ކުއްލި ޚަބަރު

ބްރޯޑްކޮމްއަށް އައްޔަންކުރުމަށް ރައީސްގެ ފުރަތަމަ ޗޮއިސް!

ޝިފްލާ އިބްރާހީމް ޚަބަރު ކިޔުއްވަނީ: ފޮޓޯ މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް 36 މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވެއެވެ. އަދި އެ މެމްބަރުން އައްޔަންކުރުމާއިމެދު އާންމުންގެ ޚިޔާލަށް ވަނީ ހުޅުވާލެވިފައެވެ. އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބުން ނަންތައް ހިމަނުއްވައި ކޮމިޓީ އަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ ރާއްޖޭގެ ރައްޔިތުން އިތުރު ތައާރަފަކަށް ބޭނުންނުވާ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމް އެވެެ. 

މީގެ 21 އަހަރުކުރިން އުމުރުން އެންމެ 19 އަހަރުގައި އެއްވެސް ތަމްރީނެއް ނެތި ކެމެރާ ކުރިމައްޗަށް އިއުލާން ކިޔުމަށް ޝިފްލާ އަރައިވަޑައިގަތުމަކީ އޭރުގެ ޓީވީ މޯލްޑިވްސްގެ ވެރިން އަންތަރީސް ކުރުވި ކަމަކަށް ވެގެންދިޔައެވެ. އެއީ އެ އިއުލާން ކިޔުމުގައި ޝިފްލާގެ ދޫ ފަސޭހަކަމާ ދިވެހި ބަހަށް ރޯފިލާފައި، ފަރިތަކަމާއެކު، ރާގާއި ހަމަ ގެންގުޅުނު ގޮތުގެ ސަބަބުންނެވެ. 1998 ވަނަ އަހަރު، އިއުލާން ކިޔުމަށް ޝިފްލާ ކުރައްވަން ފެއްޓެވި މަސަައްކަތް ބަދަލުވެގެންދިޔައީ ޚަބަރު ކިޔުމާއި ޕްރޮގްރާމްތައް ހުށައަޅައިދިނުމަށް ޝައުގުވެރިކަން ގެނުވައިދިން މަސައްކަތަކަށެވެ.

ޚަބަރާއި މައުލޫމާތަކީ މިހާރުގެ ޓެކްނޮލޮޖީ ޒަމާނުގައި އާދައިގެ ކަމަކަށް ވިޔަސް ޝިފްލާގެ އަޑު އިވެން ފެށިއިރު އެ ޚިދުމަތަކީ މިހާރުގެ ގޮތުން ބުނާނަމަ ވަރަށް ކްލެސިކް ޚިދުމަތެކެވެ. ޓީވީ ޗެނަލަކަށް އޮތީ ޓީވީ މޯލްޑިވްސް އެކަންޏެވެ. ޚަބަރު ސްޓޫޑިއޯގައި ބޭނުންކުރާ އާލާތްތަކާއި ޚަބަރަށް ތައްޔަރުވާގޮތްވެސް ވަރަށް ކްލެސިކެވެ. އެހެން ނަމަވެސް ޚަބަރު ކިޔުމާއި ޚާއްސަ ޝޯވްތައް ހުށައަޅައި ދިނުމުގައި މިއަދެކޭ އެދުވަހެކޭ ޝިފްލާގެ ވައްޓަފާޅިއަކަށް ބަދަލެއް ނާދެއެވެ. އެ ދުވަސްވަރު ހަބަރު ކިޔަމުން އައީ އަތުލިޔުން ރީތި ކުދިން ލައްވާ ކަރުދާސްތަކެއްގައި ލިޔުމަށްފަހު އެ ކަރުދާސްތައް ތަތްކުރުމަށްފަހު އޮޓޯކިއުއަށްލާ އޮޅާލުމަށްފަހުގައެވެ. ޚަބަރު ސްޓޫޑިއޯގައި ބޭނުންކުރާނީ ޓޭޕެވެ. އެއީ ކޮންމެ ވޭރިއަސްއެއްގައި ޓޭޕް ލައްވަ ލައްވާފައި ނަގައިގެން ޚަބަރު ކީ ޒަމާނެވެ. ކިޔާ ކޮންމެ ޚަބަރަކަށް ޓޭޕް ލައްވައިގެން ވޭރިއަސް ޕްލޭ ކުރާނެ ބަޔަކު ތިބޭއިރު ޝިފްލާގެ ހުށިއާރުކަމާ ވަގުތަށް ޚަބަރު ފެށުމާ އެއް ޚަބަރުން އަނެއް ޚަބަރަށް ހުށިއާރުކަމާއިއެކު ގޮސް ނިންމާލުމުގެ ނަތީޖާ އަކީ ނޫސްވެރިކަމުގެ ދާއިރާއިން އާ ހަރުފަތްތަކަކަށް ދާން އަޒުމް ކަނޑައެޅުމެވެ. 

ޝިފްލާ އިބްރާހީމް ޓީވީ މޯލްޑިވްސްގައި ޚަބަރު ކިޔުއްވި ދުވަސްވަރު: ފޮޓޯ މީސް މީޑިއާ

ޓީވީ މޯލްޑިވްސް ގައިވެސް އަދި މިހާރުގެ ޗެނަލް ތަކުގައިވެސް އަލަށް ޚަބަރު ކިޔާ ކުއްޖަކު ޕްރައިމް ޓައިމް ކަމަށްވާ މެންދުރުފަހު ދޭކާ އަދި ރޭގަނޑު 8 ގެ ޚަބަރު ކިޔުމަށް ގިރާ ކުރަންޖެހޭ ބިޔަ ކަނޑެއް އޮވެއެވެ. އެއީ އަތޮޅު ޚަބަރުން ގޮސް 10 ގެ ޚަބަރާ އަދި ހަވީރު 4 ގެ ޚަބަރު ކިޔައިގެން ގިރާކުރަންޖެހޭ މާ ކަނޑުގެ ބިޔަ ރާޅުތަކެވެ. ޝިފްލާ ވަނީ އެ ބިޔަ ރާޅުތައް ގިރާ ކުރުމުގެ ބަދަލުގައި މަތިން ގޮސް މެންދުރު 2 ގެ ޚަބަރަށް އަރައިވަޑައިގެން ބެލުންތެރިންގެ ސަމާލުކަން ހޯއްދަވާފައެވެ. އެއީ ހަޔާތުގައި ޝިފްލާ ކިޔުއްވި ފުރަތަމަ ޚަބަރެވެ. ޚަބަރު ކިޔާ މީހަކީ ތިމާ ހިތް ރުހުނަސް ނުރުހުނަސް ކޮންމެ ޚަބަރެއް ކިޔުމުގައި ސާބިތުކަންވެސް ދައްކަންޖެހޭ ބައެކެވެ. 

ޝިފްލާ ވިދާޅުވާގޮތުން އޭނާ ކިޔުއްވި ޚަބަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ޚަބަރަކީ އީވާން ނަސީމުގެ މަރާއިގުޅިގެން ކިޔުއްވި ޚަބަރެވެ. އެ ހަނދާންތަކާ އެދުވަހުގެ އިހުސާސަތައް ޝިފްލާގެ ހިތުގައި އަދިވެސް ބިންވަޅުނެގިފައިވެއެވެ. އެއިރަކު ރިސްކު އެލަވަންސެއް ނުލިބެއެވެ. އެ އެލަވަންސް ތައާރަފްވެގެންދިޔައީ އޭގެ ފަހުންނެވެ. ޝިފްލާ ވިދާޅުވާގޮތުން އެ ޚަބަރު ކިޔާފައި ނިކުމެގެން ޓީވީއެމް ވޭނުގައި ގޮސް ލާސާނީ މަގުން ދިޔައިރު ބަޔަކު ތިބީ ދުއްވަމުންދިޔަ ވޭން ތަޅާ ސުންނާފަތިކޮށްލާ ހިސާބުގައެވެ. އެއީ ހަމައެކަނި އެ ޚަބަރު ކިޔުއްވިމަށްޓަކައެވެ. ޝިފްލާ ސިފަކުރައްވެގޮތުގައި އެދުވަހަކީ ހިތްދަތި ބިރުވެރި ތަޖުރިބާއެއް ކުރެވުނު ދުވަހެކެވެ. އެހެން ނަމަވެސް އެ ހާދިސާއިން ޝިފްލާގެ އަޒުމެއް ގުޑުވައެއް ނުލެވުނެވެ. ހިތްވަރު ނެރުއްވީ ލިބިވަޑައިގެންނެވި ތަޖުރިބާތަކާއި ތަމްރީނުތަކާއި އެއްވަރަކަށް ނޫސްވެރިކަމުގެ ދާއިރާއިން އިތުރަށް އުނގެނިވަޑައިގަތުމަށެވެ. 

ޝިފްލާއަކީ އާއިލާ ބެލެހެއްޓެވުމުގެ ޒިންމާ ނަންގަވަމުން ނޫސްވެރިކަމުގެ ދާއިރާއިން ޑިޕްލޮމާ އަދި ޑިގްރީ ހާސިލްކުރައްވައި، މާސްޓަރޒް ހައްދަވަމުންގެންދަވާ ހިއްވަރުގަދަ ކަނބަލެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ޝިފްލާގެ ޚިދުމަތްތައް ވަރަށް ގިނައެވެ. އެ އަޑަކަށް އެ ހުށައެޅުމަކަށް ބަދަލެއް ނާދެއެވެ. މިއަދު ޝިފްލާއަކީ ސަންގު ޓީވީގެ އެއްވަނަ ނިއުސް އެންކަރއެވެ. އަދި ޝިފްލާ ވަނީ ބްރޯޑް ކާސްޓިން ކޮމިޝަންގެ މަގާމަށް ކުރިމަތިލައްވައި ރައީސުލް ޖުމްހޫރިއްޔާގެވެސް އެއް ނަންބަރު ޗޮއިސްއަށް ވެވަޑައިގެންފައެވެ. ސަންގު ޓީވީގެ ބެލުންތެރިންނަށް ޝިފްލާ ކޮންމެ ރެއަކު ބާއްޖަވެރި ރޭނގަޑަކަށް އެދިލައްވާތީ ސަންގު ޓީވީ އިން ޝިފްލާއަށް އަބަދުވެސް އެދެނީ ބާއްޖަވެރި ދުވަސްތަކަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: