ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަށް ސަލާމަތްކަން އޮތީ މައުމޫނާއި ގާސިމާއި އިމްރާނާއި ނުލާ!

ކޯލިޝަންގެ ބައިވެރިން. ގާސިމާއި، މައުމޫނާއި، އަދާލަތަކީ އަބަދުވެސް އެމްޑީޕީއާއި ދެކޮޅު ވިސްނުން. ފޮޓޯ: ސޯޝަލް މީޑއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ 2019 ވަނަ އަހަރެވެ. އަދި މިއުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް 1 އަހަރު ނުވެގެންނެވެ. މިއަދު މިއިވެނީ ޖުމްހޫރީޕާޓީ، އެބަހީ ގާސިމް އިބްރާހިމް 2023 ވަނަ އަހަރަށް ރިޔާސީ ކެންޑިޑޭޓެއް ނެރޭ ވާހަކައެވެ. ޕީޕީއެމް އަލުން އަނބުރާ ލިބޭތޯ ކުރި އެތައް މަސައްކަތަކަށްފަހު، ޕާޓީ އެއް އަތުނުޖެހުމުން ޕާޓީއެއް ހަދަން އުޅެ 3000 މެމްބަރުން ހަމަނުވެގެން ދިން ހުއްދަ ބާތިލްވެގެން އަނެއްކާ ހުއްދައަށްއެދިގެން މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެން ރައީސް މައުމޫނަށްވެސް ތާއީދުކުރާ 3000 މީހުން ވެއްޖެއޭ ކިޔާތީ އަޑު އިވެއެވެ. އަދާލަތުޕާޓީއަކީ ފެށުނީއްސުރެ ދީނީ ތާޖުގައި، ސިޔާސީ ވިޔަފާރިކުރާ، ގާސިމް އިބްރާހިމްގެ އަތްދަށު ކުޑަ ޖަމާއަތެކެވެ. ދެން އޮތީ ރައީސް ޔާމީންގެ ޕީޕީއެމްއާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.

މިއަދު ކޯލިޝަނެއްގައި ރައީސް ސޯލިހާއި އެމްޑީޕީއާއެކު މައުމޫނާއި ގާސިމާއި އިމްރާން ތިއްބެވިނަމަވެސް މިއީ ވިހަގަދަ ހަރުފަތަކެކެވެ. ވިހަލާން އެތިބެނީ ފުރުސަތަކަށް ބަލަބަލައެވެ. ފުރުސަތެއް ހަމަ ލިބޭއިރަށް ވިހަލައި ވެރިކަން ދަމައިގަންނާނެއެވެ، ނުވަތަ ރައީސް ސޯލިހުގެ ކަރަށް ފައިން އަރުއްވާނެއެވެ. މިހެން އަޅުގަނޑު ލިޔެގެން އެކަމާ އެއްވެސް މީހެއްގެ ހިތަށް އަސަރެއް ކުރާނެ ކަމެއް ނެތެވެ، މާޒީގެ މަންޒަރާއި މުސްތަގުބަލުގެ ދުރުމީ ފެންނަނީ އެމަގުންނެވެ.

އެމްޑީޕީ ފިކުރު ފެށުނީ މައުމޫނަށް ނަފްރަތު ކުރަމުން:

ވާހަކަ ފަށާނީ ރައީސް މައުމޫނާއި ހަމައިންނެވެ. 1978 ވަނަ އަހަރު ހުވާކުރެއްވުމުގެ ކުރިން އަންބޮނޑިއަށް ފިސްތޯލަ ޖައްސަވައިގެން ހުންނެވިކަމަށްބުނާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެންނެވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިންނެވެ، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. 2008 ވަނަ އަހަރު ދިގު 30 އަހަރުގެ ވެރިކަމެއް ވޯޓް ކަރުދާހަކުން ބަދަލުކޮށްލުމުން، ރައީސް މައުމޫނާއި އެމަނިކްފާނުގެ ބައިވެރިން ޑިމޮކްރެޓިކް ވެރިކަމެއް ބަދަލުކޮށްލީ މަގުމަތިން ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާއެކު، ހުތުރު ބަސްނޭހުމެއްގެ ކުރިމަތިލުމަކުންނެވެ.

އޭގެފަހުން އައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކޯޓުގެވެސް ފުރިހަމަ އެހީތެރިކަމާއެކު ކާމިޔާބުކުރެއްވީ ރައީސް މައުމޫންގެ އެއް ބަފާ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ނައިބަކަށް ހުންނެވީ ޑރ.މުހައްމަދު ޖަމީލު އަހުމަދެވެ. ނައިބް ރައީސް ކަމުން ޖަމީލު ވަކިކުރެއްވުމުން ރައީސް މައުމޫން ޖެއްސެވި ހިސާބުގައި، 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ޔާމީން އަބްދުލް ގައްޔޫމް، ނައިބަކަށް ފާރިސް މައުމޫން އިސްވެގެން ދާނެއެވެ، ނުވަތަ ފާރިސް ވެރިކަމަށް ސީދާ ވަޑައިގަތުމުގެ ދޮރުވެސް ހުޅުވުނެވެ. ސިޔާސީ ހިސާބު ޖައްސަވާ މުފައްކިރުން ގަބޫލުކުރައްވާގޮތުގައި ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ޖެހުނު އެންމެ ބޮޑު މައްސަލައަކީ ހުސްވި ނައިބް ރައީސްގެ މަގާމަށް ފާރިސް މައުމޫން އިސް ނުކުރެމެވެ.

ރައީސް މައުމޫން އެމަނިކްފާުގެ ކޮއްކޯފުޅު އަރިހުގައި 2013 ގައި. ފޮޓޯ: ސޯޝަލް މީޑިއާ

ދީނޭ، ގައުމޭ، އިސްތިގްލާލޭ ވިދާޅުވެ ކިތަންމެ ވާހަކައެއް ދައްކާ، އަމިއްލަ ކޮއްކޯފުޅުގެ ވެރިކަމާއި ރައީސް މައުމޫން ދުރަށް ވަޑައިގަތީ ދަރިކަލުންގެ ހައްގުގައެވެ. ދަރިކަލުން ރާއްޖޭގެ ވެރިކަމަށް ގެންނެވުމުގެ ހުވަފެންފުޅުގައެވެ. އަދިވެސް އެހުވަފެން އެގޮތުގައި އޮތަތީވެ ކިތަންމެ ދަތީގައިވެސް 3000 މީހުން ހޯއްދަވައިގެން ސިޔާސީ ދަނޑުން ޖާގަ އެހޯއްދެވީ 2023 ގައި ދަރިކަލުން އަލުން “ކިނބިގަސްދޮށިގޭގެ ވެރިކަމެއް” ހޯއްދަވާފާނެކަމަށް ޖައްސަވާ ހިސާބެއްގައެވެ.

ގާސިމް އިބްރާހިމް 2008 އިން ފެށިގެން އުޅުއްވަނީ އަވަދިނެތި ވެރިކަން ހޯއްދެވުމުަގައި. ފޮޓޯ: ސޯޝަލް މީޑިއާ

ގާސިމްގެ ކުލަ ނުޖެހޭ ހުވަފެން؛ ވެރިކަން:

ގާސިމް އިބްރާހިމްތޯއެވެ. ގާސިމް އިބްރާހިމަކީ އެމަނިކްފާނުގެ އުމުރު ހަޔާތް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށްޓަކައި ހޭދަކޮށްލައްވާ ހިތްވަރުގަދަ ޝަހުސިއްޔަތެކެވެ. 2008 ގައި މަސައްކަތް ކުރެއްވިއެވެ، ވީ ނާކާމިޔާބެވެ. 2013 ގައި އަލުން ވާދަކުރެއްވިއެވެ، ކާމިޔާބުވާގޮތެއް ނުވިއެވެ. 2018 އަށް އަމާޒު ހިފިއެވެ، އެފުރުސަތެއް ރައީސް ޔާމީން ނުދެއްވިއެވެ، ނަމަވެސް ޖޭޕީގެ ޓިކެޓްގައި ގާސިމަށްވުރެ އުހަށް ފައިސަލް ނަސީމް ނައިބް ރައީސްގެ ގޮތުގައި ދެމިގެންފިއެވެ. ދެން އޮތީ 2023 އެވެ، ގާނޫނީ ހުރަހެއް ނެތެވެ، ގާސިމް ވިދާޅުވަނީ 2023 ގައި ޖޭޕީ އިން ކެންޑިޑޭޓެއް ނެރޭނެކަމަށެވެ.

ނެރުއްވަނީ ކޮން ކެންޑިޑޭޓެއްކަން ވިދާޅުނުވިޔަސް ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ވީލާ ކުންފުނީގެ ރުހުން އޮތީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމަށްކަން މިއަދުވެސް އަޅުގަނޑު ލިޔަމެވެ. ގާސިމަކީ ކިންގު މޭކަރެކޭ އެމަނިކްފާނުގެ އަރިސް ބޭކަލުން އެމަނިކްފާނު ރުއްސަން ވިދާޅުވެއެވެ. 2008، 2013، 2018 ގައި ކިންގުން އުފެއްދެވުމަށްފަހު 2023 ގައި ގާސިމް އިބްރާހިމް ނުކުންނަވާނީ ދޭތިން އެކައްޗަށް ކިންގަށްވުމަށެވެ. ސަބަބަކީ 2008 ގައި ރިޔާސީ ރޭހަށް ނުކުންނެވިއިރު ގާސިމްގެ އުމުރަކީ 58 އަހަރެވެ، 2023 ގައި ނުކުންނަވާއިރު އެމަނިކްފާނުގެ އުމުރަށްވާނީ 73 އަހަރެވެ. އެހެންކަމުން މިއީ ރިޔާސީ ގޮނޑިއަށް އެމަނިކްފާނު ޖައްސަވާ ފައިނަލް އެޓެމްޓްކަމަށްވުން ގާތެވެ، އުމުރުގެ ދޮށިކަމާއިވެސް އެކުއެވެ.

ޝައިހް އިމްރާނާއި އަދާލަތު ޕާޓީން އަބަދުވެސް ވިއްކަނީ ދީން، ބޭނުންވަނީ ސިޔާސީ މަގާމް. ފޮޓޯ: ސޯޝަލް މީޑިއާ

އަދާލަތަކީ ގާސިމްގެ ދީނީ ގޮފި:

ދެން އޮތީ އަދާލަތު ޕާޓީއެވެ. ނަމުން ދީން ވިއްކައިގެން އުޅުއްވިޔަސް އެޕާޓީއަކީ އަބަދުވެސް “ސިޔާސީ މަގާމްތަކުގެ ދަހިވެތިކަމުގައި” އުޅުއްވާ ކުޑަ ޖަމާއަތެކެވެ. މިރާއްޖޭގައި އިސްލާމްދީނަށް ނަސްރު ދިނުމަށް އެޕާޓީއިން ކުރިކަމެއް ފެންނާކަށް މިފަހަކުން ފެންނާކަށް ނެތެވެ. ބައެއް ދީނާއި ދުރު ކަންކަން މުޖުތަމައުން ފެނުން ނަމަވެސް އެކަމަށްވެސް ހައްގުގައި ތެދުވުމުގެ ބަދަލުގައި އަދާލަތު ފެންނަނީ ސިޔާސީ ފަރާތްތަކާއެކު އެއްދާންކުރެއްވުމުގައި ހިމޭންކޮށް ތިއްބަވާތަނެވެ. 2008 ގައި ގާސިމްގެ ފަހަތުން އެމްޑީޕީއާއެކުއެވެ. 2013 ގައި ގާސިމްގެ ފަހަތުން ޔާމީނާއެކުއެވެ. 2018 ގައި އަނެއްކާވެސް އިއްތިހާދުވެގެންނެވެ. ރައްޔިތުންގެ މަޖިލީހަކުން ލިބުނު ގޮނޑިއެއްވެސް ނެތެވެ. މިމަންޒަރުތަކަށްބަލާއިރު އަދާލަތު އަބަދުވެސް އޮންނާނީ ސިޔާސީ ރަނގަޅު ޑީލަކަށް ބަލަބަލައެވެ، ގިނަ ފަހަރަށް އެޑީލް ދެއްވަނީ ގާސިމް އިބްރާހިމެވެ.

މިމަންޒަރަށް ބަލާއިރު 2023 އަޅުގަނޑަށް ފެންނަނީ ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބްގައި ވާދަކުރައްވާ، ރައީސް މައުމޫންގެ ޕްރޮކްސީގައި އެމްއާރްއެމްގެ ޓިކެޓްގައި ފާރިސް މައުމޫން، ގާސިމްގެ ރަނިންގމޭޓަކަށް ވެވަޑައިގަންނަވާ ތަނެވެ. މިގޮތަށް ކާމިޔާބުވެއްޖެނަމަ 2023 ގައި ނައިބްކަން، 2028 ގައި އަލުން ކިނބިގަސްދޮށުގެއަށް ވެރިކަން ލިބުމުގެ ހިސާބު އެބޭފުޅުން ޖައްސަވާނެއެވެ. އަދި މިބޭފުޅުންނަށް ވާގިދިނުމަށް ރަނގަޅު މަގާމްތަކަކާއެކު އަދާލަތު ޕާޓީ ފަހަތުގައި އޮންނާނެއެވެ.

ރައީސް ސޯލިހަށް އަޅުގަނޑު ހިތުގެ އަޑިން ދޭން އޮތް ނަސޭހަތަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި، މަނިކްފާނާއި ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕް ގުޅިގެން ކުރިއަށް ވަޑައިގަތުމަށެވެ، ގްރާސްރޫޓާއި އާއްމު މެމްބަރުންނާއެކު އެކަތިގަނޑެއްގެގޮތުގައި އޮތުމަށެވެ. ރައީސް މައުމޫނާއި، ގާސިމް އިބްރާހިމާއި، ޝައިހް އިމްރާން އަބްދުﷲ މިއަދު ވަކި ތޮތްޕެއް އަޅުއްވައިގެން ތިއްބެވިޔަސް އެވާނީ ހަމަ އެޔަށެވެ. މިބޭފުޅުން އެއްބަސްވާނެ އެއް ކަމެއް، ހިތާ ހިތުން ގުޅޭނެ އެއް ކަމެއް އޮންނާނެއެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް އޮންނަ ނަފްރަތާއި ރުޅިވެރިކަމެވެ. މިއިން ބޭފުޅެއް ދުވަހަކުވެސް އެމްޑީޕީއަށް އެމްޑިޕީ ގަބޫލުކުރާ މައިގަނޑު އަސާސަކަށް ނުރުހޭނެއެވެ، ތިބޭނީ ރަނގަޅު ދަނޑިވަޅަކަށް ބަލަބަލާ ވިހަލާން ތައްޔާރަށެވެ. ރައީސް ސޯލިހެވެ، މަނިކްފާނަށްވެސް އަދި އެމްޑީޕީއަށްވެސް ސަލާމަތްކަން އޮތީ މައުމޫނާއި ގާސިމާއި އިމްރާނާއި ނުލައެވެ!

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: