ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނަން: ރައީސް

އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ރައީސް ވަޑައިގަތުން. ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިރޭ މާލޭގައި ހިނގިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުން ބައްލަވާލެއްވުމަށްފަހު، މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް އެ ސަރަޙައްދަށް ވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މި ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބި، އޭ.ޑީ.ކޭ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ގާތަށް ޒިޔާރަތްކުރައްވައި އެ މީހުންގެ ޙާލު ބައްލަވާލައްވާފައެވެ. އަދި، މި ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި، އެމަނިކުފާނު ވަނީ އެތަނުގައި ތިބި މީހުންގެ ޙާލު ބައްލަވާލައްވާފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ފެހި އާބާދު ކިޔާ ގެއަކާއި، އެގެއާއި އިންވެގެންވާ އިތުރު ގެތަކަކާ، އަދި ގުދަންތަކެއްގައެވެ. މި ހާދިސާއާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި، އަމިއްލަ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަން ހާމަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހާދިސާއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކެބިނެޓްގެ ޚާއްޞަ ބައްދަލުވުމެއް މިރޭ ބާއްވަވާނެ ކަމުގައިވެސް ވިދާޅުވެފައެވެ. އަދި، ނުރައްކާތެރި ކެމިކަލް ފަދަ ތަކެތި ރައްކާކުރާ ގުދަންތައް، އާންމުކޮށް މީހުން ދިރިއުޅޭ ސަރަޙައްދުތަކާއި ދުރަށް ބަދަލުކުރަން ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތް ކުރައްވައި، އެ ސަރަޙައްދުގެ ޙާލަތު ބައްލަވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވެސް ވަނީ މި ހާދިސާގައި ގެއްލުން ލިބުނު ޢާއިލާތައް މި ވަގުތު ތިބި ކަލާފާނު ސްކޫލަށް ޒިޔާރަތްކުރައްވައި، އެ މީހުންގެ ޙާލު ބައްލަވާލައްވާފައެވެ. މިކަމާ ގުޅޭ ގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: