ކުއްލި ޚަބަރު

ދެންވެސް ތަޅާ ރޯނާ ކުރާނީ ގާނޫނީ ފިލިތަކުން!

މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު އަދި އުއްތަމަ ފަނޑިޔާރު އަޙުމަދު އަބްދުﷲ ދީދީ: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެހާ ބާރުތައް ގާނޫނު އަސާސީއިން ލިބިދީފައިވަނީ ރާއްޖޭގެ ކޯޓްތަކަށެވެ. އެއީ ސުޕްރީމް ކޯޓާއި ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ގާނޫނުން ކަނޑައަޅާފައިވާ ދަށު ކޯޓުތަކެވެ.

އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމަށް ވާއިރު އެކޯޓުގެ އިސް ފަރާތަކީ އުއްތަމަ ފަނޑިޔާރެވެ. ސުޕްރީމް ކޯޓުން ބަލާ ކޮންމެ މައްސަލައެއްގެ ހުކުމް ބުރަވެފައި އޮންނާނީ އެ މައްސަލައެއް ބަލާ ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތަށެވެ. ގާނޫނު އަސާސީގައި ބުނަނީ އަމިއްލަ ފަރުދަކުވިޔަސް އަދި ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެ ހުރި މީހަކުވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ނުފޯރުވޭނެކަމަށެވެ.

ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް  ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތް ކުރުމަކީ ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންކަން ހިންގުމުގައި ހަވާލުވެފައިތިބޭ އެންމެގެ މައްޗަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާއިން ލާޒިމްކުރާ ކަމެކެވެ. އަދި އެތަންތަނަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި ހެދުމަކީވެސް އެފަރާތްތަކުގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.

ބޮޑު ކެކުރި ކުޑަ ކެކުރި އުސޫލުން އެއްވެސް އާންމު ފަރުދަކާއި މެދު ފަނޑިޔާރުންނަށްވެސް އަދި ދައުލަތުގެ އެެއްވެސް ފަރާތަކުންވެސް އަމަލުކޮށްގެން ނުވާނެއެވެ. ފަނޑިޔާރުންނަކީ މުސްތަގިއްލު ބަޔަކަށް ވާންވެސް ޖެހެއެވެ.

ފަނޑިޔާރުން އަމަލުކުރަން ޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނަށެވެ. ގާނޫނު އަސާސީގެ 142 ވަނަ މާއްދާގައި ބުނަނީ ގާނޫނަކުން ވަކި ގޮތަކަށް ކަނޑައެޅިފައި ނެތް ކަންކަން ވިޔަސް ހުކުމް ކުރުމުގައި ރިއާޔަތް ކުރަންޖެހޭނީ އިސްލާމީ ޝަރީއަތުގައި އެކަމެއް ކަނޑައެޅިފައި އޮތް ގޮތެއްގެ މައްޗަށެވެ. އަދި އަދުލަށް ހުކުމް ކުރުމުގައި ފަނޑިޔާރުން ވަކި ފަރާތަކަށް ބުރަވެގެން ނުވާނެއެވެ.

ވަކި ފަރާތަކުން ބިރު ދެއްކިޔަސް ނުވަތަ ނުފޫޒެއް ފޯރުވިޔަސް ފަނޑިޔާރުން ހުކުމް ކުރަން ޖެހޭނީ ދެ ޚަސްމުންގެ ދެމެދުގައި އޮތް މައްސަލަ ފުރިހަމަޔަށް ބެލުމަށްފަހު އެންމެ އިންސާފުވެރިގޮތަށެވެ. ކޯޓުތަކަށް ލިބިދީފައިވާ އިހުތިސާސްތައްވެސް އެހާމެ ބޮޑެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއް ވިޔަސް މުޅި ގާނޫނު އަސާސީއާއި ޚިލާފްވޭތޯ  ބެލުމާއި އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓަށާއި ހައި ކޯޓަށް ގޮތް ނިންމޭނެކަމަށް ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ ހ ގައި މުތުލަގަށް ބަޔާންކޮށްފައި އެބައޮތެެވެ. އެހެން ކަމުން އުސޫލެއްގެ ގޮތުން ގާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ވިޔަސް ސުޕްރީމް ކޯޓުން ގާނޫނު މާނަ ކުރެވޭނެއެވެ.

މިއަށް ބާރުލިބޭ އަނެއް މާއްދާއަކީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާއެވެ. އެ މާއްދާގެ ނ ގައި ބުނަނީ ގާނޫނު އަސާސީއާއި ގާނޫނު މާނަ ކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމުގައެވެ. ކޮންމެއަކަސް ފަނޑިޔާރުންނަށް ލިބިދީފައިވާ ޤާނޫނީ ބާރު ނުހަނު ގިނައެވެ.

ނަމަވެސް ކޯޓުތަކުގެ ބެލެނިވެރި ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނެވެ. އެ ކޮމިޝަން ބަހާލެވިފައިވާ ގޮތް ދިވެހިން ފިސާރި ރަނގަޅަށް ދަންނާނެއެވެ. ސަރުކާރު ފަޅިން މަޖިލިސް މެޖޯރިޓީ ނެގީމާ ވަލިއްޔުލް އަމްރުގެ އަތްދަށުގައި ޖޭއެސްސީ ލެވުނީއެވެ. ހަމަ ޤާނޫނުގައި އޮންނަ ގޮތެވެ.

ފަނޑިޔާރުންގެ ބާރުގެ ބޭނުންކޮށްގެން އަދުލަށް ކަންކަން ނިންމައިގެން ނުވަތަ ސަރުކާރުން ބޭނުން ނުވާގޮތަށް ކަމެއް ނިންމައިގެން ޖޭއެސްސީ އިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ނަގައިފިއްޔާ އެ ފަނޑިޔާރަކަށް ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓަށް ގާނޫނީ ގޮތުން އިސްވެ ދެންނެވުނު ކިތަންމެ ބޮޑު ބާރުތަކެއް ލިބިފައި ވިޔަސް ޤާނޫނުން ތަޅާ ރޯނާ ކުރެވޭނެ ގޮތެއް އޮންނަކަންވެސް ދިވެހިން ދަނެއެވެ.

އެއީ އެއްކަލަ ސުޕަރ މެޖޯރިޓީ މަޖިލީހެވެ. ފަނޑިޔާރުންނަށް އޮތް ބިރަކީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ގާބިލު ނޫންކަމަށް، ނުވަތަ އެ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް "ގަބޫލުކުރެވިއްޖެ" ނަމަ، އެ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިިވި މެންބަރުންގެ ތިންބައި ކުޅަދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން އެކަން ނިމުނީކަމަށެވެ.

ދާދި ފަހުންވެސް ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑީިޔާރު އަބްދުﷲ ދީދީ މަގާމުން ބޭރުކުރި މަންޒަރެވެ. އެކަން ކުރީ ވަރަށް ރާވައިގެން ރޭވިގެންނެވެ. ފަނޑިޔާރު ޑީޑީ އަކީ ވަކި ބައެއްގެ މަސްލަހަތު ކުރިއަރުވާ ފަރާތެއްގެ ގޮތުގައި ދައުލަތުން ލޭބަލް ކުރިއެވެ. ޑީޑީ އެކަމަކާ އެއްބަސް ވެވަޑައެއް ނުގެންނެވިއެވެ. ދެން އެތެރޭގެ ކޮއިލުގައި އަޑުއިވެން ފެށީ ކުޅިބައި އަތުރާލާނެ ގޮތުގެ ވާހަކައެވެ. ސުޕްރީމް ކޯޓުގެ ބެންޗު ފަހަކުން ހަތަކަށް ދަމާލިއެވެ. އެއަށްފަހު ޑީޑީގެ މައްސަލައިގައި ނިކަން ރަނގަޅަށް ބަގުޑި ބައްދާލިއެވެ.

އެހައި ހިސާބުން ޑީޑީގެ މައްސަލަތަށް މިނިވަން މުއައްސަސާ އެއްކަމަށް ބުނާ ޖޭއެސްސީގައި ތިއްބަވާ އެމްޑީޕީ މެމްބަރުން ނަންގަވައި އެބޭފުޅާ އެ ކޮމިޝަނަށް ހާޒިރުކުރުމަށް ފަހު ސަސްޕެންޑު ކުރިއެވެ. ދެން އާދައިގެ މަތިން ސިޔާސީ ބޭފުޅުން ބޭސްފަރުވާއަށް ބޭރަށް ވަޑައިގަންނަވާ އުސޫލުން އެބޭފުޅާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއެވެ. އޭގެ ފަހުން އުއްތަމަ ފަނޑިޔާރާއި މަޖިލިސް ރައީސް ގެ ބައްދަލުވުމެއް ހިނގިއެވެ. ދެއްކި ވާހަކައެއް ނޭނގެއެވެ. ކުއްލިޔަކަށް މަޖިލީހުގެ ތަޅުމަށް ޑީޑީ ވަކިކުރަން ޖޭއެސްސީ އިން ހުށަހެޅިއެވެ. އެމްޑީޕީ ސުޕަރ މެޖޯރިޓީގެ ބޭނުން ހިފައި ދައުލަތުން "ކަން" ނިންމާލިއެވެ.

ދެން ފެނިގެން ދިޔައީ އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަންކުރުމާއި ދެކޮޅަށް ރާއްޖޭގެ އިލްމުވެރިންގެ ބޮޑު ބަހުސެއް މީސް މީޑިއާގައި ހިނގަ ހިނގައި އޮއްވައި މަޖިލީހުން ސަރުކާރުގެ ތާއީދު އޮތް ދެ ފަނޑިޔާރުން އައްޔަންކުރި މަންޒަރެވެ. ސުޕްރީމް ކޯޓުގައި މިހާރު 6 ފަނޑީޔާރުން އެބަ ތިއްބެވެ. ފަނޑިޔާރުގެ ޑީޑިގެ ރިޕްލޭސްމެންޓަކީވެސް ރައީސް ސާލިހްގެ ޗޮއިސްއެކެވެ. އެމް.ޑީޕީ އިން ބުނަނީ މުޅި ފަނޑިޔާރުގެ ދޮންނަންޖެހޭ ވާހަކައެވެ.

ތެދެކެވެ އެކަން މިއޮތް ހަމަލޮލަށް ފެންނަނީއެވެ. ނަމަވެސް ހުދު އެތެރޭގެ ކޮއިލުގައިވެސް ދެކެވެނީ އެއް ވާހަކައެކެވެ. އެއީ ފަނޑިޔާރުގެ ދޮންނާނީ ތިމަންނާމެން ބޭނުންވާ ގޮތަށެވެ. ތިބޭނީ ތިމަންނާމެންގެ މީހުންނެވެ. މިހާ ހިސާބުން އުފެދެނީ ގާނޫނީ އެތަކެއް ސުވާލުތަކެކެވެ. ހަމަހަމަކަމާއި އިންސާފަށް ހުކުމް އަތުވެދާނެކަމުގެ ސުވާލުތަކެވެ. މިކަން މިގޮތަށް ހިނގާ ނަމަ ސުޕްރީމް ކޯޓުގެ ބާކީ ތިއްބެވި ފަނޑިޔާރުންނަށް ނުރައްކާ ބޮޑެވެ. އެ ފަނޑިޔާރުން މިކަންކަމާއި މެދު ވިސްނާވަޑައިގަންނަވަން ވެއްޖެއެވެ.

ގާނޫނުން ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރުގެ ބޭނުން ކިތަންމެހާ ފުޅާވެފައި އޮތަކަސް އެ ބާރުގެ ބޭނުން ނުކޮށް ގާނޫނު ހަދާ މަޖިލީހަށް ލިބިދީފައިއޮތް ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އަނެއްކާވެސް ގަދަކޮށްފިނަމަ، ދެންވެސް ތަޅާ ރޯނާ ކުރާނީ ގާނޫނީ ފިލިތަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: