ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުތަކާއި ބެހޭ ކޮމިޝަނަށް، ލިބޭ ބާރާއި އިހްތިސާސްވެސް އެ ކޮމިޝަނަށް އޮޅިފަ؟

ސުޢޫދު ނޫސްވެރިންނާއި ވާހަކަދައްކަވަނީ . (ފޮޓޯ..ސަންގު)
ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރެއްވި، ރިޔާސީ ކޮމިޝަންތަކުގެ ބިލު، ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ތަސްތީގް ކުރައްވާފައި ވަނީ،  24 ޖޫން 2019އިގައެވެ.

ރިޔާސީ ކޮމިޝަންގެ ދަށުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށާއި، ގެއްލިފަވާ މީހުންނާއި މަރުގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަންތަކަށް ބާރު ލިބިގެންދިޔައެވެ.

މި ދެންނެވި ރިޔާސީ ކޮމިޝަންތަކުގެ ތެރެއިން އެންމެ ބޮޑަށް “އަޑު ގަދަކޮށް” މަސައްކަތްކުރަމުންދަނީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުގެ މައްސަަލަތައް ބަލާ ކޮމިޝަނުންނެވެ.

އެ ކޮމިޝަނަށް ބާރު ލިބުނުތާ، 3 މަސް ފަހުން އެ ކޮމިޝަނުން ބަލާ ނިންމި މައްސަލައިގެ ތަފްސީލް އާންމުންނާއި ހަމައަށް ވަނީ ގެނެސްދެއްވާފައެވެ. ރަހީނުކޮށްފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން މަރާލާފައިވާ ކަމަށާއި، އޭނާ މަރާލީ ކަރު ބުރިކޮށްލައިގެން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެކި ފަރާތްތަކުގެ ވާހަކަ އާއި، އެކަމުގެ އަޑީގައި ވަނީ އިސްލާމް ދީނުގެ ނަމުގައި މަސައްކަތް ކުރާ ހަރުކަށި ޓެރަރިސްޓް ޖަމާއަތްތަކުން ކަމަށް ވެސް ވިދާޅުވިއެވެ.

އެ ކޮމިޝަންގެ ރައީސް ޙުސްނުއް ސުޢޫދުގެ ވާހަކަތައް އެހާހިސާބުން ނިންމަވާލެއްވީކީ ނޫނެވެ. އެ ވިދާޅުވާ، ޓެރަރިސްޓް ޖަމާއަތްތަކަށް ފަންޑް ހޯދާ ގޮތް ވެސް ވަރަށް ތަފްސީލްކޮށް ކިޔާދެއްވިއެވެ.

އެ ރޕޯޓް ހާމަކުރުމާއި އެކު، އެ މައުލޫމާތަކީ ދިވެހި ފުލުހުން އޭގެ މާކުރިން ހޯދާފައިވާ މައުލޫމަތުތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

އުމަރު ނަސީރު ވިދާޅުވި ވާހަކައަކީ ތެދުފުޅަކަށްވީ ނަމަވެސް އެއީ މައްސަލަ އެއް ނޫނެވެ. ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ 6 ވަނަ މާއްދާގައި އެ ކޮމިޝަނުން ގެންދާ އެންމެހާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ އެހީތެރިކަން ހޯދިދާނެ ކަމަށް ބުނެފައިވެއެވެ.

އެ ޤާނޫނުގެ 7 ވަނަ މާއްދާގައި، ކޮމިޝަނުން ބޭނުންވާ ހެކި ހޯދުމާއި، އެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށައަޅަން އެންގުމުގެ ފުރުސަތު ވެސް ކޮމިޝަނަށް އެބައޮތެވެ. އެހެންކަމުން އެ މައުލޫމާތު ހޯދާ ކޮމިޝަންގެ ރިޕޯޓްގައި ހިމެނުމަކުން މައްސަލައެއް ނެތެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ރިޕޯޓް ހަވާލު ނުކުރެވެންވީ ކީއްވެ؟
 

ރައީސް ނަޝީދު އަށް ސުއޫދު ރިޕޯޓް ދެއްވަނީ

ރިޔާސީ ކޮމިޝަންގެ ބިލްގައި، މައްސަލަަ ބެލުމަށް ފަހު އަމަލު ކުރާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ 9 ވަނަ މާއްދާގެ ނ ގައި ބުނެފައި ވަނީ އެޤާނޫނުގައި ބުނާ ދައުވާ ކުރުން ފިޔަވާ އެހެން ކަންކަމުގައި ކޮމިޝަނަށް ފެންނަ ގޮތުގެ ރިޕޯޓް ” ރައީސުލްޖުމްހޫރިއްޔާ” އަށް ފޮނުވަން ޖެހޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްްޔާ ފިޔަވާ އިތުރު މީހަކަށް އެ ރިޕޯޓް ފޮނުވިދާނެ ކަމަށް ބަޔާންކޮށްފައެއް ނެތެވެ. އެހެންކަމުން ރައީސް ނަޝީދަށް އެ ރިޕޯޓް ހަވާލްކުރުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަން ސާފުކޮށް ހާމަވެއެވެ.

ރިޟްވާން ރަހީނުކޮށް މަރާލި ގޮތާއި، އޭގެ ފަހުން ކަންކަން ހިނގާ ދިޔަ ގޮތް ހިމެނޭ މި ރިޕޯޓް، ރައީސް ނަޝީދަށް ދިނުމުގެ ނަތީޖާއަަކަށްވީ އެ މައުލޫމާތު އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނެތި އާންމުންނާއި ހަމައަށް އެމަނިކުފާނު ހާމަކުރެއްވުމެވެ.

ރައީސް ނަޝީދު ވަނީ އެ ރިޕޯޓް ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި ވެސް ހިއްސާކުރައްވާފައެވެ. ކޮމިޝަނުން އަމަލު ކުރި ގޮތުން އެ ކޮމިޝަންގެ ޒިންމާއެއް ކަމަށްވާ، ސިއްރު ހިފެހެއްޓުމުގެ ޒިންމާ އާިއ މެދު ވެސް އެ ކޮމިޝަނަށް ވަނީ އިހުމާލުވެވިފައެވެ.

ރިޔާސީ ކޮމިޝަންގެ ގާނޫނުގެ 13 ވަނަ މާއްދާގައި ކޮމިޝަނުގެ ތަހުގީގު ކުރިއަށް ދާއިރު ކޮމިޝަނުން ކަނޑައަޅައި ހާލަތެއްގައި ނޫނީ އެހެން ހުރިހާ ހާލަތްތަކުގައި ތަހުގީގުގެ ހުރިހާ މައުލޫމާތަކީ ސިއްރު އަދި އިމްތިޔާޒް ލިބިގެންވާ މައުލޫމާތުތަކެކެވެ. 

މީގެ އިތުރުން ރިޟްވާން މަރުވީ، ސީރިއާއަށް ގޮސް ހަނގުރާމަ ކުރުމުގެ ތެރޭގައިކަން ދެއްކުމަށް، ފުލުހުންގެ ތެރެއިން 5 މީހަކު މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު އެބަކުރެއެވެ.

އެއާއި އެކު އެފަރާތްތައް މަޤާމުން ވަކިކޮށް، ހައްޔަރުކުރުމަށް އާންމުންނާއި ސިޔާސީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރިޔާސީ ކޮމިޝަންތަކަކީ އަމިއްލައަށް ދައުވާކުރުމުގެ އިޚުތިޔާރު ލިބިފައިވާ ކޮމިޝަނެއް ކަމެވެ.

އެހެންކަމުން މި މައްސަލައިގައި ތުހުމަތު ކުރާ ފަރާތެއް ހައްޔަރު ނުކުރެވުމާއި، ދައުވާ ނުކުރެވުމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެ ކޮމިޝަނުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: