ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމުގައި ވައުދު ފުއްދުން، ކަމުގައި 2 ބެސްޓު ފްރެންޑުންގެ ކޯޅުން!

ރައީސް އިބްރާހީމް މުހައްމަދު ސާލިހް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މީހުންނާއި މަރުތަކާއި ބެހޭ މައްސަލަ ބަލާ ކޮމިޝަނުން މި މަހުގެ 1 ވަނަ ދުވަހު ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލުމާއި ގުޅޭތުން ނެރުނު ބާޔަން ވެގެންދިޔައީ މީގެ އެތަކެއް އަހަރުތައް ކުރިން ސިއްރު ސިއްރުން ބުންޏޭ ބުންޏޭ ކިޔައި ކޮފީ މޭޒުތަކުގައި މަދު ބައެއްގެ ތެރޭގައި ދެކެވޭ ވާހަކަތަކަކަށް ވިޔަސް އާންމުންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭ އާ ކަންތައްތަކެއް ހާމަވެގެންދިޔަ ބަޔާނަކަށެވެ.

ރިޟްވާން ގެއްލުވާލުމާއި ގުޅިގެން އެންމެ ބޮޑު ތުހުމަތެއް ކުރެވިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށެވެ. އެމްޑީޕީ އިން ރައީސް ޔާމީންގެ ސަރުކާރާއި އިދިކޮޅަށް ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކީވެސް ރިޟްވާން ގެ މައްސަލައެވެ. އޭގެ ފަހުން ބްލޮގަރު ޔާމީން ރަޝީދުގެ މަރެވެ. ނަމަވެސް ރިޟްވާން ގެއްލުވާލުމުގައި ރައީސް ޔާމީންގެ އެއްވެސް އަތެއް ނެތްކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވުމާއި ގުޅިގެން އެމްޑީޕީ އިން ދައްކަމުންގެންދިޔަ ވާހަކަ ހުވަނދަށް ވެގެން ދިޔައެވެ.

ސުއޫދު ވިދާޅުވީ ރިޟްވާން ރަހީނުކޮށްގެން ކާރަކަށް އަރުވައި ޑީންގީއެއްގައި ގެންގޮސް ކަނޑު އުޅަނދަކަށް އެރުވުމަށްފަހު ރިޟްވާން މަރާލާފައިވާކަމަށެވެ. ރިޟްވާން ގެއްލުވާލުމުގެ މައްސަލައިގައި ބައިވެރިވި ފަރާތްކަމަށް އެމްޑީޕީއިން ދެން ބުނާ ބަޔަކީ ނުވަތަ އެކަމުގެ އަނެއް އޯލްޓަރނޭޓިވް ނެރޭޓިވް އަކީ ހައްދުފަހަަނައަޅާފައިވާ ފިކުރުތަކެއްގެ ބައެކެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ދޭދޭ ދެ ފަރުދަކު އެއްވިނަމަ ދައްކާ ވާހަކައެކެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމްގެ މަރާއި، ނޫސްވެރިޔާ ރިޟްވާން ގެއްލުވާލުމާއި އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރާއި ގުޅުންތަކެއް ވާ ކަމުގެ ވާހަކަތަކެކެވެ. މިއީ އާ ވާހާކައެއް ނޫނެވެ.

ގިނަ ބަޔަކު ބުނަމުން ދިޔައީވެސް އެއް މަރު ފޮރުވުމަށް އެތަކެއް ބަޔަކު މާރާލައި ނުވަތަ ގެއްލުވާލައިފައިވާކަމަށެވެ. މިއީ އެމްޑީޕީ އިން އިންތިހާއަށް ސިޔާސީ ކުރި 3 މަރެވެ. ނަމަވެސް ވޭތުވެދިޔަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެތަކެއް މަރުތަކެއް ހިނގައި އަދި އެތަކެއް ބަޔަކު ގެއްލިފައިވެއެވެ. ކަން މިހެން އޮތް އިރު 3 މަރެއް އެމްޑީޕީ އިން ސިޔާސީ ކުރީ ކީއްވެބާއޭވެސް ހިތައް އަރައެވެ.

ހަގީގަތުގައި މި ތިން މަރުގެ ފަހަތުގައި ތިބީ ކޮން ބައެއް ހެއްޔެވެ؟ ނުވަތަ ކުރީގެ ސަރުކާރުން މި މަރުތައް ތަހުގީގު ކޮށްގެން އިންސާފު ހޯދައިދެވިފައި ނެތީ ކީއްވެ ހެެއްޔެވެ؟ ނުވަތަ އެމްޑިޕީއިން މި މަރުތައް ސިޔާސީ ކުރީ ކީއްވެ ހެއްޔެވެ؟ މި ސުވާލު ތަކުގެ ޖަވާބަށް ދިއުމުގެ ކުރިން މަރުތަކާއި ބެހޭ ކޮމިޝަނުން ހާމަކުރި ބައެއް މިހުންމު މައުލޫމާތުތަކަށް ބަލައިލަމާ ހިނގާށެވެ.

އެންމެ ފުރަތަމަ ކަމަކަށް މަރު ކޮމިޝަން ގެ ރިޕޯޓުން އެނގޭ ގޮތުން ރާއްޖޭގައި ދީނަށް ފުރައްސާރަކޮށް ތިމާ ހިތުހުރި ގޮތަކަށް ބޭނުން ޚިޔާލެއް ފާޅުކޮށް އުޅެމުންދާ މިނިވަން ފިކުރުގެ ބައެއް އުޅޭކަން އެނގެން އެބައޮތެވެ. އަދި ދީނީގޮތުން ހަރުކަށި ނުވަތަ ހައްދު ފަހަނައަޅާފައިވާ ބަޔަކު ރާއްޖޭގައި އުޅޭކަން އިނގެން އެބައޮތެވެ. މިކަން ފުލުހުންގެ އިންޓެލިޖެންސަށް މާކުރިން އެނގޭ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައި އެބައޮތެވެ.

އެ ރިޕޯޓުގައި އާންމު ކުރި މައުލޫމާތު ތަކަކީ ކުރިންވެސް ފުލުހުން އަތުގައި ހުރި މައުލޫމާތުކަން އެނގެން އެބައޮތެވެ. އެއީ ވަކި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެގެން އެކަންޏެއް ނޫނެވެ. މިހާރުގެ ޑިފެންސް މިނިސްޓަރ މާރިއާ ދީދީވެސް އުމަރު ނަސީރު އާއި ހަވާލާދެއްވައި ވިދާޅުވީ، ބޭނުންވަނީ ރިޕޯޓުގައި ހުރި ކަންކަން ރައްޔިތުންނަށް ހާމަކުރާށެވެ. އެހެން ކަމުން ސުއޫދު އާންމު ކޮށްފައިވަނީ ކުރިންވެސް އެނގެން ހުރި މައުލޫމާތުތައް ކަން ޚުދު އެމްޑީޕީގެ މެމްބަރުންވެސް ގަބޫލުކުރެއެވެ. އެކަމަކަށް އިތުރު ރައްދެއް ދޭން ބޭނުން ނުވެއެވެ.

ނޫސްވެރިޔާ އަހުމަދު ރިޟްވާން، އޭނާ ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި: ފޮޓޯ މީސް މީޑިއާ

ރިޟްވާން ގެއްލުވާލައި މަރާލައިފައިވަނީ ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ސުއޫދު ވިދާޅުވާއިރު ކުރިންވެސް އޮތީ އެފަރާތްތަކަށް ޓާރގެޓްކޮށް ތަހުގީގު ހިންގާފައެވެ. އަދި މަރުތަކާއި ބެހޭ ކޮމިޝަނުގެ ރިޕޯޓާއި ގުޅޭގޮތުން ގިނަ ބައެއްގެ ވިސްނުން އެއްގޮތޭވެސް ދެންނެވިދާނެއެވެ. އަޅުގަނޑާއި ދިމާވާ ކޮންމެ މީހަކުވެސް ބުނަނީ “އެއަކުން ކުރާނެ ވަކި ކަމެއް” ނެތްކަމަށެވެ. ނުވަތަ ހެއްކެއް ނެތް ކަމަށެވެ. “އެކަން ކުރި ގިނަ މީހުން މިހާރު ދުނިޔެއަކު ނެތް” ކަމަށާއި އެމީހުން ސީރިއާއަށް ގޮސްފައިވާކަމަށެވެ.

މަރުތަކާއި ބެހޭ ކޮމިޝަނުން ނެރުނު ރިޕޯޓަކީ ފުލުހުން އަތުގައި ކުރިންވެސް ހުރި މައުލޫމާތުތައް ކަމަށް ވެފައި އެމްޑީޕީއިން މާކުރިންވެސް ވަނީ ކުރީގެ ސަރުކާރުގެ ބޮލުގައި މިކަން އެޅުވި އިރު އެކަން ކުރުވީ ކޮމިޝަންގެ ރިޕޯޓުގައި އެބުނާ ހައްދު ފަހަނައަޅާފައި ތިބި މީހުންކަން ތަފާތު އެކި ޖަލްސާތަކާއި ޕޯޑިއަމް ތަކުގައި ބުނެފައެވެ. އެހެން ވިއްޔާ ފުލުހުންގެ އިންޓެލިޖެންސް ތެރެއިން ނުވަތަ އެކަން ކުރި ބަޔަކު ކިޔައިދީގެން ވިޔަސް ރިޟްވާން ގެއްލުވާލުމުގެ ކޮންމެވެސް މިންވަރެއްގެ ހަގީގަތްތަކެއް އެމްޑީޕީގެ އިސް ބަޔަކަށް އޮތީ މާކުރިން އެނގިފައިތާއެވެ.

އެވާހަކަ އެންމެ ޖޯޝާއި ފޯރީގައި ދެއްކެވި އެއް ބޭފުޅަކީ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. ޑރ.އަފްރާޝީމްގެ މަރާއި، ޔާމީން ރަޝީދުގެ މަރުގެ ވާހަކަވެސް އެމަނިކުފާނު ދެއްކެވިއެވެ. ކޮންމެއަކަސް ހުސްނުއް ސުއޫދު ވަނީ މި ރިޕޯޓު، ރައީސް އިބްރާހީމް އިބްރާހީމް މުހައްމަދު ސާލިހުގެ ލަފާ ނުހޯއްދަވާ މަރުތަކާއި ބެހޭ ކޮމިޝަނުގެ ގާނޫނާވެސް ޚިލާފަށް ރައީސް ނަޝީދު އަތްޕުޅަށް އަރުވާފައެވެ. ރައީސް ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް ރިޕޯޓުގެ ތަފްސީލް އެއްކޮށް އަރުވާފައެވެ.

ރައީސް ސާލިހު އެކަމާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވައި މިމަހުގެ 9 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އެއްވެސް ފަރާތަކާއި ރިޕޯޓް ހިއްސާ ކުރަން މަޝްވަރާ ކޮށްފައެއް ނުވާނެކަމަށެވެ. އަދި ރިޟްވާންގެ މަރުގެ ރިޕޯޓް ނުނިމޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެން ދޭހަވާ އެއްޗަކީ ރިޟްވާންގެ މައްސަލައިގައި ހަގީގަތުގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމެވެ.

އެއް ގޮތަކީ ރައީސް ނަޝީދު އެ ރިޕޯޓް އާންމު ކުރާނީ އިތުރަށް ކުރެވޭނެ ކަމެއް ނެތުމުންނެވެ. ހެއްކެއް ނެތުމުންނެވެ. ހަމައެކަނި އޮތް ގޮތަކީ ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރުމެވެ. ކިރިޔާވެސް އެމައްސަލައިގައި ހިފޭނެ އެއްވެސް ކަމެއް އޮތް ނަމަ ރައީސް ނަޝީދު އެ ރިޕޯޓް އާންމެއް ނުކުރާނެއެވެ. ދެވަނަ ގޮތަކީ ވުން ވަރަށް ދުރު ގޮތެކެވެ. ނަމަވެސް ދުނިޔެ ދައްކާ ހަގީގަތްތައް ވަރަށް ގިނައެވެ. އެއީ ރައީސް ނަޝީދު ގަސްތުގައި މިފަދަ ކަމެއް ކުރައްވާފައިވާނެތޯއެވެ. އަޅުގަނޑުގެ ޒަމީރު ގަބޫލެއް ނުކުރެއެވެ. އެހެނަސް ގަބޫލު ނުކުރެވޭ ކިތަންމެ ކަންކަން މާޒީގައި ހިނގާފައިވެސް އެބަހުއްޓެވެ.

ދެން އޮތީ ރައީސް ސާލިހު މި މިކަމުގައި ދެކެވަޑައިގަންނަވާ ގޮތް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތެވެ. ރިޟްވާނަށް ވީގޮތް ހޯދައި އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ފެއިލް ވާން ބޭނުންވާނެ ހެއްޔެވެ؟  އެހެންވިއަޔާ އިތުރު ތަހުގީގުތަކާއި ހޯދުންތައް ހޯދުމަށް ފަހަރުގައި މި ކޭސް ޕާކުކޮށްފައި އެމަނިކުފާނުގެ މޭޒުކޮޅުގައި ބޭއްވެވުމަށް ނިންމެވީކަމަށް ވެދާނެއެވެ.

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ މީގެ 2 ދުވަސްކުރިން އެއްގަމާ ކަނޑުގެ ޒަރިއްޔާއިން ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ނަމަވެސް މި އޮޕަރޭޝަން މިވަގުތަށް ވަނީ މެދު ކަނޑާލާފައެވެ. ޓެރަރިޒަމާއި ބެހޭ ބިލަށް އިސްލާހު ގެންނަން ރައީސް ސާލިހް ނިންމެވީ ވެސް މިކަމުގައި އިތުރު ކުރިއުރުންތަކެއް ހޯއްދެވުމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިހުގެ 47 ޖަލްސާއަށް ފަހު ފުރަތަމަ ދައުރު ހަމަވެ ޗުއްޓީއަށް ގޮސްފައިވަނިކޮށް މި މަހުގެ 12 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވުނު ޖަލްސާއަކީ މި ބިލަށް އިސްލާހު ގެނައުމަށް ކަމަށް ބުނެ ބޭއްވި ޖަލްސާއެކެވެ. ނަމަވެސް އެ ޖަލްސާވެސް ވީ ހުވަނދަކަށެވެ.

މަޖިލިސް ރައީސް، ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައި ވިދާޅުވީ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މުހިންމުކަމާއި ބެހޭގޮތުން ބަހުސެއް ކުރައްވަން ޖެހޭކަމަށެވެ. އަޅެ ފަހެ މީހަކު ހައިރާނެއް ނުވާނެތޯއެވެ؟ މީގެން ދޭހަވަނީ ކޮންކަމެއް ތޯ އެވެ؟ މިއީ އިތުރަށް ބަހުސް ކުރައްވަންޖެހޭ ކަމެއްތޯއެވެ؟

ނަތީޖާއަކަށް ވެގެން ދިޔައީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި ރައީސް ނަޝީދުގެ ހޫނު ނޫނަސް ނުރުހުންތެރިކަމުގެ މަޑު ގިނީގެ ހަމަލާތަކެއް ބަދަލުކުރެވިގެން ދިޔުމެވެ. އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދު އަމަލުކުރެއްވީ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށެވެ. ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ ޗެއަރ ޕަރސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮއްވައި ކުއްލިގޮތަކަށް ޓެރަރިޒްމްގެ ގާނޫނަށް އިސްލާހު ގެންނަން ބިލު ހުށަހެޅުމަކީ އެމަނިކުފާނު ހިތާމަކުރައްވާ ކަމެއް ކަމަށެވެ.

އަޅުގަނޑަށް ރިޟްވާންގެ ރިޕޯޓާއި ގުޅިގެން މި ހިނގާ ކަންކަން ސިފަކުރެވެނީ، ވެރިކަން ހިންގުމުގެ ބާރުން ވީ ވައުދު ފުއްދަވަން ތެލީގެ ފޫ ކަހައިގެން ވިޔަސް ކުރެވެން އޮތް ކަމެއް ކުރުމަށް މަސައްކަތް ކުރަމުންދާއިރު ގާނޫނު ހެދެމުގެ ބާރުން “ދެން ތިިކަމުގައި އޮތީ އިތުރަށް ހޯދަން ވަކި ކޮށްކަމެއްހޭ” ނުވަތަ އިތުރަށް ކުރެވޭނެ ކަމެއް ނެތޭ ބުނުމަށްފަހު ފުއްދާލާ މަންޒަރެވެ.

ކޮންމެއަކަސް ސިޔާސީ ގޮތުން ނެގުނު ހަތިޔާރެއްގެ ސަބަބުން މުޅި ދައުލަތުގައި ރެނދު އަޅުމަކީ ވުން ވަރަށް ގާތްކަމެކެވެ.  

https://www.facebook.com/icade11/videos/402908263755019/

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: