ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ހުސްކޮށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ނިއުޕޯޓުގެ މައްޗަށް ހުކުމްކޮށްފި

ފައިލް ފޮޓޯ: ނިއުޕޯޓު ބަންދު ކުރިއިރު މުވައްޒަފުންނަށް މުސާރަ ދީފައި ނުވާކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ނިއު ޕޯޓް ވިއު ހިންގަމުން ގެންދިޔަ ބިމަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާގެ ގޮޮތުގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ 15 ދުވަސްތެރޭގައި ދައްކާ، ބިން ހަވާލު ކުރުމަށް ސްޓްރާޑާ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެެވެ.

ސްޓާރާޑާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށްވެސް ނިއުޕޯޓް ހިންގާ ސްޓްރާޑާ ކުންފުނީގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓަކާ އެކު ތަރައްގީ ކުރުމުގެ މަސައްކަތް، ސްޑްރާޑާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އަދި ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާއާ ދެމެދު އެއްބަސްވުން ގާއިމްކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން މުއްދަތަށް އެއް އަހަރު އެތެރެކުރި ނަމަވެސް، ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަނީ ސްޓްރާޑާއާއި އެކު ވި އެއްބަސްވުން ބާތިލުކޮށްފައެވެ.

ކުލި ނުދައްކާ ހުރުމުގެ ސަބަބުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައްކަންޖެހޭ ޖުރިމަނާގެ އަދަދު 1.4 މިލިއަން ރުފިޔާއަށް އަރެއެވެ. އެ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ މަހު ކުލި ދައްކަމުން ނުދިޔުމުގެ ސަބަބުން، މިދިޔަ މާޗް މަހު ޕްލޭނިންގް މިނިސްޓްރީން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ. ނަމަވެސް، އޭގެ ފަހުން ވެސް އެ ބިން ސްޓާރާޑާ ކުންފުންނިން ބޭނުންކޮށްފައިވާކަމަށް ބުނެ ދައުލަތަށް ނުދައްކާ އޮތް ކުއްޔާއި، އެކަމަށް އަރާފައިވާ ޖޫރިމަނާގެ އިތުރުން ބަދަލު ނަގައިދިނުމަށްއެދި ޕްލޭނިންގް މިނިސްޓްރީން ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

އޭރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭރު ވެރިކަން ކުރި ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައިހުރި ޒާހިދު ރަމީޒެވެ. ނުވަތަ މަޝްހޫރު ނަމުންނަމަ ޒާހިދު ކްރިއޭޓާއެވެ. ނަމަވެސް ޒާހިދު މި މަގާމުން ވަކިވުމުން މިހާރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާގެ އަނބި ކަނބަލުން މަލަކާ އަބްދުލް އަޒީޒެވެ.

ރިންގްރޯޑު ހެދުމަށް ސްޓްރާޑާއިން ބްރިޖް ޕްލެޓްފޯމް ސަރަހައްދުގައި ހިންގި ޗާޓައިމް ތަޅާލުމުގެ ބަދަލު އެ ކުންފުންޏަށް ދައުލަތުން ދީފައި ނުވާ މައްސަލާގައި ވެސް ކޯޓަށް ދާން ނިންމާފައިވާކަމަށްވެސް އެކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ. ޗާޓައިމް ތަޅާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދޭން އުޅުނީ 14.4 މިލިއަން ރުފިޔާއެވެ. ނަމަވެސް، އެ ފައިސާ ނުދީ މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއިން އެންގުމާ ގުޅިގެން. ނިއުޕޯޓު ވިއު ހުސްކުރަން އެންގި މައްސަލައާއި ރިންގްރޯޑު ހެދުމަށްޓަކައި، ބްރިޖު ވިއުއިންގް ޕްލެޓްފޯމްގައި ކުރިން ހިންގި ޗާޓައިމް ތަޅާލި މައްސަލައިގައި ދައުވާކުރަން ނިންމައިފައިވާ ކަމަށް ވެސް ސްޓްރާޑާއިން ވަނީ ބުނެފައެވެ.

ނިއު ޕޯޓް ހިންގަމުން އަންނަ ސްޓްރާޑާގެ ކުރީގެ އެންމެ އިސް އެއް ވެރިޔާ، ޒާހިދުގެ ފޭސްބުކްގައި މީގެ ދޮޅު މަސް ކުރިން ލިޔުއްވާފައިވަނީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހެދިއިރު، ބްރިޖް ވިއު ޕްލެޓް ފޯމާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ފުޓްސަލް ދަނޑެއް އެ ސަރަހައްދުގައި ހަދަން ސަރުކާރާ އެކު އޭރު އެއްބަސްވުން ހެދީ އާންމުންގެ ފައިދާއަކަށްޓަކައި ކަމަށެވެ. އަދި ރެސްޓޯރެންޓް ހުރި ބިމަށް ބޮޑު ކުއްޔެއް ސަރުކާރަށް ދައްކަމުން އަންނަނިކޮށް އެ ތަން ހުސްކުރަން އެންގީ ކުންފުނިން ކުރި ޚަރަދު ވެސް އަނބުރާ ނުލިބެނީސް ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: