ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން ފިނދަނަ ތަކަކަށް ނުވި!

ހ.ތިލަފުށިގޭގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިން ހަރަކާތްތެރިވަނީ: ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރު ބޮޑު ހުޅުގެ ހާދިސާ މިހާރު ނޭނގޭ ކުޑަކުއްޖަކު ނެތޭވެސް ބުނެވިދާނެއެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ރޭ އިރާކޮޅު 19:28 އެހާކަންހާއިރު ހ.ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ އެކަކުގެ ފުރާނަ މިދުނިޔެއާއި ވަކިވެ 7 އިމާރާތް އަނދާ ހުލިވެ 500 އަށް ވުރެ ގިނަ މީހުން ހާލުގައިޖެހުނު ހިތްދަތި ހާދިސާގެ ވާހަކައެވެ. އެރޭގެ ހާދިސާގައި ދިވެހިން ދައްކައިދިނީ ވަތަނީ ފިކުރު ކުރިޔަށް ނެރެގެން ބޮޑު ހުޅަށް ނުގުޑާ އަޒުމެކެވެ.

ފުލުހުންނާއި ސިފައިންނާއި އާންމު ރައްޔިތުންނެކޭ އެއްފަދައިން ބަންގްލަދޭޝް “ބޮންދުން” ގެ އާދަޔާ ޚިލާފް ޖޯރު ފެނިގެންދިޔައެވެ. މިއުޅެނީ ވަކި ބަޔަކަށް ސަނާކިޔާކަށް ނޫނެވެ. މިއީ ހަގީގަތެވެ. މިފަދަ ކޮންމެ ހާދިސާއެއް މެދުވެރިވާ ކޮންމެ ހާލަތެއްގައި އެންމެ ފުރަތަމަ ގޮވާލެވެނީ ދިވެހި ސިފައިންނަށެވެ. މިއުޅެނީ ސިފައިންނަށްވެސް ސަނާ ކިޔާކަށް ނޫނެވެ. އެއީ ސިފައިންގެ ޑިއުޓީއެވެ. އެހެން ނަމަވެސް ދިވެހި ސިފައިންގެ ޚިދުމަތް ބަލައި ނުގަތުމަކީ ދިވެއްސެއްގެ ކިބައިން ދިވެހި ވަންތަކަން އުނިވެގެން ނުދާންވީ ސަބަބެއް ވޭސް ނޫނެވެ.

ދިވެހި ސިފައިންގެ އަގުހުރި ޚިދުމަތް ގުނާ އަދަދު ނުކުރެވޭނެކަން ތާރީޚު ހެކިދެއެވެ. މިފަދަ ކޮންމެ ހާދިސާއެއްގައި ސިފައިން މަސައްކަތްކޮށްފައިވަނީ ހަމައެކަނި ޑިއުޓީ ކަމަށް ދެކިގެނެއް ނޫނެވެ. ގައުމީ ވާޖިބާއި އަމިއްލަ އިސްނެގުމާއި ފަރުދީ ޒިންމާގެ އިތުރުން ވަތަނީ ޖޯޝުގައި ފުރާނައަށް ބެލުމެއް ނެތިއެވެ. މިފަދަ ކިތަންމެ ހާދިސާތައް ދިވެހިން ތަޖުރިބާކޮށްފިއެވެ.

2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަކީވެސް ނުރައްކާތެރި ހާދިސާއެކެވެ. މާފާންނު ކޯސްޓްލައިން ހާޑްވެއާ ފިހާރާގައި ރޯވެ އެ ފިހާރަ އަނދައި ބިމާއި ހަމަވެގެންދިޔައިރު އެހިސާބުގެ ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. މުޅި ކޮށިން މީހުން ހުސްކޮށް ދައުލަތުގެ ހަރަދުގައި ގެސްޓު ހައުސްތަކަށް މީހުން ބަދަލު ކޮށްފައިވެއެވެ.

އެހާދިސާގައި ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ބެލުމުގެ ދަށަަށް 136 ފަރާތެއް ގެންގޮސްފައިވެއެވެ. މި ހާދިސާގައި ސިފައިންގެ ފަރާތުން ފެނިގެންދިޔައީ ޑިއުޓީ އަދާކުރުމަށްވުރެން ބޮޑަށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. ކޮންމެހެން މިކަމުގެ މާ ބޮޑު ތަފްސީލަކަށް ފީނާކަށް ނެތީމެވެ. 04:30 އެހާއިރު ކޯސްޓްލައިންގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީ އެރޭ 8:00  ޖެހި ފަހުންނެވެ.

މާފަންނު ކޯސްޓްލައިން ފިހާރައިގައި ރޯވި ހާދިސާ: ފޮޓޯ ޕީއެސްއެމް

2013 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 02 ވަނަ ދުވަހު މަޖީދީމަގު ތެލެސީމިއާ ސެންޓަރު ކުރިމަތީގައި ހުންނަ ހ.ލަންޗްމީޑް ގޭގެ ހަތަރު ވަނަ ބުރީގައިވެސް ހިނގީ ހަމަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެކެވެ. މިގޮތަށް ގޮސް ކިތަންމެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު ސިފައިންގެ ފަރާތުން ފެންނަމުންދަނީ މިފަދަ ކަންކަމުގައި ހޭވައްލާ ތައްޔާރަށް ތިބޭ މަންޒަރެވެ. އެއްވެސް ހާލެއްގައި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އާންމުންގެ ފަރާތުން މިފަދަ ކޮންމެ ހިތާމަވެރި ހާދިސާއެއްގައި ލިބޭ އެއްބާރުލުން ހަނދާން ނައްތައި ނުލަމެވެ.  

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަަހަރުގެ މާރޗް މަހާއި ހަމަޔަށް ޖުމްލަ 86 އަލިފާނުގެ ހާދިސާ ހިނގާފައިވެއެވެ. މީގެ ކޮންމެ ހާދިސާއެއްގައި ބޮޑު ހުޅާއި އެންމެ ފުރަތަމަ ކުރިމަތިލަނީ ދިވެހި ސިފައިންނެވެ. ވަދެވެން އޮތް ގޮތަކަށް އެ ސަރަހައްދަކަށް ވަދެގެންނެވެ. އެރެން އޮތް ގޮތަކަށް އިމާރާތްތަކަށް އަރައި އާންމުންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތްކުރާއިރު ޑިއުޓީއަށް ނިކުންނަނީ އަނބުރާ ގެޔަށް ނުވަތަ އާއިލާ ކައިރިއަށް ދެވޭނެ ކަމުގެ އުންމީދަކު ނޫނެވެ.

ނަމަވެސް މިއަދު ފެންނަމުންދާ މަންޒަރަކީ މުޖުތަމައުގެ ތެރޭގައި ސިފައިންނަށް ދެވިފައިވާ ގަދާރާއި އިހުތިރާމް ކުޑަކޮށްލުމަށް މަސައްކަތް ކުރި ބަޔަކު ސިފައިންނާ ހަވާލުވުމަށް ފަހުވެސް މިފަދަ ބޮޑެތި ހާދިސާތައް ހިނގަމުންދާއިރު އެންމެ އެދެވޭގޮތެއްގައި ވީހާވެސް ގާތުން ކަންކަން ބަލަހައްޓަމުން ނުދާ މަންޒަރެވެ. އެއްވެސް ހާލެއްގައި މިކަން ސިޔާސީ ކުރަނީއެއް ނޫނެވެ. ނުވެސް ކުރާނަމެވެ. ޕްލޭނިންގެ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވިހެން މިއީ އެކަކު އަނެކަކު އިނގިލި ދިއްކުރަންވީ ވަގުތެއް ނޫން ވިއްޔާތާއެވެ. އެހެން ނަމަވެސް ސުވާލުތ މާކު ތަކެއް 6 ފަރާތުން ވަށާލާނަމަ ޖަވާބުވެސް ހޯދަންވާނެ ތާއެވެ.

ދާދި ފަހުން މިހިނގާފައިވާ ހާދިސާގައި ސަރުކާރުން ވަނީ ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެކަން ގަބޫލުވެސް ކުރަމެވެ.

މާފަންނު ކޯސްޓްލައިން ފިހާރައިގައި ރޯވި ހާދިސާ: ފޮޓޯ މީސް މީޑިއާ

ޗީފް އޮފް ޑިފެންސް ފޯރސްގެ އިތުރުން ސިފައިންގެ އެންމެ މަތީވެރިޔާ ކަމަށް ވާ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ލަފަޔާއި މަޝްވަރާގެ މަތިން ދިވެހި ސިފައިންގެ ޚިދުމަތް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ހުންނަވާ ދިފާއީ ވަޒީރުގެ ޒިންމާވެސް މިފަދަ ހާދިސާ ތަކުގައި ވަކި ކުޑައެއް ނޫނެވެ. މިދައްކަނީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ ވާހަކައެވެ. ކޮންމެހެން ނުބުނާންވީ ސަބަބެއް ނެތްތާއެވެ. ތެދެކެވެ އެކަމަނާ ފުލް ގިއަރުގައި ސީންގެ ތެރެއަށް ވަޑައިގެންނެވިއެވެ. ކުރިންވެސް ފާހަގަކޮށްލިހެން އެއީ މިމަހުގެ 20 ވަނަ ދުވެހުގެ ރެއެވެ. ޖެހިގެން އައި ދުވަހުގައި އެކަމަނާ ނޫސްވެރިންނާއި ބައްދަލުކުރައްވައި 27 ފަހަރު ގަވައިދޭވެސް ވިދާޅުވިއެވެ. ހަމަ ކަމުގެ މުހިންމުކަމުންނެވެ. އެކަންވެސް ގަބޫލުކުރަމެވެ.

އެހެން ނަމަވެސް މިފަދަ ބޮޑެތި ހާދިސާތަކުގައި އަދި ވަކިން ޚާއްސަކޮށް ހެންވޭރު ބޮޑު ހުޅުގެ ނާމާން ހިތްދަތި 8 ގަޑިއިރުގެ ތެރޭގައި ކުޑަ ޖަޒީރާ ރީތި ޗާލު ރަށެއްގެ އާބާދީއެއްހާ ރައްޔިތުން ހާލުގައި ޖެހުނު އިރު އެކަމަނާ އެންމެ ޕްރެސް އަކުން ފުއްދާލީ ކީއްވެތޯ މިއީ ގިނަ ފަރާތްތަކުން ކުރެވޭ ސުވާލެކެވެ. ސިފައިންގެ ބްރިގޭޑިއަރ ޖެނެރަލް ފެންވަރުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި ކަންކަން ރާއްވަވާއިރު ޕްރައިވެޓް ރޭންކުގެ ބޭފުޅުންނާއި އެކު މުޅި ހާދިސާގައި އަމަލީގޮތުން ނޫޅުއްވީ ކީއްވެތޯ ކުރެވޭ ސުވާލެވެ. ނުވަތަ ރައީސް ސާލިހް ފުލް ސްޕީޑުގައި ހަރަކާތްތެރި ވެވަޑައިގެންނެވިއިރު ދިފާއީ ވަޒީރު ވީ ކޮންތާކުތޯ ބުނެ ކުރެވޭ ސުވާލެވެ.

އަޅުގަނޑު ހިތައް އަރައެވެ. ފަހަރުގައި ސަރަހައްދުގައި ނެތަސް އެކަމަނާ އެރޭ ކަންކަން ބެއްލެވުމަށް އަވަދި ނެތި އުޅެއްވަފާނެއެވެ. އެހެނަސް އަޅުގަނޑުގެ ޚިޔާލާއި ކުޅެލާ ބައެއް ފަރާތްތަކުގެ ސުވާލުތަކުގެ ދަލުގައި ރަނގަޅަށް ޖެހި ތާށިވީ މިމަހުގެ 22 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާއީ ވަޒީރަށް ނޫސްވެރިން އަމާޒު ކުރަން ހުރި ސުވާލުތަކަށް މުޅިން އެހެން ކަމަކާއިބެހޭ ވަޒީރަކު ޖަވާބު ދެއްވަން ޖެހުމުންނެވެ. ތެދެކެވެ ދިފާއީ ވަޒީރުގެ ރޯލް ކުޅުއްވަން ޖެހުނީ ޕްލޭނިންގެ މިނިސްޓަރަށެވެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ދިފާއީ ވަޒީރު 27 ފަހަރު “ގަވާއިދު” މި ލަފްޒު ވިދާޅުވުމަށްވުރެ ޕްލޭނިންގެ މިނިސްޓަރުގެ ޕްލޭން މާ ހިތްގައިމެވެ. ޖަވާބު ދެއްވީ ވަރަށް ޕްލޭންކޮށްގެނެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ: ފޮޓޯ ޕީއެސްއެމް

މިހާ ހިސާބުން އުފެދޭ ސުވާލަކީ ދިފާއީ ވަޒީރު މިހެއްދެވި ގޮތަކާއިމެދުގައެވެ. ދިވެހި ތާރީޚުގައި ރާއްޖެއަށް އެންމެ ވަރުގަދަ އުދުވާނީ ހަމަލާއެއް ދެވުނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. އެއި ބަޑި ބުރާސްފައްޗެވެ. 19 ދިވެހިން ޝަހީދުކޮށްލެވުނެވެ. ސިފައިންގެ އެތަކެއް ބޭކަލުންވެސް ހިމެނެއެވެ. ދިވެހި ސިފައިންނަކީ ހިތްވަރުގަދަ ބައެއްކަން އެދުވަހު ދައްކުވައިނުދެއޭ ބުނުމުގެ ޖާގައެއް ނެތެވެ.

2012  ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ހއ.ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ދިވެހި ސިފައިންނަކީ ފިނޑި ބައެއް ކަމަށެވެ. ރާއްޖެއަށް 3 ނޮވެމްބަރު 1988 ގައި ދިމާވި ބޮޑު އުދުވާނުން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ސިފައިން ވެފައިވާ ގުރުބާނީއަށް މާރިޔާ އެރޭ ހަގޫ ޖެއްސެވިއެވެ.

މާރިޔާ އެރޭ ދިވެހި ފަޚުރުވެރި ސިފައިން ސިފަކުރެއްވީ “ފިނދަނަތަކެއް” ގޮތުގައެވެ. އެކަމަނާ ވިދާޅުވީ ތިރީހަކަށް ތަމަޅައިން އައީމަ އެމީހުންނަކީ ހަތިޔާރު އަޅައިގެން ތިބި ބަޔެކޭ ކިޔާފައި ދިވެހި ސިފައިން ފިލިކަމަށެވެ. އެކަމަނާ އެހެން ވިދާޅުވިތާ މިހާރު 5 އަހަރުވީއެވެ. މިއަދު އެކަމަނާއަކީ ގައުމުގެ ދިފާއީ ވަޒީރެވެ. މިއަދު ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވަން ޖެހިދާނެކަމެއް އެދުވަހަކު ހިތްޕުޅަށް އަރައިވަޑައި ނުގަތަސް ދުނިޔެ ދައްކާ ހަގީގަތް ނިކަން ބަލާށެވެ.

ނިމިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް މުހައްމަދު ޝަރީފް ގެ ވާހަކައެވެ. އަޅުގަނޑު މި ވާހަކަ ދައްކާ ހިތް ނުވިޔަސް އާދަމް ޝަރީފްވެސް ރަނގަޅު އެއްޗެއް ވިދާޅުވެއްޖެއްޔާ އެވާހަ ބުނެލަންވާނެ ނޫންތޯއެވެ.

އޭނާ ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސިފައިންނާއި މެދު ދެކޭގޮތް ހިއްސާކުރައްވާފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ މިހާރު

“އެ ހާދިސާ ހިނގައިގެން ދިޔަ ވަގުތު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތުގައި އެވަގުތާއި ހާލަތަށް ބަލާއިރު، ވަރަށް ރަނގަޅަށް ސިފައިން ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި. އެއްގޮތަކަށްވެސް އެމީހުން “ފިނދަނަ” އެއްހެން ފިލާ ތިބީކީއެއް ނޫން. ހަމަ ވަރަށް ޒިންމާދާރުކަމާއި އެކީގައި ސީދާ ފުރާނަ އަތްމައްޗަށް ލައިގެން ވަރަށް ޒިންމާދާރުކަމާއެކީގައި އަލިފާންގަނޑުގެ ތެރެއަށް ވަދެގެންގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެ ކުރެއްވީ. އެހެންވީމާ އަޅުގަނޑުމެން “ހެޓްސް އޮފް” އެމްއެންޑިއެފް އަށޭ ބުނަންޖެހެނީ އަބަދުވެސް. އެއީ އެމީހުންނަކީ އެއްވެސް އިރެއްގައި އެއްވެސް ކަމަކަށްވުރެ ގައުމާއި ރައްޔިތުން، ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރަމުންދިޔަ ބައެއް.” އާދަމް އުމަރު ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އެ ވިދާޅުވީ ތެދެކެވެ. ހެންވޭރުގެ ބޮޑު ހުޅުގެ ހާދިސާގައި ސިފައިން އެއްގޮތަކަށް ވެސް ފިނދަނަ ތަކެއް ހެން ނުފިލައެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަށް އެބޭފުޅުން ކުރެއްވި މަސައްކަތް ސީންގައި ހުންނެވި ވަގުތުކޮޅުގައި ވަރަށް ގާތުން ފެނިވަޑައިގަންނަވާނެއެވެ. އެއޮތް ބޮޑު ބިޔަ އަލިފާންގަނޑާ ކުރިމަތިލި އިރު ފިނދަނަތަކެއް ހެން ސިފައިން ނުފިލައެވެ. ދެން އަދި 30 ތަމަޅައިން އެރީމާ ވަކި ފިލާނެތޯއެވެ. އެހެންވިއްޔާ ފިނދަނައެއްހެން ފިއްލެވި ބޭފުޅަކީ ކޮބައިކަން މިހާރު އޮޅިއްޖެއެވެ. ހަމަގައިމުވެސް މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ޑިިފެންސް މިނިސްޓަރގެ ރޯލް ކުޅުއްވީ ޕްލޭނިން މިނިސްޓަރެވެ.

 

https://www.facebook.com/icade11/videos/2309482095967845/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: