ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވާ ވަޒީފާ ހޯދުމާއި، ބައިވެރިއެއް ހޯދުމުގައި އެގޮތް ކަންތައްތަކެއް ހުންނަކަމަށް ޤަބޫލު ކުރެވޭތަ؟

(ވަޒީފާއެއް ހޯދުމާއި ބައިވެރިއެއް ހޯދުމުގައި އެއްގޮތް ކަންކަން)ފޮޓޯ..ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކު ވެސް ހަޔާތުގެ ބައިވެރިއަކު ހޯދުމުގައި ބަލާނެ ބައިވަރުކަންކަން ހުރެއެވެ.

އެގޮތުން އެމީހާއަކީ ތިމާގެ މިޒާޖާއި ގުޅޭ މީހެއްތޯ ބެލުމާއި، ތިމާ ގަޔާވާ ސިފަތައް އެމީހެއްގައިގައި ހުރިތޯ ބެލުމުން އެމީހާގެ ވާހަކަ ދެއްކުމުގެ ވައްޓަފާޅި އާއި ސިފަ އަށް ދާން ދެން ބައިވެރިޔަކު ހޯދާއިރު ބަލައެެވެ.

އަދި ހަމައެހެންމެ އެމީހާގެ ތަނަވަސްކަމާއި، އެމީހާގެ އުޅުމަށް ބެލުމަށް ފަހު ނޫނީ ހަޔާތުގެ ބައިވެރިޔަކު ނުނިންމާނެ ކަން ގައިމެވެ.
ހަމައެގޮތަށް ބޭނުންވާ ވަޒީފާ ހޯދުމުގައި ވެސް ބަލާކަންތައްތަކެއް އެބަހުރެއެވެ.

ތަނުގެ ވެރިމީހާ އާއި، ތަނުގެ މުވައްޒަފުންނާއި މަސައްކަތުގެ މާހައުލާއި، މަސައްކަތުގެ ވަގުތާއި، މަސައްކަތުގެ އުޖޫރައިގެ އިތުރުން ވެސް ބަލާ ކަންކަން ހުރެއެވެ.

ކޮންމެ އަކަސް އަޅުގަނޑުގެ ސަމާލުކަން ދަމައިގަތީ މި އިހަކަށް ދުވަހު މީސްމީޑއާއިން ފެނުނު ލިޔުމަކުންނެވެ. އެ ލިޔުމުގައި ބައިވެރިއެއް ހޯދުމާއި ވަޒީފާއެއް ހޯދުމުގައި ހުރި އެއްގޮތް ބައިވަރުކަންކަން ކިޔާދީފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ބަލާލާނަމެވެ.

ފޮޓޯ.. ސޯޝަލް މީޑިއާ

1 “ހަނީމޫން” ދުވަސްކޮޅު

ކޮންމެ ގުޅުމެއްގައި ވެސް އާކޮޅު ފެންނާނީ މުޅިން ފުރިހަމަކަމެވެ.

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާއޭ ބުނާތީ އަޑުއަހަމުހެއްޔެވެ. އެއީ ހަމަ ތެދެކެވެ.

ހަޔާތުގެ ބައިވެރިޔާ އަލަށް ދިމާވެ، ލޯބީގެ ގޮތުން ގުޅުމާއި ހަމައަށް ވެސް އެ މީހެއްގެ އުނި އެއްވެސް ސިފައެއް ފެންނަ ހެނެއް ހިއެއް ނުވާނެއެވެ.

އެއީ މުޅިން ވެސް ފޮނި ދުވަސްތަކެވެ. އެދުވަސް ކޮޅު ތިމާ ހިތްނޭދޭ ކަމެއް ފެނުނަސް އެކަން “ނަޒަރް އަންދާޒް” ކުރެވެނީއެެވެ.

އެކަކު އަނެކަކަށް މެސެޖް ކުރުމާއި، ގަޑި ދެގަޑި އިރު ފޯނުން ވާހަކަ ނުދައްކަންޏާ “ލޯބި” ނުވަނީއެވެ. އަދި ކިތަންމެ ގިނަ އިރަކު އެކުގައި އުޅުނަސް ފޫހިވާ ގޮތެއްވެސް ނުވެއެވެ. އެއީ މާބޮޑު ކަމަކަށް ނުވަނީއެވެ.  ބޭނުންވާ ވަޒީފާ އަށް އަލަށް ނުކުންނަ ދުވަސްކޮޅު ވެސް ވަނީ ހަމަ މިކަހަލަ ގޮތެކެވެ.

( މަސައްކަތުގައި ފުރަތަމަ ދުވަސްވަރު މަސައްކަތް ކުރަނީ ވަރަށް ޝައުގުވެރިކަމާއި އެކު)ފޮޓޯ.. ސޯޝަލް މީޑިއާ

ވަޒީފާ އަށް ދާހިތުން މުނާޖާ ކޮނޑު އަޅައިގެން ތެދުވެ، ގަޑީގެ އެތައް ކުރިން އޮފީހަށް ދެއެވެ. ވާނީވެސް އެހެންތާއެވެ. މި ދުވަސް ކޮޅު އެއްވެސް ކަމެއް ގޯސްކޮށް ދާކަށް ބޭނުމެއް ނުވާނެތާއެވެ.

“ފަރސްޓް އިމްޕްރެޝަން” ގޯސް ކުރަން ބޭނުން ނުވާތީ ހިތް ނޭދުނަސް އޮފީހުގައި ކުރަން ޖެހޭ ކަމެއް ވިއްޔާ މާބޮޑު ޝަކުވާ އެއް ނެތި ކުރަމުން ދެއެވެ.
އަދި އޮފީހުގެ ޑިއުޓީ ނިމުމަށް ފަހު މަސައްކަތް ކުރުމާއި، އިތުރު ގަޑީގައި ޝަކުވާއެއް ނެތި މަަސައްކަތް ކުރުމަކީ މާ ބޮޑު ދަތިކަމަކަށް ނުވެއެވެ.
އެދުވަސް ކޮޅު، ވަޒީފާ ދޭ މީޙާގެ ވެސް މާ ބޮޑު ޝަކުވާއެއް އެ މުވައްޒަފާއި މެދު ނޮއޮންނާނެތާއެވެ.

އެހެންވީމާއި މިގުޅުން ވެސް އެހާ ފޮނިވެފައި ހިތްގައިމެވެ. މައްސަލަ ޖެހެން މިފަށަނީ އޮފީހުގައި ވިޔަސް އަދި ބައިވެރިޔެއް ވިޔަސް އާކަން ކެނޑޭ ހިސާބުންނެވެ. އެންމެ ފުރަތަމަ ޖެހެން ފަށާއެއް މައްސަލަ އަކީ އެކަކު އަނެކަކަށް ތައުރީފް ކުރުން މަދުވެ ތިމާގެ ބޭނުންތެރިކަން އިހުސާސްކުރެވޭވަރު ކުޑަވުމެވެ.

(ކުރާ މަސައްކަތުގެ އަގު ވަޒަންކުރުން މުހިންމު) ފޮޓޯ.. ސޯޝަލް މީޑިއާ

2. ކުރާ ކަންކަން ބަލައިނުގަތުން ( ގްރާންޓެޑްކޮށް ގެނުން)

ލޯބީގެ ގޮތުން މީހަކާ ގުޅޭ އިރު ފުރަތަމަ ކޮޅު، ކުދި ކުދި ތައުރީފް ކުރުމަކީ އާދައެކެވެ. ރީތި ވާހަކަ އާއި، އެމީހެއްގެ ރަނގަޅު ވާހަކަ އާއި ފުރިހަމަ ވާހަކަ ކިޔާދީދީ ފޫހި ނުވާކަހަލައެވެ.

ވަޒީފާގައި ވެސް ވަނީ ހަމަ މިހެންނެވެ. އާ ކޮޅު ކުރާ ކޮންމެ ރަނގަޅު ކަމަކަށް ތައުރީފް ލިބެއެވެ. ނުރަނގަޅުކޮށް ކުރާ ކަންކަމަށް އިރުޝާދު ލިބެއެވެ.
މައްސަލަ ޖެހެން މިފަށާ ހިސާބަކީ “މިހާރު ކިހާ ދުވަހެއް ވެއްޖެޔޭ، އެނގެން ވެއްޖެ ނޫންހޭ” ބުނުން އާންމު ވާން ފަށާ ހިސާބެވެ.
އެހާހިސާބުން ތިމާގެ ބައިވެރިޔާ ތިމާ އަށް ކޮށްދޭ ކަންކަމަކީ އެއީ އޭނާގެ ވާޖިބު ކަމުގައި ދެކެއެވެ. ވަޒީފާގައި ނަމަ އެއީ އެ މުވައްޒަފުގެ ޒިންމާ ކަމަށް ދެކެއެވެ.

ހަމައެހެންމެ މުވައްޒަފަށް ވެސް ތަނަށް ކުރާ ގަދަރު ކުޑަ ކުރެވެނީއެވެ. ތިމާގެ ކަންކަމުގައި އޮފީހުން ލުއި ދޭ ދިނުން ބަަލައި ނުގަންނަނީއެވެ.
މާ ބޮޑަށް “ވަރިހަމަ” ވަނީއެވެ. އިންސާނީ ތޮބީއަތަކީ “ފެންކައްކާ ބޮލީގެ އިއްޒަތް” ބަލައިގަންނަން ބޭނުން ނުވުމެވެ.

ކަމަކު ޖެހުނީމަ އެކަނި ފެންނަ މީހަކަށް ވާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. މަސައްކަތުގެ މާހައުލުގައި އާއި ޒަވާޖީ ހަޔާތުގައި ވެސް ތިމާގެ މުހިންމުކަން އިހުސާސްވުމަކީ ވަރަށް މުހިންމުކަމެކެވެ.

ހަމައެހެންމެ އަނެކާގެ އަގު ވަޒަން ކުރުމަކީ އެއާއި އެއްވަރަކަށް މުހިންމުކަމެކެވެ. އަގުވަޒަން ނުކުރެވި، ޝަކުވާ ގިނަ ވީމަ، ދެން ޖެހެނީ ކޫސަނި މައްސަލަަކެވެ. އެއްވެސް މީހަކީ އަބަދު ޝަކުވާ އަޑުއަހަން ބޭނުންވާނެ މީހެއް ނޫނެވެ. ނަތީޖާ އަކަށް ވަނީ މީހާ މާޔޫސްވެ، ދެރަވާގޮތް ވުމެވެ.

( ޝަކުވާ ކުރާނަމަ އަވަހަށް ފޫހިވާނެ)ފޮޓޯ..ސޯޝަލް މީޑިއާ

3.ޝަކުވާކުރުން

ޝަކުވާ ކުރުމޭ މިބުނަނީ ދެ ބައިވެރިން ވެސް އެކަކު އަނެކަކާއި މެދު ހުންނަ ހިތްހަމަ ނުޖެހޭ ކަންކަމުގެ ވާހަކަ ދައްކަން ފަށާ ހިސާބުން ފެށިގެން ބޮޑެތި މައްސަލަ ތަކާއި ހަމައަށް ޖެހޭ ހުރިހާ ކަމެއްގެ ވާހަކައެވެ.

ޝަކުވާއެއް ނޫނީ ހިތްހަމަ ނުޖެހުމެއް ފާޅުކުރުމުގެ ބޭނުމަކީ އެކަމަށް ހައްލެއް ގެނައުމެވެ.  އެކަމަކު ގިނަ ފަހަރު ބައިވެރިޔާ ވިޔަސް އަދި އޮފީހުގައި ވިޔަސް ޝަކުވާ ކުރުމުން އެއަށް ދެނީ ރައްދެވެ.

ބައިވެރިޔާގެ މިވެނިކަމެއް ރަނގަޅުކޮށްލަން އެދުމުން ޖަވާބުގައި ބުނަނީ، “ތީ ވަކި މާ ރަނގަޅު މީހެއް ހެއްޔޭ؟” މިހެންނެވެ. ނޫނީ އޭގެ ބަދަލުގައި ދެން ހުރި މީހާގެ މައްސަލަ އެއް ނަގައިގެން ދިފާއު ވެވޭތޯ ބަލައެވެ.

އޮފީހުގައި މުވައްޒަފްގެ މަސައްކަތުގެ ފެންވަރު ދަށް ވެގެން އެވާހަކަ ބުނުމުން، މުވައްޒަފް ދައްކަނީ އޮފީހުން ނުކޮށްދޭ ކަންކަމުގެ ވާހަކައެވެ.
ޝަކުވާތައް ގިނަވެ ފުނި ޖެހޭ ވަރަކަށް، ބައިވެރިޔާ ނޫނީ، އޮފީސް ނުވަތަ މުވައްޒަފް އާއި މެދު ހިތް ނުތަނަވަސް ވާގޮތް މެދުވެރިވެއެވެ.

(އަމިއްލަ ނަފްސަށް ކޮންމެ މީހަކު ވެސް ވަގުތު ބޭނުންވާނެ) ފޮޓޯ.. ސޯޝަލް މީޑިއާ

4.އަމިއްލަ ނަފްސަށް ވަގުތު ބޭނުންވާނެ ކަން ގަބޫލު ނުކުރުން

ކޮންމެ ގުޅުމަކީ ވެސް އިންތަކަކާއި މިންތަކެއް އޮންނާނެ ކަމެކެވެ. އެއް އިންސާނަކާއި އެކު ހުރިހާ ވަގުތެއް ހޭދަކުރުމަކީ ކުޅަދާނަ ކަމެއް ނޫނެވެ.
ބައިވެރިޔާ ދެކެ ކިތަންމެ ލޯބި ވިޔަސް، ރަހުމަތްތެރިންނާއި އާއިލާ އަށް ވަގުތު ދޭން ބޭނުންވާނެއެވެ.

މިނަށް ވުރެ ބޮޑަށް، ބައިވެރިޔާ ހިފަހައްޓާ، ޝައްކުކޮށް، ޝަކުވާ ކުރަން ވެއްޖެއްޔާ އެ ގުޅުމުން ލިބޭ ހިތްހަމަ ޖެހުމަށް ވުރެ، ލިބޭ ހާސްކަން ބޮޑުވާން ފަށާނެއެވެ.

ހަމަމިގޮތަށް ކިތަންމެ ކުރާ ހިތުން މަަސައްކަތް ކުރާ މުވައްޒަފަކަށް ވެސް އަމިއްލަ ނަފްސަށް ވަގުތު ބޭނުންވާނެއެވެ. އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތު ދޭން ޖެހޭނެއެވެ. މާއްދީ، ނަފްސާނީ އަދި ސިއްހީ ދުޅަހެޔޮކަން ވެސް އެހާމެ މުހިންމެވެ.

ކިތަންމެ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރި ނަމަވެސް، އެއް ތައްގަނޑަކަށް ކަންކަން ފެތެން ފެށުމުން މީހާގެ ނަފްސާނީ އަދި ސިއްހަތަށް ވެސް އެކަމުން އަސަރުކުރާނެއެވެ.

ަހަމައެހެންމެ އެހެން ކަންކަމަށް ވަގުތު ދިނުމަކީ ވަޒީފާ އަކީ ފަހު މަސައްކަތަށް ހެދުމެއް ނޫނެވެ. ވަޒީފާގައި އުޅޭ ނަމަ ތިމާގެ ޒިންމާ އަދާ ކުރުމުގެ ގޮތުން، ރައްޓެހިންނާއި އާއިލާ އާއި އެކު ނުދެވޭނެ ކިތަންމެ ފަހަރެއް އަންނާނެ އެވެ.  ބައިވެރިޔާ އާއި އެކު ވަގުތު ހޭދަ ކުރާ އިރުވެސް، އޭނާ އަށް ދޭ ވަގުތަކީ އާއިލާ އާއި ރައްޓެހިންނާއި، މަސައްކަތަށް ދޭ ވަގުތު ނިންމާފަ ބާކީވާ ވަގުތު ކަމަށް ވާނަމަ އިތުރު މައްސަލަތައް ޖެހުން އެހާމެ ގާތެވެ.

ފޮޓޯ..ސޯޝަލް މީޑިއާ

5. މަޝްވަރާކުރުން

ކުރިން މ ފާހަގަ ކުރި ހުރިހާ ކަމެއްވެސް ހައްލު ކުރުމަކީ މަޝްވަރާކުރުމެވެ.
މީގެ މާނައަކީ “ޒުވާބު” ކުރުމެއް ނޫނެވެ.

ވަޒީފާގައި ވިޔަސް ނުވަތަ ބައިވެރިޔާއާއި ވާހަކަ ދެއްކުމުގައި ވެސް މަޝްވަރާ ކުރަނީ މޮޅުވާން ކަމަށް ޤަބޫލު ކުރެވޭނަމަ އެ ވާހަކަ އަކުން ކުރާނެ ފައިދާއެއް ނެތެވެ.

އަނެކާގެ އިހުސާސްތަކާއި ހާލަތުގެ ވާހަކަ އަޑު އެހުމާއި، ތަހައްމަލް ކުރުމުގެ ކުޅަދާނަކަން ހުންނަވާނެއެވެ.
އަޑުއެހުމުގެ ޤާބިލްކަން ހުންނަން ވާނެއެވެ. މި ދެ ހާލަތުގައި ވެސް އަޑު އަހަނީ ޖަވާބު ދޭން ކަމަށް ވާނަމަ އެ ވާހަކަ އަކުން ލިބޭނެ ރާހަތެެއް ނޮއޮންނާނެއެވެ.

ބައިވެރިޔާ އާއި ވިޔަސް، ވަޒީފާގެ މާހައުލުގައި ވެސް މައްސލަަ އެއް ދިމާވުމުން އަޑު އަހާ، އޮޅުން ފިލުވުން މުހިންމެވެ.
އެކަކު އަނެކަަކަށް ގަދަރުކުރުން މުހިންމެވެ. ހިތްހަމަ ނުޖެހޭ ކަންކަން ހުންނާނެއެވެ.

އެހެންނަމަވެސް އެކުގައި މަސައްކަތް ކޮށް ކުރިއަށް ދެވެނެ ގޮތެއް ހޯދޭނީ ދެފަރާތަށް އެއްބަސް ވެވޭ މަގަކުންކަން ހަނދާންކުރަން ޖެހެއެވެ.

( ހުރިހާ ކަމެއް ބޭނުންވާ ގޮތަށް ނުވާނެ، ދޫ ދިނުން ވެސް މުހިއްމު) ފޮޓޯ.. ސޯޝަލް މީޑިއާ

6. އިތުރު ގުޅުންތައް ދެމެހެއްޓުން
ނިންމާލުމުގެ ކުރިން އަދި މި ދެ ހާލަތުގައި އެއްގޮތް އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ. ބައިވެރިޔަކު އިޚުތިޔާރު ކުރަނީ ތިމާ އަމިއްލައަށެވެ.
އެހެންނަމަވެސް އެ ބައިވެރިޔާގެ އާއިލާ އެއީ “ޕެކޭޖް”އެކެެވެ. އެ މީހުންގެ މިޒާޖް ދަސްކޮށް އެކުގައި އުޅެން މަސައްކަތް ކުރުމަކީ ތިމާގެ ބައިވެެރިއާއަށްޓަކާ ކުރުން މުހިންމު ކަމެކެވެ.

މިފަދައިން، ވަޒީފާ ޚިޔާރު ކުރުމުގެ ފުރުސަތު މުވައްޒަފަށް އޮންނާނެއެވެ. އެކުގައި އުޅޭ މަސައްކަތްތެރީން ޚިޔާރް ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
މީގެ ތެރޭގައި ތިމާ ގަޔާވާ މީހުންނާއި ނުރުހޭ މީހުންނާއި، ތިމާގެ ކެތްތެރިކަން ތަކުރާރުކޮށް އިމްތިހާނުކުރާނެ މީހުން ވެސް ތިބޭނެއެވެ.

މި ދެ ހާލަތުގައި ވެސް އެންމެ މުހިންމު ކަމަކީ ތިމާގެ އިންފާރު ތިމާއަށް ވަކިކުރަން އެނގުމެވެ. އެއްވެސް މީހަކާއި ގުޅުން ބޭއްވުމަކީ އެއީ ތިމާގެ ނަފްސަށް ބުރައަކަށް ވާނަމަ އެ މީހަކާއި ދުރުވާށެވެ. އެއީ ތިމާ ކުށްވެރިވާ ކަމެއް ނޫނެވެ. އަދި ގޯސް ވާ ކަމެއްވެސް ނޫނެވެ.

މި ކިޔާދިނީ ކުރު ގޮތަކަށް މި ދެ ގުޅުމުގައި ހުރި އެއްގޮތްކަންތައްތަކެވެ. ނިންމާލަމުން ފާހަގަކޮށްލަން ބޭނުންވާ އެއް ވާހަކައެއް އެބައޮތެވެ. އެކުގައި އުޅެން ބޭނުން ނަމަ، ނޫން ނަމަ މަސައްކަތް ކުރަން ބޭނުންނަމަ، ގުރުބާނީތަކެއް ވާން ޖެހޭނެއެވެ. ދޫދޭންޖެހޭ ކިތަންމެ ފަހަރެއް އަންނާނެއެވެ.

އެހެންނަމަވެސް ތިމާގެ ކެތްތެރިކަމަކީ، ތިމާ އަށް އަނިޔާ ލިބޭ ކަމަކަށް ވާ ހިސާބުން އެއީ ބައިވެރިޔާ ކަމުގައި ވިޔަސް މަސައްކަތުގެ މާހައުލު ވިޔަސް އެންމެ ބުއްދިވެރީ އެކަމަކާއި ދުރަށް ދިއުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: