ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތިން މިޖީލު ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވާޖިބެއް: ރައީސް

ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ:ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާއިން މިޤައުމާއި މި ޖީލުގެ ދަރީން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ މުހިންމު ވާޖިބެއް ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ 2019 ހުޅުއްވައި ދެއްވުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މަސްތުވާ ތަކެތީގެ ޝިކާރައަށް ވަމުންދާ ޒުވާން ޖީލް އެވަބާއިން ސަލާމަތްކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު އަދި އެހާމެ އިސްކަން ދެވިފައިވާ ސިޔާސަތެއްކަމަށެވެ.

މި ސިޔާސަތު ބައްޓަން ކޮށްފައިވާނީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި، މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ފަރުވާދީ، ތަރުބިއްޔަތުދީ، ތަމްރީން ދީގެން އެމީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި މުޅި މުޖުތަމަޢު ބައިވެރި ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، މިއީ ބޭނުންވާ ނަތީޖާއާއި ހަމައަށް ވާސިލުވުމަށް ހިނގަންޖެހޭ މަގު ކުރުވެ، ބޭނުންވާ ނަތީޖާ މާ އަވަހަށް ހާސިލުވާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނަށް ޒަމާނާއި ޙާލަތާއި ގުޅޭ އިސްލާހު ތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އެގޮތުން މި ޤާނޫނު މުރާޖާކޮށް މި ޒަމާނަށް ފެތޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށާއި މިކަމާއި ގުޅުންހުރި އެހެނިހެން ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް މިއަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އާބާދީގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އާބާދީ އަކީ ބޮޑެތި މީހުންނާ އެކަހެރިކޮށްގެން ޚާއްޞަ ތަރުބިއްޔަތު ތަކަކާއި ޚާއްޞަ ފަރުވާތަކެއް ދޭން ޖެހޭ ބައެއްކަމަށާއި، މިފަދަ ކުޑަކުދިންނަށް ފަރުވާދޭ މަރުކަޒެއް، ޤާއިމުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމުގައިވެސް ރައީސް ހާމަކުރެއްވިއެވެ.

މިމަރުކަޒު ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށާއި، މިއާއެކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އެވަބާއިން ސަލާމަތްކުރުމަށްޓަކާ އެކުދިންނާ، ކުދިންގެ ޢާއިލާތަކަށް ދޭންޖެހޭ ރީހެބިލިޓޭޝަން ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާ ތަކެތިން ޤައުމު ސަލާމަތް ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ނުވަތަ އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާ ތަކެތި އެތެރެވުން ހުއްޓުވުންކަމަށާއި މިކަން ކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކުން މިހާރަށް ވުރެ ތެދުވެރިކަމާއި ހަރުދަނާކަމާއެކުގައި ހަގީގީ މަސައްކަތްތަކެއް ކޮށްގެންކަމުގައި ވިދާޅުވިއެވެ.

https://www.youtube.com/watch?v=ikm5Y7z9w0A

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: