ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ބޮޑު ހުޅު: ބިރުވެރިކަމާއި ހާސްކަމުގެ 8 ގަޑިއިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ހުކުރު ދުވަހުގެ ރެއަކީ އާއްމުގޮތެއްގައި އޮފީހުގައި ބިޒީ ރެއެކެވެ. އަވަސް އަރުވާލާފައި ތައްޔާރުވަމުން ދިޔައީ ރޭގަނޑު 8 ގެ ހަބަރު ގަޑިއަށަވެ. ގަޑިން 7:30 ހާއިރު ވައިބާ ގްރޫޕަށް އައީ ފޮޓޯއެކެވެ. ބިރުވެރިކަމާއި ހާސްކަމާއި އެކު، އޭނާވެސް އުފެއްދީ ސުވާލެކެވެ. “ކޮންމެވެސް ކަމެއްވެގެން އެބަ އުޅޭ، އަވަހަށް ބަލާބަލަ” ބުނެ ފޮޓޯއާއި ވިދިގެން މެސެޖެއް ފޮނުވާލިއެވެ. މިއީ އެންމެ ފުރަތަމަ ހ.ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެގެން އެ އަލިފާންގަނޑު ކައިރީ ހުރީ ގެތަކަށް ފެތުރިގެންދިޔަ ބޮޑު ހުޅުގެ ވާހަކަ އަޑުއިވުނު ގޮތެވެ.

މާލޭގެ ސޯސަން މަގަށް، ދިޔައިރު މުޅި އެ ސަރަހައްދު އޮތީ އާންމުންނާއިއެކު ފުރިފައެވެ. މީހުންގަނޑުގެ ތެރެއިން ދެމިގަނެގެން މަޖީދީ މަގު ބީއެމްލް ބްރާންޗު ކުރިމައްޗަށް ދެވުނުއިރު، ފުރާނަ ސަލާމަތް ކުރުމަށް އެކި މީހުން ދުވަނީއެވެ. ރެޑް ކްރެސެންޓާއި، ފުލުހުން އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއި އެކު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކޮނޑުމައްޗަށް ލައިގެން ދުވަނީއެވެ. ކުރިމަތީ ފެންނަން ހުރީ ބޮޑު އަލިފާންގަނޑެކެވެ. އެއީ އާދައިގެ އަލިފާނެއް ނޫނެވެ. އޭރުވެސް، މީހުންގެ ހަޅޭކުގެ އަޑާއި ރުއިމުގެ އަޑުއިވެއެވެ.

ފޮޓޯ: ސަން އޮންލައިން / އަހުމަދު އަވްޝަން އިލްޔާސް — ހެންވޭރު ބޮޑު ހުޅު، އަލިފާން ގަނޑު ފެތުރިގެން ދިޔައީ ކުޑަ ވަގުތުކޮޅެއް ތެރޭ

ގަލޮޅު އަބަދަށް ފެހި މަގުގައި، ހުރި އެ ބޮޑު އަލިފާންގަނޑު މާލޭގެ އުސް އިމާރާތްތަކުގެ މަތީން ފެނާން ހުރީ ބިރުވެރި ސިފައެއްގައެވެ. މުޅި ސަރަހައްދުގައި ނުބައި ކެމިކަލެއްގެ ވަސް ހުއްޓެވެ. އިރުއިރުކޮޅާ، ގުދަނުން އަލިފާން ކަނިތަކެއް ބޯ ދުންގަނޑެއްހެން އަރައިގެން ދާތަން ފެނެއެވެ. އިރުއިރުކޮޅާ ހަވާ ފަޓާސް ބަރިއެއްހެން އަލިފާންގަނޑުގެ ތެރެއިން އެއްޗެހި ގޮވާ އަޑު ދިޔައީ ގަދަވަމުންނެވެ.

ވަށައިގެން ޓިނު ޖަހާ ބަންދުކޮށްފައި ހުރި ކެމިކަލް ގުދަނެއް ތެރެއިން ކުއްލިއަކަށް ބާރު އަޑެއް ގޮވައި ބޮޑު އަލިފާންގަނޑެއް ފަޅައިގެން ދިޔައީ އެވެ. ރޭގަނޑު މުޅިތަން ދިއްލާލިހެން ކުޑަ ހިނދުކޮޅެއްގައި ޓިނު ގުދަން ފަޅާފައި ނިކުތް މާސިންގާ އަލިފާންގަނޑުން ކުރިމަތީ ހުރި ގެތަކަށް ފެތުރިގަތެވެ. ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް އެތަނަށް ދިޔައެވެ. އެހެން ނަމަވެސް، ދިމާވީ އެންމެ ބޮޑު ދަތިކަމަކަށް ވީ  ކުޑަ ގޯޅިއަކަށްވެފައި ވެހިކަލްތައް ޕާކުކޮށްފައި ހުރުމުން ގޯޅީގެ ތެރެއަށް ނުވަދެވުމެވެ. އޭރު، އިމާރާތްތަކަށް ހުޅުގަނޑު ފެތުރެނީއެވެ. އެއާއި އެކު، ޕާކުކޮށްފައި ހުރި ސައިކަލުތަކުގައި ރޯވެ، ޕްލާސްޓިކް ގަނޑު ވިރެމުންދިޔައެވެ. އާއްމުންގެ އެހީތެރިކަމާއި އެކު، އެ ސަރަހައްދުގައި އަލިފާން ނިއްވަން ހަރަކާތްތެރިވީ އޮފިސަރުން ވެހިކަލް އެތެރެއަށް ވެއްދުމަށް ސައިކަލްތައް  ނެރެމުންދިޔައެވެ. އެ ސަރަހައްދުގައި އޮތް ކާރެއްވެސް ނަގައި ދުރަށް ޖެއްސިއެވެ.

ފޮޓޯ: ސަން އޮންލައިން / އަހުމަދު އަވްޝަން އިލްޔާސް — ހެންވޭރު ބޮޑު ހުޅު- އަލިފާން ގަނޑު ފެތުރިގެން ދިޔައީ ކުޑަ ވަގުތުކޮޅެއް ތެރޭ

އަލިފާންގަނޑު ރޯވިތާ، 15-20 މިނެޓުތެރޭ ގޯޅީގެތެރެއަށް ވަދެވި މަސައްކަތް ފެށިއެވެ. ގެތައް ބަލާ މީހުން ހުސްކޮށް، އެ ސަރަހައްދުގެ ގެތަކުގައި އުޅޭ ފަރާތްތައް ގެތައް ދޫކޮށް ރައްކާތެރި ސަރަހައްދަކަށް ނިކުތުމަށް ގޮވާލަމުން ދިޔައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ހުރި ހުރިހާ މަގުތަކެއް ބަންދުކޮށް، މަޖީދީ މަގާއި ސޯސަން މަގު އޭޑީކޭ ހަމަޔަށް މީހުން ދުރަށް ޖައްސާ މަގު އެއްކޮށް ހުސް ކުރިއެވެ. އަދި ދުންބޯވެ، ކެމިކަލްގެ ވަހާހެދި އާންމުންނަށާއި މީޑިއާތަކަށް މާސްކު ދިނެވެ.

ހާދިސާ ހިނގިތާ މާގިނައިރެއް ނުވެ ސަލާމަތީ ބާރުތަކުން އެލާޓަށް އައިސް އަލިފާން ނިއްވުމަށާއި މީހުން އިމާރާތްތަކުން ބާލުވައި އެ ސަރަހައްދު ހަމަޔަކަށް އެޅުމުގެ މަސައްކަތް ފެށިއެވެ. ކޮންމެވެސް ގޮތަކުން އެކުވެރި ނޫސްވެރިންނާއި އެކު، ހާދިސާ ހިނގި މަގަށް ވަދެގަތީމއެވެ. ގެއާއި މާ ކައިރި ނުވެވުނުނަމަވެސް، އޭރުވެސް ގޭގައި ހިފާފައި ހުރި އަލިފާންގަނޑު ފެންނާން ހުއްޓެެވެ. އެތަނާ މާ ކައިރިއެއް ނުވެވުނުނަމަވެސް ގުދަނާއި އެތަނުގެ ކުރިމަތީ ބްލޮކުގައި ހުރި ގެތަކުގައި ވަރަށް ބޮޑަށް ރޯވެ އަނދާ ހުލި ވަނީ އެވެ. އޭރުވެެސް، މީހުން އެކި ދިމާލުން ދުވާތަން ފެނެއެވެ.

އެއް ލޮރީ ފެން ހުސްވާއިރަށް އަނެއް ލޮރީގެނެއެވެ. އަލިފާން މާ ބޮޑުވާންހެން ހީވާން ފެށިއެވެ. ފަޔާ އެންޑް ރެސްކިއުއިން އަނެއްކާވެސް ގޯޅީގެ ތިބި ނޫސްވެރިން ކޮންމެވެސް ވަރަކަށް ފަހަތަށް ޖައްސާލުމަށްފަހު ލޮނު ފެން ޖެހުމަށް ތައްޔާރުވިއެވެ. ފޯމް ޖަހާ، ލޮނު ޖަަހަމުން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން ބާރު އަޑުފައްގަނޑެއް އިވުނެވެ. ބެލެވޭގޮތުން، އެއީ ގުދަނުގެ އިމާރާތް ވެއްޓުނު އަޑެވެ.

 

ފޮޓޯ: ސަން އޮންލައިން / އަހުމަދު އަވްޝަން އިލްޔާސް — ހެންވޭރު ބޮޑު ހުޅު- އަލިފާން ގަނޑު ފެތުރިގެން ދިޔައީ ކުޑަ ވަގުތުކޮޅެއް ތެރޭ

މިހެން އުޅުމުގެ ތެރޭގައި އަނެއްކާވެސް އަޑުއިވުނީ ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ ގެއެއްގެ ފާހަނާގައި ތާށިވެފައިތިބި ވާހަކައެވެ. ކުއްޖާގެ ބައްޕަގެ އިހުސާސްތައް ކައިރިން ފެނުނެވެ. ދެމައިން ސަލާމަތް ކޮށްދިނުމަށް އެދި ރޮއި އާދޭސްކުރިއެވެ. އެ މަންޒަރު ލޮލަށް ފެނި ވަރަށް އަސަރު ކުރިއެެވެ. އިރުއިރުކޮޅާ ދަރިފުޅަށް ގުޅާ ހާލު ބަލަމުން ދިޔައެވެ. ހިއްވަރު ދިނެވެ. އެމްއެންޑީއެފްއިން އެގެއަށް ވަނަން ކުރި މަސައްކަތް ކާމިޔާބުވިއެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޓީމަށް، އަލިފާން މާ ބޮޑަށް ނުފެތުރިއިން އެ ގެއިން އެ ދެމައިން ނެރެ ކޮނޑަލައިގެން ދުއްވައިގަތީ އޭޑީކޭއަށް ދިއުމަށެވެ.

އަލިފާން ނިއްވުމަށް އިތުރު ހޮޅިތައް އެކި ސަރަހައްދުން އޭރުވެސް ވައްދަމުން ދިޔައެވެ. އިތުރަށް ފެތުރިޔަ ނުދިނުމަށެވެ. އެންމެ ފަސޭހައިން އަލިފާން ނިއްވޭނެހެން ހީވާ ގޭގެ ތެރެއިންނާއި ހަނިހަނި ގޯޅިތަކުންވެސް ފެން ހޮޅިތައް ވައްދަމުންދިޔަ އެވެ. ލޯކުރިމަތީ ބޮޑު އަލިފާންގަނެއް ފެންނާން އޮތްއިރު، އިމާރާތުގެ ބައެއް ތަންތަން ގަނޑުފެންގަނޑެއް ފަދައިން ވިރިގެން ފައިބަމުންދިޔައެވެ. މުޅި ސަރަހައްދު އެކީ އެއްވަސްކޮށްލާފައި އޮތީ ކެމިކަލްއިންނެވެ.

 

ފޮޓޯ: ސަން އޮންލައިން އަހުމަދު އަވްޝަން އިލްުޔާސް — ހެންވޭރު ބޮޑު ހުޅު- އަލިފާން ގަނޑު ފެތުރިގެން ދިޔައީ ކުޑަ ވަގުތުކޮޅެއް ތެރޭ

ދެ މައިން ހޯދުމުގެ މަސައްކަތާއި އެކު އެމްއެންޑީއެފްއިން ދިޔައީ ކެނޑިނޭޅި އައިޝަތު ޝައުނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ދޭތެރެއަކުން އަޑުގަދަ ކުރާ ބޭނުންކޮށްގެން ޝައުނާ ހާދިސާ ހިނގި ސަރަހައްދުގައި ހުރިތޯ ބަލައެވެ. ނަމަވެސް، ޝައުނާ ތާށިވެފައި ހުރި ފްލޯއަށް ފުރާނަ އަތްމައްޗަށް ލައިގެން ތިބެ ފަޔާ ފައިޓަރުން އެތައް ފަހަރަކު ވަނެވެ. މުޅިތަން އެކީ ބޯ ދުމުން ފުރާލާފައި އޮތް ނަމަވެސް ކޮންމެ ފަހަރަކުވެސް ވަދެ ރަނގަޅަށް ޗެކް ކުރެެއެވެ. ސިފައިންގެ ޓީމުތަކުން އިމާރާތްތަކުގެ ތެރެއަށް ވަދެ ކުރި މަސައްކަތުން އޭނާ ފެނުނު އިރު އޮތީ މާ ލަސްވެފަ އެވެ. ހާދިސާގައި އެ އަންހެން މީހާ ނިޔާވީ އެވެ. އަނދާ ހުލިވެފައިވާ އިމާރާތުގެ ތެރެއިން ނެރެން ޖެހުނީ އައިޝަތު ޝައުނާގެ ފުރާނަ ނެތް މަސްގަނޑެވެ. މީހާގެ ސިފަ ވަކި ނުވާ މިންވަރަށް އޮތީ ފިހިފައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އޭރު ގަޑިގެން 12:00 ޖެހީއެވެ.

ފޮޓޯ: ވަން އޮންލައިން / މުހައްމަދު އައުޒަމް — ހެންވޭރު ބޮޑު ހުޅު- އަލިފާން ގަނޑު ފެތުރިގެން ދިޔައީ ކުޑަ ވަގުތުކޮޅެއް ތެރޭ

12:45 ހާއިރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނެވެ. ފުލުހުންނާއި، އެމްއެންޑީފް، ފަޔާއެންޑް ރެސްކިއު އަދި ރެޑް ކްރެސެންޓުގެ އެކި އެކި ފަރާތްތައް ހަމަޖެހުމުގެ ނޭވާ އެއްލާ ބިންމަތީ އިޝީނދެލިއެވެ.

ތައުރީފް ކުރުމަކުން ނުނިމެ އެވެ. އެތަނުގައި ހަރަކާތްތެރިވި ކޮންމެ މީހަކުވެސް ހުރީ ފުރާނަ އަތްމައްޗަށް ލައިގެންނެވެ. އެމްއެންޑީއެފް އާއި ފުލުހުން، މޯލްޑިވްސް ރެޑްކްރެސެންޓު، އާއްމުން އަދި މިނޫންވެސް އެންމެހާ ފަރާތްތައް ކުރި މަސައްކަތަށް އަހަރެން ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ފަހުރިވެެރިވަމެވެ. ތިޔައީ ގައުމީ ދިވެހި ދަރީންނެވެ. މިއީ އަހަރެންގެ ދެލޮލުން ދެކެ އަތުން ހިފި އެންމެ ނުރައްކާތެރި އަދި އެހާމެ ބިރުވެރި ހާދިސާއެކެވެ. ހެންވޭރު ބޮޑު ހުޅުގެ ނާމާން ބިރުވެރި 8 ގަޑިއިރުު އަހަރެންވެސް ތަޖުރިބާކުރީ ފުރާނަ އަތްމަތްޗަށް ލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: