ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައުގެ ކަންކަމުގައި ދަރިން ބައިވެރިކުރޭ: ހުތުބާ

ހުކުރު ނަމާދުކުރަނިކޮށް..ފޮޓޯ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިންނަށް މަސައްކަތްކޮށްދީ، މުޖުތަމައުގެ މަސައްކަތުގައި ބައިވެރިކުރުވުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

އިސްލާމްދީނަކީ އަޅުކަމާއި މަސައްކަތްތެރިކަމުގެ ދީނެއް ކަން ފާހަގަކޮށް ހުތުބާގައި ބުނީ އެއީ ދުނިޔެއާއި އާހިރަތުގެ ދީން ކަމަށެވެ. ހުތުބާގައި ވަނީ އިސްލާމްދީނަކީ ފަރުދުންނާއި ޖަމާއަތުގެ ވެސް ދީނެއް ކަމަށްވާތީ، ކޮންމެ މުސްލިމަކުވެސް އަޅުކަމާއި އެންމެހައި ދީނީ ވާޖިބުތައް އަދާކުރުމާއިއެކު ދުނިޔަވީ ހަޔާތަށްޓަކައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

އިސްލާމްދީނުގައި މަސައްކަތްތެރިކަމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަން ފާހަގަކޮށް ހުތުބާގައި ބުނީ އިސްލާމްދީން ގޮވާލަނީ މަސައްކަތްނުކޮށް ކަންނެތްވެފައި ނުތިބުމަށް ކަމަށެވެ.

ހުތުބާގައި ވަނީ މުރާލިކަމާއި ހިވާހިކަމާއެކު ހުއްދަ މަސަައްކަތްކޮށް ރިޒުގު ހޯދައި އުޅުމަށް ދީނުގައި ބާރުއަޅާފައިވާ މިންވަރު ފާހަގަކޮށްފައެވެ. މީގެއިތުރުން، އިސްލާމްދީން ގޮވާލަނީ އަމިއްލަ އަށް ކުރާ މަސައްކަތުން ތިމާގެ ދިިރިއުޅުން ބިނާ ކުރުމަށް ކަމަށްވެސް ހުތުބާގައި ބުންޏެވެ.

އަހަރެމެންގެ މާތްވެގެންވާ ރަސޫލާއަކީ ހުރިހައި ގޮތަކުންވެސް ގަދަ ކީރިތިވަންތަ އިލާހު ދެއްކެވި އެންމެ ފުރިހަމަ ނަމޫނާ ކަން ފާހަގަކޮށް ހުތުބާގައި ވަނީ ކީރިތި ރަސޫލާގެ ހަޔާތްޕުޅަށް އަލިއަޅުއްވާލައްވައި، އެކަލޭގެފާނު ވިޔާފަރިއާއި އިޖްތިމާއި އަދި ގައުމީ މަސަައްކަތްޕުޅުތަކުގައި ތުއްޕުޅުއިރުންސުރެ ބައިވެރިވަޑައިގެންނެވި ގޮތްތަކުގެ ވާހަކަތައް ކިޔައިދެއްވާފައެވެ.

އެގޮތުން ހުތުބާގައި ވަނީ ކީރިތި ރަސޫލާ މަސްޖިދުއްނަބަވީ ބިނާކުރެއްވުމުގައި އަމަލީ ގޮތުން އަސްހާބު ބޭކަލުންނާއިއެކު ބައިވެރިވެވަޑައިގެން ކުރެއްވި ބުރަ މަސަައްކަތްޕުޅަށް ވެސް އަލިއަޅުއްވާލައްވާފައެވެ. ހުތުބާގައި ވަނީ މިއުންމަތުގެ ޅަދަރިންނާއި ޒުވާނުން ރަސޫލާގެ ޖީލުގެ ބޭކަލުން އުޅުއްވި ގޮތަށް ތަރުބިއްޔަތު ކުރުމަށް ގޮވާލާފައެވެ.

މީގެއިތުރުން ހުތުބާގައި ވަނީ ދަރިންނަށް މަސައްކަތް ދަސްކޮށްދީ، ޅައިރުއްސުރެ މަސައްކަތަށް ލޯބި ޖައްސައި ހީވާގި ބަޔަަކަށް ހެދުމަށް ބާރު އަޅާފައެވެ. ހުތުބާގައި ބުނީ މަސަައްކަތްކުރުމަކީ ހައްގެއް ކަމަށާއި އެއީ ވާޖިބެއްވެސް ކަމަށެވެ.

ގޭތެރެގައާއި މުޖުތަމައުގައި މަަސައްކަތުގައި ބައިވެރިވުމުގެ ރޫހު އަށަގަންނުވަން ޖެހޭ ކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ބޭނުންތެރި ހުއްދަ އެއްވެސް މަަސައްކަތެއް ކުރުމަށް ޖެހިލުންވެގެން ނުވާނެ ކަމަށެވެ.

ހުތުބާގައި ވަނީ އެމީހަކު ކުރާ ކޮންމެ ކަމެެއްވެސް ވީއެންމެ ރަނގަޅަކަށް ކުރުމަށް ގޮވާލާފައެވެ. ހުތުބާގައި ބުނީ، މުޖުތަމައުން އަދު ގިނައިން ފެނިގެންދަނީ ކުރާ މަސަައްކަތުގައި ފަރުވާތެރިކަމާއި ތެދުވެރިކަމެއް ނެތި ހަމައެކަނި ފައިސާގެ ދަހިވެތިކަމުގައި ފަރުވާކުޑަކޮށް މަސައްކަތްތައް ކުރަމުން ގެންދާ މަންޒަރު ކަމަށެވެ.

މީގެއިތުރުން އެ ފަދައިން މަަސައްކަތް ކުރުމުގެ ސަބަބުން ވެރިފަރާތައް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށްވެސް ހުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާގެ ފިޔަވަޅު މަތިން ހިނގާ މުސްލިމު މުޖުތަމައަކުން މިފަދަ މަންޒަރުތައް ފެނިގެންނުވާނެކަން ފާހަގަކޮށް ހުތުބާގައި ވަނީ މަކަރާއި ހީލަތް އެއްފަރާތް ކޮށްފައި، ހުރިހާ އެންމެންވެސް ތެދުވެެރިކަމާއިއެކު މަަސައްކަތް ކުރުމަށް ގޮވާލާފައެވެ.

އިސްލާމީ މުޖުތަމައު ތެެރެއިން އެފަދަ ނުބައި ވިހަ އަސަރުތައް ފިލައިގެން ދާނީ މުސްލިމުންގެ ޅަދަރިންނާއި ޒުވާނުންގެ މެދުގައި މަަސައްކަތްތެރިކަމާއި މަސައްކަތެރިކަމުގެ އަހުލާގުގެ އޮށް އިންދިގެން ކަމަށްވެސް ހުތުބާއި ބުންޏެވެ.

އިސްލާމީ ހަޟާރަތް ކުރިއަރައިގެން ދިޔައީ އޭރުގެ މުސްލިމުން ތެދުވެރިކަމާއިއެކު ކުރި މަސައްކަތުގެ ނަތިޖާއިން ކަން ފާހަގަކޮށް ހުތުބާއި ބުނީ، އިސްލާމުން ބިނާކުރި ކިއްލާތަކާއި ބޮޑެތި ބިނާތަކަކީ މިއަދުވެސް މަސައްކަތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ.

ދިވެހި ކާބަފައިންނަކީވެސް މަަސައްކަތް ކުރުމުގައި އިސްލާމީ އުސޫލުގެ މަތީން ކަންކަމަށް ކަމޭހިތައި އެކަމެއް ވީއެންމެ ފުރިހަމައަށް ކުރި ބައެއް ކަން މާލޭގައި ހުކުރު މިސްކިތާއި އީދު މިސްކިތާއި ދިވެހި ސަގާފީ ތަރިކައެއް ކަމުގައިވާ ކަޅުވަކަރު މިސްކިތުން ފެނިގެންދާ ކަން ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާއި ބުނީ، ގައުމެއް ތަރައްގީވެ ކުރިއަރައި ދާނީ ގައުމެއްގެ ދަރިންނަކީ ގޯތިގެދޮރުގެ މަސައްކަތާއި އަމިއްލަ މަަސައްކަތުން ފެށިގެން ގައުމީ ފެންވަރުގެ އެންމެހައި މަސައްކަތްތަކަށް ދާންދެން ކުރަން ފަސްނުޖެހޭ އެކަންކަމުގައި މުރާލި އަދި ކެރޭ ހަރުދަނާ ބަޔަކު ކަމުގައި ވެގެން ކަމަށެވެ.

ހުތުބާގައި ވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށްދިނުމަަށް އެދި ދުއާ ދަންނަވާފައެވެ. މިއަދުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ވެސް އިސްލާމީ މަރުކަޒުގައި ހުތުބާ ކިޔާ ވަގުތު، ޚުތުބާގައި ކިޔާތަކެތި ސައިން ލޭންގުއޭޖުގެ އެހީގައި ކިޔައިދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ސައިން ލޭންގުއޭޖްގެ އެހީގައި އަޑުއެހުމުން މަހުރޫމްވެފައިވާ ކުދިންނަށް ހުކުރު ހުތުބާ ކިޔައިދޭނެ ކަމަށެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި އަޑުއެހުމުން މަހުރޫމުވެފައިވާ ކުދިން ތިބުމަށް އެ މިނިސްޓްރީގެ ތިން ވަނަ ފަންގިފިލާގައި ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: