ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރަނީ ޝަކުވާ، ކަމެއް ނުކުރެވޭ، ޝިފާއާއި ޝަމާއު ދެން ސިޓީ ކައުންސިލުން އިސްތިއުފާ ދެއްވާ!

ފޮޓޯ: މިހާރު އޮންލައިން / ސިޓީ ކައުންސިލް އޮތީ ފެއިލްވެފަ
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނުގައި ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފުޅާކޮށް ބަޔާންކޮށްފައިވެއެވެ. މަގުތައް ހެދުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމާއި މާލޭ ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި ތަރައްގީކޮށް، ގާނޫނުގައިވާ ގޮތުގެ މަތިން ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަކީ ވެސް، ގާނޫނީ ގޮތުން ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.

ލާމަރުކަޒީ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުން މަގުތަށް ހެދުމާ މަގުތަށް މަރާމާތުކޮށް ބެލެހެއްޓުން އެއީ ސިޓީކައުންސިލުން ކުރަން ޖެހޭ ކަމެކެވެ. ހަމަ މި މާއްދާގެ (ށ)ގައި ބުނެފައި ވަނީ އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމަކީ ވެސް ސިޓީ ކައުސިލްގެ ޒިންމާއެއްކަމުގަ އެވެ. މީގެ އިތުރުން ކަރަންޓާއި ފެނާ، ފާހާނާ އަދި ނަރުދަމާގެ ނިޒާމު ފޯރުކޮށް ދިނުން ވެސް ސިޓީ ކައުންސިލްގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި މާލޭގެ މަގުތަކުގައި ފެން ހިންދަން ހަދާފައި ހުންނަ ކާނުތަށް ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ސިޓީ ކައުންސިލްގެ ޒިންމާއެކެވެ.

ފޮޓޯ: މިހާރު އޮންލައިން / މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން، ގިނަ މެމްބަރުން ނުވެސް ފެނޭ

މި ގާނޫނުގައި އެއްގޮތަކަށް ވެސް ސިޓީ ކައުންސިލް މަައްސައްކަތް ކުރަންވާނީ ވަކި ބަޔަކަށް ފައިދާ ވާގޮތަށް، ވަކި ބައެއްގެ މަސްލަހަތުގައި ކަމަށް ބުނެފައި ނެތެވެ. އެހެން ނަމަވެސް، މާލޭ ސިޓީ ކައުންސިލްއަށް ބަލާލަމާތޯއެވެ. ކައުންސިލްގެ އަމަލުތަކުންނާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ދައްކަވާ ވާހަކަތައް އަދިވެސް އަދިވެސް ބަދަލުވާކަށް ނޫޅެއެެވެ. ކައުންސިލަކީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ތިބި ބައެއް ކަމާ މެދު ވެސް ސުވާލު އުފެދެއެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ޝިފާއާއި ޝަމާއު އަވަދި ނެތި އެ ތިއްބެވީ ވަކީ ބައެއް ދިފާއު ކުރުމަށެވެ. ސިޔާސީ ހަރަކާތަކަށް ނިކުންނަން ވެއްޖެނަމަ ވަރަށް ފޯރި ހުންނާނެއެވެ. ކުރީ ސަފުގަތިއްބަވައިގެން، ތިިމަންނާމެންގެ ބާރެއް ނެތޭ، ތިމަންނާމެންގެ ބާރެއް ނެތޭ ބުނި އަދަދެއްވެސް ނޭނގެއެވެ. ކަމެއް ނުކުރެވޭނަމަ ސިޓީ ކައުންސިލް ހަމަ އުވާލަންވީއެވެ. ނޫނީ އިސްލާހުތަކާއި އެކު އަންނަން އޮތް ދައުރަށް މުޅިން އާ މޫނުތަކެއް އެ މަގާމަށް ގެންނާށެވެ.

މާލެސިޓީ ކައުންސިލްގެ ބޭއްވުމުގެ އެއްވެސް ބޭނުމެއް ފައިދާއެއް ރާއްޖޭގެ ރައްޔިތުންނަކަށް ނެތެވެ. ބޭކާރު ލާރި ތަކަކާއި ޖަދަލުކޮށް ފުރައްސާރަކޮށް ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ހުރަސް އަޅާ ބައެެކެވެ. މާލޭގެ ރައްޔިތުންނަށް ހިތްހަމަޖައްސައިދިނުން ހޯދުމަށް ހެދި ޕާކުތައް ނަގާ ޕާކިން ޒޯނަކަށް ހަދައިފިއެވެ. ލިބުނު ބަޖެޓަށް ހެދިގޮތެއްވެސް ނޭގުނެވެ. ސަބަބަކީ އިހަށް ދުވަހުވެސް ޕްރެސްއެއް ބާވާ މަމެން އަތުގައި މާލީ ބާރުވެރިކަމެއް ނެތޭ ވިދާޅުވުމުންނެވެ.

ފޮޓޯ: ޕީއެސްއެމް/ ސިޓީ ކައުންސިލުން ކޮންމެ ކަމެއްގެ ޒިންމާ އަޅުވަނީ ކުރީގެ ސަރުކާރުގެ ބޮލުގައި

މޭޔަރު ޝިފާއާއި، ޝަމާއު އަޑު އައްސަވާށެވެ. މާލޭގެ މަގުތަކުގަ ދުއްވޭކަށްނެތެެވެ. އެއީ އިއްޔެވެސް މިއަދުގެވެސް ހާލަތެވެ. އެހެން ނަމަވެސް މިއަދާއި އިއްޔެގެ ތަފާތު ދަންނަވަން ތޯއެވެ. މިއަދު ވެރިކަމުގައި ހުންނެވީ ޝިފާ އާއި ޝަމާއު ތިވިދާޅުވީ ބާރުތައް ކިހިލީގައި ޖަހާލި ބޭފުޅެއް ނޫނެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ދިނީ ބާރެވެ. ދެއިރު ދެ ދަޅައަށް ޓީވީތަކަށް އަރުވާ ކުރި ޝަކުވާތަކަށް ހައްލެކެވެ. ދެން މައްސަލައަކީ ކޮބައިތޯއެވެ. 10 މަސްވެގެން ދިޔައިރު މާލޭގައި ސިޓީ ކައުންސިލަށް ކުރެވުނު އެންމެ ފައިދާހުރި ކަމެއް ދައްކާލިޔަސް ބުޅާ ރޯ މަހެއް ނުކާނެއެވެ.

ރައްޔިތުން މިތިބެންޖެހެނީ ވާރޭ ވެހިއްޖިއްޔާ ކަކޫތާ ފެނުގައެވެ. އަދިވެސް މަސައްކަތް ކުރަނީ ކުރީގެ ސަރުކާރޭ، ކުރީގެ ސަރުކާރޭ ކިޔާ ބޯ ދަމައިގަނެވޭތޯ އެވެ. އެއްކަމެއް ނުވިޔަސް، އެ އޮތީ މުސާރަ ބޮޑުކޮށްދީފައެވެ. ވޭތުވެ ދިޔަ ދިހަ މަސް ދުވަސްތެރޭ ޕްރެސްއެއް ބާއްވާލީ އެންމެ ތިން ފަހަރެވެ. މުސާރަ ބޮޑުކޮށް މި ބޭކާރު ޚަރަދު ދައުލަތުން ނުކޮށް ކަމެއް ވާ ބަޔަކާއި މިކަން ހަވާލު ކުރުން މާ ރަނގަޅެވެ. ދެއިރު ދެ ދަޅަޔަށް ސިޔާސީ ޓްވީޓު ކުރާ މީހުންނަށް ވުރެ، ގާބިލު ބަޔަކު ސިޓީ ކައުންސިލަށް ގެނައުމުން މާލޭގައި ދިރި އުޅޭ ރައްޔިތުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން ޚިދުމަތް ޔަޤީންކަމާ އެކީ ލިބޭނެކަން ކަށަވަރެވެ.

ފޮޓޯ: މަޖިލީސް އިދާރާ / ސިޓީ ކައުންސިލްއަށް ބާރުތައް ވަނީ އަނބުރާ ދީފައި، އެހެން ނަމަވެސް އަދިވެސް ޝަކުވާ ކުރުމުގައި

ހަނދާންކޮށް ދީފާނަމެވެ. ކައުންސިލްތަކަށް ދެވިފައިވާ ބާރުތައް ނެގުމުގެ ސަބަބުން އެންމެ ހާލުގައި އުޅެން ޖެހުނީ ސިޓީ ކައުންސިލްތައް ކަމަށް އެ ކައުންސިލްތަކުން އޭރު ދިޔައީ ބުނަމުންނެވެ. 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް އިބުރާހީމް މުޙައްމަދު ޞާލިހު ތަކުރާރުކޮށް ވައުދުވެ ވަޑައިގެންނެވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ކައުންސިލްތަކަށް ހަގީގީ މާނާގައި ބާރުވެރިކަން ދެއްވާނެ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގެން ޖުމްހޫރިއްޔަތާ ހަވާލުވެވަޑައިގެން ކައުންސިލްތަކަށް ހަނިކޮށްފައިވާ ބާރުތައް ދެއްވިއެވެ. އެމަނިކުފާނުގެ އެ ނިންމެވުމާއެކު ގިނަ ރައްޔިތުންތަކެއް ބުނަމުން ދިޔައީ ރައްޔިތުންގެ ހައްގުގައި ދެން ކައުންސިލްތަކަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު ހަމަ އެއާއި އިދިކޮޅެވެ. ދެ އަތް އުރާލައިގެން ތިބެ މުސާރަ ނަގައިގެން ގޮނޑި ހޫނުކުރަނީއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި، ކުޑަ ކުއްޖެގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ނިޔާވި ހާދިސާއާއި ގުޅިގެން ސިޓީ ކައުންސިލަށް އެޅުނު ހަމަ އެއްވެސް ފިޔަވަޅުވެސް ނެތެވެ. އެކަމަށްވެސް 10 މަސް ދުވަސް ވެގެންއައި އިރު ޝިފާއަށް އަދި ޝަމާއުއަށް އެޅުނު ފިޔަވަޅެއްނެތެވެ. ރައްޔިތުންގެ ޝަކުވާތައް އިންތިހާގައެވެ. ނުގަވައިދުން މާލޭގެ ތެރޭގައި ހިނގާ ކޮންމެ ކަމަކަށް ދެނީ ބީރު ކަންފަތަކެވެ. މީގެ ދެ މަސް ދުވަސް ކުރިން، މާލޭގެ މަގުތަކުގަައި ހުރި ޕެލެޓުތައް ނަގާ، ބޮޑު މަޝްރޫއެއް ފަށިއެެވެ. އެއަށް ވެސް ވީ ކަމެއް ނޭނގެއެވެ. ރައީސް، ޔާމީންގެ ސަރުކާރު އެ އޮތީ ބަދަލުވެފައެވެ. ނުލިބިގެންން އުޅެނީ ކޮން ބާރެއް ހެއްޔެވެ.

ދެން އޮތީ އަނެއް ވާހަކައެވެ. މި ސުވާލަށް ޝިފާއަށްވެސް، ޝަމާއުއަށްވެސް ޖަވާބެއް ދެއްވަން ނުކެރޭނެއެވެ. ދާދިފަހުން، ހ.ތިލަފުށިގޭގަައި ހަދާފައިހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ޝިފާއަށް ހުއްޓުވުނީހެވެ. އެތަނުގެ ޝަކުވާތައް މީގެ ކުރިން ސިޓީ ކައުންސިލްއަށް ވަނީ ސިޓީތަކުން އޮއްސާލާފައެވެ. މިއީ ހަގީގަތަވެ. އަނެއްކާވެސް ބޮޑު ޕްރެސްއެއްވެސް މިކަމަށް ބާއްވާ ޝަކުވާގެ ސިޓީ ނުލިބޭކަމަށް ބުނަންވީހެއްޔެވެ. ކެރިގެން ހުރެ، ބުނަމަވެ. ޝިފާއަކަށްވެސް ޝަމާއުއަކަށްވެސް މިކަން ދޮގު ކުރާކަށް ނުކެރޭނެއެވެ.

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު މުހައްމަދު — ގުދަނާއި ގުޅޭގޮތުން ސިޓީ ކައުންސިލަށް ޝަކުވާ ހުށަހެޅި

2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އުފެދުނު މާލޭ ސިޓީ ކައުންސިލް މިއަދު މިވަނީ ފެެއިލްވެފައެވެ. ސިޓީ ކައުންސިލްގެ ގާބިލް ކަމާމެދު ސުވާލު އުފެދެއެވެ. ފުރަތަމަ ފެށިގެން އައި އިރު ސިޓީ ކައުންސިލަކީ ހިންގުންތެރި ޒިންމާ އަދާ ކުރާ ތަނެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ނަމަވެސް މިހާރު މާލޭ ސިޓީ ކައުންސިލަށް އެ މީހުންގެ ފުރިހަމަ ޒިންމާ އަދާކުރެވޭ ތަނެއް ނުފެނެ އެވެ. ސިޓީ ކައުންސިލްއިން ބޭނުންވި ކަމެއް ހާސިލްވެފައި އެބައޮތެވެ. އެއީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމެވެ. އަނިޔާވެރިކަމަށް ބުނެއެވެ. ދެން އޮތީ، ޒިންމާއެއް އަދާ ނުކުރެވޭ ސިޓީ ކައުންސިލް ބޭރު ކުރުމެވެ. ޝިފާ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރެވިއެވެ. ކުރެވުނު ކަމެއް ނެތެވެ. އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރެވިއްޖެއެވެ. ކުރެވުނު ތުހުމަތުތައް މާބޮޑެވެ. ކޮރަޕްޝަން އިންތިހާއަށް އޭރު އެ މިނިސްޓްރީ ތެރޭގައި އޮތެވެ. ސިޓީ ކައުންސިލެއް ހިނގާކަށް ވެސް ނޭނގުނެވެ. ދެން އިސްތިއުފާ ދެއްވާށެވެ. ޝަމާއުވެސް ޝިފާއާއި އެއް މަގަކުން ހިންގަވާ އިސްތިއުފާ ދެއްވުން ބުއްދިވެރިއެވެ. ސިޔާސީ ވާހަކަ ދައްކާ، ޓްވީޓު ކުރުމަށް ލިބޭ ވަގުތުވެސް އިތުރުވާނެތާއެވެ. ރައީސް ޔާމީން ވަކި ރަނގަޅު ކުރަނީއެއް ނޫނެވެ. އެހެން ނަމަވެސް އެމަނިކުފާނުވެސް ވިދާޅުވީ ހަމަ ތެދެކެވެ. ސިޓީ ކައުންސިލުގެ ޒިންމާ އެބަ އަދާކުރެވޭ ހެއްޔެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: