ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަގުޑި ބެއްދި ގޮނޑީގެ ނާކާމިޔާބީ

ފޮޓޯ: ރައީސް އޮފީސް-- ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ހަގީގަތުގައި ބަލިވީ މަޖިލީސް އިންތިހާބުންނެއް ނޫނެވެ. ލީޑާޝިޕް ފެއިލްވީ، މީގެ ދޮޅު އަހަރު ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާއި އެކުއެވެ.

އެދުވަހު ލީޑާޝިޕް ބަދަލު ކުރި ނަމަ، މިއަދު މި މަންޒަރު ދެކެން ނުޖެހުނީހެވެ. މަޖިލީސް އިންތިހާބުގައި އެންމެ ފަސް ގޮނޑިން ފުއްދާލަން ނުޖެހުނީސްއެވެ. މިދިޔަ ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބުންވެސް ޔާމިން އަބްދުލް ގައްޔޫމް ބަލިވީއެވެ. ވެރިކަން ކުރެއްވި ގޮތުން ރައްޔިތުން ދެވަނަ ދައުރެއް ދިނުމަށް ބޭނުން ނުވީ ޔޯލައެވެ.

ކޮންމެ އަކަސް ހިތާމައަކީ އަތާއި ފައި ގަދަކޮށް އިންތިހާބު ކިހިލީގައި ޖަހާލެވޭތޯ މަސައްކަތް ކުރީ ކޯޓުން ކަމަށްވީތީއެވެ. ކޯޓުންވެސް ބަލިވީއެވެ. ރިހޭ ފައިމައްޗަށް ދެވަނަ ފަހަރަށް ފޮއި ވެއްޓުނީ މަނީ ލޯންޑްރިންގެ ތުހުމަތުގައި މަސް ދުވަސް ވަންދެން ރިމާންޑު ޖަލެއްގައި ބަންދު ކުރުމުންނެވެ. ޕިންކީންގެ އަބަދުވެސް ބަހަނާއެއް އޮންނާނެއެވެ. ހުރި ހަމައެކަނި ލީޑަރު ބަންދުކޮށްގެން އިންތިހާބަށް ހުރަސް އަޅާކަމަށް ބުންޏެވެ. ސިލްސިލާކޮށް މުޒާހަރާވެސް ބާއްވާ، އަޑުގަދަކޮށް ބޮޑާހާކާނެ ކަމަށް ވެސް ބުންޏެވެ.

އެހެން ނަމަވެސް އެ ހިތްވަރެއްވެސް ނެތެވެ. ކާނިވާ ތެރޭގައި ދެ ދުވަހަކު އެއްވެލާ ވާހަކަ ދައްކާލި ހަނދާނެވެއެވެ. އެއަށްފަހު އަނެއްކާވެސް އައިޖީއެމްއެޗްއަށް ބަލި މީހަކަށް ގޮވާލަން ދިޔަ ހަނދާނެއްވެސް ވެއެވެ. މިފަހަރު ދެއްކި ބަހަނާއަކީ، ފައިސާކޮޅެއް ހިފަހައްޓާފައި ހުރުމުން ކެމްޕެއިންވެސް ނުކުރެވުނު ވާހަކައެއްވެ. މައްސަލައެއްނެތެވެ. ޕިންކީންގެ ޓިކެޓު ދިނީ ކޯލިޝަންގެ އެންމެ އަރާތިބި މީހުންނަށެވެ. ކުރު ގޮތަކަށް ބުނާނަމަ، ރުއްސަން ޓިކެޓު ދިން މީހުންގެ އަތުން ޓިކެޓުވެސް އަތުލާ ނެރުނު ޓީމު ވަރުގަދަކުރިއެވެ. އަޑު ގަދަ މީހުން ޕިންކީންގެ ތެރޭގައި ވަރަށް ގިނައެވެ. ހޭވައްޓާލާފައި، ޕްރެސްތަކުގައި ނޫސްވެރިންނަށް ވެސް ބަވާލައެވެ.

ނާކާމިޔާބީގެ ފިލާވަޅުން އިބުރަތް ލިބިގަތުމަށް މިކުދިންކޮޅު ބޭނުން ނުވަނީ ތޯއްޗެކެވެ. އެދުވަހު އަޑަށް ބާރުލާފައި ބުނީ އެނބުރި އަންނާނީ މަޖިލީސް އިންތިބާބުން ކަމަށެވެ. ދަންނަވަންތޯއެވެ. މީގެ ދޮޅު އަހަރު ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބެވެ. ދިޔައީ ހަވަރަށެވެ. އެއަށްފަހު ރިޔާސީ އިންތިހާބެވެ. ލީޑާޝިޕް ފެއިލް ވެފައިވާވަރު މިހާ ހިސާބުން ގަބޫލު ކުރަންވެއްޖެއެވެ. އެހެން ނަމަވެސް ދޫދިނުމެއް ނެތެވެ، ކުދިންކޮޅު ދިޔައީ ގަދަބަސް ބުނަމުންނެވެ. ރޮލެކްސް ގަޑިއާއި، ކޮހި ނޫރުން ދޫކޮށްލުމެއް ނެތި ތިބި މި ކުދިންކޮޅަށް ނުކުރާކަށް ތުހުމަތެއް ނެތެވެ.

ރިޔާސީ އިންތިހާބުގެ ހަމަސް ފަހުން ބޭއްވި، އިންތިހާބުން ކުޑިންކޮޅު ހަމަ ލަދުގަންނުވާލައިފިއެވެ. ކުޑަމިނުން ޕާޓީވެސް ބަލައި ނުގަތީއެވެ. މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ޖުމްލަ 46 ގޮނޑި އަށް ޕީޕީއެމާއި ޕީއެންސީން ވާދަ ކުރި އެވެ. އެއީ، ޕީޕީއެމުން 24، އަދި ޕީއެންސީން 22 ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ހަތް ވަރަކަށް ގޮނޑިއެވެ. ލަދުވެތި ދެއްތޯއެވެ.

ހައްގުގެ ވާހަކަތައް ދާއްކާ ނިންމާލާއިރު އޮންނަނީ މި ކުދިންކޮޅު ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ނިގުޅައިގަތް ހައްގާއި، ހިޔާނާތުގެ ބޮޑެތި އަމަލުގެ ވާހަކައެވެ.

މުސްކުޅި ހަރު ބަހެއްގައި އޮންނަނީ ވެއްޓެންދާ އެއްޗެއްގައި ހިފަން ނޫޅޭށެވެ! އެހެން ބުނަނީ އެއާ އެއްކޮށް ތިމާވެސް ވެއްޓިދާނެތީއެވެ. ނުވަތަ އޭގެން ޖެހި ތިމާއަށް އަނިޔާއެއް ވެދާނެތީއެވެ. މި ކުދިން ކޮޅަށް މިހެން މިވީ ވެއްޓެން ދިއަ އެއްޗެގައި ކައްތިރި ވިއްދައިގެން އެ ވެއްޓުނަ ނުދީ އުޅެންހަދައިގެންނެވެ. ތިމާއަށް މަޖިލީހުގަ އުޅެވުނީ ތިމާގެ ސަޕޯޓަރުންގެ އެހީގަ ނޫންކަން އެހެން މީހެއްގެ ކިހިލީގައި އެލިގެން ކަން ގަބޫލު ކުރާށެވެ. ދާއިރާއަށް ކޮށްދިން އެންމެ ކަމެއްވެސް ހަނދާން އެބަހުރިތޯއެވެ.

ފަސް އަހަރު ތެރޭގައި ދާއިރާގެ ރައްޔިތެއްގެ ޙާލު ބަލާލިނަމަވެސް ރަނގަޅެވެ. ޕީންކީ ޕާޓީ ހަލާކުވުމުގެ ފުރިހަމަ ޒިންމާ ނަގަންޖޭހޭނީ ތިޔަ ޕާޓީގެ ލީޑާޝިޕްގެ ކުދިންކޮޅެވެ. ކެހި ވެސް އަމިއްލައަށް ލިބިގަތީއެވެ. އަތަކީ ފައޭ، ފަޔަކީ އަތޭ ބުނާއިރަށް އާދެ މަސާހިބު ބުނުމުގެ ނަތީޖާއަކީ މިއީއެވެ. ބަހަނާ ދެއްކުން ހުއްޓާލާފައި ޕިންކީން ފާއިތުވި ދެ އިންތިހާބުގައި ކެމްޕޭން ކުރި ގޮތާ މެދު ވިސްނާ އިވެލުއޭޓް ކޮށްލަންވީ ނޫންތޯއެވެ. ސަރުކާރަށް ބޭނުންކުރާ ބޭނުން ކުރާ ސުމްޕާ ފަދަ ޓެގުތައް މިހާރު ހަމަ މަސައްކަތް ނުކުރަނީއެވެ. ޕިންކީންވެސް ޒަމާނަށް ފެތޭ ގޮތަށް ސިޔާސަތު ޕޮލިސީ ގަނޑެއްގައި ލިޔެގެން އެ ހިފައިގެން ރައްޔިތުން ކައިރިއަށް ދާންވީ ނޫންހެއްޔެވެ.

ސިންގާގެ ނިގުލުގައި ހިފައިގެން ތިބި މީހުން އެސޮރު އެނބުރޭވަރަށް އެނބުރިއެނބުރި ތެޅިތެޅި ވަރުބަލިވެގެން ދެން ނުހިފެހެއްޓޭނޭ ދޫކޮށްލަމާ ހިނގާށޭ އެކަކު ބުނީއެވެ. އެކަމަކު ދެންތިބި މީހުން ހަނދާންކޮށްދިނީ ދޫކޮށްލައިފިއްޔާ އެކަކުވެސް ސަލާމަތް ނުވާނެކަމެވެ. މަޖިލީސް އިންތިހާބުގެ ބައްޔާއި އެކު ގޮނޑީގައި ދެނެއް ބަގުޑިބައްދައިގެން ނީދެވޭނެއެވެ.

އެއް ޒަމާނެއްގައި ދޮރު މަތީ ތިބެގެން ހަޅޭލަވަން މައިިކުތައް ދިނީ އެތާ ތިބި ޒުވާން ކުދިންނަށެވެ. މަގުމަތީން ދާހާ މީހުން އެ މީހުންނާއި ދިމާލަށް މަލާމާތް ކުރަމުންދިޔައިރު ލީޑަރުން ތިބީ ދުފާ ރަތްކޮށްލައިގެން ސޯފާގައި ހީ ސަކަރާތްޖަހަންށެވެ. މީ ހަގީގަތެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ވަރަށް ގާތުން ފެނިފައި ހުރި މަންޒަރުތަކެކެވެ. އެހެން ނަމަވެސް، ޕާޓީ ބަދަލުކޮށް ވިދާޅުވީ އެއްޗެއް ބައްލަވާށެވެ. ބަޔަކު ޕާޓީގެ ތެރެއަށް ގަދަކަމުން ވަދެގަތީކަމަށް ބުނެއެވެ. ތިމަންނާމެން ނަގާ އެއްލާލީކަމަށް ބުންޏެވެ.

ހަގީގަތަކީ ރިޔާސީ އިންތިހާބުން ވީ ބައްޔަށްފަހު ގޮނޑީގައި ބާރަށް ހިފަހައްޓައިގެން އެ ފަޅުވެރީންނެއް ނެތްކަމެވެ. ލީޑަރުންގެ ގައިގައި ނެތް ހިތްވަރެއް އެހެން މީހެއްގެ ގަޔަކު ނުހުންނާއެވެ. އެމީހުން ފާއިތުވެދިޔަ 10 އަހަރު އުޅެމުން އައިގޮތަށް ނޫޅެވުނީ މަޖްލިސް ގޮނޑި ގެއްލުނީއެވެ. މަހުންމަހަށް ލިބެމުން އައި މަގާމުގެ މުސާރަ 65000 ރުފިޔާ ގެއްލުނީއެވެ. އެ ވަރުގަދަ މަގާމުގައި ތިބޭއިރު ލިބިފައި އޮތް އާރާއި ބާރު ގެއްލުނީއެވެ.

ކިތަންމެ ވަރަކަށް ތަންތަނަށް އަރާ ނާރު ފުއްޕާފައި ހަޅޭ ލަވާ ވާހަކަ ދެއްކިޔަސް ހަގީގަތުގައި އިޚްލާސްތެރިކަމާއެކު ހިތުގެ އަޑިން ބަސްބުނާ އެއްގޮތެއްގައި ހިފަހައްޓާލެވޭ މީހުން ސިޔާސީ މައިދާނުގައި ވަރަށްމަދުކަމެވެ. ކަންކުރަނީ އޭރަކު އެމީހަކަށް ލިބޭ މަންފާއަކާއި ބާރާއި ނުފޫޒް ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުންކަމެވެ. ގެއްލުނީމަ ނުލިބުނީމަ ފިލާ ރައްކާވަނީކަމެވެ. މިއީ ފާއިތުވެދިޔަ އަހަރުގައި ފެނިފައިވާ މަންޒަރުތަކެވެ. ބަޔެއްގެތެރޭގައި ވަރުގަދަ ޢަޒުމެއް އޮވެ ބުއްދި ދެފުށަށްނުކެނޑި ތިބޭނަމަ އެބައެއްގެ ބާރު ގަދަވާނެއެވެ. ޢަޒުމުގައި ސާބިތުނުވެ އެފުށްމިފުށަށް ބުއްދިޖެހޭނަމަ އެބަޔަކު ބަލިކަށިވާނެއެވެ.

އެމްޑީޕީގެ އިސްސަފްގައި ތިބި މީހުންނާ އެމްޕީ އިންވެސް ޔާމީންގެ ވެރިކަމުގައިވެސް އެޕާޓީ ބަލިކަށިވިއިރުވެސް އެމްޑީޕީގެ ރޫޙުގައި ދެފުށަށްނުކެނޑި ތިއްބެވެ. އެޔާ ޚިލާފަށް ވެރިކަމުގައިވެސް ޕީޕީއެމުން ފެނުނީ އެފުށްމިފުށަށް ޖެހޭ އެމްޕީންނާއި ލީޑަރުންނެވެ. މިއޮތީ ނަތީޖާ ފެނިފައެވެ. ޢަޒުުމު ނުގުޑާ ތިބިމީހުން ކާމިޔަބުކޮށް ޢަޒުމު ބަލިކަށިވީމީހުން މަގުމަތި ވިއެވެ. ޢިބްރަތް ލިބިގަންނާށެވެ. 

ތަރައްގީގެ ގިނަ މަސްރޫއުތަކެއް ހިންގެވި ކަމުގާވިޔަސް އެކަނި ލީޑަރަކަށް އިލެކްޝަން ކާމިޔާބު ނުކުރެވޭނެއެވެ. ވީމާ މިވަގުތު ސިޔާސީ ރޭހާދުރަށް ރައީސް ޔާމީން ޖެހިވަޑައިގެން އާ ލީޑަރަކު ނެރެންޖެހެއެވެ. ޕާޓީ ހަލާކުވުމުގެ ފުރިހަމަ ޒިންމާ ނަގަންޖޭހޭ ބައެއް މީހުން ޕާޓީ ދޫކޮށް ގޮސްފިއެވެ. އޭގެ ތެރެއިން ބައެއް މީހުން އެއްބަނޑު އެއްބަފާ ޕާޓީގެ ލީޑަރުންނަށް އަދިވެސް އެބަތިއްބެވެ. ދެން، ކަދުރާއި، ޕެނަޑޯލާއި، ޗޮކްލެޓު ޕެކް ކުރެއްވި ބޭފުޅާގެ އަޑެއް ބަޑެއް ނެތެވެ. އަޑުއަހަން އުނދަގުލަސް ހަގީގަތަކީ ކެޔޮޅުގެ އެންމެ ބޮޑު ނާކާމިޔާބީގެ ފަހަތުގައި ވަނީ މި ބޭފުޅުންކަމެވެ. ހިތުހުރިކަމެއް ބޭނުންގޮތަކަށް ކުރުމަށް ދޫކުރުމުންކަމަވެ.

ހަގީގަތަކީ މިއަދު ކެޔޮޅުގެ ސިޔާސީ މުސްތަގުބަލެއް ނެތްކަމެވެ. މިދިޔަ ރިޔާސީ އިންތިހާބަށްފަހު ވިދިގެން އައި މަޖިލީސް އިންތިހާބަށްފަހު މިހާރު ރާއްޖޭގައި އިދިކޮޅެއް ނެތެވެ. އެއް ބަނޑު އެއްބަފާ ދެބެއިންގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އުފައްދާފައިއޮތް ނަމަވެސް، އެ ދެ ޕާޓީގައި ދިރުމެއް ނެތެވެ. 

ބަލިވީމަ ބަހަނާ ދައްކާފައި ކޮންމެ ފަހަރަކު ސާބިތު ނުހިފޭ ސަބަބު ވާހަކަ ދެއްކުމަށް ވުރެ ތަންކޮޅެއް ތަހްޒީބީ ގޮތްތައް ބޭނުން ކުރުމަކީ ބުއްދިވެރިގޮތެވެ. އަދި ލީޑަރޝީޕްވެސް ބަދަލުވާން ވެއްޖެއެވެ. ޒުވާން ކިޔަވައިގެން ތިބި މޮޅު ބަޔަކަށް ފުރުސަތު ދެއްވާ ރައީސް ޔާމީންވެސް ފަހަތަށް ޖެހިވަޑައިގަންނަވަންވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: