ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ޔޫއެން ތަގުރީރު: ސަތޭކައަކުން ކިހާވަރެއް!؟

ހަތް އަހަރަށްފަހު ދިވެހި ރައީސަކު އދ މަޖިލީހުގައި ތަގްރީރު ކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އދ. ގެ މެމްބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ. މި ސެޕްޓެމްބަރ މަހަށް މިފުރުނީ 54 އަހަރެވެ. މިދިގު މާޒީގައި ދިވެހިރާއްޖެއިން “ބްރޭކެއް” ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ކުރިން “ކުޑަ ދުވަސްކޮޅަކަށް” ވެރިކަން ކުރެއްވި ޑރ. މުހައްމަދު ވަހީދުވެސް އދ. ގައި ތަގުރީރު ކުރެއްވިއެވެ. އަދި އެއީ ރާއްޖޭގެ ސިޔާސީ އެންމެ ހަލަބޮލި އެއް ވަގުތު، 2012 ވަނަ އަހަރުއެވެ. އޭގެކުރިން ރައީސް މުހައްމަދު ނަޝީދު، އަދި އޭގެވެސްކުރިން ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އިނގިޜޭސި ބަހުންނާއި ދިވެހި ބަހުންވެސް ތަގުރީރުކުރައްވާ ފަހުރު ހޯއްދެވިއެވެ. ނަމަވެސް 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުގެ 5 އަހަރުގެ ދައުރު ނިންމަވާލެއްވީ އދ. ގެ މަޖިލިހަށް ވަޑައިގުންއެވެ.

ރ ޔާމީން ތަގުރީރު ކުރައްވަން ވަޑައިގަންނަވަން އުޅުއްވި؟

2015 ވަނަ އަހަރު އދ. ގެ އާއްމު މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީން ތަގްރީރު ކުރައްވަން ނިންމެވިއެވެ. އެކަން އދ. ގެ ރަސްމީ އެޖެންޑާގައިވެސް އޭރު ހިމެނިއެވެ. އދ.ގެ އާންމު މަޖިލީހުގެ އެއަހަރުގެ ޖަލްސާގައި ތަގުރީރުކުރައްވާ ގައުމުތަކުގެ މަންދޫބުންގެ ލިސްޓް އދ. އިން އާއްމުކުރެއްވިއިރު ރާއްޖެ ތަމްސީލު ކުރައްވާނީ ދައުލަތުގެ އެންމެ އިސް ވެރިޔާ ނުވަތަ ހެޑް އޮފް ސްޓޭޓް ކަމަށް ބުނެފައިވެއެވެ. ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ވެސް ރައީސެވެ.

ނަމަވެސް އެމަނިކުފާނު އދ. ގެ އާއްމު މަޖިލީހަށް ވަޑައިނުގަންނަވައެވެ. ރައީސް ޔާމީން ވަޑައިގެންނެވީ އުމްރާގެ އަޅުކަމަކަށް ސައުދީ އަރަބިއްޔާއަށެވެ، އެނބުރި ރާއްޖެ ވަޑައިގެންނެވީ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. ރިޔާސީ ލޯންޗުކޮޅު ގޮވީ މިދެންނެވި ދުވަހު، 2015 ވަނަ އަހަރުއެވެ. އދ.ގެ އާއްމު މަޖިލީހުގައި ރައީސް އަބްދުﷲ ޔާމީން ތަގުރީރު ކުރެއްވުމަށް ތާވަލް ކޮށްފައިވަނީ، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު ދަންފަޅީގައެވެ. އދ. އަށް ވަޑައިގަންނަވަން ނިންމެވިނަމަވެސް، އެއަހަރު ވަޑައިނުގަންނަވަން ނިންމެވީ ރިޔާސީ ލޯންޗްކޮޅު ގޮވި ހާދިސާއާއި ގުޅިގެންވުންކަމަށް އެކަށީގެންވެއެވެ.

އެހެންކަމުން ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު އެމަނިކުފާނު އދ. ގައި ތަގުރީރު ކުރެއްވުމަށް ވަޑައިގެންފައެއް ނުވެއެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު 2014 ގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވިއެވެ. ރައީސް ވަހީދު ވެވަޑައިގެންފައިވަނީ ރާއްޖޭގެ ރައީސަކު އަދި ކުރީގެ ރައީސަކު ފުރަތަމަ ފަހަރަށް އެމަޖިލީހުގައި ތަގްރީރުކުރެއްވމުގެ ޝަރަފު ހޯއްދެވި ފަރާތަށެވެ. 2015 ވަނަ އަހަރު ރާއްޖެ ތަމްސީލު ކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. 2016 އަދި 2017 ވަނަ އަހަރުވެސް ތަގުރީރުކުރެއްވީ އޭރުގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ.

ދުނިޔެއާއި އެކަހެރިވެފައި އޮތް އޮތުމަށް ނިމުމެއް!

2012 ވަނަ އަހަރު ފުލުހުންނާއި ސިފައިންގެ ބަސް ނޭހުމެއްގެ ތެރެއިން ރާއްޖޭގެ ގާނޫނީ ވެރިކަން “ބަޣާވާތަކުން” ބަދަލުކުރިފަހުން ދިވެހިރާއްޖެވަނީ ދުނިޔެއާއި ވަރަށް ބޮޑަށް އެކަހެރިވެފައެވެ. ދުނިޔެ ރާއްޖެ ދެކެމުން އައީ ބީރައްޓިއްސެގެ ގޮތުގައެވެ. ނުވަތަ ކޮންމެވެސް ބޮޑު ބާރެއްގެ ގޮނޑިކޮއްކޮއެއް ގޮތުގައެވެ. ކޮމަންވެލްތު ޖަމާއަތާއި ގުޅުން ކަނޑާލީއެވެ. އިރާނާއި ގަތަރާއިވެސް ގުޅުން ކަނޑާލީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ދުނިޔެއާއި “އަލުން ރައްޓިހި” ވުމުގެ ވައުދާއިވެސް އެކުއެވެ. ކޮމަންވެލްތާއި އަލުން ގުޅި، އިރާނާއި ގަތަރާއި އަލުން ގުޅުން ގާއިމްކޮށް، ދުނިޔެއާއި އެކަހެރިވެފައި އޮތް އޮތުމަށް ނިމުމަށް ގެންނާނެކަމަށް ވިދާޅުވަމުންނެވެ.

7 އަހަރު އެކަހެރިވެފައި އޮތުމަށްފަހު، ވެރިކަމަށް ވަޑައިގެން އޮތް އދ. ގެ ފުރަތަމަ އާއްމު މަޖިލީހަށް އެމަނިކްފާނު ވަޑައިގަންނަވަން ނިންމެވުން އެއީ ރަނގަޅަށް އެޅުއްވި މުހިއްމު ފުރަތަމަ ފިޔަވަޅެވެ. އެތަނުން ގައުމުތަކުގެ ވެރިންނާއި ބައްދަލުވެ، ހަވާސާއިން ބޭރުންވެސް ކަންކަމާއި މަޝްވަރާކުރެވި ގުޅުން ބަދަހިވުމަކީ ކިތަންމެ ރަނގަޅެއްގެ ފެށުމެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު އެންމެ ހާމަކަން ބޮޑު ގޮތެއްގައި ތަމްސީލުކޮށްދެވޭ ތަނަކީ އދ. ގެ އާއްމު މަޖިލިސްކަމަށްވެފައި އަދި ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، އެހެން ގައުމުތަކަށްވެސް އޮންނަ އެއް ވޯޓް ރާއްޖެއަށް އޮތަތީވެ، ގައުމެއްގެ ނިސްބަތުން ރާއްޖެ އދ. ގައި އެހެން ގައުމުތަކަށް އޮތް ފުރުސަތު އޮންނަކަން ސާބިތުކޮށްދެވޭނީ މިފަދަ ދަނޑިވަޅެއްގައެވެ.

https://youtu.be/1vjFtBaUnAo

ތަގްރީރުގައި އެއްވެސްކަމެއް އުނިވިތަ؟

16 މިނިޓްގެ ތަގްރީރު ނިންމަވާލެއްވިއިރު މިވެނިކަމެއް ހިމަނާލިނަމަ އިތުރަށް ފުރިހަމަވީހޭ ހިތަށް ގެންނަ އިތުރުކަމެއް ފާހަގައެއް ނުވިއެވެ. ކޮންމެ ވާހަކައެއްގައިވެސް މައުޟޫގައި ހިފެހެއްޓެވިއެވެ. މާދުރުދުރުން ވިދާޅުވާން ނުވާން އެއްވެސް ވާހަކައެއް ނުބަހައްޓަވައެވެ. ވަރަށް ސާފުކޮށް ސީދާ ޕޮއިންޓަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި، ރާއްޖެއިން އަބަދުވެސް ޑައިލޮގްގައި ހިފަހައްޓާ ތިމާވެށީގެ ނާޒުކުކަމާއި، ދީނީ ހައްދުފަހަނަ އެޅުމާއި، އަޅުގަނޑުމެން މުސްލިމުންނަށް އެންމެ މުހިއްމު ފަލަސްތީނުގެ ވާހަކަވެސް ދެއްކެވީ ސާބިތުކަމާއެކު އަޅުގަނޑުމެން އެންމެ ބޭނުންވާ ބަހުރުވައިން އެދުލުންނެވެ. ދެން ކޮން ކަމެއްތޯއެވެ؟ ކަމެއް، ވާހަކައެއް، ޕޮއިންޓެއް މަދުކަމަށް އަޅުގަނޑަށް ފާހަގައެއް ނުވެއެވެ.

ދެއްކެވި ބައެއް ވާހަކަ ތަފްސީލުކޮށްލާނަމެވެ.

“ފަލަސްތީނަށް މިނިވަން ދައުލަތެއް ކަނޑައަޅަން ޖެހޭ”

އިޒްރޭލުން މިހާރު ގެންދަނީ މީގެ ކުރިން ދުވަހަކު ވެސް ނަގައިނުލާ ވަރަށް ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނަގައިލަމުން ކަމަށް ވިދާޅުވެ ފާޅުކަންބޮޑުގޮތެއްގައި ފަލަސްތީނު ދިފާއުކުރައްވާ އިޒްރޭލަށް ފާޑު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނު ރައްޔިތުން އެކަހެރިކޮށް ފަލަސްތީނުގެ ރައްޔިތުންނާއިމެދު ބޭއިންސާފުން އަމަލުކުރަމުން ދަނީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާއި އދ.ގެ ހުރިހާ ގަރާރަކާ ހިލާފަށްކަމަށެވެ. އިޒްރޭލް ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ ފަލަސްތީނަށް މިނިވަން ވަކި ދައުލަތެއް ލިބިގެންކަމަށާއި އަދި 1967ގައި އެއްބަސްވި ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނާއެކުކަން ހާމަކުރައްވާ ރައީސް ސޯލިހު ވަނީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދުމަށް މަޝްވަރާއަށް ގޮވާލައްވާފައެވެ. އަދި މިމަޝްވަރާ ހިންގަން ޖެހޭނީ އިޒްރޭލް ހިމެނޭ ގޮތަށް އަރަބި ގައުމުތަކުގެ މެދުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

“ޑިމޮކްރަސީގެ ހުޅުކޮޅު އެއްފަހަރުން ރޯކޮށްލުން”

އދ. ގައި ތަގުރީރުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ބޭއްވުނު ރިޔާސީ އިންތިހާބަކީ ގައުމު ހުދުމުތާރުކަމަށް އެނބުރެމުން ދިޔަ ދިއުމެއް އަނެއް އަތަށް އަނބުރައިލުންކަމަށެވެ. އަދި އެއިންތިހާބު އެމަނިކުފާނަށް ކާމިޔާބު ވުމަކީ ޑިމޮކްރަސީގެ ހުޅުކޮޅު އެއްފަހަރުން ރޯކޮށްލުންކަމަށް ވިދާޅުވިއެވެ. އޭގެކުރިން ރާއްޖެ އޮތް ގޮތް ސިފަކުރައްވާ ވިދާޅުވީ، ތިވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަން އޮތީ ގެއްލިފައިކަމަށާއި ޖުޑީޝަރީގެ މިނިވަންކަން ގެއްލި، މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އިތުރަށް އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގައި ނުވަތަ ގައުމުން ބޭރުގައި އަރުވާލެވިފައި ތިބެން ޖެހުނު ޖެހުން ފާހަގަކުރެއްވިއެވެ. މިއަދު ހާލަތު ބަދަލުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި މޮކްރަސީގައި އޮންނަނީ ހަމައެކަނި އިންތިޚާބު ބޭއްވުން ނޫން ކަމަށާ ރައްޔިތުންނާ ގުޅޭ ކަންކަމުގައި އެ ރައްޔިތުން ފުރިހަމަ ބައިވެރިން އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެންމެ އިސްކަން ދެއްވާފައި ވާނީ ރައްޔިތުންނާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދަން ކަމަށް ވިދާޅުވިއެވެ.

“މޫސުމީ މައްސަލައަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ހަނގުރާމައެއް”

މޫސުމީ މައްސަލައަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ހަނގުރާމައެއްކަމަށް މީގެކުރިންވެސް ދިވެހިރާއްޖެ އދ. ގައި ތަމްސީލުކުރެއްވި ލީޑަރުން ދެއްކެވި ވާހަކަތައް ތަކުރާރުކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ފާއިތުވި ރާއްޖެއިން ވަކާލާތުކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތައް ނެތިދިއުމުގެ ބިރު އޮތް މިންވަރު ބޮޑުކަމުން ކަމުގައި އެމަނިކުފާނުވެސް ތަކުރާރުކުރެއްވެވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ، އ.ދ. ގެ ކްލައިމެޓް އެކްޝަން ސަމިޓްގައި ހުށައަޅުއްވާފައިވާ ރާއްޖޭގެ “މޯލްޑިވްސް ސްމާޓް ރެސިލިއެންޓް އައިލެންޑްސް އިނިޝިއޭޓިވް” މޮޑެލަކީ މޫސުމީ ބަދަލުތަކުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަސައްކަތެއްކަން ހާމަކުރައްވާފައެވެ.

“ބައިނަލްއަޤްވާމީ މައްސަލަތަކަށް ޙައްލު ހޯދޭނީ އެންމެން ގުޅިގެން”

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤުރީރުގައި ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގައި އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރުފެށިފައިވާތީ އެކަމާ އުފާފުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ޚުދުމުޚްތާރު ވިސްނުންތަކާ ދެކޮޅަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ދުނިޔެއަށް މިވަގުތު ދިމާވެފައިވަނީ އެއްވެސް މީހަކަށް އެކަނި ހައްލުކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ އެންމެން އެކުގައި ކަމަށެވެ. މި ސަބަބާހުރެ ބައިނަލްއަގުވާމީ މަސްރަހަށް އަލުން ނުކުމެ، ކުރިން ތިބި އެކުވެރިން އަލުން އިޔާދަކޮށް، އާ އެކުވެރިން ހޯދަމުންދާކަން ފާހަގަކޮށް، ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންކަމަށާއި އެދުމަކީ ރަނގަޅު ބައިނަލްއަގުވާމީ ޕާޓްނަރަކާށް ވުންކަމަށް ވިދާޅުވިއެވެ.

“ހައްދުފަހަނައެޅުމާއި ޓެރެރިޒަމް އަމަލުތައް ހުއްޓުވުން”

ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 21 ވަނަ ޤަރުނުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު ޢާންމުވަމުންދާ ހައްދުފަހަނައެޅުމާއި ނިރުބަވެރި ޢަމަލުތައް ހުއްޓުވުމުގައާއި ދީނުގެ ނަމުގައި ކުރެވޭ މިފަދަ ޢަމަލުތަކާއި ޒުވާނުންގެ ސިކުނޑިތައް މިފަދަ ކަންކަމަށް ލެންބުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ކިބައިން އެދިވަޑައިގެންފައެވެ. މިގޮތުން އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ތަމްރީނު ދިނުމާއި ތަޖުރިބާ ޙިއްޞާކުރުމާއި، ނިރުބަވެރި ވިއުގަތަކަށް ޚަރަދުކުރުން ހުއްޓުވުމަށް މާލީ ނިޒާމު އިޞްލާޙުކޮށް ހަރުދަނާކުރުން ފަދަ ކަންކަމަކީ މިކަމަށް އެޅިދާނެ ފިޔަޅުތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކަމެއް މަދުވި؟

އިތުރަށް އަޅުގަނޑު ލިޔާނެ ވާހަކައެއް ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ އަށް ވަޑައިގަންނަވަން ނިންމެވި ހިސާބުން ފެށިގެން ތަގްރީރުގައި ވިދާޅުވި ހުރިހާ ވާހަކައެއްވެސް އެއީ މިވަގުތަށް އެހާމެ މުހިއްމު ވާހަކައެވެ. ބޭރާކު ދިގު ވާހަކައެއް ނެތެވެ. މާކުހެއް ދެންޏާ އަޅުގަނޑަށްބުނެވޭނީ ރައީސް ދެއްވި ތަގްރީރަކީ ހަމަ ސަތޭކައިގެ ތަގްރީރެކޭ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: