2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ ހިތްތަކުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. ކަނޑުގެ ބިޔަ ރާޅުތައް އަޅުގަނޑުމެންގެ ކުދި ކުދި ރަށްތަކަށް އަރައި އެތައް ގެއްލުންތަކެއްވެ، ލޯބިވާ އެެތައް ބަޔަކު މިދުނިޔެއާއި ވަކިވެގެން ދިޔަ ދުވަހެކެވެ.
ރަށްތަކުގެ ރައްޔިތުން ރެއާއި ދުވާލު ބުރަ މަސައްކަތް ކޮށްގެން އެޅި ގެދޮރު ހިނދުކޮޅެއްގެ ތެރޭގައި ބޭނުންނުކުރެވޭހާ ވަރަށް ހަލާކުވެގެން ދިޔައެވެ. އަލުން ބަލުން ދިރިއުޅުން ފަށަން ޖެހުނެވެ. އެދުވަސް އެއީ ތާރީހީ ދުވަހެކެވެ.
އަޅުގަނޑުމެން މިއަދުވެސް އެ ދުވަސް ފާހަގަކުރަމުން ދަނީ ދިވެހިންގެ އެއްބައިވަންތަަކަމުގެ ދުވަހުގެ ނަމުގައެވެ. ހަމަގައިމުވެސް ސުނާމީ އެރި ދުވަހަކީ މުޅި ދުނިޔެއަށް ދިވެހިންނަނީ އެއްބައިވަންތަ ބައެއް ކަން ދައްކުވައިދިން ދުވަހެކެވެ.
އެ ދުވަހުން ހަމަގައިމުވެސް ދިވެހިން ދުނިޔެއަށް ދައްކައިދިނީ ލާމަސީލް މިސާލެކެވެ. އަމިއްލަ އާއިލާގެ ރައްކާތެރިކަމާއި ސަމާލުކަން ދިން ފަދައިން އަވައްޓެރިންނާއި އެކުވެރިންގެ ރާއްކާތެރިކަންވެސް ކަށަވަރު ކޮށްދިނެވެ.
ވިސްނުމުގައި ކިތަންމެ ތަފާތެއް ހުރި ކަމުގައިވިއަސް ހަލުގައި ޖެހުނު ދުވަހު ހަތުރުންވެސް ބަދަލުވެންދިޔައީ މިތުރުންނަށެވެ. އަމިއްލަ މީހާ ބަނޑަށް ހުރެ ވެސް ކައިރި އަވައްޓެރި މީހާއަށް ކާންދިނެވެ.
ދިވެހިންގެ މެދުގައި ކިތަންމެ ހިޔާލު ތަފާތުވުންތަކާއި ސިޔާސީ ފޯރި އޮތް ނަމަވެސް ހާލުގައި ޖެހޭ ވަގުތު އެކަކު އަނެކަކަށް އެހީތެރުވުމުގައި އަތްކުރި އޮޅާލައިގެން މަސައްކަތް ކުރަނީ އެކުވެެރިކަމާއި އެކީއެވެ. ދިވެހި ގައުމަށް ދިމާވާ މިފަދަ ކުދި ބޮޑެތި ކާރީސާތަކުގައި ދިވެހިންގެ އެއްބައިވަންތަކަމުގެ ލާމަސީލް މިސާލުތައް ދުނިޔެއަށް ދައްކަމުންގެންދެއެވެ.
މީގެ ހަފްތާއެއް ކުރިން، މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާ ދިޔަ ނުރައްކާތެރި އަދި ބިރުވެރި އަލިފާނުގެ ހާދިސާގައި ވެސް ދިވެހިން ވަނީ އެއްބައިވަންތަކަން އަދިވެސް ހިތްތަކުގައި އުތުރި އަރަމުން އަންނަ ކަމުގެ ދިރިހުރި މިސާލެއް ދައްކާފައެެވެ.
ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކުވެެރިކަމާއި އަހުވަންތަަކަމާއި އެއްބައިވަންތަކަމުގެ ސިފަ މިހާރު ގެއްލިފައިވާ ކަމަށްބުނެ ބަސް ބުނި މީހުންނަށް ދިވެހިން ރައްދު ދިނީ ރީތި މިސާލެއް ދައްކަމުންނެވެ. ހޫނުކަން ގަދަ ބިޔަ އަލިފާން ގަނޑެއްވެސް ދިވެހިންގެ ހިތްތަކުގައިވާ ކުލުނާއި އަހުވަންތަކަމަށްވުރެ ވަރުގަދަ ނުވެވޭނެ ކަން ސާބިތުކޮށްދިނުމެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 19:28 ހާއިރު، ހ.ތިލަފުށިގޭގައި ހުންނަ ކެމިކަލް ގުނދަނުގައި ހިނގާ ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގާ ދިޔަ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.
500 އަށް ވުރެ ގިނަ އާންމު ރައްޔިތުން ހާލުގައި ޖެހި، ދައުލަތުން ހިޔާ ވަހިކަން ދޭން ޖެހުނެވެ. އެތައް ބަޔަކު ޒަހަމްވެ ގައުމަށް ވަފާތެރި ތެދުެރި ދިވެހި ދަރިއަކު މިދުނިޔެއާއި ވަކިވެގެން ދިޔައެވެ.
އެ ހިތާމަވެރި ހަދިސާގައި މީހުން ދިރިއުޅޭ 6 އިމާރާތަކާއި ހަތަރު ގުދަނެއްގައި ރޯވި އިރު ތިން އިމާރާތެއް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. އެތައް އާއިލާއެއްގެ ދިރިއުޅުމާއި ގެދޮރު ދެތިން ހަތަރު ގަޑިއިރު ތެރޭގައި އަނދާ ހުލިވީއެވެ.
އެހެންނަމަވެސް އެދުވަހު ދިވެހިން ހާއްސަކޮށް މާލޭގައި އުޅެމުންދިޔަ ރައްޔިތުން ދައްކައިދިނީ ހަމަގައިމުވެސް ކޮންމެ ދިވެއްސެއް ފަހުރުވެރިވާނޭފަދަ މިސާލެކެވެ. އެއްބައިވަންތަކަމުގެ ނާމޫނާ މިސާލެކެވެ.
ފުރަތަމަ އެ އަލިފާނުގެ ބިޔަކަމާއި ނުރައްކާތެރިކަން އިހުސާސް ނުކުރެވޭ ހާލު އެ ސަރަހައްދުގައި ތިބި ގިނަ މީހުން ފޮޓޯތައް ނަގަން ފޯނު ދިއްކުރަން ފެށިއެވެ. ނަމަވެސް، އެ އަލިފާންގަނޑުގެ ނުރައްކާތެރިކަން އިހުސާސް ކުރެވުނު ވަގުތު ފޯން ދޫކޮށްލާފައި އެންމެ ކަހަލަ ގޮތަަކަށް ދުއްވައިގަތެވެ.
ފިނޑިވެ އަމިއްލަ ހަށިގަނޑު ސަލާމަތް ކުރަން ދުވެ ފިލާކަށް ނޫނެވެ. އޭގެ ބަދަލުގައި އެ އަލިފާން ގަނޑުން މީހުންނާއި އެމީހުންގެ އަގުބޮޑު މުދާތައް ސަލާމަތް ކުރުމަށެވެ. ފާހަގަކޮށްލަން ޖެހެނީ ދިވެހި ގައުމަށް ނިސްބަތްނުވާ ދިވެހި ލޭ ހިނގާ ބަޔަކަށް ނުވި ނަމަވެސް ބިދޭސީންވެސް ހާލުގައި ޖެހުނު މީހުންނަށް އެހީތެރުވުމައި ދެއްކީ ލާމަސީލް ޝުކުރު ހައްގު މަސައްކަތެކެެވެ.
ޝައްކެއްނެތް ގޮތުގައި އެ ދުވަހު ދިވެހިން ސިފައިނާއި ފުލުހުންނާއި، ރެޑް ކްރެސެންޓް އަދި އޭޑީކޭ ހޮސްޕިޓަލުންވެސް ދެއްކީ ލާމާސީލް ނަމޫނާއެކެެވެ. އެވެރިންެވެސް އަލިފާނަކަށް ބިރުން ޖެހިލުން ވެގެން ނުފިލިއެވެ. ދިވެހި ސިފައިންނާއި ފުލުހުން ބެލީ ވަގުތުކޮޅެއް ބޭކާރު ކޮށްނުލާ ރައްޔިތުންނާއި ރައްޔިތުންގެ މުދަލުގައި ހައްގުގައި އެ އަލިފާން ގަނޑު މައިތިިރިކުރާށެވެ. ހަމަގައިމުވެސް އެ ހިވާގި އިދާރާތަކުގެ ބުރަ މަަސައްކަތް ދިވެހިން ހަނދާން ކުރާނީ ޝުކުރުން ހިތްތައް ފުރަމުންނެވެ.
އެރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުން ތިބީ ދައުލަތުގެ ބެލުމުގެ ދަށުން ކަލާފާނު ސުކޫލުގައެވެ. ކުޑަކުޑަ ވަގުތު ކޮޅެެއްގެ ތެރޭގައި ގޭއިން ނިކުންނަން ޖެހުމުން އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެތަކުގައި ތިބި މީހުން ނިކުތީ އެއްވެސް ތައްޔާރީއެއް ނުވެއެވެ.
ތައްޔާރެއް ވާކަށް ނުވަތަ ބޭނުންވާނެ ޒަރޫރީ އެއްޗެހިތައް ހިފައިގެން ނިކުންނަ ވަގުތެއް ވެސް ނުލިބުނެވެ. ކަލާފާނު ސުކޫލުގައި ތިބި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް އެދި މީސްމީޑިއާގެ އެކި މަސައްކަތަކުގައި ދެތިން މެސެޖް ދައުރުވުމާއިއެކު ދެން ފެނިގެންދިޔަ މަންޒަރަކީ ބޮޑެތި ކޮތަޅުތަކުން ދެއަތް ފުރައިގެން އެކި އުމުރުފުރާގައި މީހުން ކަލާފާނު ސުކޫލާއި ދިމާލަށް މިސްރާބު ޖެހި ތަނެވެ.
އެހީއަށް އެދުނުތަނާ ދެތިން ގަޑިއިރު ފަހުން ކަލާފަނު ސުކޫލު ސަރަހައްދު ފުރާލި އެހީތެރިވުމަށް އައި މީހުންތަކުންނެވެ. ކޮންމެ މީހަކުވެސް މަސައްކަތް ކުރަމުން ދިޔައީ އެމީހަކަށް ވެވުން އެހީތެރިކަމެއް ވެދިނުމަށެވެ. އަމިއްލަ އެއްބަނޑު މީހާ ހާލުގައި ޖެހި މަދަދާއި އެހީއަށް ބޭނުންވުމުން އެހީތެރިކަން ފޯރުކޮށްދޭން ބީދައިން އެދުވަހު ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވަމުން ދިޔައެވެ.
އެދުވަހު ދިވެހިން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރިއެވެ. ހެންވޭރުގައި ހިނގި ބޮޑު ހުޅުގެ ހާދިސާއަކީ ތާރީހުގެ ކަޅު ސަފްހާއެއްގައި ލިޔެވިގެން ދާނެ ހާދިސާއެެކެވެ. އަޅުގަނޑުމެންގެ ދަރިންނަށް އެދުވަހުގެ ވާހަކަތައް ކިޔައިދޭނީ ފަހުރުވެރިކަމާއިއެކުގައެވެ. ދިވެހިންގެ އެއްބައިވަންތަކަމުގެ ލާމަސީލް މިސާލުތައް ދައްކަމުންނެވެ.
ޝައްކެއްނެތެވެ. ދިވެހިން ވަނީ މުޅި ދުނިޔޭގެ ތާރީހްގައި ދިވެހިންގެ އެއްބައިވަންތަކަން ރަން އަކުރުން ލިޔެލާފައެވެ.
One Response
ހަމަ ހެޔޯކޮއް ތިބުނީ ދިވެހިން ހަމަ ރަންގަޅައްވެސް އޭމިހުންގެ އެއްބައި ވަންތަކަން އެދުވަހު ދައްކުވާދީފި.