ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކަރަންޓްގެ މައްސަލަ ގޯހުން ގޯހަށް، ޓްވީޓް ކޮށްގެން ޒިންމާ އަދާ ކުރެވޭނެ ބާ؟

ފޮޓޯ.. ސޯޝަލް މީޑިއާ ( އައްޑޫގައި ކަރަންޓް ނެތުމުން ބައެއް ކުދިން، މަގުގައި ކުނާ އަޅައިގެން އިށީނދެގެން)
ޝެއާރކޮށްލާ ކަހަލަދޯ؟

އާދިއްތަ ދުވަހު، ހަވީރު 4:30 ހާއިރު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނުއިރު، އޭގެފަހުން މެދުކެނޑުމެއް ނެތި ޚިދުމަތް ލިބެން ފެށީ ރޭ ދަންވަރު 12:30 ހާއިރު އެވެ. ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ރޭ މާލެއިން އައްޑޫއަށް ވަނީ ޓެކްނީޝަނުންވެސް ފޮނުވާފައެވެ. އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވި، ދުވަހެއް ދުވަހަކަށް ޚިދުމަތުގެ ފެންވަރު ދަށަށް ދާއިރު، ކޮންމެ ފަހަރަކު ވެސް ފެންނަނީ މައްސަލައެއް ދިމާވުމުން ޓްވީޓަކުން ކަންކަން ނިންމާލާ މަންޒަރެވެ.
އެގޮތުން އައްޑޫ ސިޓީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓްތަކެއް ކުރައްވާފައެވެ. ކަންދިމާކުރި ގޮތުން މި މައްސަލަ ދިމާވިއިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ހުންނެވީ އައްޑޫގައި ކަމަށް ވުމާއި އެކު އެކަމަނާ ވަނީ ފެނަކައިގެ އައްޑޫ މެއިން ބްރާންޗަށް ޒިޔާރަތްކުރައްވާފައެވެ.

https://twitter.com/Roxeyna/status/1170787403386109953

އައްޑޫ ކަރަންޓު މައްސަލަ ހައްލު ކުރަން ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

އަހްމަދު ރަޝީދު މިހެން ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލައާއި ގުޅޭގޮތުން އާދިއްތަ ދުވަހުގެ  ކުރެއްވި ޓުވީޓެއްގައެވެ. 

 

https://twitter.com/AraairuRasheed/status/1170760340730085376

އައްޑޫގައި ކަރަންޓް ނެތް މައްސަލައަށް އިޝާރާތް ކުރައްވާ ފޭދޫދާއިރާގެ މެމްބަރު ނިހާދު ވެސް ވަނީ ފާޑުވިދާޅުވެފައެވެ. 

” އައްޑޫސިޓީގައި ކަރަންޓް ކެނޑި ހައްލު ހޯދަން މަސައްކަތް ކޮށް، ހައްލު ނުލިބި އޮންނަތާ 7 ގަޑި އިރު ވެއްޖެ! ހޮސްޕިޓަލް އަދި ފޭދޫ ހެލްތް ސެންޓަރ ފަދަ ތަންތަނުގައި އެޑްމިޓް ކުރެވިފައި ތިބި ބަލި މީހުން އެބަ ތިބި! މިވަގުތައް އެމަޖެންސީ ހައްލު ބޭނުންވޭ! އަދި ދާއިމީ ހައްލު ވަގުތުން ވަގުތަށް ބޭނުންވޭ!

https://twitter.com/nihad_m/status/1170761748816613376

މީގެ އިތުރުން، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ، އައްޑޫ ރައްޔިތުން ބޭނުންވަނީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ކަމަށާއި، ވަގުތީ ހައްލެއް ނޫންކަމަށް ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ފެނަކައަށް އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރެވޭތަނެއް ނުފެންނަކަމަށެވެ.

 

https://twitter.com/aslamdp/status/1170726772280717314?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1170726772280717314&ref_url=https%3A%2F%2Fdhiyares.com%2Fnews%2F545

އައްޑޫސިޓީގެ ކަރަންޓްގެ މައްސަލަ ގޯހުން ގޯހަށް ދާއިރު، އައްޑޫގެ ކަރަންޓް ފެންވަރުގެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި ދާއިމީ ހައްލެއް ހޯދަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ފެނަކައިން ޓްވީޓެއް މެދުވެރިކޮށް މިހެން ބުނެފައި ވާއިރު، ފެނަކައިގެ މުވައްޒަފުން ވަނީ ނުކައި ނުބޮއި ބުރަކޮށް، މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ފެންވަރަށް ކަރަންްޓުގެ ޚިދުމަތް ވެއްޓެން ޖެހުނީ ގިނަ ދުވަސް ވަންދެން އަޅާނުލެވިވާ ނިޒާމެއްގެ ސަބަބުންކަމެވެ. އައްޑޫސިޓީގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، އެކަމަށް ސަމާލުކަންދީ މައްސަލަަތައް ދިމާނުވާނެހެން ޚިދުމަތް ދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް އެއްވެސް ސަރުކާރަކަށް ނުވެއެވެ.

މައްސަަލަ ހައްލު ނުވުމުން މިކަން މިހެން ދިމާވީ ކުރީ ސަރުކާރުގެ އިހުމާލުންނޭ ބުނެ ފަރުޖައްސާލެވޭކަށް ނެތެވެ. 21 ވަނަ ގަރުނުގެ ކުރިއެރުމާއި ތަހުޒީބުގެ މި ޒަމާނުގައިވެސް، އައްޑޫސިޓީގައި ޖެހުނީ ކަރަންޓް ކެނޑުމުން، އެއަރޕޯޓްގެ ޗެކިން  މެދުކަނޑާލާށެވެ. ކަރަންޓު ނެތި ހަތް ގަޑި އިރުވީ އިރު، އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ވެސް ގައިމު ގެއްލުންތަކެއް ވާނެއެވެ. އެއްވެސް ސަރުކާރެއްގައި، ކަރަންޓުގެ މައްސަލަ ހައްލު ނުވެއޭ، އަދި މިއީ މި ސަރުކާރުގައި އެކަނި ވާކަމެއް ނޫނޭ ބުނެ ބަހަނާދެއްކޭކަށް ވެސް ނެތެވެ.

ކޮންމެ ފަހަރަކު ވެސް ކަރަންޓްގެ މައްސަލަ ދިމާވުމުން ފެންނަ މަންޒަރަކީ “ސިޔާސީ” ޓްވީޓްތައް ކުރައްވާ މަންޒަރެވެ. މިދިޔަ ސަރުކާރުގައި ޓްވީޓް ކުރެއްވީ ” ކަރަންޓް ޔަޤީން’ ޖަހާފައެވެ. މި ސަރުކާރުގައި “އެޖެންޑާ 19 ތަފާތުވާނެ” ޖަހައިގެންނެވެ. މިެހން ކޮށްލާ ޓްވީޓަކުން ހަގީގީ ހައްލެއް ލިބޭނެހެއްޔެވެ؟

މާލެ ފިޔަވައި އެންމެ އާބާދީ  ބޮޑު ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބުމުގެ ޝަކުވާ އިންތިހާ އަށް ބޮޑުވެފައި ވީނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން ނިމުމެއް ގެނެސްދެވިފައެއް ނެތެވެ. އަބަދުވެސް ވަގުތީ ހައްލު ގެންނާތީ އައްޑޫގެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެކަމަށް ހައްލެއް ނުލިބެއެވެ. މި މައްސަލައިގައި މެމްބަރުންނާއި ކަމާއި ބެހޭ ފަރާތްތަކުން ޓްވީޓްތައް ކުރައްވަނީ ކޮންމެ ފަހަރަކު ވެސް ކަރަންޓް ކެނޑި މީސްމީޑިއާ ހިސާބަށް ދިއުމުންނެވެ. 

އައްޑޫ ސިޓިގެ މި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްވެސް ވައުދުވެވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއިން ވަނީ ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް އައްޑޫގެ ރައްޔިތުންނަށް “ހައްގުވާ މިންވަރު” އަދިވެސް ވަނީ ނުލިބިފައެވެ.

މާލެ ފިޔަވައި، ސިޓީއެއްގެ ދަރަޖަ އެންމެ ފުރަތަމަ ދިން އައްޑޫސިޓީގެ ޚިދުމަތްތަކުގެ ފެންވަރު އިންތިހާއަށް ދަށްވެފައި ވާއިރު، ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ނުލިބުމުން ހަމައެކަނި ޓްވީޓެއް ކުރުމުން މެމްބަރުންނާއި ސަރުކާރުގެ ޒިންމާ ނިމުނީކީ ނޫނެވެ. އަދި މިފަދަ މައްސަލައެއް ދިމާވުމުން ވާހަކަތަކެއް ދައްކާފައި ހަފްތާއެއްހާ ދުވަހުން އެ ވާހަކަ އޮބިގެން ދިއުމުގެ ނަތީޖާ އަކީ އެފަދަ ކަންކަން ބޮއްސުންލާ ގޯހުން ގޯހަށް ދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: