ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ ހެނދުނު 09:30 ގައި!

އިދިކޮޅުން ބޭއްވި ޖަލްސާއެއްގެ ތެރެއިން ރައީސް ޔާމީން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:30 އަށް ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެ މާއްދާގެ ށގެ ދަށުންނެވެ.

އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ ހގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކަށެވެ. އަދި އެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކުރި ކަމަށާއި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށެވެ.

ރައީސް ޔާމީނަށް ކުރާ މަނީ ލޯންޑްރިން ތުހުމަތުގެ ތިން ޝަރީއަތެއް ބާއްވާފައިވާއިރު  އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނެގުން ވަނީ ނިންމާލާފައެވެ. ހެކީގެ ގޮތުގައި އޭސީސީގެ  އޭރުގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފު ދައުލަތުން ހުށައެޅިއެވެ. ނަމަވެސް ލުތުފީ ފިޔަވައި އެހެން ހުރިހާ ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ.

ހެކިބަސް ދިނުމަށް ލުތުފީ ދެކޮޅު ހެދުމުން ދައުލަތުގެ ފަރާތުން ވަނީ އޭނާގެ ބަޔާނުގެ ވީޑިއޯ ރެކޯޑިން ޝަރީއަތުގައި ދެއްކުމަށް އެދިފައެވެ. ނަމަވެސް، އެ ދުވަހު ރިޔާސަތުން ވަނީ ދެން އޮންނަ އަޑުއެހުމެއްގައި އެކަމާއި ބެހޭ ގޮތުން ގޮތެއް ނިންމާނެކަމަށް ވިދާޅުވެފައެވެ. ވީޑިއޯ ރެކޯޑިން ޝަރީއަތުގެ މަޖިލީހުގައި ބެލޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެެދޭ ސަބަބެއްގެ ގޮތުގައި ވަކީލް ފާހަގަކުރީ އެއީ އޭނާ ބަޔާން ދެއްވީ ފުލުހުން ބިރު ދައްކައިގެން ކަމަށް ވިދާޅުވާ ވިދާޅުވުމާ އެއް ގޮތަށް އެކަން ނުހިނގާކަން ސާބިތު ކުރުމަށެވެ. 

ނަމަވެސް ރައީސް ޔާމީން ވަނީ، ބޮޑީ ލޭންގުވޭޖުން ބިރު ދައްކާކަން ނުވަތަ ނޫންކަން އެނގޭނީ އެ ބިރު ދައްކާ ބަޔަކު ބުނާ ގޮތާ ހިލާފަށް ބަޔާން ދޭނަމަ ކަމަށާއި އެމީހުން ބުނާ ގޮތަށް ބަޔާން ދޭނަމަ ބޮޑީ ލޭންގުއޭޖުން އެކަން ނޭނގޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޔާމީންގެ އެދިވަޑައިގަތުމަކަށް އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްދީފައި ވާނެ ކަމަށާއި އެ ފައިސާ އޭނާ ހޯއްދެވީ އޭނާގެ މުދަލެއް ވިއްކައިގެން ކަމަށެވެ.

އެ ފައިސާ ޔާމީން ހޯއްދެވީ އަމިއްލަފުޅު ބޭނުމެއްގައި ކަމަށް ބެލެވޭ ކަމަށާއި އެކަމަކު އެއީ ކޮން ބޭނުމެއްގައިކަން ބައްލަވާފައި ނުވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. ޒަމީރު ވަނީ އެ ފައިސާ އާއި ގުޅޭގޮތުންނާއި، އަދި ފައިސާ ޖަމާ ކުރެއްވިތޯ ބެއްލެވުމަށް ދެ ފަހަރެއްެގެ މަތީން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ގުޅުއްވިކަމަށެވެ.

ހެކި ބަސް ދެއްވަމުން ރައީސް ޔާމީންގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި ބޭންކް އޮފް މޯލްޑިވްސް ބޯޑުގެ ކުރީގެ ީޑިރެކްޓަރެއްކަމަށްވާ މުހައްމަދު ލުވައިޒް ވިދާޅުވީ ރައީސް ޔާމީން އަމިއްލަ މުއާމަލާތްތަކެއް ކުރައްވަން ބޭނުންފުޅުވެގެން އާޒިމާ އޭނާއާ މުއާމަލާތުކުރެއްވި ކަމަށާއި އެކަމުގައި އެގްޒެކެޓިވް މެމްބަރުންނާ މުއަމާލާތު ކުރެއްވުމަށް ދަންނަވާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އޭސީސީން އެދިގެން ބީއެމްއެލްގައި ހުޅުވި އެކްސްކްރޯ އެކައުންޓާއި ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އޮޕަރޭޝަންސް ޑައިރެކްޓަރ މުހައްމަދު ޝަރީފް  ވިދާޅުވީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް އެކަމާއި ގުޅޭ މައުލޫމާތު އަރުވާފައިވާނެކަމަށާއި އެ އެކައުންޓު ހުޅުވުމުގައި އޭނާގެ އެއްވެސް އަމަލީ މަސައްކަތެއް ނޯންނާނެކަމަށެވެ. އެއަށްފަހު އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާ ކުރުމާއި ގުޅޭގޮތުންނާއި، އެސްކްރޯ އެކައުންޓު ހުޅުވި ކަމުގެ ލިޔުމެއް ހޯދުމަށް އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ގުޅުއްވިކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތް ނިންމާލަމުން ގާޒީ ވަނީ ދިފާއުން ހުށައަޅާފައިވާ ހެކީގެ ހެކިބަސް ވެސް ދެން އަންނަ ޝަރީއަތެއްގައި ނަގާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި ހުށައަޅުއްވާފައިވާ ހެއްކަކީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމެވެ.

ދިފާއީ ހެކީގެ ހެކިބަސް ނެގުމުގެ އިތުރުން ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ.

މަނީ ލޯންޑަރިން މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެއްޖެނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: