އަހަރެން ހުރީ ވަޒީފާގެ އިންޓަވިއު ނިންމާފައި ކާރެއް ނުލިބިގެން ގެއަށް ނުދެވިފަ. އޭރު ގެއަށް ނުގޮސް ލަސްވެގެން ބައްޕަވެސް ދެތިން ފަހަރަކު ގުޅައިފިއެވެ. އަހަރެންނަށް އެކަނި ގެޔަށް ދާކަށް ނޭގެއެވެ.
ޓެކްސީ އެއް ލިބޭތޯ އަތް ޓެކްސީ ސެންޓަރުތަކަށް ގުޅައި އަތް ނަގައި ވަރުބަލިވާން ފަށައިފިއެވެ. ޓެކްސީ ފަހަތަށް އެއްވެސް މީހަކު ނާރުވާ ހުސްކޮށްވެސް ދިޔައެވެ. އެވަރަށް އަތް ނެގިއިރުވެސް ފެނުނު ކަމަށްވެސް ހަދާ ނުލިއެވެ.
ބައެއް ޓެކްސީތައް ދިޔައީ މީހުން އަރުވައި ފުރައިގެން، ނަމަވެސް ފެހި ބޮކި ދިއްލައިގެންނެވެ. އެތާ ހުރެ ހުރެ އެތައް އިރެއްވީއުރުވެސް ޓެކްސީ އެއް ނުލިބުމުން އެންމެ ފަހުން ޖެހުނީ މާލެ ތެރެއަށް ގެއްލުނަސް ހެޔޮކަމަށް އެކަނި ހިނގާފައި ދާށެވެ.
އަހަރެންގެ ހިތަށް އެވަގުތު އެރީ އެންމެ އެއްޗެކެވެ. ޓެކްސީގެ ސަބަބުން ހަމަ ހަގީގަތުގައިވެސް އާއްމުންނަށް ލުއިފަސޭހަ ވޭބާވައެވެ؟ ނުވަތަ ވަނީ އިތުރު ތުރާލަކަށްބާއެވެ؟ އަހަރެން މިއަދު މިކުރި ތަޖްރިބާ، މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކުވެސް ހުންނާނީ ކޮށްފައެވެ.
ތަނަކަށް ދާން ލަސްވެގެން އުޅޭ ވަގުތެއްގައި ނުވަތަ އެހެން މުހިންމު ތަނަކަށް ދާން ޖެހިގެން ވިއަސް، މާލޭ މަގުމަތިން ވިޔަސް އަދި ޓެކްސީ ސެންޓަރަކަށް ގުޅައިގެން ކަމަށް ވިޔަސް ޓެކްސީ އެއް ހޯދުން ވެފައިވަނީ ބޮޑު ވޭނަކަށެވެ. ތަކުލީފަކަށެވެ.
ކިތަންމެ ކުރިން ތައްޔާރުވި ކަމުގައިވިއަސް، ތިމާ ދާންއުޅޭ މަންޒިލަށް ޓެކްސީއެއްގައި ދާކަމުގައި ވާނަމަ ދެވޭނީ ހަމަ ގަޑި ޖެހިގެންނެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟.
މަގުމަތީގައި ޓެކްސީއެއް ލިބޭތޯ ހުރެ ހުރެ މީހާ ވާޅު ވާއިރުވެސް ގިނަ ފަހަރަށް ޓެކްސީއެއް ނުލިބެއެވެ. ޓެކްސީތަކާއި ގުޅޭ މިމައްސަލަތަކަކީ ހައްލެއް ހޯދަން ކުރަން ޖެހޭ މަސައްކަތް އެންމެ އެކަށީގެންވާ ވަރަށް ނުކުރެވި އަޅައިނުލައި ދޫކޮށްލެވިފައި ހުންނަ މައްސަލަތަކެވެ.
މަދު ބަޔަކު މިކަމުގައި ދިމާވާ ދަތިތައް ހިއްސާ ކޮށް، ޝަކުވާ ކުރިނަމަވެސް ގިނަ މީހުން އިޚްތިޔާރުކުރަނީ ހަނު ހުރުމެވެ. ހަނު ހުރުމަކީ ހަމަ ގައިމުވެސް ރައްޔިތުންނަށް އުނދަގޫ ވާގޮތަށް ކަންތައް ކުރާ ޑްރައިވަރުންނަށް ލިބޭނެ ހިތްވަރެއް ކަން ޔާގީނެވެ.
ޓެކްސީ ތަކުގެ މައްސަލައަށް ރައްޔިތުން ހިތްހަމަޖެހޭ ކަހަލަ ހައްލެއް ނުލިބިގެން މިއުޅެނީ ވެސް އެކަމަށް އަޑު އުފުލާނެ މީހުން މަދު ވީމައެވެ. ޓެކްސީތައް ހުންނަނީ ރައްޔިތުންގެ ލުއި ފަސޭހައަށެވެ.
ޓެކްސީތަކުގެ ސަބަބުން ރައްޔިތުންނަށް އިތުރު އުނދަގުލެއް ޖައްސާކަށް ނޫނެވެ. ޓެކްސީ އަކީ އެދުއްވާ ޑްރައިވަރު ހިތްޕުޅާ ވާތަންތަނަށް ދަތުރުތައް ކޮށްދީ ނުވަތަ، ހިތްޕުޅާ ނުވާ ތަންތަނަށް ދަތުރު ނުކޮށްދޭން ހުންނަ އެއްޗެއް ނޫނެވެ.
ޓެކްސީ ތަކަކީ ޑްރައިވަރު ހިތުހުރި ގޮތަކަށް ދުއްވަން ހުންނަ އެއްޗެއްވެސް ނޫނެވެ. ނުވަތަ މީހުން އަރުވައި ފުރައިގެން ދާއިރުވެސް ގްރީން ލައިޓް ދިއްލައިގެން ދަތުރުކުރަން ޖެހޭ އެއްޗެއްވެސް ނޫނެވެ.
ޓެކްސީ ޑްރައިވަރުންނަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ތިބޭ ބަޔެކެވެ. އެހިދުމަތް ވާންޖެހޭނީ ޑްރައިވަރުން ހިތްޕުޅާ ވާގޮތަކަށް ނުވަތަ، އެވަގުތެއްގައި ޑްރައިވަރުގެ މޫޑް ހުންނަ ގޮތަކަށް ބުރަވެގެން ދެވޭ ހިދުމަތަކަށެއް ވެސް ނޫނެވެ.
ޓެކްސީ ޑްރައިވަރުން ހިތްޕުޅާ ނުވާ ގޮތަށް އާއްމުންގެ މީހުން ކަމެއް ކުރުމުން ހިތްހަމަ ނުޖެހިގެން، ނުރުހުން ފާޅުކުރާ ބީދާއިން ޓެކްސީ ޑްރައިވަރުންގެ ބައެއް ކަހަލަ ޢަމަލުތައް ހުންނަ ގޮތުން އާއްމު ރައްޔިތުންނަށްވެސް ވަރަށް ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ.
ތިޔަ ޑްރައިވަރުން އަމިއްލަ ކުށް ގަބޫލުކޮށް އިސްލާހް ނުކޮށް، އާއްމުންގެ މީހަކު ހިތްހަމަނުޖެހޭ ކަމެއް ކުރުމުން އެކަމާއި ދޭތެރޭ ނުރުހުން ފާޅުކުރުން އެހާ ސަޅިއެއް ނޫނެވެ. އާއްމުން ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމަށް ފުރަތަމަ މަސައްކަތް ކުރާށެވެ.
އެހެން މީހުންގެ ކުށްތަކަށް ފާޑު ކިޔުމުގެ ކުރިން އަމިއްލަ ކުށް އިސްލާހު ކުރާށޭ ބުނާ ފަދައިންނެވެ. މިހާރު ގިނަ ޓެކްސީ ޑްރައިވަރުންގެ ޝަކުވާއަކީ މާލެ ހުޅުމާލެ ދަތުރުތަކަށް ވަކި މިންވަރެއް ނޫނީ ނުނެގޭ ގޮތަށް ސަރުކާރުން އަގެއް ކަނޑައެޅުމެވެ.
ގިނަ ޑްރައިވަރުން އެކަމާ ހިތްޕުޅާނުވެ ނުރުހުން އެހާ ވަރަށް ފާޅުކުރަމުން ގެންދަނީ ފަހަރުގައި ސަރުކާރުން ކަނޑައެޅި އަގު ކުޑަކަމުން ކަމަށްވެސް ވެދާނެއެވެ. ކޮންމެ ޓްކްސީ ދަތުރަކަށް 100 އަށް ވުރެ ގިނައިން ރުފިޔާ ދޭން ރާއްޖޭގައި އުޅެނީ ހުސް މަހުޖަނުން ކަމަށް ފަހަރުގަ ޓެކްސީ ޑްރައިވަރުންނަށް ހީވަނީ ކަަމަށްވެދާނެއެވެ.
ނުވަތަ އަމިއްލަ އެދުން އިސްކުރާ މިންވަރު ބޮޑުކަމުން އާންމު ނިކެމެތި ރައްޔިތުން މީހާގެ ހާލަތު ނުވިސްނެނީ ކަމަށްވެސް ވެދާނެއެވެ. އެވެރިން ބޭނުންވަނީ ޓެކްސީތަކުގައި ޓެކްސީ މީޓަރު ހަރުކުރާށެވެ.
އެވެރިން ސަރުކާރާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރަނީ ވެސް ޓެކްސީ މީޓަރު ހަރުނުކޮށް ކޮންމެ ދަތުރަކަށް ނެގޭނެ ވަކި ފިކްސްޑް އަދަދެއް ކަނޑައެޅުމުންނެވެ. ޑްރައިވަރުން އެހާ ވަރަށް ޓެކްސީ މީޓަރު ހަރުކުރަން ވެސް އެ ފައި ވިއްދަނީ، ޓްކެސީ މީޓަރު ބޭނުންކުރަން ފެށުމުން އެމީހުންނަށް ލިބޭ އާމްދަނީ ބޮޑުވާނެތީއެވެ.
އެބޭފުޅުންގެ ހައްގުތަކަށް އަރައިގަންނަނީއޭ ބުނެ އަޑު އުފުލާއިރު، ބާކީ ދެން ތިބި ރައްޔިތުންގެ ހައްގުތައް ކޮބައިތޯއެވެ؟ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބޭ މީހުން އަމިއްލަ މީހާގެ ފައިދާއަށް ވިސްނާވަރަށް ވުރެ ބޮޑަށް ވިސްނަންޖެހޭނީ ރައްޔިތުންނާއި ދޭތެރޭއެވެ.
ގިނަ ޑްރައިވަރުން ބުނަމުންދަނީ، މާލޭގައި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާއިރު، އާއިލާއެއް ބެލެހެއްޓޭ ވަރުގެ އާއްމުދަނީއެއް ނުލިބޭވާހަކައެވެ. އެ ސަބަބާއިހުރެ އަގުތައް ބޮޑުކުރަން ޖެހޭ ވާހަކައެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ކޮންޓްރޯލް ކުރިއިރު، އެ އަގުތަކުން އެޑްރައިވަރުންގެ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސުމަށް ދަތިވާހަކައެވެ. އެއީ ފަހަރަރުގައ ވެދާނެ ކަމެކެވެ. ނަމަވެސް ހިތާމައަކީ މާލޭގައި ދިރިއުޅުމުންދާ ރައްޔިތުންވެސް އުޅެނީ އެ ހާލުގައި ކަން ބައެއް ޓެކްސީ ކުރާ ފަރާތްތަކަށް ނުވިސްނޭތީއެވެ.
ސަރުކާރުން ދަނީ ކަނޑައެޅި އަގަށްވުރެ ބޮޑު އަގު ނަގަމުންދާ ޓެކްސީތައް ޖޫރިމަނާކޮށް ފިޔަވަޅުވެސް އަޅުމުންނެވެ. އެގޮތުން، މިދިޔަ ހަފްތާ ފުލުހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2 ޓެކްސީއެއް ވަނީ ޓެކްސީ ކުރުމުގެ ގަވައިދާ ހިލާފުވެގެން ފިޔަވަޅު އަޅާފައެވެ.
އޭގެ ކުރީ ހަފުތާގައި ހަތަރު ޓެކްސީއެއް ޖޫރިމަނާ ކުރި އިރު، އޮގަސްޓު 24-30ގެ ނިޔަލަށް 16 ޓެކްސީއަކާ މެދު ފިޔަވަޅު އަޅާފައި ވެއެވެ. ގަވައިދާ ހިލާފުވާ އުޅަނދުތައް ޖޫރިމަނާ ކުރަނީ 750 ރުފިޔާ އަށެވެ.
ފުލުހުން ވަނީ މިދިޔަ އޯގަސްޓް މަހު ޓެކްސީ ދަތުރުތަކަށް ނެގޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ވުރެ ގިނައިން ފައިސާ ނަގާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ޚާއްސަ އޮޕަރޭޝަނެއްވެސް ފަށައިފައެވެ.
ޓެކްސީ އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޑްރައިވަރުން އިހްތިޖާޖަށް ނުކުންނަ ނިންމައި، އެންމެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅިޔަސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ އަގުތަކަށް ބަދަލު ނުގެންނާނެ ކަމަށް ބުނެފައެވެ. އަދި މާލޭ ސަރަހައްދުގައި ޓެކްސީ ކުރުމުގައި އޮންލައިން އެޕްލިކޭޝަނެއް ބޭނުން ކުރަން ވެސް ވަނީ ލާޒިމްކޮށްފައެވެ.
ކޮންމެ އަކަސް ސަރުކާރުން ޓެކްސީގެ އަގުތައް ހިފެހެއްޓުމަށް ކުރަމުންދާ މަަސައްކަތަށް ސާބަސް ހައްގެވެ. ބައެއް ޑްރައިވަރުން ދެކޭ ގޮތުގައި ޓެކްސީ ދަތުރުތަކަށް އަގު ކަނޑައެޅުމަކީ ސަރުކާރުން ކުރަން ޖެހޭ ވެސް ކަމެއް ނޫނެވެ.
އެއީ ކަނޑު ދަތުރުތަކަށް ވެސް އަގު ކަނޑަނާޅާތީއެވެ. ޓެކްސީ އަގު ކޮންޓްރޯލް ކުރަންޏާ ލޯންޗް ދަތުރުގެ އަގު ވެސް، އޭނާ ދެކޭ ގޮތުގައި، ކޮންޓްރޯލްކުރަން ޖެހޭނެއެވެ. އެ ޑްރައިވަރުން ވަނީ އެ އިންސާފެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
ކުރިންވެސް ފާހަގަކޮށްލި ފަދައިން މާލެއިން ޓެކްސީ ހޯދުމަކީ ވަރަށް ބޮޑު ތުރާލެކެވެ. އަދި އެކަމަށް ހައްލު ހޯދުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެޕްލިކޭޝަންތަކަށްވެސް ހުއްދަ ދެއްވާފައެވެ. އެގޮތުން މިހާރު ބޭނުންކުރަނީ “އަވަސް ރައިޑް” އާއި “އެއައީ” އަދި “ޕިކް މީ” އެޕްއެވެ.
އުފަލާއި އެކީ ފާހަގަކޮށްލަން ޖެހެނީ މަދު ޓެކްސީ ޑްރައިވަރުން، އާއްމުންނަށް ތަކުލީފެއް ނުޖައްސާ ރަނގަޅަށް ހިދުމަތް ދޭކަމެވެ. ސަރުކާރުން ކަނޑައެޅި އަގަކަށް ރުހިގެން ހިދުމަތްދެމުން ގެންދާ ޑްރައިވަރުންވެސް އުޅެއެވެ.
ގާނޫނާއި ގަވައިދުތަކަށް ބޯލަނބައިގެން އާއްމުންނަށް އުނދަގޫ ނުވާނެ ހެން ޓެކްސީ ކުރާ ފަރާތްތަކަކީ ނަމޫނާއެކެވެ. އެފަދަ ޑްރައިވަރުންނަށް ހިތުގެ ފުންމިނުން ޝުކުރުވެސް އަދާކުރަމެވެ.
ބައެއް އާންމުންގެ ފަރާތުންވެސް ޓެކްސީ ކުރާ ފަރާތްތަކަށް އުނދަގުވާ ގޮތަށް ބައެއް އަމަލްތައް ކުރަމުންދާ މަންޒަރުވެސް މަދުން ނަމަވެސް ފެންނަކަން ފާހަގަކޮށްލަން ޖެހެއެވެ.
އާއްމުންގެ ފަރާތުން ޓެކްސީ ޑްރައިވަރުންނަށް ކުރާ އުނދަގު ހުއްޓާލުމަށްވެސް ގޮވާލަމެވެ. ދެފަރާތުންވެސް އެކުވެރިކަންމަތީ ކުރިއަށް ދަމާ ހިނގާށެވެ.
އޭރުން މާ ސަޅި ވާނެއެވެ. ދެން ނިންމާލުމުގެ ކުރިން މި މައްސަލައިގެ ހައްލުގެ ގޮތުގައި އަންހަނަށް ފެންނަ ގޮތް ހިއްސާކޮށްލާނަމަވެ. ތެދެކެވެ. ޓެކްސީ ކުރާ މީޙުން ދުއްވާ ކާރަކީ އެ މީހުން އަމިއްލައަށް ގަނެގެން ބޭނުން ކުރާ ޓެކްސީއެކެވެ.
ޓެކްސީ ބޯޑަކީ ވެސް ސަރުކާރުން ބުނި އަގެއް ދީގެން ގަނެގެން ބޭނުންކުރާ ބޯޑެކެވެ. އެހެން ކަމުން ޑްރައިވަރުން އެ މީހުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ގަނަފައި ހުންނަ އެއްޗެކަށް އެހެން ފަރާތެއްގެ ބާރެއް ފޯރުވިގެން ނުވާނެއެވެ. އެއީ އިންސާފްވެރި ކަމަކަށް ނުވެދާނެއެވެ.
އަހަރެންގެ ވިސްނުމުގައި ޓެކްސީ ޑްރައިވަރުންގެ ހައްގުތައް ވެސް ހިމާޔަތް ކޮށްގެން އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ޓެކްސީގެ ހިދުމަތް ދެވެން އޮތީ ހަމަ އެންމެ ގޮތެކެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވާ އަގެއްގައި އެ މީހުންނަށް ޓެކްސީ ކުރުމުގެ ފުރުސަތު ދިނުމަށް ފަހު ސަރުކާރުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފައްޓަވާށެވެ.
ބަހުގެ ހިދުމަތް ދޭންވީއެވެ. މާލެއަކީ ކުޑަތަނަކަށް ވެފައި ބަހުގެ ހިދުމަތް ދޭން އުނދަގޫނަމަ ސަރުކާރުން ޓެކްސީގެ ހިދުމަތް ފައްޓަންވީއެވެ. އޭރުން ވާދަވެރިކަމެއް އުފެދުނީއެވެ.
ދުނިޔޭގެ ތަރައްގީވަމުން އަންނަ ގައުމުތަކުގައި ޕަބްލިކް ޓްރާންސްޕޯޓާއި ޕްރައިވެޓް ޓްރާންސްޕޯޓް އޮންނަ ފަދައިން ރާއްޖޭގައި އޮންނަން އެބަޖެހެއެވެ.
މިދެންނެވި އުސޫލުން ކަންކަން ކޮށްފިނަމަ ސައިޒް ނުކުރެވިގެން އުޅޭ މީހުން ސައިޒު ކުރެވި ރައްޔިތުންނަށް ވެސް އަތްފޯރާ ފަށުގައި ޓެކްސީގެ ހިދުމަތް ލިބިގެންދާނެ ކަމީ ޝައެއްކެއް އޮތް ކަމެއް ނޫނެނެވެ. ސަރުކާރުން މިކަމާ މެދު ވިސްނާނެ ކަމަށް ޔަގީން ކުރަމެވެ.
ބަސް އަންނަނީ އަންނަނީ ބުނާ ބުނުމަށް ނިމުން ގެންނާނެ ކަމަށް ޔަގީން ކުރަމެވެ.
One Response
އަޅުގަނޑު ތި ހިޔާލައް ބަލައި ގަންނަން?❣?