ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގ.ފެހިމާގެ ގުދަނަށް ކެމިކަލް ވައްދަނީ ޑިފެންސް މިނިސްޓްރީއިން ހުއްދަ ދީގެން: ޕޮލިސް

ގ.ފެހިމާގޭގައި ހަދާފައިވާ ކެމިކަލް ގުދަން: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގ.ފެހިމާގެ އަށް ކެމިކަލް ވައްދަނީ ޑިފެންސް މިނިސްޓްރީއިން ހުއްދަ ދީގެންކަމަށް ފުލުހުން ބުނެފިއެވެ.

މާލޭގައި ހުކުރު ދުވަހުގެ ރޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ 7 އިމާރާތް އަނދާ ހުލިވުމާއި ގުޅިގެން މީހުން ދިރިއުޅޭ ސަރަހައްދުން ކެމިކަލް ބޭރުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނިންމާފައިވެއެވެ.

އޭގެ ދެ ދުވަސް ފަހުން މިއަދު ގ.ފެހިމާގޭގައި ހަދާފައިހުރި ކެމިކަލް ގުދަނަކަށް ފައިބަރ ކެމިކަލް ވައްދާ ވީޑިއޯއެއް ސަންގަށް ލިބުމާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކުގެ ބަހެއް ލިބޭތޯ މަސައްކަތް ކުރެވުނެވެ. އަދި ކެމިކަލް ވައްދަނީ ހުއްދަ ލިބިގެންކަމަށް އެގުދަނުން އާންމުންގެ ބައެއް ކައިރީގައި ބުނެފައިވާކަމަށްވެސް ސަންގަށް ވަނީ ކަށަވަރުކުރެވިފައެވެ.

މިކަމާއި ގުޅިގެން ސިފައިންނާއި ފުލުހުންނާއި އެ ވީޑިއޯ ހިއްސާކުރުމުން އެންމެ ފުރަތަމަ ޖަވާބު ދިނީ ފުލުހުންގެ އިދާރާއިންނެވެ. ފުލުހުން ފުރަތަމަ ބުނެފައިވަނީ ކެމިކަލް ގުދަންތަކާއި ގުޅޭ ކަންކަމުގައި އެ އިދާރާއިން އެއްވެސް ހުއްދައެއް ދީފައި ނުވާނެކަމަށާއި އެކަންކަމުގެ ހުއްދަ ދޭނީ ޑިފެންސް މިނިސްޓްރީއިން ކަމުގައެވެ.

https://twitter.com/PoliceMv/status/1175707359173234688

ބެލެވޭގޮތުގައި އެމްއެންޑީއެފްގެ ސީދާ ރަސްމީ ޖަވާބެއް މިކަމުގައި ލިބިފައިނެތީ ފުލުހުން ބުނެފައިވާގޮތަށް މިފަދަ ހުއްދަތައް ދޫކުރުމުންދަނީ ސީދާ މިނިސްޓްރީ އިން ކަމުގައި ވާތީއެވެ. ސަންގުން ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީގެ ސަމާލުކަމަށްވެސް މިކަން ގެނެސްފައެވެ.

ގ.ފެހިމާގޭގައި ހަދާފައިވާ ކެމިކަލް ގުދަނަށް ކެމިކަލްތަކެއް މިއަދު ވެއްދި މައްސަލައާ ގުޅިގެން ދެވަނަ ފަހަރަށް ފުލުހުން ބުނީ އެ އިދާރާއަށް މި މައުލޫމާތު ލިބުމުން އެ ގުދަނަށް ގޮސްފައިވާކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރަން ތިބި ފަރާތްތަކާއި ސުވާލުކުރުމުން ޑިފެންސް މިނިސްޓްރީ އިން ދީފައިވާ ކެމިކަލް ގެންގުޅުމުގެ ހުއްދަ ފުލުހުންނަށް ދައްކާފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުން ވަނީ މިކަން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމްގެ ސަމާލުކަމަށް ގެނެސްފައެވެ.

މިބާވަތުގެ މައްސަލަތަކަކީ ފުލުހުންގެ މެންޑޭޓުގައި ހިމެނޭ ކަމަކަށް ނުވިޔަސް މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވަނީ ޒިންމާދާރުކަމާއިއެކުކަން ފާހަގަކުރެވެއެވެ. އުސޫލެއްގެ ގޮތުން ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދެނީ މިނިސްޓްރީ އޮފް ޑިފެންސްއިންނެވެ. އަދި ކެމިކަލް ރައްކާކުރާ ގުދަންތައް ޗެކް ކުރުންފަދަ އެންމެހާ ކަންކަން ބަލައި ފާސް ކުރާނީ މިނިސްޓްރީ އޮފް ޑީފެންސް އިން އަންގާ ގޮތެއްގެ މަތިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިންނެވެ.

މިކަމާގުޅިގެން ސަންގުން ތަކުރާރުކޮށް އެމްއެންޑީއެފްއާއި ސުވާލުކުރަމުން ދަނިކޮށް މާލެ ސިޓީގައި ކެމިކަލް ރައްކާކޮށްފައިހުރި ގުދަންތައް ބަލައި ފާސްކުރުމުގެ މައްސައްކަތް އެމްއެންޑީއެފް ފަޔަރ އެނޑް ރެސްކިއު ސަރވިސްފގެ ފަރާތުން ފަށާފައިވާކަމަށް މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވިއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ ސަރުކާރާއި ކަމާއިބެހޭ އިދާރާތަކާއިގުޅިގެން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މީގެ ކުރިން މާލޭގައި ގުދަންތައް ބަލައި ފާސްކުރިއިރު 126 ކެމިކަލް ގުދަން ހުރިކަން ފާހަގަކޮށްފައިވުމެވެ.

އެހެން ނަމަވެސް ކެމިކަލް ގުދަންތައް އަލުން ބަލައި ފާސްކުރުމަށް އެމްއެންޑީއެފް އިން މިއަދު ހާމަކުރުމުން މީގެ ކުރިން ބަލައި ފާސްކުރެވުނު ގުދަންތަކުގެ ތެރެއިން 126 ކެމިކަލް ގުދަން ބަލައި ފާސްކުރެވިފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ތޯ ސުވާލު އުފެދެއެވެ.

https://twitter.com/MNDF_Official/status/1175751121299656704

މިހާތަނަށް މި މައްސަލައަށް ހައްލެއް ގެނައުމަށް މާލޭ ސިޓީގައި އާންމު ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުން ކެމިކަލް ގުދަންތައް ބޭރުކުރުމަށް ސަރުކާރާއި ކަމާގުޅުންހުރި އިދާރާތަކުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާކަން ފާހަގަކުރެވެއެވެ.

އޭގެ ހެއްކަކީ  2016 ވަނަ އަހަރު މާފަންނު ކޯސްޓްލައިން ފިހާރައިގައި ރޯވެ އެތަކެއް ގެއްލުންތައް ލިބުނުތާ 3 އަހަރު ފާއިތުވެގެން ދިޔަ އިރުވެސް މިކަމަށް ހައްލެއް ލިބިފައި ނެތުމެވެ.

މި ހާދިސާ ހިނގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެމަނިކުފާނުގެ ސަރުކާރު ނިމުނު އިރު މާލޭގައި ޚާއްސަ ސިނާއީ ސަރަހައްދެއް ކަނޑައެޅިފައި ވީނަމަވެސް އާ ސަރުކާރުގެ ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައިވެސް މިކަމަށް ދާއިމީ ހައްލެއް ގެނެވިފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: