ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ވައްޓައެއް ނުލެވޭނެ، ބަރުލަމާނީއެއްވެސް ނުގެނެވޭނެ: ގާސިމް

ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމްގެ މުހައްމަދު ސޯލިހްގެ ސަރުކާރު ވައްޓައި ނުލެވޭނެ ކަމަށާއި އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމްވެސް ނުގެނެވޭނެ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީއަށް މެންބަރުންތަކެއް ސޮއި ކުރަން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ރޭ ވެސް ވަނީ، ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް  ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

‘…އެއްގޮތަކަށް ވެސް އަޅުގަނޑުމެން މިތިބީކީ އެގޮތަށް ރައްޔިތުން ހޮވާފައި ހުރި މީހަކު ދުއްވާލާފައި އަނެއްކާ އޭނާގެ ބޯމައްޗަށް އަރާ ފިތާލާކަށެއް ނޫނޭ. އަޅުގަނޑުމެން އެ މަސައްކަތެއް ނުކުރާނަން. އާދެ، ސަރުކާރު ވައްޓައެއް ވެސް ނުލެވޭނެ އިރާދަކުރެއްވިއްޔާ، އަދި ސަރުކާރު ބަދުނާމު ކުރަން ކިތަންމެ ވާހަކައެއް ދެއްކިޔަސް އެކަމެއް ވެސް ވައިގައި ހިފައިގެން އެކަންތައްތައް ކުރެވޭ ހިސާބަކަށް ނުދާނެ.” ގާސިމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުން ކަންކަން ނުކުރެވޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާއިރު، މިސަރުކާރަށް މިވީ މުއްދަތުގައި ގިނަ މަސައްކަތްތަކެއްކޮށް އެއްބަސްވުންތައް ހެދިފައިވާ ކަމަށެވެ. އަދި ބޮޑެތި މަޝްރޫއުތައް ހިނގައިގަތުމަށް ވަގުތުވެސް ބޭނުންވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ރިޔާސީ ނިޒާމެއް ރައްޔިތުން އިހްތިޔާރުކުރީ މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތް ދެނެގަނެގެން ކަމަށެވެ. ރިޔާސީ ނިޒާމެއް ރައްޔިތުންގެ ވޯޓުން ކަނޑައަޅާފައި އޮއްވައި، އެކި ބާރުތަކުން ރައީސުލްޖުމްހޫރިއްޔާ ތާށިކޮށްލާ ހިސާބަށްދާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މި ސަރުކާރުން ކަންތައްތައް ނުކުރެވޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ދަތިކުރަމުންދާ ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީން އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު ފެންނަނީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާ އެހެންކަމުން ސަރުކާރަށް އެ ޕާޓީގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ.

ޖޭޕީއަކީ ސަރުކާރުގެ ތެރޭގައި އޮތް ޕާޓީއެއްކަން ފާހަގަ ކުރައްވާ ވިދާޅުވީ މަޖިލީސްތެރޭގައި ވަކިން މަސައްކަތް ކުރި ނަމަވެސް ސަރުކާރުން އެދޭ ކަމެއްގައި ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށެވެ.

“ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް އަޅުގަނޑުމެން މިއުޅެނީ ސަރުކާރު ވައްޓާލައި، އިބްރާހިމް މުހައްމަދު ސޯލިހަށް ލޮޓިދީ، ލަނޑު ދޭކަށް ނޫން،” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މަޖިލިސް ތެރެއިން ބައެއް ބޭފުޅުން ސަލާމަތީ ބާރުތަކަށް ފާޑު ވިދާޅުވެ، އެ މުއައްސަސާތަކުގެ އަގު ވައްޓާލަމުންދާ ކަމަށެވެ.

ޖޭޕީއަކީ ވެސް ވަކި ސިޔާސަތުތަކަކަށް ތަބާވާ ޕާޓީއެއް ކަމަށާ އެހެންކަމުން ވަކި މީހެއްގެ މަސްލަހަތުގައި ނުވަތަ ވަކި ގައުމަކަށް އެކަނި ފައިދާއަށް ކުރާ ކަންކަމާ ދެކޮޅަށް އެ ޕާޓީން ވާހަކަ ދައްކާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް އިބުރާހިމް ވިދާޅުވީ، ޖޭޕީން މަސައްކަތް ކުރަނީ އެޕާޓީގެ މެމްބަރޝިޕް ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި 30 ހާހަަށް އިތުރު ކުރުމަށް ކަމަށެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް ރާއްޖޭގެ އިދާރީ ކޮންމެ ދާއިރާއެއްގަި ޕާޓީގެ ރައީސުންނާއި ނައިބު ރައީސުން ބޭތިއްބުމަށްވެސް އަމާޒު ހިފާފައިވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ދައްކަވާ ވާހަކައާ ދިމާ އިދިކޮޅަށް ބައެއް ބޭފުޅުން އަމަލު ކުރެއްވި ނަމަވެސް އެގޮތަށް އެމަނިކުފާނު އަމަލު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމަނިކުފާނަކީ ގައުމުގެ ރައީސްކަން ބޭނުންފުޅު ނުވާކަމަށާ މަޖިލީހުގެ ރައީސްކަން ވެސް ހޯއްދަވަން ނޫޅުއްވާ ކަމަށް ވިދާޅުވި ބޭފުޅެއް ކަމަށެވެ.

“އަޅުގަނޑު އެކަމާ ދެބަހެއް ނުވަން. އަޅުގަނޑު ބޭނުން ކަންތައްތަކެއް. އެހެން ނަމަވެސް ނުހައްގު ގޮތުގައި، ނަހަމަ ގޮތުގައި، ދޭތެރެ ޖައްސައިގެން މާތްވެެގެންވާ އިސްލާމް ދީނުގައި ދޭތެރެ ޖެއްސުން އެއީ ކިހާވަރެއްގެ ކަމެއް ކަން އަޅުގަނޑަށް ސާފުކޮށް އެނގޭ،” ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ އެޕާޓީގެ ޚާއްސަ ކޮންގްރެސްއެއް ބާއްވާނެ ކަމަށާއި، ޕާޓީގެ ހުރިހާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައި، ޖޭޕީއަށް ބޮޑެތި ބަދަލުތަކެއްވެސް ގެނެވޭނެ ކަމުގައި ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގައި ކުރިން މަސައްކަތް ކުރެއްވި ބައެއް މެމްބަރުންނާއި، ބައެއް ޒުވާނުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއި ކޮށްފައެވެ.

ގާސިމް އުޅުއްވަނީ ރައީސް ސޯލިހު އާއި ރައީސް ނަޝީދުއާ ދެމެދު ދޭތެރެ ޖައްސައިގެން ސަރުކާރުން ކަންތައްތަކެއް ހޯއްދަވަން ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދަވާތީވެ އެއަށް ރައްދު ދެއްވާ ގާސިމް ވިދާޅުވީ، ސަރުކާރުގެ ތެރެއިން ވަކި ކަމެއް ބޭނުންނުވާ މީހަކު ނުހުންނާނެ ކަމަށާއި، އެހެން ނަމަވެސް ނަހަމަ ގޮތުގައި ކަންތައްތަކެއް ކުރަން ބޭނުންނުވާ ކަމަށެވެ.

ގާސިމް ވަނީ މީގެ ކުރިންވެސް އެ ޕާޓީއަށް މެމްބަރުން ސޮއި ކުރުމަށް ބޭއްވި ޖަލްސާތަކުގައި ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ޖޭޕީއަށް ވަނީ ދާދި ފަހުން ވަނީ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ގިނަ މެމްބަރުންތަކެއް ސޮއި ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: