ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެހެން ވެސް ގެންނަން ޖެހޭ ބަދަލެއް!

ސްކޫލެއްގެ ކިޔަވާ ދަރިވަރުންތަކެއް:ފޮޓޯ މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަ ކުރަމުންދާއިރު ލިޔަން ދަސް ކުރުމުގެ އެންމެ މުހިންމު ބިންގަލަކީ ތަޢުލީމް އުނގައިދިނުމާއި އުނގުނުކަން އެއީ ދެބަސްވެވެން ނެތްހަގީގަތެކެވެ. އެހެންކަމުން މިފަދަ ދުވަހެއް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް ފާހަގަ ކުރަމުންދާއިރު އަޅުގަނޑު މިބަލާލަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ މައްޗަށެވެ. ހާއްސަކޮށް ރާއްޖޭގެ މަދުރަސީ ތަޢުލީމުގެ މައްޗަށެވެ.

ބައެއް ބޭފުޅުން ސިފަ ކުރައްވާ ގޮތުގައި ވޭތިވެދިޔަ 30 އަހަރަކީ ރާއްޖޭގެ ތަޢުލީމަށް ބަހާރު މޫސުމެއް އައިސްފައިވާ ދުވަސް ތަކެކެވެ. ސަރުކާރުގެ ޚަރަދުގައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން، މީގެކުރިން ދުވަހަކުވެސް ތަޢުލީމު ފެތުރިފައި ނުވާހާ ފުޅާކޮށް ރާއްޖޭގައި ތަޢުލީމުގެ ނޫރު ފެތުރިގެން ހިނގައްޖެއެވެ.

މަދަރުސާއަށް ދާންޖެހޭ ޢުމުރުފުރައިގެ އެންމެންހެން މަދަރުސާއަށް ދެއެވެ. ފަށާ ތަޢުލީމުގެ މަދަރުސާ ތަކުގައި ގިނައީ ދިވެހި މުދައްރިސުންނެވެ. ކިޔަވައިދެނީ ރާއްޖޭގައި އުފައްދާ ފޮތްތަކުންނެވެ. މަދަރުސާއެއްނެތް އެއްވެސް ރަށެއް މިހާރަކު ރާއްޖެއަކު ނެތެވެ. ކޮންމެ އަތޮޅެއްގައި ސާނަވީ މަދަރުސާއެއް އެބަހުއްޓެވެ. ލިޔަންކިޔަން ދަތުމުގެ ޤައުމީ ނިސްބަތް އުޅެނީ 0 އާއި ގާތްކުރާ ހިސާބުގައެވެ. މަދަރުސާ ތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ނިސްބަތް ގާތްގަނޑަކަށް ހަމަހަމައެވެ. 30 އަހަރުގެ ތެރޭގައި ގެނެވިފައިވާ ތަޢުލީމް ތަރައްޤީއަކީ ދުނިޔޭގެ ނިސްބަތުގައިވެސް ޙައިރާން ކުރުވަނިވި ތަރައްޤީއެއްކަން ކަށަވަރެވެ.

މި ނިޒާމަށް އެންމެ ފުރަތަމަ ވަން ކުދިން، މަދަރުސާ ނިންމައި މިހާރު ބައްޕައިންނަށް ވެއްޖެއެވެ. 30 އަހަރަކީ ތަޢުލީމީ ނިޒާމުގެ ނަތީޖާ އޭގެ މަޤްޞަދުތަކުގެ އަލީގައި ވަޒަންކޮށްލަން މުނާސަބު މުއްދަތެކެވެ. ދަރިވަރުންގެ ރިޕޯޓު ފޯމު ބަލާގޮތަށް ނިޒާމުގެ ރިޕޯޓާމެދު ވިސްނާލަން ރަނގަޅު ފުރުޞަތެކެވެ.

އާދެ! ޝައްކެއް ނެތެވެ. އެއްވެސް ނިޒާމަކީ ބަރާބަރު ނިޒާމެއް ނޫނެވެ. ވޭތިވެދިޔަ 30 އަހަރުގެ ތެރޭގައި ހޯދިފައިވާ ތަޖުރިބާތަކާމެދު ތަޙްލީލީ ނަޒަރަކުން ބަލާލަމާތޯއެވެ؟ ނިޒާމުގެ ކާމިޔާބުތަކާއި ކާމިޔާބު ކުރަންވީ ކަންތައްތައް ބައިވަރެވެ. ނަމަވެސް ތަރައްޤީގައި އަވަސް ފިޔަވަޅުތަކެއް އެޅޭނީ އިޞްލާޙް ކުރަންވީ ކަންތައްތަކަށް ސާފު ފޯކަހެއް ދެވިގެންނެވެ. މިނަޒަރުން ބަލާއިރު ފާހަގަވަނީ އަވަހަށް އިޞްލާޙުކުރަން ޖެހިފައިވާ ކަންތައްތަކެވެ. ހުރިހާ ކަމެއްގައި ތަރައްޤީއަށް އޮތް ފުރުޞަތު ތަކެވެ.

ތަޢުލީމީ މަޤް މަޤްޞަދަކީ ވަރަށް ފުރިހަމަ މަޤްޞަދެކެވެ. އިސްލާމީ ދިވެހި މުޖްތަމަޢުގައި ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ ޢާއިލާއަށާއި ތިމާގެ ރަށަށާއި ތިމާގެ ޤައުމަށް ފައިދާކުރުވަނިވި ހަރުދަނާ މީހަކަށްވުމުގެ ޤާބިލިއްޔަތު ލިބިދިނުމަށްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީބައި ތަރައްޤީކޮށް ހާނައި ތަރުބިއްޔަތު ކޮށްދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބިދިނުމެވެ.

ދެން މިނިޒާމުގެ ނެރެވޭ ނަތީޖާއާއި ދޭތެރޭ ވިސްނާލަމާ ތޯއެވެ؟ މަދަރުސާއިން ނުކުންނަ ގިނަ ދަރިވަރުންގެ ކިބައިގައި މަޤްޞަދު ޙާޞިލް ވެއްޖެނަމަ ހުންނަންޖެހޭ ސިފަތައް އެކަށީގެންވާ ގޮތަށް އަށަގެންފައި ނެތުމުން ކުރެވޭ ފިކުރެވެ. މާލޭގެ މަގުމަތިން ހިނގާލުމުން ފެންނަ މަންޒަރުތަކެވެ. މަދަރުސާއަކަށް، ތަޢުލީމީ މަޤްޞަދަށް ކިޔަވައިދޭ މަކްތަބަކަށް ދަރިވަރުވުމުން ހުންނަންޖެހޭ ސިފަތައް ޒުވާން ކުދިންގެ ގައިގައި ނެތް ތަނެވެ. އެކުދިންނަށް ބުނަން ބޭނުންވާ އެއްޗެއް ރީތިކޮށް ޢިބާރާތް ކޮށްލުމަށް ވާ ދައްޗެކެވެ.

އާދައިގެ ހިސާބެއް ކެލްކިޔުލޭޓަރެއްގެ އެހީގައިނޫނީ ކޮށްލަން ނުކުޅެދުންވާ ތަނެވެ. ވިސްނުމަށް އައިސްފައިވާ ލޮނޑުކަމެވެ. އެއްވެސް ފިކުރެއްނެތި މަޖާކުރުމުގައި ނަގާލަމުންދާ ފުރާވަރެވެ. އެކުދިންގެ އެންމެ އުފެއްދުންތެރި ޢުމުރެވެ. އައު ކަންތައްތައް ދަސްކޮށް ޢުމުރުގެ މެންދުރަށް އަދި ހަވީރަށް ތައްޔާރުވާން އޮތް ހެނދުނެވެ. ކުޅިވަރާއި ފިލްމު ބެލުމުގައި ހޭދަކުރާ ވަގުތެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ތަޢުލީމުގެ އުސް ކުރިބޯށިތަކެވެ. މަތީވަނަތައް ހޯދާ ކުދިންގެ ޢަދަދުތަކެވެ. ނަމަވެސް މިއީ ނިސްބަތުން ހިތާމަކުރަން މަޖުބޫރުވާ ފަދަ މަދު ޢަދަދެކެވެ. ދެން ކުރައްވާނެ ސުވާލަކީ ހުރިހާ ކަމެއްގައި ތަޢުލީމީ ނިޒާމަށް އިނގިލި ދިއްކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކުދިން ތަރުބިއްޔަތު ކުރުމުގައި އެހެން ފަރާތްތައްވެސް ބައިވެރިވެއެވެ. ބެލެނިވެރިންނެވެ. ގޭގެ މާހައުލެވެ. ޚަބަރު ފަތުރާ ވަސީލަތްތަކެވެ. ޖަމާޢަތެވެ.

ނަމަވެސް، ރާއްޖޭގެ އިޖްތިމާޢީ ފޭރާމަށް އަންނަމުންދާ ބަދަލުތަކުން މަދަރުސާތަކެއް ބަރީޢައެއް ނުކުރެވޭނެއެވެ. އަދި ރާއްޖެފަދަ ކުޑަކުޑަ އާބާދީއެއްގެ މަގުއޮޅޭ އެންމެ ދިވެއްސަކީވެސް މުހިންމު މީހެކެވެ. ޤައުމަށް ލިބޭ ގެއްލުމެކެވެ. ބޮޑެތި ކޯރުތައްވެސް އުފެދެނީ ހިމަފޮދު ވާރޭ ތިކިތަކަކުން ވެހޭ ވާރޭންނެވެ.

މިޒަމާނުގައި ދިވެހިވަންތަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އަދި ބޭނުންފުޅު އެއްޗެއް ފަސޭހަކަމާއެކު ވިދާޅުވެވޭ ބޭފުޅުންނަކީ އެބޭފުޅުންގެ ޅަފަތުގެ ތަޢުލީމު ދިވެހިބަހުން ހޯއްދެވި ބޭފުޅުންނެވެ. ބޭރު ޤައުމުތަކުން ފަށާ ތަޢުލީމު ހޯއްދެވި ބޭފުޅުންނެވެ. ބޭރު ޤައުމުތަކުން ފަށާ ތައުލީމު ޙާޞިލްކުރާ ކުދިންގެ ޚިޔާލާތު ވަޒަން ކޮށްލެއްވުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. ޢަދަދުނުކުރެވޭ ޢިލްމީ ދިރާސާތަކުން އެނގެނީ ބޭރުބަހެއް ކިޔެވުމަށް އެންމެ ރަނގަޅީ މާދަރީބަސް މެދުވެރިކޮށްގެން ކަމެވެ. މިކަމަށް ހެކިދޭ ބުރުހާނުތައް ބައިވަރެވެ.

އެއްބަހަށް ކުޅަދާނަމީހާ ވެފައި އޮންނަނީ ދެވަނަ ބަހަށްވެސް ކުޅަދާނަ މީހަކަށެވެ. މުޙައްމަދު އަމީނު މޮޅުފުޅީ ހަމައެކަނި ދިވެހި ބަހަކަށް ނޫނެވެ. އުރުދޫ ބަހަށެވެ. އިނގިރޭސި ބަހަށެވެ. މިފަދަ ބޭފުޅުންގެ ލިސްޓަކީ ދިގު ލިސްޓެކެވެ. ޢިލްމީ ހަމަތަކުން ބަލާއިރު އެކި ބަސްބަސް އަސަރުގަަދަކޮށް ބޭނުންކުރުމުގައި އާދަޔާ ޚިލާފު އެއްގޮތްކަމެއް ހުންނަކަމަށް ބަހުގެ ޢިލްމުވެރިން ހެކިވާނެއެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ދަރިވަރުން މަސައްކަތްތެރިކަމަށް ފޯރިއެއް ނުހުންނަ ސަބަބު ގުޅިފައިވަނީވެސް ބަހާއި މަންހަޖު ނުވަތަ ކަރިކިޔުލަމާއެވެ. އޯ ލެވެލް އިމްތިޙާނަކީ މަސައްކަތްތެރިކަމުގެ މަންހަޖަކަށްވުރެ ބޮޑަށް މަތީ ތަޢުލީމާ ގުޅިފައިވާ އެއްޗެކެވެ. އެ މަންހަޖުން ގިނަ ކުދިންނަށް މަގު ދައްކާނީ މަތީ ތަޢުލީމަށެވެ. އަތުންފައިން މަސައްކަތް ކޮށްގެން ކުރާ މަސައްކަތްތެރިކަމާއި އަދި މިހާރު ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ފަންނީ މަސައްކަތްތެރިކަމަށް އެ މަންހަޖު ދަރިވަރުން ބީރައްޓެހި ކުރެއެވެ.

އެހެންކަމުން، މަސައްކަތްތެރިކަމަކީ ޤައުމީ މަންހަޖުގައި މާއްދާތަކުގެ ގޮތުން، އަދި ކިޔަވާދޭގޮތުން އިސްކަމެއްނުދެވޭ ކަމަކަށް ވެއްޖެނަމަ، މިއަދުގެ ދަރިވަރުން، މާދަމާގެ ޒަވާނުން އެކަމަށް ޝައުޤުވެރިކަމެއް ނުހުންނާއެވެ. ގިނަ ދިވެހި ކުދިން އުޅެބޮޑުވެ ނިޔާވާނީ އެކުދިންގެ އަމިއްލަ ރަށުގައެވެ. މި މާހައުލަށް މިކުދިންނަށް ފައިދާކުރާނެ ގޮތަށް މަންހަޖު ފުރިހަމަ ކުރުމަކީ މަދްރަސީ ތަޢުލީމަށް އަންނަންޖެހޭ އެދެވޭ ބަދަލެއްކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: