ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާރިޖީ ސިޔާސަތުން ލިބުނު އިޤްތިސާދީ ހަދިޔާ

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގެ އަރިހުގައި: ފޮޓޯ ސަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޒަމާންވީ ވަންތަކަން ދުނިޔޭގެ އެކި ބައްރުތަކުގެ ޤައުމުތަކަށް  ދައްކައިދެމުން އައީ ދިވެހިންގެ އަމިއްލަ ސަގާފަތާ އިސްލާމް ދީނުގެ މަތިވެރި އަގީދާއާއި މާކަނޑުގައި ވިދާ ބަބުޅާ މުތްތަކެއްފަދަ ރަށްތަކެއްގެ މައްޗަށް ބިނާކޮށެވެ. 

ނޫވިލު ކަނޑުތަކާ މޫދާ ފަޅާ ސާފު ގޮނޑުދޮށުން ދޭހަކޮށްދެނީ ދިވެހިންނަކީ އެހެނިހެން ގައުމުތަކަށް ލިބިފައިވާ އުފެއްދުންތެރިކަން ނެތަސް ގުދުރަތުން ފުރިގެންވާ އެތަކެއް ނިއުމަތްތަކަކުން ދިވެހިންގެ އަމިއްލަ އީޖާދީ އުފެއްދުންތެރިކަން މި ނަލަ ފެހި ގަސްރުކުގެ ނިވަލުން ނެރެ ބައްރުތަކަށް ދައްކާ އިގްތިސާދީގޮތުން ފުދުންތެރިކަން އިތުރުކޮށް އިޖުތިމާއީ ހަމަޖެހުން ހޯދާފައިވާބައެއްކަމެވެ. 

ރާއްޖޭގެ އިގްތިސާދީ މައި ސިނާއަތްތަކުގެ ނަން ކޮންމެހެން ބަޔާން ނުކުރިޔަސް އެ ސިނާއަތްތައް ކުރިއަރައި ދިޔުމުގެ ސަބަބުން މިއަދު ބޭރުގެ ގައުމުތަކުން ރާއްޖެއާމެދު ދެކޭގޮތް ވަނީ ބަދަލުވެފައެވެ. 

މިއީ ބޭރުގެ ބަޔަކަށް ބަރޯސާނުވާ އަހަރެމެންގެ ފަޚުވެރި ދިވެހި ޤައުމެވެ. އަހަރެމެންގެ ލޯބިވާ ވަތަނެވެ. 

މިވަތަން ތާއަބަދުމެ މިގޮތުގައި ދެމެހެއްޓުމަށް އެންމެ ބޮޑު އެއް ދައުރެއް އަދާކުރަނީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު. 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އަޅުގަނޑުމެން ބޭނުންވި ދާޚިލީ މިނިވަންކަން ލިބުނެއްކަމަކު ދިފާއި ސިޔާސަތަކާ އަދި ޚާރިޖީ ސިޔާސަތެއް އޮތުމުގެ ފޮނިމީރުކަން ހާސިލުވެގެންދަނީ މިއަދު ދިވެހި ރާއްޖެ ތަރައްޤީއާއި ތަމަދުންގެ ރޭހުގައި ޖެޓް ޕެކް އަޅައިގެން ބައިވެރިވެފައިވާތީއެވެ. 

މިދެންނެވި ޖެޓް ޕެކަކީ އަޅުގަނޑުމެން އެ ސިޔާސަތަކަށްޓަކައި ފަޚުރުވެރިވާ ޚާރިޖީ ސިޔާސަތު. ނަމަވެސް ދާޚިލީ މިނިވަންކަމާނުލަ މިކަންކަން ހާސިލެް ނުކުރެވޭނެއެވެ. އެހެން ނޫންތޯ؟

ރާއްޖޭގެ އިޤްތިސާދީ ސިޔާސަތުތައް ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އިހުތިރާމްކުރުމުގެ މަތިވެރި އަސާސްތަކުގެ މައްޗަށެވެ. ޑިޕްލޮމެސީގެ ރޫހާ މަޝްވަރާގެ އުސޫލުން. ހާސިލްކުރަމުންދަނީ ތަހުޒީބުވެފައިވާ ޤައުމުތަކުން ލިއްބައިދޭ ހިތްހަމަޖެހުމާއި އަރާމެވެ. އަސާސީ ހައްގުތަކާއި މިނިވަންކަމެވެ. ހިތުހުރިގޮތަކަށް ތިމާ އުޅުމުގެ ބަދަލުގައި އުނގަންނައިދެނީ ތައުލީމާއި ސުލޫކާއި ފޮނި މުސްތަގުބަލަކަށް ވާސިލްވުމުގެ އާގޮތްތަކެކެވެ. ކޮށައިދެނީ ހަރުދަނާ ޒިންމާދާރު އަދި ފަޚުރުވެރި ދިވެއްސަކަށް ގިރާކުރުމަށް ހުރި ހުރަސްތަކެވެ.

ދައުލަތުގެ ޚާރިޖީ ސިޔާސަތުގެ އަމާޒަކީ އަޅުގަނޑުމެންގެ ވަތަނުގެ ސިޔާދަތު ހިމާޔަތްކޮށް މިވަތަނުގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމެވެ. އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ބޭރު ދުނިޔޭގައި އިސްލާމީ ރިވެތި ސިފަތަކާ އާދަކާދަތައް ކުރިއެރުވުމެވެ. ދިވެހިންގެ އިޤްތިސާދީ ފުދުންތެރިކަން އިތުރުކުރުން. އަޅުގަނޑުމެންގެ ލޯބިވާ މިވަތަނާ ދުރުގައި ދިރިއުޅެމުންދާ ދިވެހި ލޭހިނގައި ކޮންމެ ރައްޔިތަކަށް ދެވޭ ޚިދުމަތުގެ ފެންވަރު ހަރުދަނާކުރުމެވެ.

ޚާރިޖީ ސިޔާސަތުގެ ތެރެއިން އަޅުގަނޑުމެންގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ވޭތުވެދިޔަ ދިގު ތާރީޚުގައި ހިކުމަތްތެރި މަސައްކަތްތަކެއް ކުރެވިފައިވުމުގެ އަލިގަދަ ހެއްކަކީ ދިވެހި ރާއްޖޭގެ އިޤްތިސާދު ކުރިއަރައިދިއުމެވެ. ބޭރުގެ ބޮޑެތި ބިޔަ އިންވެސްޓުމެންޓްތައް ގެނެވުނެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެ ގެނެވި ފަތުރުވެރިކަމުގެ ދާއިރާއިން އިންގިލާބީ ބަދަލެއް ގެނެވުނެވެ. ދޭދޭ ދެގައުމުގެ ދެމެދުގައި އެގައުމެއްގެ ޤާނޫނު އަސާސީއާއި ދިވެހިންގެ އަމިއްލަ ސިފަވަންތަކަން ނުގެއްލޭފަދަ އިޤްތިސާދީ މުހިންމު އެއްބަސްވުންތަކުގައި ސޮއި ކުރެވި ތަފާތު ގިނަ މަޝްރޫއުތަކެއް ހިންގުނެވެ. ލޯނު ލިބެއެވެ. ހިލޭ އެހީވެސް ލިބެއެވެ. ބޭރުން ލޯނެއް ނެގީމާ އޭގެން އޮންނާނީ އިޤްތިސާދި ހަރަކާތެއް ހިނގާފަކަން މިޤަގުމުގެ ކުޑައިން ބޮޑަށް ދަނެއެވެ. ވަކިން ޚާއްސަކޮށް ވެރިކަން ކުރެއްވި ބޭބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވައެވެ.

ބޭރުގެ ޤައުމުތަކަށް ދިވެހިން ސާބިތުކޮށްދީފައިވަނީ ދިވެހިންނަކީ ލޯނު ނަގައި އިޤްތިސާދީ ހަރަކާތް ހިންގާ އަނބުރާ ފައިސާ ދެއްކޭނޭ ގާބިލު ގަޓުހުރި ބައެއްކަމެވެ. އަޅުގަނޑު މިދަންނަވަނީ ހާރިޖީ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމުގެ ސަބަބުން އިޤްތިސާދު ކުރިއަރައި ދިޔަގޮތުގެ ވާހަކައެވެ. ނަމަވެސް މިއަދު އަޅުގަނޑު އެންމެ ދެރަވާކަމަކީ އެއްކަލަ ޖެޓް ޕެކް ކަމަށްވާ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބޭނުންކުރައްވައިގެން ޚާރިޖީ ވަޒީރު މުޅި ދުނިޔެ ވަށާ 360 ޑިގްރީގެ ދަތުރެއް ކުރެއްވިއިރު ވޭތުވެދިޔަ 8 ވަރަކަށް މަސްދުވަހުގެ ތެރޭގައި އިގްތިސާދީގޮތުން އެދެވޭ ނަތީޖާތަކެއް ނުވަތަ އަމަލީ މަސައްކަތެއް ކުރެވިގެން ނުދިޔަ މަންޒަރެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު : ފޮޓޯ ދި އެޑިޝަން

32 ބިލިޔަން ރުފިޔާގެ ބަޖެޓްގެ ވާހަކަ ދައްކާކަށް ނެތީމެވެ. ހިންދުސްތާން ބާއީ ދެއްވި އެއް ބިލިޔަން ޑޮލަރުގެ ވާހަކަވެސް ދައްކާކަށް ނެތީމެވެ. އަދި ކީއްތޯއެވެ؟ ވަޒީރު ބޭފުޅާގެ ދަތުރުގެ ޓިކެޓް ޚަރަދާ ކޮޓަރި ކުއްޔާ ފަރިއްކޮޅާއި ޕޮކެޓް މަނީއަށް ޚަރަދުވި 100 މިލިޔަނެއްހާ ދިވެހި ފައިސާކޮޅުގެ ވާހަކަވެސް އަޅުގަނޑު އެހާ ދައްކާހިތެއް ނުވެއެވެ. އެއީ މަނިކުފާނަކީ އަޅުގަނޑު ވަރަށް އިހުތިރާމްް ކުރާ ބޭފުޅަކަށްވާތީއެވެ. އެހެން ނަމަވެސް މަނިކުފާނު އެހާ ޒަމާންވީ ވޯލްޑް ޓުއަރއަކަށް ވަޑައިގެން އަޅުގަނޑުމެން ދިވެހިންނަށް އެއްވެސް ބާވަތެއްގެ އިޤްތިސާދީ ހަދިޔާއެއް ގެނެސް ނުދެއްވީތީ އެކަމާ ވަރަށް އަަސަރުކޮށްފިއެވެ. އަޅުގަނޑުމެންނަށް މިފަހަރު  މިޖެހުނީ މަރިޔަމް މާ ފެންތައްޓަށް ލައިގެން މަރިޔަމް ސޫރަތް ކިޔަވަންތޯއެވެ؟

އެކަމަކު ވަރަށް މުހިންމު ދެކަމެއް ފާހަގަކޮށްލާނަމެވެ. އަޅުގަނޑުމެންގެ ވަތަނުގެ ސިޔާދަތު ހިމާޔަތްކޮށް މިވަތަނުގެ ސަލާމަތާ ރައްކާތެރިކަން އިތުރުކުރީ މީގެ ކުރިންވެސް އަޅުގަނޑުމެން އެބަޔަކަށްޓަކައި ފަޚުރުވެރިވާ ޖަންގަލް ގްރީން ފޯރސްއެވެ. އާދެ ފަޚުރުވެރި ސިފައިންނެވެ. ކުލީ ސިފައިން ބޭނުމެއް ނުވެއެވެ.  ޑިފެންސް މިނިސްޓަރާ ގުޅުއްވައި އެމީހުން މިތަނަށް ގެނައި ގޮތަކަށް އަވަހަށް ފޮނުވައިދެއްވާށެވެ. ތިޔަ ކުރެއްވި ދަތުރުތަކާ ހޭދަތަކުން ކުލީ ސިފައިންނާ ނުލާ އަޅުގަނޑުމެންނަށް އުޅެވޭނެ ގޮތެއް ހައްދަވައިދެއްވާށެވެ.

އިސްލާމީ ވަހުދަތު ހިމާޔަތްކޮށް ބޭރު ދުނިޔޭގައި އިސްލާމީ ރިވެތި ސިފަތަކާ އާދަކާދަތައް އަޅުގަނޑުމެން މީގެ ކުރިންވެސް ކުރިއެރުވީ އަރަބި ގައުމުތަކާ ގުޅިގެންނެވެ. ޔަހޫދީންނާއި ނަސާރާއިންނާ ވިޔަފާރީގެ ގޮތުން ގުޅޭއިރު އުސޫލުތަކާ ހަމަތަކުގެ މަތިން ގުޅިގެން އަޅުގަނޑު މައްސަލަޔަކަށް ނަހަދަމެވެ. ތިޔަ ކުރެއްވި ދަތުރުތަކާ ހޭދަތަކުން ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހިންގުން އިހުނަށްވުރެ ބޮޑަށް ހަރުދަނާކޮށްދެއްވައި އިސްލާމީ އިލްމާއި ތަމްރީން މިގައުމުގައި ފަތުރާލަދެއްވާށެވެ.

މިއީ ޚާރިޖީ ވަޒީރު ޚާރިޖީ ސިޔާސަތުގެ ޖެޓް ޕެކް އަޅުއްވައި ވޯލްޑް ޓުއަރ ނިންމަވައި އަޅުގަނޑުމެންނަށް އިޤްތިސާދީ ހަދިޔާއެއް ގެނެސް ނުދެއްވީތީ އަސަރާއެކު އަޅުގަނޑު ހިއްސާކޮށްލާ ވާހަކައެެކެވެ. ބަޖެޓް ބަންދުކޮށް އަނެއްކާވެސް އަންނަ އަހަރަށް ބަޖެޓް ކަނޑައެޅުމުގެ ވަގުތުވެސް ކައިރިވަނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: