ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ބަޔަކު ފާރަލާން ފަށައިފި!

ފޮޓޯ: ސަންގުޓީވީ/ އިސްމާއިލް ރަޝީދު --- އެމްޑީޕީގެ ގައުމީ މަޖިލީޙުގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުލާމާލުވާކަމަށް ބުނެ ވާހަކަދައްކަވާ، ރިލްވާންގެ ފޯން އަޑު އެހުމަށާއި އޭނާއަށް ފާރަލަން، އޮޅުވާލައިގެން ކޯޓް އަމުރެއް ހޯދުން އެއީ ކުށެއްކަމަށް ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް ފުލުހުންގެ ތެރެއިން ބަޔަކު ފާރަލަމުން އަންނަކަމަށް އަންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލަގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ބުނާ ދެ ފުލުހުން ހައްޔަރު ކޮށްފައި ނުވާތީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ރިޝްވާން ގެއްލުވާލުމާއި ގުޅޭގޮތުން މެމްބަރުން ވާހަކަ ދައްކަވާފައިވާއިރު، ރައީސް ނަޝީދު އެ ބައްދަލުވުމުގައި ވިދާޅުވީ މި ސަރުކާރު ގެނައީ ވޭތުވެ ދިޔަ 10-15 އަހަރުގެ ތެރޭގައި ހިނގާފައިވާ 26 ޖިނާއީ މައްލައެއް ބަލާ، ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ރިޟްވާންގެ މައްސަލަ ބަލައި އެކުލަވާލި ރިޕޯޓު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް އަރުވާފައިވާއިރު އެމަނިކުފާނު ގައުމީ މަޖިލީހުގައި ވިދާޅުވެފައިވަނީ، ރިޟްވާންގެ މައްސަލަ އޮޅުވާލުމަށް ބަޔަކު ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށެވެ.

އެގޮތުން ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރަމުން އައި ބަޔަކު ރިޟްވާންގެ ފޯނުކޯލުތައްވެސް އަޑުއަހަމުން އައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މައްސަލަ އޮޅުވާލުމަށް ކުރި މަސައްކަތުގެ ތެރެއިން ރިޟްވާންގެ ޕާސްޕޯޓު ކޮޕީއެއް ހޯދާ އޭނާ ސީރިއާއަށް ގޮސް މަރުވެފައިވާކަމަށް ދައްކަން ބަޔަކު އުޅުނުކަމަށާއި، ފުލުހުންގެ އިދާރާ އިސްލާހު ކުރުމަށް ގޮވާލާ އެއް ސަބަބަކީވެސް އެއީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންސާފު ހޯދުމަށް އެމަނިކުފާނު އަބަދުވެސް ވާހަކަ ދައްކަވާނެކަމަށެވެ. އަދި އެ ވާހަކަތައް ދައްކަވާތީ ފުލުހުންގެ ތެރެއިން ބަޔަކު އެމަނިކުފާނަށް ފާރަލަމުން އަންނަކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިލްވާން ގެއްލުވައިލީ ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ހިޔާލުގެ ބައެއްގެ ދެމެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އަދި މީހުން މެރުމުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ބައިވެރިވެފައިވާ ކަމަށް ވެސް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މައްސަލަތައް ތަހުގީގު ކުރުމަށް ކޮމިޝަނެއްވެސް އެކުލަވާލަން ޖެހުނީ ސަބަބުތަކާއި ގުޅިގެން ކަމަށާއި، ރިޕޯޓުގައި ބުނެފައިއެވާ ފުލުހުންނާއި ސިފައިންގެ މައްޗަށް ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޓެލިޖެންސް ދެ ފުލުހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ.

ރިލްވާނު ރަހީނުކޮށް، މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް، ރިލްވާން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކޯޕްރަލް މުހައްމަދު ޖިނާހާއި، ކޯޕްރަލް އިބްރާހީމް ރިފްއަތު ހައްޔަރު ކުރުމުގެ ކޯޓް އަމުރެއް ހޯދަން ފުލުހުންގެ މުއައްސަސާގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އެދިވަޑައިގެންނެވިނަމަވެސް ފުލުހުން ބުނެފައިވަނީ ދެ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކިތައް އެ ކޮމިޝަން އާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަށް ލިބިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

މި ސަރުކާރު އުފެދިގެން އައިއިރުވެސް އަދި މިހާރުވެސް އެމްޑިޕީން އެއްބަސްވެފައިވާ އެއް ކަމަކީ، ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް ހަރުދަނާ ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދުލު އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހައަކީ ފުލުސް އޮފީސްކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރާ ވަރަށް ފުލުސް އޮފީސް އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް އިސްލާހު ވެގެން ނާންނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ގައުމީ މަޖިލީހުގެ އެ ބައްދަލުވުމުގައިވެސް، ފުލުހުންގެ ބަޔާނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: