ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ 2022 ވަަނަ އަހަރަށް އެއްކޮށް ޓީބީ ނައްތާލުން: ހެލްތް މިނިސްޓަރ

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން.. ފޮޓޯ:ރާއްޖެއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ 2022 ވަނަ އަހަރު ޖެހެން ވާއިރަށް ރާއްޖޭއިން ޓީބީ ބަލި މުޅިން ނައްތާލުން ކަމަށް ހެެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެެލްތް މިނިސްޓަރ އަމީން އެފަދައިން ވިދާޅުވީ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މިނިސްޓްރީ އޮފް ހެލްތަށް “ޖީން އެކްސްޕަރޓް މެޝިން” ތަކެއް ހަދިޔާ ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ސަރުކާރުން ޓީބީ ނައްތާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އަދި ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތް ކުރިއަށް ދަނީ ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާއިއެކުގައި ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ހަދިޔާ ކުރި ޖީން އެކްސްޕާޓް މެޝިންތައް ބޭނުންކޮށްގެން ޓީބީއަށް ޓެސްޓް ކުރުމުގެ ހިދުމަތް ވަރަށް އަވަހަށް ލ.އަތޮޅާއި ރ.އަތޮޅާއި އައްޑޫ ސިޓީއާއި އަދި ޅ.އަތޮޅުގައި ފެށިގެންދާނެ ކަަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެ އަތޮޅުގައި އެ ހިދުމަތް ފެށިގެން ދިއުމުން، ޓީބީއަށް ސްކްރީން ކުރުމުގެ ހިދުމަތް އިތުރަށް ފުޅާ ވެގެންދާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މީގެކުރިން ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއިއެކު ކުޅުއްދުފުށީ އަދި ތިނަދޫގައި އެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތަކީ ހެެލެތް މިނިސްޓްރީގެ މަސަައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް މަސައްކަތް ކަން ފާހަގަކުރައްވައި މިނިސްޓަރ އަމީން ވަނީ ޖީން އެކްސްޕާޓް މެޝިންތަކުގެ ބޭނުން ވީހާވެސް އަވަހަކަށް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންފައެވެ.

ނަތީޖާއާއި ހިސާބަށް އަވަހަށް ދެވޭނީ އޭރުން ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ގައިންގަޔަށް އަރައި ބަލިތައް ނައްތާލުމުގައި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ކުރިއެރުން ހޯދާފައިވާ ގައުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ޓީބީ ނައްތާލުމަށް ކުރިއަށް ގެންދާ މަސަައްކަތަކީ އެ ކުރިއެރުމަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ.

ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ޓީ.ބީއަށް ހެދޭ ޓެސްޓުން، 2 ގަޑިއިރުގެ ތެރޭގައި މީހެއްގެ ކުޅުގައި ޓީ.ބީގެ ޖަރާސީމު ހުރިތޯއާއި، ޓީ.ބީއަށް ބޭނުންކުރެވޭ ބައެއް ބޭހަށް ރެސިސްޓެންޓްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެއެވެ.

މިއީ މިހާރު ކުރެވޭ ޓެސްޓްތަކާއި، އަޅާ ބަލާއިރު ވަރަށްބޮޑު ކުރިއެރުމެކެވެ.

އާއްމުކޮށް ޓީ.ބީ ބަލި ޖެހިފައިވޭތޯ ބަލަނީ ތިން ދުވަސް މަތިން ކުޅުނަގައި، އޭގައި ޖަރާސީމު ހުރިތޯ ބެލުމާއި، އެކްސް ރޭ އިންނެވެ.

ޖީން އެކްސްޕާރޓް މެޝިން ބޭނުންކޮށްގެން ހެދޭ ޓެސްޓް ތަކުން އަވަހަށް ޓެސްޓްގެ ނަތީޖާ ލިބި، ބަލިމީހާގެ ހަށިގަނޑުގައި ބޭހަށް ނުގުޑާ ޓީ.ބީ ގެ ޖަރާސީމް ހުރިކަން ނުވަތަ ނެތް ކަން ވެސް އެނގިގެންދެއެވެ.

މިކަމުގެ ސަބަބުން، ބަލި މީހާއަށް ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަށް ފެށި، ޓީ.ބީ ބަލިން ބަލި މީހާ އަދި މުޖްތަމައު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ.

ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތަށް ލަފާ ދިނުމަށް މިނިސްޓަރ އޮފް ހެލްތު ވަނީ ހައިލެވެލް ނެޝަނަލް ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލާފައެވެ.

މީގެ އިތުރުން ޓީބީ އާއި ބެހޭ މަޢުލޫމާތު ފަތުރާ، ގިނަ އަދަދެއްގެ ބަޔަކު ޓީބީ އަށް ސްކްރީންކޮށް، އަދި ފަރުވާ ދިނުން ހިމެނޭގޮތަށް ކުރިޔަށް ގެންދާ ޤައުމީ ކެމްޕޭނެއް ދުނިޔޭގެ ޓީބީ ދުވަހު ވަނީ ފެށިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: