ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމާއި މަސްވެރިކަމަށް އަންހެނުން ބާރުވެރި ކުރުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ ޝީދާތާ

ޖެންޑަރ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝިދާތާ ވާހަކަދައްކަވަނީ . ފޮޓޯ:ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުންް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސްއިން ސެޕްޓެމްބަރު މަހުގެ ހަޔަކުން ހަތަކަށް  ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން ސްވީޕް 2019 އިވެންޓުގެ އިފުތިތާހީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ވިޔަފާރީގެ ފަހި ފުރުޞަތުތައް ތަނަވަސްކޮށްދީގެން އަންހެނުންގެ އިޤުތިޞާދީ ބައިވެރިވުން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިޤުތިސާދުގައި އެންމެ މުހިންމު ދެ ސިނާޢަތަކީ ފަތުރުވެރިކަމާއި މަސްވެރިކަން ކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވައި، އަންހެނުންގެ ބައިވެރިވުން އިތުރުކުރަން ކަމަށެވެ.

އިޤުތިޞާދާ ގުޅުން ހުރި ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި ތަންފީޛުކުރުމުގެ މަރުޙަލާގައި އަންހެނުންގެ ދައުރު މުހިންމު ކަން ފާހަގަކުރައްވާ، ވިޔަފާރިއާއި އިޤުތިޞާދީ ކަންކަމާ ގުޅުން ހުރި ވުޒާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް މަޤާމުތަކުގައި އަންހެނުން ތިއްބެވި ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، އަންހެން ވިޔަފާރިވެރިން އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، ވަކިން ޚާއްޞަ ގޮތެއްގައި ރަށްފުށުގައި ދިރިއުޅޭ އަންހެނުންނަށް ލުއި ލޯނާއި މޯބައިލް ބޭންކިންގގެ ޚިދުމަތް ލިބޭނެ މަގު ފަހި ކޮށްދިނުން ހިމެނޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން މި ކަމުގައި މިނިސްޓްރީން އަދާކުރަމުން ގެންދާ ދައުރު އެ ކަމަނާ ބަޔާންކޮށްދެއްވައި، އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ޖެންޑަރ އިކުއަލިޓީ ޕޮލިސީއާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން ވުޖޫދަށް އައުމުގެ މަރުޙަލާގައި އޮތް ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

އެ ކަމުގެ ސަބަބުން ޤައުމުގެ އިޤުތިޞާދީ ތަރައްޤީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުޞަތެއް ފަހިވެ، އިޤުތިޞާދީ ބައިވެރިވުމުގައްޔާއި ބާރުވެރިކަމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއް ހަމައެއްގައި ފައިދާކުރާނެ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ސްވީޕް 2019 އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުން ހިމެނޭ އަންހެނުންގެ ވަފުދެއް ތަމްސީލުކުރާ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރ ޝިދާތާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: