ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯއައިސީ ކުއްލި ބައްދަލުވުމަށް ޝާހިދު ފުރާވަޑައިގެންފި

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އޯއިސީގެ ކުއްލި ބައްދަލުވުމަށް ފުރައިވަޑައިގަތުން :ފޮޓޯ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަލަސްތީނުގެ އުރުދުން ވާދީ އިސްރާއީލުގެ ބަޔަކަށް ހަދާނެކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކާއި ގުޅިގެން އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާ (އޯ.އައި.ސީ) އިން ބާއްވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރޭ ސައޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ.

ފުރާވަޑައިގަންނަވަމުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއިއެކުގައި ކަމަށެވެ. 

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުން ބާއްވާކަން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުތައިމީން އިއުލާންކުރައްވަމުން ވިދާޅުވީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އުރުދުން ވާދީއަށް އިސްރާއީލުން ވެރިވެގެންފިނަމަ އެކަމުގެ ސަބަބުން ނިކުންނަ ނަތީޖާއެއްގެ ޒިންމާ ޔަހޫދީ ދައުލަތް އިސްރާއީލުން ނަގަން ޖެހޭނެކަމަށެވެ. 

ފަލަސްތީނުގެ މައްސަލަ އަނެއްކާވެސް ހޫނުވެފައި މިވަނީ މިހަފްތާގައި އިސްރާއީލުގައި ބާއްވާ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ފަލަސްތީނުގެ އުރުދުންވާދީ އާއި ޑެޑް ސީގެ އުތުރާއި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކޮށްފައިވާ ސަރަހައްދުތަކަކީ އިސްރާއީލުގެ ސިޔާދަތު ހިނގާ ސަރަހައްދުތަކަށް ހަދާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވުމާއި ގުޅިގެންނެވެ. 

ނަތަންޔާހޫގެ މިވާހަކަތައް އިސްލާމީ ޤައުމުތަކާއި ޔޫރަޕްގެ ޤައުމުތަކާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައިވާ ޤައުމުތަކުން ގެންދަނީ ކުށްވެރިކުރަމުންނެވެ. ނަތަންޔާހޫގެ މިވާހަކަތައް ކުށްވެރިކޮށް ދިވެހި ސަރުކާރުންވެސް ބަޔާން ނެރުނެވެ.

ސަރުކާރުން ނެރުނު ބަޔާނުގައިވަނީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވުން ވާނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު އަމަލަކަށް ކަމަށާއި، އެކަން ވެގެންދާނީ މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ދެކެވޭ ވާހަކަތަކަށް އެޅިގެންދާ އިތުރު ހުރަހަކަށް ކަމަށެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެކުގައިކަމަށާއި، ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދާނީ 1967 ވަނަ އަހަރު އެކުލަވާލެވުނު ސަރަހައްދީ އިންތަކުގެ މަތީގައި ޤާއިމްކުރެވޭ މިނިވަން ދެ ދައުލަތުގެ ހައްލަށްކަމަށް ދިވެހި ސަރުކާރުން ބުންޏެވެ. އަދި އެކުލަވާލެވޭ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށުގެ ގޮތުގައި އޮންނަން ޖެހޭނީ އިރުމަތީ ޤުދުސްކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުން ތަކުރާރުކޮށްފައިވެއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ޖިއްދާއަށް ފުރާވަޑައިގެންފައިވާއިރު، އެދަތުރުފުޅަށްފަހު ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ޗައިނާގެ ޚާރިޖީ ވަޒީރުގެ ދައުވަތަކަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެއްގައި ބެއިޖިން އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: