ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭ ބަލަ ބިހޭ ހަރާމީ!

ރައީސް ނަޝީދަކީ ކަތީބް ބިސް ހަރާމޭ، ފޮޅި ހަރާމެއް ނޫނޭ ބުނާ އުސޫލުން އުޅުއްވާ ބޭފުޅެއް. ފޮޓޯ:މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް އެހެން ސިޔާސި ލީޑަރުންގެ ކުށްހޯދާ އެބޭފުޅުންގެ ޝަކުވާ ކުރެއްވުމުގައި އަރާހުންނެވި ބޭފުޅެކެވެ. އެމިަކުފާނަކީ އަބަދުވެސް ހުދުފޮތިކޮޅެއްގެ މެދުގައި ހުންނަ ކަޅު ތިކި ދައްކައިގެން ރައްޔިތުންނާއި މީޑިއާގެ ސަމާލުކަން ހޯދުމުގައި ހީވާގި ކަމާއެކު އަވަދިނެތި ތާއަބަދުމެ އެ މަސައްކަތްޕުޅުގައި އުޅުއްވާ ބޭފުޅެކެވެ. ސިޔާސީ ހަޔާތްޕުޅު ފެއްޓެވީވެސް ވެރިކަމުގައި އޭރު ހުންނެވި ބޭފުޅާ ވެރިކަމުން ވައްޓާލުމަށް ސީދާ ހަރަކާތަށް ނިކުންނަވައިގެންނެވެ.

ތާއަބަދުމެ ދެކިވަޑައިގެންނެވި ހުވަފެނަކީ ވެރިކަމުގެ ތަހުތަށް އަރާވަޑައިގަތުމެވެ. މަގުމައްޗަށް ނިކުމެވެވަޑައިގެން ހަށިކޮޅުން ތެޔޮހަން ދުއްވައިގެން،  ވެރިކަމުގެ ރާޙަތު ލިބިވަޑައިގަތެވެ. ނަޝީދުގެ ވެރިކަމަކީ މިހާތަނަށް މިޤައުމުގެ މިސްރާބު ބަދަލުކޮށްލި ވެރިކަމެވެ. ކޮންމެފަދަ ގޮތެއް ހައްދަވައިގެންވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވެރިކަން ކުރެއްވީ ހިތަށް އަރައިވަޑައިގެންނެވި ގޮތަކަށެވެ.

މިއަދު ޝަރުއީ ދާއިރާ އިސްލާހުކުރެއްވުމަށާއި ރާއްޖޭގެ ކޯޓުތަކަކީ އެއްވެސް ނުފޫޒެއް ނެތި ސިޔަސީ ކަންކަމުން މިނިވަން ތަންތަނެއްގެ ގޮތުގައި ހެއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވާއިރު އޭރު ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނު ބޭނުންފުޅުވި ފަނޑިޔާރުގެއިން ކަންކަން ނުވުމުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަޅު އަޅުއްވައި ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަބްދުﷲ މުޙައްމަދު ރަހީނުކުރި ކަމީ، ކިތަންމެ ދެކޮޅު ހެއްދެވި ނަމަވެސް ފެންނާން އޮތް ހަގީގަތެކެވެ.

ސައްތައިން ސައްތަ މުސްލިމް އިސްލާމީ ދައުލަތެއްގެ މައްޗަށް ބިނާވެފައިވާ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުވަނީ ދީނާއި ޚިލާފް އެތައް ވާހަކައެއް ދައްކަވައި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރައްވާފައެވެ. އަދި ކީރިތި ރަސޫލާއަށް ހަޖޫޖައްސަވާ ކީރިތި ގުރުއާންގައި އަންގަވާފައިވާ ގޮތް ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގެ ކުރު ދަތުރު ނިންމަވާލެއްވީ ދިވެހި ރާއްޖޭގެ މައިދޮރާށި އެމަނިކުފާނުގެ އެކުވެރި އިންޑިއާއަށް ކުއްޔަށް ދިނުމަށްފަހުގައެވެ. ރާއްޖޭގެ ވައިގެ ބަނދަރަކީ ދައުލަތަށް އާމްދަނީގެ ގޮތުގައި އެންމެ ގިނަ ފައިދާ ލިބޭ ކުންފުންޏައްވާއިރު އެ ކުންފުނި އިންޑިއާގެ ޖީއެމްއާރަށް ކުއްޔަށް ދީފައިވަނީ ދައުލަތަށާއި ރައްޔިތުންގެ ޖީބަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށެވެ.

ގައުމެއް ހިންގާނޭ ގޮތުގެ އެއްވެސް ވިސްނުމެއް ޕްލޭނެއް ނެތި އަނެއް ދިވެހިރާއްޖެއަށް ގައުމު ގެންދިއުމަށް އޮޑިއަށް އަރާވަޑައިގެން ކަމަރު ބަންނަވާ ފެއްޓެވި ދަތުރު ކުރުކޮށްލަން ޖެހުނީ އޮޑީގެ ފަޅުވެރިންނާއިވެސް އެކު މާކަނޑުގެ މެދަށް އޮޑި ފައްތާލެއްވުމަށް ފަހުއެވެ. އޮޑީގައި ތިބި ފަސިންޖަރުންވެސް ކަނޑުވެ، އެދުވަހަކީ ކަޅު އަނދިރި ދުވަހެއްގެ ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިޔައެވެ.

ބުރަ މަސައްކަތުން ހާސިކުރެއްވި ވެރިކަމުގެ ތަޚުތު އެމަނިކުފާނުގެ އަތްޕުޅުން ބީވެގެން ދިޔައީ އަނިޔާވެރިކަމާއި ގާނޫނާއި ގަވައިދާ ޚިލާފަށް ވެރިކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުންނެވެ.

ވެރިކަމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވިއިރު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ވަނީ ތަޅާނެ ބަޔަކު ތިބިއްޔާ ތަޅަން ނެރުމަށް މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއަށް އެދުވަހު އޯޑަރު ދެއްވާފައެވެ. އެދުވަހު މުޅިގައުމުގައި ހުޅުޖަހާ ފުލުހުންގެ އިދާރާތަކުގައި އަލިފާން ރޯކޮށް ތަންތަން ތަޅާ ސުންނާފަތިކޮށްލިއިރު އެމަނިކުފާނުގެ އޯޑަރަށް ތަބާވި މީހުން މިއަދު ތިބީ އާއިލާއާއި ދުރުގައި ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ.

ވެރިކަމުގެ ބާރު ނަހަމަގޮތުގައި ނަންނަގަވައި އެމަނިކުފާނު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެންގެވިކަމުގެ ކުށް ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ 13 މާޗު 2015ގައެވެ. ނަމަވެސް މައިބަދައިގެ ސީރިއަސް އޮޕަރޭޝަނެއް ކުރައްވަން ކަމަށް ވިދާޅުވެ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަނީ ޖަލު ހުކުމުން ފިއްލަވާފައެވެ. އަބްދުﷲ ގާޒީ ވަގަށް ނެގުމަކީ ހެއްދެވުނު ގޯހެއް ކަމަަށް ވެސް ރޯމާ ދުވާލު އިރު ފެންނަ ބީދައިން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވީ އެކުވެރި ރަހުމަތްތެރިޔާއަށް ވެރިކަން ހޯއްދަވައިދެއްވުމަށްފަހު “ކަމް ވަޓްމޭ އޭ” ވިދާޅުވެ 1 ނޮވެންބަރު 2018 ގައި، ކޯޓުތަކުން ހެއްދެވި އެއްޗެއް ހައްދަވައިގެން ފުރިހަމަ މިނިވަނެއްގެ ގޮތުގައެވެ.

އަދި މިހާހިސާބުން ނިމުނީއެއް ނޫނެވެ. ވެރިކަމަކީ ރައީސް ނަޝީދު އަބަދުމެ ފެންފޮދު ހިއްޕަވައިގަނެފައިވާ ކަމަކަށްވާއިރު މިފަހަރު ވެރިކަމާއި އެންމެ ގާތަށް އާދެވެން އޮތް ހިސާބަކަށް އެމަނިކުފާނު ވަނީ ވާސިލްވެފައެވެ. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ އެކަން ޗަރުކޭހެއްގެ ތެރެއިން ކާމިޔާބު ކުރެއްވުމަށްފަހު ދެން މިސްރާބު ޖެއްސެވީ މަޖިލީހުގެ ރައީސް ކަމަށެވެ. އެވެސް ޕީޖީ މެންބަރުންނަށް އޮޅުވާލައްވައިގެންނެވެ.

މަޖިލީހުގެ ރައީސްކަން ނަންގަވައިގެން އެމަނިކުފާނު މަޖިލިސް ހިންގަވަނީ ހިތްޕުޅާވާގޮތަށެވެ. މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެން އެންމެ ފުރަތަމަ ދުވަހު ދެއްވި ހިތާބުގައިވެސް އެމަނިކުފާނުވަނީ އެހެން ދީން ތަކަށް ރާއްޖޭގައި ފުރުސަތު ދޭންޖެހޭ ފަދަ މޭރުމަކުންވެސް ވާހަކަ ދައްކަވާފައެވެ. މަޖަލީހުގެ ރިޔާސަތުގައި އިންނަވައިގެން ހުށަހަޅާ ބިލްތަކަށް އެމަނިކުފާނުވެސް ބަހުސް ކުރައްވައެވެ. އަދި ބައެއް ފަހަރު މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތަކުގައި ބައިވެރިވެ ބަހުސްވެސް ކުރައްވައެވެ.

ވެރިކަމުގެ ހުންގާނުގައި ހުންނެވީ އެބޭފުޅާ ކަމަށް ދެކިގެން ހަތަރު ދަޅައަށް ދުވާލެއް މެންދުރެއް ހަވީރެއް ރޭގަނޑެއް  ބެލުމެއްނެތި މަޖިލީހުގައި ޖަލްސާތައް ހިންގަވަނީއެވެ.

ބަހުސްގެ މަރުހަލާ ކުރުކުރުމަށް މެންބަރުން ކޮމިޓީތަކަށް ފޮނުވުމަށް މޮޅެތި ކޮމިޓީ ބައްދަލުވުންތައް އިންތިޒާމު ކުރައްވައެވެ. އެހެނީ، އެމަނިކުފާނުއަކީ ޖުޑިޝަލް ކޮމިޝަން ސާވިސްގެ މެންބަރަކަށް ވާތީ އަވަހަށް ވޯޓަށް އައްސަވާފައި ޖޭއެސްސީ ކުޅި ބައި އަތުރުއްވަން ޖުޑީޝަލް ސާވިސް ކޮމިޝަންއަށް ވަޑައިގަންނެވޭނެ ނޫންތޯއެވެ؟

ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރޭގައި އޮންނަ އެއްބާރުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅާ މިއަދުވެސް ދަނީ އެތަށް ގޮތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަމުންނެވެ. ޒިނޭ ހުއްދަވާ ފަދަ މޭރުމަކުން ވަނީ ވާހަކަދައްވާފައެވެ. ހެދުން އެޅުމާއި ގުޅިގެން ދާދި ފަހުން އެމަނިކުފާނު ދެއްކެވި ވާހަކަތަކަށްވަނީ އެތަށް ބައެއްގެ ނުރުހުން އަމާޒުވެފައެެވެ. މިހެންގޮސް ފަތިވަރު ކިޔަން ވެއްޖެއްޔާ އިރުއަރާ އޮއްސޭއިރުވެސް ނޭނގޭނެއެވެ.

ރައީސް ނަޝީދުއަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ހުރުމަތް ކަނޑުއްވައި، ގާނޫނުތަކުން ބޭރުން ކަންކަން ކުރެއްވުމުގައި އެންމެ މަތީ ދަރަޖަ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ސިޔާސީ މައިދާނުގެ އެހެން ބޭފުޅުން ގާނޫނުން ބޭރުން ކަންކަން ކުރައްވަމުން ގެންދަވާއިރު ރައީސް ނަޝީދު އެކަމަށް ފާޑު ކިޔުއްވައެވެ. ނަމަވެސް ނަޝީދު ކުރެއްވުމުން ހުރިހާ ކަމެއްވެސް ހަމަ ސައްޙައެވެ.

މިވާހަކަ މިގޮތަށް ދެކެވުނީމާ އިހު ޒަމާނުގައި ހިނގި ވެލާބިސް ހަރާމުގެ ވާހަކަ ތިލަކޮށްލާނަމެވެ.

އަތިރިމައްޗަށް ހޫރެން ދިޔަ މީހަކަށް ވެލާ ބިސްވަޅެއް ފެނިގެން އޭގައި ހުރި ވެލާ ބިސްތައް ނަގައިގެން ރަށުތެރެއަށް އަރައިގެން ދަނިކޮށް ޖެހުނީ ރަށު ކަތީބު ކުރިމައްޗަށެވެ. ތިޔައީ ކޯއްޗެއްތޯ ކަތީބު އެއްސެވުމުން ޖަވާބުގައި އެމީހާ އެއީ ވެލާ ބިސްކަމުގައި ބުންޏެވެ.

ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސާލެއްވުމަށްފަހު ސުބުޙާނަﷲ ތިޔައީ ހަރާމް އެއްޗެކޭ ތިޔަ އަވަހަށް ތިމަންނައާއި ހަވާލުކުރާށޭ ބުނުމުން ގައިގަންނަ ކުރައްވާ ބިރުން އެ ހަވާލުކޮށްފައި އެމީހާ ގެއަށް ދިޔައެވެ.

ކަންދިމާކުރި ގޮތުން އެމީހާއަށް އެދުވަހު ކަތީބު ގޯއްޗަށް ގޭދޮށުން ފޮނުވައިގެން ކަމަކު ދާންޖެހުނެވެ. އެމީހާ ދިޔައިރު ކަތީބުގެ އަންހެނުން އުޅެނީ ބަދިގޭގައި މާ މޮޅު ފޮޅިއެއް އެޅުމުގެ މަސައްކައްތުގައެވެ.

ކަމަކު ދާކަށް ނެތެވެ. އެއީ ހަރާން އެއްޗެއް ކަމަށް ބުނެ އެމީހާ އަތުން ކަތީބު އަތުލި ވެލާ ބިސްތަކެވެ. ކަތީބު އަންހެނުން ކީއްކުރާ މީހެއްހޭ އަހާލިއެވެ. އެމީހާ އަނގަ ހުޅުވާލުމުގެ ކުރިން ކަތީބަށް ވެސް ފެންޑާއިން ބަދިގެއަށް ވަދެވުނެވެ.

ހަމަ ވަދެވުމާއެކީ އެއްކަލަ މީހާ ކަތީބަށް ފެނުނެވެ. އެވަގުތު އެމީހާ ކަތީބު ގާތު އަހައިލިއެވެ. ބަލަ ހަރާން އެއްޗަކުން ފޮޅި އަޅަނީ ކީއްވެތޯއެވެ.

ކަތީބު ޖަވާބު ދެއްވިއެވެ. ބަލަ ހަރާމީ ބިހެވެ. ފޮޅި އަޅަނީ މުރަނގަ ފަތްކޮޅެއް އަޅައިގެނެވެ.

ކަތީބެކޭ ރައީސް ނަޝީދެކޭ ތަފާތަކީ ކޮބައިތޯއެވެ؟

އެހެން މީހުން ކުރީމާ ގޯސްވެފަ ތިމާ ކުރީމާ ރަނގަޅުވަންޏާ އަޅުގަނޑަަށް ދެންނެވޭނީ ރައީސް ނަޝީދެވެ. ބަލަ ބިހޭ ހަރާމީ އޭ ވިދާޅު ނުވާށެވެ.

އެއީ މަނިކުފާނު އެއަށް ފަތްކޮޅެއް ނޫނީ އަސޭ މިރުސް ކޮޅެއް އަޅުއްވައިގެންވެސް ހަލާލުކުރައްވަފާނެތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

Leave a Reply to މީހެއް ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: