ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓްރީގެ ވިސްނުން ހުރީ ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުމަށް!

ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު --- ނުވަގަޑި ސައިގެ ތެރެއިން އާދިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުމަތީ ހާދިސާތައް ހިނގުން އިތުރުވެފައިވުމާއި ގުޅިގެން މިނިސްޓްރީގެ ވިސްނުމަކީ ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓު އެޅުން މަޖުބޫރުކޮށް އުސޫލަށް ބަދަލު ގެނައުންކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެފި އެވެ.

ނިމިދިޔަ ހަފްތާގެ ތެރޭގައި ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާއަށްފަހު މީޑިއާތަކުގައި އެންމެ ބާރަށް ދެކެވެމުން އަންނަ ވާހަކައަކީވެސް ލައިފްޖެކެޓު އެޅުން މަޖުބޫރު ކުރުވުމާއި ގުޅޭ ވާހަކަތަކެވެ. ސަރުކާރުގެ ވުޒާރާތަކުން، ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދިނުމަށް ނޫސްވެރިންނަށް ޚާއްސަކޮށްގެން  ބާއްވާ “ނުވަގަޑި ސައި” ޓްރާންސްޕޯޓު މިނިސްޓްރީއިން ވަނީ އާދީއްތަ ދުވަހު ބާއްވާފައެވެ.

މިނިސްޓްރީތަކުގެ ޑިޕާޓްމެންޓުތަކާއި ވަކިވަކިން ބައްދަލުކޮށް ނޫސްވެރިން ބޭނުންވާ މައުލޫމާތެއް ހޯދުމުގެ އެ ފުރުސަތުގައި ކޮންމެ ނޫސްވެރިއެއްގެ ވެސް މައިގަނޑު އެއް ސުވާލަކަށް ވީ ލައިފްޖެކެޓު އެޅުން މަޖުބޫރުކުރުވުމާއި ގުޅޭގޮތުންނެވެ.

މެރިޓައިމް ޑިޕާޓްމެންޓުގެ މަސައްކަތްތަކާއި ގުޅޭގޮތުން “ސަންގު ޓީވީ” އާއި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް އަހުމަދު އާދިލް ވިދާޅުވީ ކަނޑު ދަތުރު ކުރުމާއި ގުޅޭ ގަވައިދުގެ ދަށުން އަމަލު ކުރަންޖެހޭ އުސޫލުތަކެއް ޑްރާފްޓު ކުރަމުންދާކަމަށާއި އެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި ނިންމައި އާއްމު ކުރެވޭވަރު ވާނެކަމަށެވެ.

އެއީ ސަލާމަތީ ރައްކާތެރިކަމަށް އޮތް ރަނގަޅު އުސޫލެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަން ފާހަގަކުރައްވައި އާދިލް ވިދާޅުވީ، އެ އުސޫލަށްފަހު މިނިސްޓްރީން އެކަން މޮނީޓަރ ކުރަމުންދާނީ ކޯސްޓް ގާޑާއި މެރިން ޕޮލިސްއާއި އެކު ކަމަށެވެ.

އުސޫލެއް ކަނޑައެޅިސް ރަނގަޅު ގޮތުގައި ބަލަހައްޓާ ރެގިއުލޭޓު ކުރެވިދާނެތޯ ސުވާލު ކުރުމުން އާދިލް ވިދާޅުވީ އެއީ ކެޕްޓަންގެ ކޮނޑުގައި އެޅުވިފައިވާ ޒިންމާއެއް ކަމަށެވެ.

އެހެން ނަމަވެސް، ކަމާއި ބެހޭ އިދާރާތްތަކާއި ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި ދަތުރުކުރާ ކޮންމެ އުޅަނދަކަށް އަރައި ބަލާ ފާސް ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

“އެކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ އޮންނާނީ ކެޕްޓަނަށް. ލައިފް ޖެކެޓު އެޅުވުން މަޖުބޫރު ކުރުވުމުގެ ވާހަކަ ދައްކާއިރު ކޮންމެ އުޅަނދެއް ފުރާ ގަޑިއާއި ދިމާކޮށް ދޯންޏަށް ނުވަތަ ލޯންޗަށް އަރާ ޗެކެއް ނުކުރެވޭނެ. މިއީ ބްރިޖަށް އަރާއިރު، ސައިކަލުގައި ހުންނަ މީހާ ހެލްމެޓު އަޅާތޯ ބަލަން ފުލުހަކު ހުންނަހާ ފަސޭހަކަމެއް ނޫންކަން ތިބޭފުޅުން ވިސްނާލެއްވުމުންވެސް އެނގިވަޑައިގަންނަވާނެ. އެހެން ކަމުން އަޅުގަނޑުމެން މިކަން ކުރާނީ ރެންޑަމްކޮށް، ހަމަގައިމުވެސް ގަވައިދުން ރެގިއުލޭޓް ކުރެވޭނެ ވަރުގެ ކެޕޭސިޓީ އެބަހުރި” އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ކޮންމެ އުސޫލަކަށްވެސް އަމަލު ކުރުމުގައި ފަރުދީ ޒިންމާވެސް ބޭނުންވާނެކަމަށެވެ. ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ހުރިކާމެއް ފުރިހަމަތޯ ބެލުމަކީވެސް އޭނާގެ އެދުމެއްކަމަށް އާދިލް ވިދާޅުވިއެވެ.

ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުމުގެ ބަހުސް ފެށިފައި ވަނީ އޯގަސްޓް 30 ވަނަ ދުވަހު ހދ. ނޮޅިވަރަންފަރުން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ބަންޑުން ޖަހާލާއި އޭގެން ދަތުރު ކުރި ހަތަރު މީހަކާއި ކުޑަ ކުއްޖަކު ނިޔާވި ހާދިސާއާ ގުޅިގެންނެވެ.

ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މަޑުވައްރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރު ވަނީ ގަރާރެއްވެސް ހުށަހަޅާފަ އެވެ.

އެ ގަރާރުގައި ވަނީ ދަތުރުފަތުރު ކުރުމުގައި ބޭނުން ކުރާ އުޅަނދު ފަހަރުގައި ސަލާމަތާއި ރައްކާތެރިކަމަށް ބަލަންވާ މިންވަރަށް ނުބެލުމާއި ދަތުރުކުރުމުގައި ސަލާމުކަން ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދެއްވާ ލަފަޔާއި އިރުޝާދާއި އިންޒާރަށް ބެލުމެއް ނެތި ދަތުރުކުރުމުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި، މުދަލާއި އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

ރައްކާތެރިވުމުގެ ގޮތުން ލައިފް ޖެކެޓު އެޅުން ލާޒިރުކުރުމުގެ ގޮތުން ދަތުރުކުރާ މީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް އެ ގަރާރުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: