ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަލާދަނޑީގެ ދެކޮޅު ނުބަލައި ކަންކަން ނުނިންމާށެވެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، ވެރިކަމެއްގެ އާރާއި ބާރު ގަދަކޮށް ޝާނާއި ޝައުކަތު ހިފެހެއްޓުމުގެ އެންމެ މުހިންމު ބާރަކީ ޢަދުލުވެރިވުމެވެ. މުޖުތަމަޢުގެ އެތެރޭގެގުޅުންތައް ބަދަހިކޮށް ގަދަފަދަކުރާ ބާރަކީ އިންޞާފުވެރިކަމެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމުގެ އަޞްލަކީ ހަމަހަމަކަމާއެކު ކަންކަން ނިންމުމެވެ. ހަމަގައިމުވެސް އިޖްތިމާޢީ ހަމަޖެހުމާއި ޤައުމުގެ އަގުތަކުގެ ފޭރާން ޙިމާޔަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އިންޞާފުވެރިވުމެވެ.

މިކަންކަން ތަންފީޛުކުރުމުގައި ހަމަހަމަ އުޞޫލުތަކެއް ގެންގުޅެންޖެހެއެވެ. ޢަދުލުވެރިވުމަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤު ފުރިހަމައަށް ލިއްބައިދިނުމެވެ. ކޮންމެ އެއްޗެއްވެސް އެއެއްޗަކަށް ޙައްޤުވެގެންވާ މަޤާމުގައި ބޭއްވުމެވެ. ކުރާކޮންމެ ކަމެއްވެސް ޢަދުލުވެރިކަމާއެކު ކަމުގެ ދެކޮޅު ހޯދައި ބެލުމަށްފަހު ކުރުމެވެ. ނިންމުންތައް ނިންމުމުގައި ތަޢައްޞުބާއި ޒާތީ އެދުންތަކުން ދުރުހެލިވެހުރެ ނިންމުންތައް ނިންމުމެވެ.

ޢަދުލުވެރިކަމުގެ އިދިކޮޅު ޞިފައަކީ އަނިޔާވެރިވުމެވެ. އަނިޔާވެރިކަމަކީ އަނެކުންގެ ޙައްޤަށް އުނިކަން ލިބޭ ގޮތަކަށް ކަމެއްކުރުމެވެ. ނުވަތަ އަނެކުންނާ މެދު އިހުމާލުވުމެވެ. ނުވަތަ އެކުވެރިންނާއި ގާތް މީހުންނާއި ހިތް އެދޭ މީހުންނަށް ލާބަހުރި ގޮތަށް ކަންކަން ނިންމުމެވެ. ހަލާދަނޑީގެ ދެކޮޅަށް ނުބަލައި ކަންކަން ނިންމުމެވެ. ހަމަހަމަކަމާއި އިންޞާފުވެރިކަމަކީ ޢަދުލުވެރިކަމުގެ ބައިވެރިންނެވެ. އަދި ތަފާތުކުރުމާއި ތަޢައްޞުބަކީ އަނިޔާވެރިކަމުގެ މިތުރުންނެވެ.

ޢަދުލުވެރިވާން ޖެހެނީ ކޮންކޮން ކަންކަމެއްގައި ހެއްޔެވެ؟ ޙުކުމްކުރުމާއި ވެރިކަން ހިންގުމުގައެވެ. ތަޢުލީމު ދިނުމާއި ލިބިގަތުމުގައެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައެވެ. މިހެންގޮސް ބަސްބުނުން ފަދަ ކުދިކުދި ކަންކަމުގައިވެސް ޢަދުލުވެރިވުން މުހިންމެވެ.

ޙުކުމްކުރާނަމަ ޢަދުލުވެރި ގޮތުގައި ޙުކުމްކުރުމަށް ކީރިތި ޤުރުއާނުގައި އަމުރުކުރައްވައިފައިވެއެވެ. ޙުކުމްކުރުމުގައި ޢަދުލުވެރި ނުވެވިއްޖެނަމަ މުޖުތަމަޢުގެ ހަމަޖެހުން ގެއްލެއެވެ. އިޖުތިމާޢީ ފޭރާން ވީދިގެންދެއެވެ. ހަމައެފަދައިން ވެރިކަމަކީ މާތްﷲ ޙަވާލުކުރައްވާ އަމާނަތެކެވެ. އެއަމާނަތައް ޚިޔާނާތްތެރި ނުވުމަކީ ވެރިކަމުގެ ދަށުގައި ތިބޭ މީހުންނާމެދު ޢަދުލުވެރިވުމެވެ. އެމީހުންގެ ކަންކަން ނިންމުމުގައި އިންޞާފުވެރިވުމެވެ. އެމީހުންނާ މުޢާމަލާތުކުރުމުގައި ހަމަހަކަން ގެންގުޅުމެވެ.

މިހާރުގެ މިމުޖުތަމަޢަށް ވިސްނައިލަމާތޯއެވެ؟ ރިޝްވަތުގެ ވަބާ މިވަނީ ޢާންމުވެފައެވެ. ރިޝްވަތު ދިނުމާއި ކެއުމެވެ. ނަތީޖާއަކީ އިންޞާފެއްނެތުމެވެ. އަނިޔާވެރިކަން ފެތުރުމެވެ. ނިންމުންތައް ނިންމަނީ ތިމާގެ ޒާތީ މަޞްލަޙަތުތައް އިސްކޮށްގެނެވެ.

ދެން އޮންނާނީ ކޮން އިންޞާފެއްތޯއެވެ؟ ކޮން ހަމަހަމަ އުޞޫލުތަކެއްތޯއެވެ؟ ކުޑަކުޑަ މިސާލެއް ދަންނަވާނަމެވެ. މަދުރަސާތަކުގައި އިސްވެރިން ހިތް އެދިވަޑައިގަންނަވާގޮތަށް ކަންކަން ނިންމެވުމެވެ. އެންމެނަށް އެނގޭގޮތަށް ފާޅުގައި ހިގަމުންދާކަމެކެވެ. މިއިލްޒާމުގެ ޝައްކުން ފޯނުވާ މަދުރަސާއެއް ނެތޭ ދެންނެވިދާނެއެވެ. މިވާހަކަ ދެކެވެނީ ކޮންމެވެސް މިންވަރެއްގެ ޙަޤީޤަތެއް އެކަމުގައި އޮންނާތީއެވެ. ކޯޓުތަކުގެ ޙުކުމްތަށް ޢަދުލުވެރިކަމާއިއެކު ނުނިންމޭ ވާހަކައެވެ. މިވާހަކައަކީ މުޅިން ދޮގުވާހަކައެއްނޫނެވެ. ކޯޓުތަކުގައި ކުރެވިފައިވާ މިފަދަ ޙުކުމުގެ ސަބަބުން ކިތައް މީހުންގެ ގޯތި ގެދޮރު ގެއްލުނުތޯއެވެ؟ ކިތައްމީހުންގެ އަނބިން ގެއްލިގެން ދިޔަތޯއެވެ؟ މިހިރީކީ ދައްކައި ކޮޅުންލާންހުރި ވާހަކަތަކެއް ނޫން ވިއްޔާއެވެ. މިވަރުން ފުއްދައިލަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: