ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަށް އިތުބާރެއް ނެތް! ނެކްސްޓް ޓާގެޓަށް ރައީސް ނަޝީދު ވެދާނެ!

ރައީސް ޔާމީންގެ ވެރިކަމުަގއި އަނިޔާވެރިގޮތަކަށް ދިވެހި ފުލުހުން ރައީސް ނަޝީދާއިމެދު އަމަލުކުރި ދުވަހެއް. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި  ހަފްތާގެ އެންމެ ބޮޑު ބަހުސަކީ ކޮންމެވެސް އެކަކު ދޮގު ހަދައިފި ވާހަކައެވެ. ތެދު ހަދަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުތޯ ކުރެވޭ ސުވާލެވެ. ނޫސްވެރިޔާ ރިޟްވާން މަރުވި ހަބަރަށްފަހު، ރައީސް ނަޝީދު ވިދާޅުވަނީ ސަލާމަތީ ބާރުތަކުން އެމަނިކްފާނަށް ފާރަލާކަމަށެވެ. ފުލުހުން އެމަނިކްފާނަށް ފާރަލާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު އެރުވިކަމަށެވެ.

އަޅުގަނޑު ގާތުގައި އެމްއެންޑީއެފުން ބުނި މީގެ ތިން ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ކޮށްފާނެ. އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ. ނަމަވެސް އަޅުގަނޑު މިހުރީ އެ ވާހަކަ ދެއްކުން ހުއްޓާލާ ގޮތަކަށް ނޫން

ނަމަވެސް ފުލުހުންނާއި ސިފައިން އެކަން ހަމަ ޖެހިގެން އައި ދުވަހު ދޮގުކުރިއެވެ. މީގައި ސުވާލު އުފެދޭނީ ދޮގު ނުކުރިނަމަތާއެވެ. ރައީސް ނަޝީދުގެ ފުރާނަފުޅަށް، އެމަނިކްފާނުގެ ވެރިކަމުގައި ސަލާމަތީ ބާރުތަކުން ނުރައްކާކުރިކަމަށްވެސް އޭރު ވާހަކަ ދެކެވުނެވެ. ގައުމީ ސަލާމަތަށް ފޮރުވާފައި އޮތް ކޯނީގެ ފުރިހަމަ ރިޕޯޓްގައި ކިތަންމެ ތަފްސީލެއް އެބަހުރިކަމަށް ދެނެތިބި މީހުން އެބަ ބުނެއެވެ. އެމަނިކްފާނުގެ ވެރިކަން 2012 ފެބްރުއަރީ 7 ގައި ވައްޓާލުމާހަމައަށް އެމަނިކްފާނަށް ނާމާންކަން އޮތޭ ބުނި ފުލުހުންގެ މުއައްސަސާއާއި ސިފައިން ކޮބާ ހެއްޔެވެ؟

އަނބިދަރިންނާއި އަމިއްލަ ފުރާނައިގެ ސަލާމަތަށްޓަކައި އެމަނިކްފާނު އިސްތިއުފާ ދެއްވި ދެއްވުން، އިއްޔެ މެންދުރު ހިނގިކަމެއްހެން ދިވެހިން ހަނދާން އެބަހުއްޓެވެ. މިދައްކަނީ ހަމަ ފުލުހުންނާއި ސިފައިންއިންގެ ވާހަކައެވެ. ފުލުހުންގެ މަތިފަޑީގައި މިއަދުވެސް އެ ފައިރޫޝަކާއި ރިޔާޒަކާއި އާދަނާއި މުހައްމަދަކާއި އިބްރާހިމެއް އާހިތްވަރެއްގައި ތިބިވާހަކައެވެ. މިވާހަކަ މިފާހަގަކޮށްލީ 7 ފެބްރުއަރީ އައު ކޮށްކޮށްފައި ކިޔާކަށްނޫނެވެ. ނަމަވެސް އެއީވެސް ރާއްޖޭގެ ތާރީހުގައި ހިނގި މުހިއްމު ހާދިސާއަކަށްވެފައި، އެކަމުން ރައީސް ނަޝީދަށާއި ދިވެހި ދައުލަތަށް ލިބުނު ގެއްލުމާއި ނުރައްކަލުގެ ވާހަކަ އައު ކޮށްލުމަށެވެ.

ގާނޫނީ ވެރިކަމެއް 2012 ފެބްރުއަރީ ގައި ފުލުހުންނާއި ސިފައިންގެ އެހީގައި ނިމުމަކަށް. ފޮޓޯ: ސޯޝަލް މީޑއާ
ގާނޫނީ ވެރިކަމެއް 2012 ފެބްރުއަރީ ގައި ފުލުހުންނާއި ސިފައިންގެ އެހީގައި ނިމުމަކަށް. ފޮޓޯ: ސޯޝަލް މީޑއާ

ރައީސް ނަޝީދު، އެމަނިކުފާނަށް ފުލުހުން ފާރަލާކަމަށް ބުނުމުން ފުލުހުންނާއި ސިފައިން އެކަން ދޮގުކުރުމަކުން އެކަމުގައި އައިބު ގޮތެއް ނެތެވެ. ނަމަވެސް ޅަ އިރުގެ އެކުވެރިޔާ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ނަޝީދުގެ ވާހަކަ ދޮގުކުރުމުން އައިބު ގޮތެއް ހުއްޓެވެ. ދައުލަތުން ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ރައީސް ނަޝީދަށް ޖަލުގައްޔާއި ޖަލުން ބޭރުގައި ދިން އަނިޔާ، އެމަނިކްފާނުގެ ފުރާނައަށްކުރި ނުރައްކާ އެންމެ ގާތުން ފެނުނު އެކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި މިވަރު ކަމެއްގައި ރައީސް ނަޝީދު މިހާ ފާޅުކަންބޮޑުގޮތެއްގައި އިތުރުފުޅު ނުހައްދަވާނެކަން ޔަގީން ކަށަވަރުކޮށް އެނގޭނެ ފަރާތަކީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު. ފޮޓޯ: ރައީސް ސޯލިހު
ރައީސް ސޯލިހާއި ރައީސް ނަޝީދު. ފޮޓޯ: ރައީސް ސޯލިހު

ރައީސް ނަޝީދަށް ބަޔަކު ފާރަލާކަމަށް ބުނުމުގެ ކުރިން، ދެން ބަލާލަން ޖެހެނީ ރައީސް ނަޝިދަށް ފުލުހުންގެ ބަޔަކު ފާރަލާން މިއުޅުނީ ކޮން ކަމަކާއި ގުޅިގެންތޯއެވެ. ރިލްވާންގެ މަރާއި ގުޅިގެން އުފައްދާފައިވާ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ރާއްޖޭގައި ޖިހާދީ ގްރޫޕްތަކުގެ ބިރު ބޮޑުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ރިލްވާން މަރާލުމުގައި މި ގްރޫޕަކުން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ރާއްޖޭގައި ޖަތުލު ހިންގަނީ އަލްޤައިދާގެ ރާއްޖޭގެ ގޮފިން ކަމަށާއި އައިސިސް ޖަމާއަތުގެ ގޮފިން ރާއްޖޭގައި ކުރަނީ ވައްކަން ކަމަށްވެސް އެރިޕޯޓްގައި ބުނެފައެވެ.

ހަމަ އެހަފްތާގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައިރާންކުރަނިވި ޓުވީޓެއް ކުރިއެވެ. ނާޒިމް ކުރި ޓުވީޓުގައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާކަމަށް ބުނާ ޖިހާދީ ގްރޫޕްގެ ދެން އޮތް ޓާގެޓަކީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަމަށާއި، ސީރިޔާއިން އައި ޖިހާދީއަކު މިވަގުތު ހުރީ މާފުށީ ޖަލުގައި ކަމަށާއި އަދި މާފުށިން ވާހަކަ ދެއްކި މީހަކު، ޖިހާދީ ގުރޫޕްގެ ދެން އޮތް ޓާގެޓަކީ ރައީސް ނަޝީދު ކަމަށް ބުނެފައިވާ ކަމަށެވެ. ހަމަ މީގެކުރިން 25 އޮގަސްޓް 2018 ގައި ހުޅުމާލޭގައި އަންހެނަކު “ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ކަރު ބުރި ކޮށްލާނެ ކަމަށް” ދިން އިންޒާރުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. މިމައްސަލަތައް ބަލާ އެޅުނު ފިޔަވަޅަކީ ކޮބައިތޯއެވެ.

https://twitter.com/Ahmed_Fairoox/status/1033359798325075968?s=20

ރިލްވާންގެ މަރަކީ ދީނީ ހައްދުފަހަނަ އެޅި މީހުން ކުރިކަމެއް ނަމަވެސް އެކަމުގައި ފުލުހުންގެ ފާރަލުމާއި ބައިވެރިވުން ނެތްތޯއެވެ. ފާރަލީކަން ސަރުކާރުން ފޮރުވައިގެން ހުއްޓާ އެކަންވެސް ފާޅާއަރުވާލީ ރައީސް ނަޝީދު ނޫންތޯއެވެ. ރައްޔިތުންނާއި ހަމައަށް މައްސަލައިގެ ސީރިއަސްކަން ގެނެސްދިނީ ރައީސް ނަޝީދު ނޫންތޯއެވެ. ސީރިއާއަށް ދިވެހިން ދާކަމާއި، އަޑީ ދައުލަތުގެ ވާހަކަ ފާޅުގައި ދައްކާ، ރައްޔިތުން ރޯފިލުވައިދެނީ ރައީސް ނަޝީދު ނޫންތޯއެވެ. އަދި މިކަންކަން މިހެން ހިނގުމުގައި ފުލުހުންގެ ބައިވެރިވުމާއި އިހުމާލު އޮތްކަން ތިލަކޮށްދެނީވެސް ރައީސް ނަޝީދު ނޫންތޯއެވެ. ސިޔާސީ ވަކި ޝަހުސަކަށް ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ ފަރާތުން ބިރުވެރިކަމާއި ލާއިންސާނީ އަނިޔާ ލިބިފައިހުރީ ރައީސް ނަޝީދަކަށްނޫންތޯއެވެ. އަދި މިހާރުވެސް ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅި، މައްސަލަ ނުބެލި ހުރި އެންމެ ތްރެޓް ބޮޑު ސިޔާސީ ލީޑަރަކީ ރައީސް ނަޝީދު ނޫންތޯއެވެ.

ރާއްޖޭގެ ފުލުހުންނާއި ސިފައިން، ސަލާމަތީ ބާރުތަކުން އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ނުކުރެއްވިޔަސް، އަދި ބޭނުންފުޅުނުވިނަމަވެސް، އަމިއްލަ ފުރާނަފުޅާގުޅޭގޮތުން ރައީސް ނަޝީދު އެވަރުގެ އިތުރުފުޅެއް ހައްދަވާފާނެކަމަށް ނުފެނެއެވެ. ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނެވީތީ ސަލާމަތީ ބާރުތަކުގެ ކޮޅު ނެންގެވިޔަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައީސް ނަޝީދަށް ފުލުހުން ފާރަލާކަށް ސިފައިން ވިދާޅުވިކަމަށް އެމަނިކްފާނު އެވިދާޅުވީ އެހެން އެމަގަށް އެކަން ހިނގީމައެވެ. މިއީ ޖަދަލުކުރަންވީ މައްސަލައެއް ނޫނެވެ. ވަގުތު ބޭކާރުނުކޮށް ރައީސް ނަޝީދަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން އަރުވަންވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: