ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން މާޔޫސްވެފައި!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި ޝޭޙް އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މިހާރުގެ ސަރުކާރުން އެންމެ އަޑުހަރުކޮށް ދެއްކި އެއް ވާހައަކީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް އަދުލްއިންސާފު ގާއިމް ނުކޮށްދޭ ވާހަކައާއި ޝަރުޢީ ދާއިރާއަށް ސަރުކާރުން އަތްބާނާ ވާހަކައާއި އަނިޔާވެރި ކަމާއި ވައްކަމާއި ކޮރޮޕްޝަން އާންމުވެފައިވާ ވާހަކައެވެ. މިއަދުގެ ސަރުކާރުން ވަޢުދުވީ މިދެންނެވި ހުރިހައި ކަމެއް ނިމުމަކަށް ގެނެސް ދެފުށްފެނަ ގޮތަށް ގައުމު ތަރައްގީ ކުރުމަށެވެ.

އެއީ ރިޔާސީ އިންތިހާބުގެ ވަޢުދެކެވެ. ފަހުން އެ ވަޢުދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަޢުދަކަށްވެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދު ނުފެއްދޭނެ ކަމަށް ސަރުކާރުން ބުނުމުން ރައްޔިތުން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީވެސް ދިނީއެވެ.

ކޮންމެއަކަސް އިންތިޚާބެއްގައި ވާދަކުރާ ފަރާތްތަކުން ރައްޔިތުންނަށް އެތައް ވަޢުދުތަކެއް ވަމުން ދިއުމަކީ ޢާންމުކަމަކަށް މިއަދު މިވަނީ ވެފައެވެ. އެގޮތުން އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ހޮވޭ ފަރާތުގެ މަސްއޫލިއްޔަތާއި ޒިންމާއާއި ނުބައްދަލު ވަޢުދުތައް ވަމުންދިއުމުގެ ސަބަބުން މިއަދު ރައްޔިތުން މިވަނީ މިފަދަ އިންތިޚާބީ ވަޢުދުތަކާއިމެދު ފޫހިވެ، މާޔޫސްވެސް ވެ، އެ ވަޢުދުވާ ފަރާތްތަކާއިމެދު ނާއުންމީދުވެފައެވެ.

އެގޮތުން ބައެއް ފަރާތްތަކުން ޤައުމަށް ނުވަތަ ދާއިރާއަށް ބޮޑެތި ޢުމްރާނީ ތަރައްޤީ ގެނުވާނެކަމާއި، ރައްޔިތުންނަށް ފުރިހަމަވާންޖެހޭ އަސާސީ ޚިދުމަތްތައް ކޮށްދޭނެކަމަށް ފަރުދީގޮތުން ބުނާ ބުނުމަކީ މިއަދު އޭގެ އެއްވެސް ޙަޤީގަތެއް ނުވާކަމެއްކަން ރައްޔިތުންނަށް މިއަދު މިވަނީ ކަށަވަރުވެފައެވެ. އޭގެ އެތައް މިސާލެއް މިއަދު މިސަރުކާރުގެ ތެރެއިން ފެންނަމުންދާކަން ވެސް އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ ކެމްޕެއިންތަކުގެ ތެރެއިން ފެންނަ އެހެން މަންޒަރެއް ވެސް ދަންނަވާލާނަމެވެ. ސިޔާސީ ފިކުރު ތަފާތުވުމާއި އެކު އިންތިޚާބު ފަށައިގެން ގޮސް ދިވެހިންގެ ކެމްޕެއިންކުރުމުގެ ރޫޙުގައި ގޮސް އިދިކޮޅު ފަރާތްތަކަށް ހަޑިހުތުރުބަހުން މުޢާމަލާތް ކުރަމުން ގޮސް މިހާތަނަށް ނިކުމެފައިވާ ނަތީޖާއަކީ ކޮންމެވެސް އެއްބަޔަކަށް ފުރުޞަތު ނުދިނުމަށްޓަަކައި ކޯލިޝަން ހަދައިގެން ވެރިކަމަށް ބަޔަކު ގެނައުމެވެ. އޭގެ ސަބަބުން ޙަސަދަވެރިކަމާއި، ރުޅިވެރިކަން އުފެދިފައިވާ ޚިޔާލު ތަފާތު ބައިގަނޑުތައް ހިނދުކޮޅަކަށް އެއްގަލަކަށް އަރައި އިންތިޚާބު ކާމިޔާބުކުރާތަން މިއަދު މިވަނީ ދިވެހި އިންތިޚާބީ މައިދާނުން ގިނައިން ފެންނަން ފަށާފައެވެ.

އެގޮތުން އިންތިޚާބުގައި ނަތީޖާނެރެ އުފެދޭ ސަރުކާރުތައް އެއްގަލެއްގެ މަތީގައި ދެމިއޮންނަނީ ކުޑަދުވަސްކޮޅަކަށެވެ. ބައިބައިވެ އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅުވެ، ކުރިން އެކަހެރިކޮށްލި މީހުނާއި ގުޅި ސަރުކާރަށް ފާޑުކިޔާތަން ފެނުމަކީ އާދައެކެވެ.

އެހެންކަމުން އިންތިޚާބެއް ކާމިޔާބުކުރާ ފަރާތަކަށް ދައުރު ފުރިހަމަކޮށްލެވޭނެކަމުގެ އުންމީދުކޮށްލަން ވެސް ހިތަށް އަރުވައި ނުލެވޭ ކަހަލައެވެ. އެކުގައި އުޅޭވަގުތު ކިތަންމެ ގޯހެއް ހެދިކަމުގައިވިޔަސް އެވާހަކައެއް ނުދައްކައެވެ. އިޞްލާޙަކަށް ވެސް ނޭދޭފަދައެވެ. ނަޞޭޙަތެއްވެސް ނުމެދޭމެއެވެ. ފެނުނަސް ނުފެންނަނީއެވެ. ފިތުނަވެ ވަކިވުމުން ނޫނީ އެކަހެރިކޮށްލުމުން ދޫހެލެންފަށަނީ އެކުގައި އުޅުނު ދުވަސްވަރު ހިންގި ޖަރީމާތަކާއި، ފަސާދައިގެ ދޮރު ހުޅުވާފައިވާ މިންވަރުގެ ބޮޑުކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ދުވަހަކުވެސް ރައްޔިތުންނަށް ހެވެއް ނުލިބޭނެކަމަށާއި، ޤައުމު ފަނާކުރާކަމުގެ ހެކި ދައްކަމުންނެވެ.

މިފަދައިން ބަސްތައް އަމުނާ ފަރާތްތަކުން ތިމާމެންގެ އަބުރާއި ޢިއްޒަތް އަމިއްލައަށް ރައްޔިތުންގެ ކުރިމަތީގައި ވެއްޔާއި މޮޑެލަނީ އެފަރާތްތަކުގެ ތޫނުފިލިކަމުން ހެއްޔެވެ؟ ނޫނީ ތިމާމެން މަސްއޫލުވާންޖެހޭ ރައްޔިތުންނަކީ ފިކުރު ނުކުރާ ބައެއްކަމަށް ދެކޭތީހެއްޔެވެ؟ މިފަދައިން ބަޔަކު ޢަމަލުކުރުމުގެ ސަބަބުން މިއަދު މިވަނީ ޤައުމުގެ ސިޔާސީ މައިދާނުގައި ހެޔޮލަފާ އިޚްލާޞްތެރި ބަޔަކު ނުވާކަމާއި، މިދާއިރާއަށް އެފަދަ ބަޔަކު ނުވެސް ވަންނާނޭކަމާއިމެދު ރައްޔިތުން ހިތުގެ އަޑިން ކަށަވަރުކުރާ ޙާލަތައް ކަންތައް ގޮސްފައެވެ.

އެހެންކަމުން ރައްޔިތުން ސިޔާސީ މައިދާނުގައި މިއުޅޭ ފަރާތްތަކާއިމެދު އުންމީދެއްވެސް ނުކުރަނީއެވެ. ވާނީވެސް އެހެންތާއެވެ. އަންނަނީ އަމިއްލަ އެދުމުން ފޯވެގެން ފިތުނައާއި ފަސާދައިގެ ފޭރާން ލައިގެންނެވެ. ނަތީޖާއަކަށްވަނީ ރައްޔިތުން މާޔޫސްވެ، ހެވެއް ލިބެން ނެތްކަމަށް ނިންމައި ފަރުދީ ޒިންމާއާއި ދުރުވުމެވެ. އޭގެ ސަބަބުން ބިކަވެ ޙާލުގައިވެސް މިޖެހެނީ ނިކަމެތި ރައްޔިތުމީހާއެވެ. ވީމާ، މިހިރަ ކަންކަމާއިމެދު ދުރާލައި ފިކުރުކުރާ ބަޔަކަށް ދިވެހިން ވާން ނުވޭތޯއޭ އަޅޭގަނޑުގެ ހިތައް މިއަދު އަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: