވެ. މިދިވެހިރާއްޖެއަކީ ދޮށީ ރާއްޖެއެއްކަމާއި، އިމްޕޯޓް ވިޔަފާރީގައި ދޮށީ ތާރީހެއް އޮތްކަން ހާމަވަނީ އެސްޓީއޯގެ އުމުރުންނެވެ. އެސްޓީއޯގެ ދަށުން ހިނގާ ކިތަންމެ ބޮޑު ސަބްސިޑަރީއެއްވެސް ހިމެނެއެވެ. އެސްޓީއޯ ގޭސް، ފިއުލް ސައިޕްލައި، އެލައިޑް އިންޝުއަރެންސް، މިބޮޅަށް އެންމެ ފަހުން އިތުރުވީ މިފްކޯއެވެ. އެހެންކަމުން މިކުންފުންޏަކީ ރާއްޖޭގެ މޫނުމައްޗަށް މުހިއްމު، މުހިއްމު ކައްޕިއެއްގެ މާލިމީކަމުގެ ދަށުގައި  އަބަދުވެސް ހިނގަންޖެހޭ ބިޔަ ކުންފުންޏެކެވެ. މިކުންފުނި މިއަދު މެނޭޖް ކުރައްވަނީ ހުސައިން އަމްރު މުހައްމަދު ރަޝީދު އެވެ.

އެސްޓީއޯ ކަހަލަ ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރއަކަށް އަމްރު ހަމަ ބަރާބަރެވެ. ބަރާބަރޭ މިދެންނެވީ ހަމަ އެއްޗަށް އެއްޗެއް ބުނެލުމުގެ ނިޔަތެއްގައެއް ނޫނެވެ. ކުރިންވެސް ފާހަގަކޮށްލިހެން ގިނަ ސަބްސިޑަރީއެއް އެ ކުންފުނީގެ ދަށުން ހިނގަމުން އަންނަ އެސްޓީއޯ މެނޭޖްކުރަން ހުންނަން ވާނީ “ސިޔާސަތުގެ ތަޖުރިބާ” ހުރި ފަރާތެކެވެ. އަމްރުއަކީ ދިވެހިރާއްޖޭގައި 2008 ގައި ގާއިމްކުރެވުނު ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމާއި، އެމްޓީސީސީގެ ސީއީއޯގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އެމްޑީޕީގެ ސިޔާސަތުތައް އަދި ކޯލިޝަނުން ވެރިކަމަށް އަންނަން ވެގެން އެ ކޯލިޝަންގެ މައިގަނޑު ސިޔާސަތުތައް ލިޔުއްވި ކޮމިޓީގެ ވެސް އިސް ބޭފުޅެކެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ މިހިނގާ ސަރުކާރުގެ ޕޮލިސީތައް ލިޔުމުގައި އަމްރުގެ ދައުރު ބޮޑެވެ، ކުރަނީ ކީއްކަމާއި ކުރެވެނީ ކީއްކަން އަމްރުއަށް ވަރަށް ފަރިތަކަމާއެކު އެނގޭނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން 2018 ފެބްރުއަރީ 16 ގައި ހައްޔަރުކުރި. އަމްރުގެ މަސައްކަތުގެ ތަޖުރިބާއާއި ސިޔާސީ ތަޖުރިބާވެސް އެބަހުރި.

އެސްޓީއޯއަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި، ކާޑުގެ ބާވަތްތައް އެތެރެކުރާ ކުންފުންޏެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެތެރެކުރުމާއި ރައްޔިތުންނަށް ކުޑައަގެއްގައި އެތަކެތި ލިބިދިނުމުގެ މަސައްކަތް އެސްޓީއޯއިން ކުރެއެވެ. 2001 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ މަސައްކަތް ފަށާ ރާއްޖެއަށް ބޭނުންވާ ތެޔޮ ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެސްޓީއޯގެ ވަރަށް ބޮޑު ޒިންމާއެކެވެ. މިދެންނެވި ކާޑާއި ތެލަކީ ޒަރޫރީކަމަށްވީނަމަވެސް، މި ދެކަންތައް އެސްޓީއޯއިން ހަމަޖައްސަމުންދަނީ ގެއްލުމުގައެވެ. ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެބަހުއްޓެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން 2.4 ބިލިއަން ރުފިޔާ އެސްޓީއޯ އަށް މިހާރު ވެސް ލިބެން ޖެހޭކަމަށް ހިސާބުތަކުން ދައްކައެވެ.

މިހެންކަމުން މިސްރާބެއްނެތި އެސްޓީއޯ ދޫކޮށްލެވޭކަށް ނެތެވެ. އެސްޓީއޯގެ ހިންގުން އިސްލާހު ކުރުމަށް ސްޓްރެޓެޖިކް ޕްލޭނެއް ބޭނުންވަނީ މިހެންވެއެވެ. މިކަން ކުރެވޭނީވެސް އަމްރުއަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އަބަދުގެ އާއްމު ޝަކުވާއަކީ އެސްޓީއޯއިން “ކުދި ވިޔަފާރި” ކުރާ ވާހަކައެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމާއި ހަވާލުވުމަށްފަހު އަމްރު ވިދާޅުވީ އެސްޓީއޯ އިން އަމިއްލަ ވިޔަފާރިތަކަށް ޗެލެންޖަކަށް ނުވާނެކަމަށެވެ. އަދި ކުންފުނީގެ އުސޫލުތައް އެމަގަށް ބައްޓަންކުރައްވާނެކަމަށް ވިދާޅުވިއެވެ. އަމިއްލަ ކުދި ވިޔަފާރިތައް ޗަސްކޮށްލުން އެއީ އަމްރުގެ އަދި އެސްޓީއޯގެވެސް ޕޮލިސީއެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ވިޔަފާރިތަކަށް އެހީތެރިވާ، ހިންގޭނެ ގޮތްތައް ފަހިކޮށްދޭ ކުންފުންޏަކަށް އެސްޓީއޯ ހަދާނެ ކަމަށް އަމްރުވަނީ ވިދާޅުވެފައެވެ. ހަގީގަތުގަވެސް ރަނގަޅު ވާހަކައެކެވެ. އެސްޓީއޯއިން އުނގު ވިޔަފާރިއަށް ވެއްޓޭކަށް ނުޖެހެއެވެ. ކިއްލިއާއި ސަނާމުގު ވިއްކާ ހިސާބަށް އެސްޓީއޯ ތިރިވާކަށް ނުޖެހެއެވެ. އަމްރު ވިދާޅުވާގޮތުން ބައެއް ރީޓެއިލް ވިޔަފާރިތައް އެކުންފުނިން ހުއްޓާލާނެއެވެ.  

އަމްރުވަނީ ރައީސް ނަޝީދު ސަރުކާރުގައި ރައީސް އޮފީހުގައްޔާއި، އެމްޓީސީސީގެ ސީއީއޯގެ މަގާމް ފުރުއްވާފަ. ފޮޓޯ: ސޯޝަލް މީޑިއާ

މިވީ މުއްދަތުގައި އެސްޓީއޯ ހިންގެވި އެހެން ވެރިންނާއި އަމްރުއާއި ފެނުނު އެންމެ ބޮޑު ތަފާތަކީ މަންޒަރު އޮޅުވާލަން އަމްރު މަސައްކަތްނުކުރައްވާކަމެވެ. ބައެއް ހިދުމަތްތަކުން ގެއްލުންވާކަމަށް ހިސާބުތަކުން ދެއްކިނަމަވެސް ތިމަންމަނިކްފާނު އެމްޑީއަށް ހުރީތީ އެކަން ދިފާއެއް ނުކުރައްވައެވެ. ތެލާއި ކާޑަކީ ގެއްލުމުގައި ހިންގާ ވިޔަފާރިއެވެ. މިފްކޯ ހިނގައި ނުގަންނާތީ އެންމެ ބާރަށް އެވާހަކަ ދައްކަނީވެސް އަމްރު އެވެ. އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފަށާފައިވާ ހޮޓާވެސް ވީ ދައުލަތަށް ބުރަޔަކަށެވެ. އެކަންވެސް ރައްޔިތުންނަށް ތިލަކޮށްދެއްވަނީ އަމްރުއެވެ. އަދި އެގޮންޖެހުންތަކުގެ ތެރެއިން ކުންފުނި އެހެން ލެވެލްއަކަށް ގެންދަން މަސައްކަތްކުރަނީވެސް އަމްރުއެވެ.

ކައްޕިންނަކީ އެއީ އެވެ، ކަމެއް ގޯހުން ހިނގާކަމަށްވާނަމަ އެކަން ގަބޫލުކޮށް، އެކަން އެހެން މަގަކުން ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ ހިތްވަރު ހުރުމެވެ. ރައްޔިތުންނަށް ދެވޭ ހިދުމަތާއެކު އެސްޓީއޯއަށް ފައިދާގައި ވިޔަފާރި ކުރެވެންވާނެއެވެ. އެސިޔާސަތު ލިޔެ، ހިންގޭނީ އަމްރުއަށެވެ، މާޒީގެ ތަޖުރިބާއާއި އަމަލީ ތަޖުރިބާވެސް އެމަގަށް ހުރީމައެވެ. އެސްޓީއޯގެ މޫނުމަތި ކިލަނބުވުމަކީ ރާއްޖޭގެ މޫނުމަތި ކިލަނބުވުމެވެ. 55 އަހަރުގެ ވިޔަފާރިކުރުމުގެ ރެކޯޑެވެ. ރީތި މިކުރަންޖެހެނީ ނުވަތަ ކުރަނީ އަމްރުގެ މޫނު މައްޗެއްނޫނެވެ. އެސްޓީއޯގެ މޫނުމައްޗެވެ، އެސްޓީއޯގެ މޫނުމަތި ދިވެހިންނަށް ވަރަށް މުހިއްމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: