ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ފަސް އަހަރުގެ ދައުރު ގުނަނީ، 100 ދުވަސް ގުނާ ގޮތަކަށް ނޫން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވި ދުވަސްވަރު އަޅުގަނޑަކީ ސިޔާސީ ކަންކަމުގައި ކުޑަކުއްޖެކެވެ. ވާނުވާގެ ތެރެއިން، އެދުވަހުވެސް އަޑުއިވެމުންދިޔަ ވާހަކައަކީ ވެރިން ދިވެހި ރައްޔިތުންނަށް ދެމުންދާ އަނިޔާގެ ވާހަކައެވެ. އޭގެ ފަހަތުން އަޑުއިވުނީ އެވަރުގެ ވެރިޔަކުވެސް ނުދެކޭ ވާހަކައެވެ. 

ވެރިރަށް މާލެ ހަލަބޮލިވެ، ރާއްޖޭގެ ރަށްތަކުގެ ކޯޓުތަކާއި ރަށު އޮފީހުގައި ހުޅުޖެހި ހާދިސާ މަތީން އަޅުގަނޑު މާބޮޑު ހަނދާނެއް ނެތެވެ.

އެހެން ނަމަވެސް، ހަނދާން ހުންނަ ހިސާބާއި ހަމައަށް އެދުވަހު ހުޅުޖެހި ރަށުގެ ކޯޓު ކޮންމެވެސް ވަރަކަށް ލޯ މައްޗަށް ސިފަވެއެވެ. އެއީ ކިހިނެއް ކީއްވެ، ހިނގި އަމަލެއް ކަމެއް އެދުވަހު ސިކުނޑީގެ ޅަ ކަމުން ނުވިސްނެވެ.

އެހެން ނަމަވެސް، މުޖްތަމައުއަށް ލޯ ހުޅުވި ނޫސްވެރިކަމުގެ ތެރެއަށް ފީނައިގަތީ މި ހުރިހާ ކަމެއްވެސް ނޫސްތަކުގެ އާކައިވްތަކުން ހޯދާ ބެލުމަށްފަހު އެވެ.

އެހާ ހިސާބުން ވިސްނުނުހާވެސް ވާހަކައަކީ މިއީ އަޅެ ވަލު ޖަނަވާރަކުވެސް އުޅޭނެ ގޮތެއް ނޫން ނޫންތޯ އެވެ. އެހެން ނަމަވެސް، މިއަދުވެސް ހިތަށް އަރާ ވާހަކައެއް އޮވޭ، 7 ފެބްރުއަރީގެ ހަގީގަތަކީ ކޮބައިތޯ.؟

ވެރިކަމުގައި އިތުރަށް ހުންނަވައިފިނަމަ ގައުމަށް އިތުރު ނުރައްކަލެއް އަތުވެދާނެކަމަށް ވިސްނޭތީ އިސްތިއުފާ ދެއްވި ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭގެ ޖެހިގެން އައި ދުވަހު އެ ސްޓޭޓްމެންޓު ބަދަލު ކުރެއްވީ ކީއްވެގެންތޯ.؟

ބަޔަކު ވެރިކަމުން އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވީކަމަށް ވިދާޅުވީ އިސްތިއުފާ ދެއްވިތާ 48 ގަޑިއިރުތެރޭގައެވެ.

ދިވެހި ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ އެ ދުވަހުގެ ފަހަތުގައި ހަގީގަތުގައި ވަނީ ނުބައި ރޭ ވުމެއްތޯ، ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ މީހަކަށް އެ ސްޓްރެސް ހޭންޑްލް ނުވުމުގެ ސަބަބުންތޯވެސް ހިތަށް އަރައެވެ.

ފަހުރުވެރިވެލާފައި، ބައެއް ބޭފުޅުން ބޮޑު ހުޅުގެ ވާހަކައާއި، ވެރިކަން ވައްޓާލި ދުވަހަކާއި، އަދި މޭޑޭގެ ވާހަކަ ދައްކާއިރު މިއީ އެދުވަހުގެ މަންޒަރެއް ޓްވީޓަކުން ފާހަގަކުރަންޖެހޭ ދުވަސްތަކެއް ނޫނެވެ.

ދިވެހިންގެ މުދާތަކާއި، ދިވެހި ރައްޔިތުންގެ ހައްގުތައް އެއްފަރާތްކޮށްލުމަށްފަހު މުޅި ނިޒާމު ގަޑުބަޑުކުރުމަށް ބައެއް ފެރާތަކުން ތެދުވީ ހަމަ އަމިއްލަ އެދުމުން ފޯވެގެން ތިބެގެންނެވެ.

މުޙައްމަދު ނަޝީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ވޯޓުން ހޮވި ރައީސެވެ. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު މަލްޓި ޕާޓީ އިންތިހާބުގައި ނަޝީދުގެ ކުރިން ރައީސްކަން ކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމް ބަލިކުރައްވައިގެންނެވެ.

އެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ރަސްމީކޮށް ފެއްޓީ 2003 ވަނަ އަހަރުގެ ތެރޭގައެވެ.

ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ހިނގާތާ 50 އެތައް އަހަރު ފުރި ގޮއްސިއެވެ. ސިޔާސަތުތަކާއި އަދި ކަންކަން ބައްޓަން ކުރުމުގެ ޝަކުވާތަކުގެ ބަހަނާއަކަށް ގެންނަނީ މި ޖުމްހޫރީ ވެރިކަމުގައި ހުރި މައްސަލަތަކުގެ ވާހަކައެވެ.

ޓްރާންސިޝަން ޕީރިއަޑް ނުލާ ވެރިކަމަށް އަށް މަސް ދުވަސް ފާއިތުވެ ދިޔައީއެވެ. ރައިސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާ ކުރެއްވީ ވާދަވެރި ރިޔާސީ ކެމްޕެއިނަކަށް ފަހު ރައްޔިތުންނަށް ފޮނި އުއްމީދުތަކެއް ދެއްވުމަށްފަހުގައެވެ.

ވެރިކަން ބަދަލު ކުރީކީ ބަޔަކު ޕޯޑިއަމްއަކަށް އަރާ ކުރީގެ ސަރުކާރޭ ކިޔާ ބަހަނާ ދެއްކުމުގެ އަޑު އަހާކަށް ނޫނެވެ. ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކޮށް ރައްޔިތުން ގާތު އެތައް ވައުދެއް ވުމަށްފަހުގައެވެ.

ވެރިކަމަށް އެއް އަހަރު ފުރެން ދެން މާ ގިނަ ދުވަހެއް ނެތެވެ. ހިންގުނު ބިޔަ ޕްރޮޖެކްޓެއް ކުރެވުނު މާ ބޮޑު މަސައްކަތެއް މިހާތަނަކަށް ފެންނާކަށް ނެތެވެ. ހަގީގަތަކީ ވެސް އެއީއެވެ. ވެރިކަމެއް ބަދަލު ކުރުމުގެ އެއްވެސް މަގުސަދެއް މިއަދަކު ފެންނާކަށް ނެތެވެ. ހަތެއް ފެބްރުއަރީކަސް، 2013 އަކަސް އަދި 2018 އަކަސް ފެންނަނީ އެއް މަންޒަރެކެވެ. ދައްކަނީ އެއްވާހަކައެކެވެ. އެއީ ބަހަނާތަކެކެވެ.

ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު ރޯމޭނިއާއަށް ވަޑައިގެންފި. ފޮރިން މިނިސްޓަރު ޖަރުމަނަށް ވަޑައިގެންފި، ފޮރިން މިނިސްޓަރު މޮރީޝަސްއަށް ވަޑައިގެންފި. ފޮރިން މިނިސްޓަރު ޔޫކޭއަށް ވަޑައިގެންފި. ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ފިލައިފި. ކުޑަކުދިންގެ ހިޔާގެ ކުދިން އިމާރާތުގެ ފުރާޅު މައްޗަށް އަރައިފި. އައިޖީއެމްއެޗްއިން ބަލި މީހަކަށް ފަރުވާ ދިނުމުގައި އިހުމާލު ވެއްޖެ. މިއީ މިވޭތުވެ ދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ދިވެހި ނޫސްވެރިން ހެޑްލައިނަށް އަރުވަންޖެހުނު ހަބަރުތަކެވެ.

ދިވެހި ގައުމަކީ، އަމިއްލަ މުއްސަނިދިކަމެއް ލިބިފައިވާ ގައުމަކަށް ވީ ހިނދު އެހެން ގައުމުތަކުގެ ފައި ދަށަށް ވެއްޓެންވީ އެއްވެސް ސަބަބެއް އުމުރުން ކުޑައަކަސް މި ދިވެހި ރައްޔިތުމީހާއަކަށް ނުވިސްނެވެ.

ދުނިޔެ ވަށާ ބުރު ޖަހާ އަށް މަސް ދުވަހުގެ ތެރޭގައި 18 ގައުމަކަށް ދަތުރުކުއިރު އެ ގައުމުތަކުން އެދެވޭ ކިތައް ނަތީޖާ ނެރެވުނުތޯ ސުވާލު އުފައްދަންޖެހެއްެވެ.

ކޮންމެ ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން “ބަލަ، މިހާރު ވިސާއާއި ނުލާ އެ ގައުމަށް ދަތުރުކުރެވޭނެ އޭ” ބުނުމަކުން ދިވެހިންނަކަށް އަދި ހިތްހަމަޖެހުމެއް ނުލިބޭނެއެވް.

ބޭނުންވަނީ އިގްތިސޯދީ ކެރިއެރުން އެހެން ނަމަވެސް އެއީ އެއްވެސް ސަލާންޖެހުމަކާއި ނުލައެވެ. ޔަގީންވާކަމަކީ މި ވޭތުވެދިޔަ އަށް މަސް ދުވަސް ތެރޭ ތަރައްގީގެ މާބޮޑު ކަމެއް ކޮށްފައިނުވާކަމެވެ. މިއީ ފާޑުކިޔުމެއް ނޫން، ނުވަތަ ދޮގު ހަބަރު ފެތުރުމެއް ވެސް ނޫނެވެ. އެހެން ނަމަވެސް ހަގީގަތެވެ.

ދަތުރުތަކަށް 7 މިލިއަން ހަރަދުކުރިއިރު އެއަށްވުރެ ތިން ގުނަ ފައިދާ ގައުމަށް ކުރަންޖެހޭނެއެވެ. އެހެން ނޫނީ ދުނިޔޭގެ ރީތިކަން ބަލާ ތިމަންބޭފުޅާގެ އަބުއީކަން އެހެން ގައުމުތަކަށް ދެއްކުމަކީ ފޫނެތްފަޔަށް ފެންފުރުމެވެ. މި ވާހަކަތައް ދެއްކީމާ އާދައިގެ މަތީން ނެންގެވީ ހަމަ ކުރީގެ ސަރުކާރުގެ މިސާލެވެ.

އެއް އަހަރު ތެރޭގައި ދަތުރުތަކަށް 27 މިލިއަން ރުފިޔާ ރައީސް ޔާމީންގެ ސަރުކާރުން ހަރަދުކުރި ވާޙަކައެވެ. ޒިންމާތައް ރަނގަޅަށް ނުންގެވޭ އެތައް ވެރިންނެއް އެބަތިބިއެވެ. އެއީ އެ މަސައްކަތުގެ ތަޖުރިބާ ނެތުން ކަމެއް، ނުވަތަ އަމިއްލަ ކަންކަމާއި މަސްއޫލުވެގެން އުޅުންކަމެއް ނޭނގެއެވެ.

ހައުސިން މައްސަލައަށް ހއްލެއް ނުލިބިގެންނާއި އިތުރު ކަންކަމާއި ބެހޭ މައުލޫމާތުތަކާއި ގުޅޭގޮތުން ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު މަޖިލީހަށް ހާޒިރު ކުރުމުން ވިދާޅުވީ ކުރީގެ ސަރުކާރުގެ ވާހަކައެވެ.

ރާއްޖޭގެ ފެއިލްވެފައިވާ ސިއްހީ ނިޒާމުގެ ޒިންމާ ނަގަންޖެހޭނީ ހެލްތް މިނިސްޓަރު  އަބްދުﷲ އަމީން ވިދާޅުވާގޮތުންނަމަ ރައީސް ޔާމީނެވެ. ޓްރާންސްޕޯޓު މިނިސްޓްރީއަށް ކުރެވުނު މަސައްކަތްތަކަކީ ކޮބައިތޯ ސުވާލު ކުރުމުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ހާވާފައިހުރި ހަޑިމުޑުދާރު ސާފު ކުރަނީކަމަށެވެ.

ފިޔަވަތީގެ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ކުރީގެ ސަރުކާރުން މިކަމާ އެއްވެސް ވަރަކަށް ވިސްނާފައި ވެސް ނެތްކަމަށެވެ. ސަރުކާރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބަޖެޓުގައި ހުރި މަސައްކަތްތައް ކޮންމެވެސް ވަރަކަށް ފެށުން ކަމަށެވެ.

ނަމަވެސް ބައެއް މަސައްކަތްތައް ކުރުމަށް އެއް މިލިއަން ރުފިޔާ ޖަހާފައިވެސް ހުންނާނެ ކަމަށާއި އެ އަދަދުން އެއްވެސް މަސައްކަތެއް ފެއްޓޭ ވަރު ނުވާނެ ކަމަށެވެ.

ބޮޑު. ޖޯކު އެހެން ނޫންތޯއެވެ. ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އަހަރު މަޖިލީހުން ވަނީ 32 ބިލިއަންގެ ބަޖެޓެއް ފާސްކޮށްފައެވެ. އަނެއްކާ އެ އޮތީ ސަޕްލިމެންޓްރީ ބަޖެޓެއްވެސް ފާސްކޮށްފައެވެ. ދިވެހި ރާއްޖޭގެ ތާރީހުގައި ވެސް ފާސް ކޮށްދިން އެންމެ ބޮޑު ބަޖެޓަކީ މި އަހަރަށް ފާސްކުރި ބަޖެޓެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އެއް އަހަރު ވާން ގާތްވާއިރު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރެއްވީ ކޮން ކަމެއްތޯއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭރުގެ އެކި ކަރަކަރައަށް ވަޑައިގެން ކުރީ ކީއްތޯއެވެ. ފްލެޓުގެ ހުވަފެން ދެއްކުމަށްފަހު ބަޔަކު ރައްޔިތުންގެ ފައިސާ ނަގައިގެން ފިލީމާ ހައުސިން މިނިސްޓަރު އާތިފާއަށް ކުރެވުނީ ކީއްތޯއެވެ. ޕްރެސްއެއް ބާއްވައިފިއެވެ. ޓާޓާ ކުންފުނި ކޮބައިތޯ އެެވެ. ކޮރަލް ބޮލްވާޑް ކޮބާތޯ އެވެ. އާތިފާއަށް ޖަވާބެއް ދެވިފައެއް ނެތެވެ. ސިއްހީ ދާއިޜާ ފެއިލްވެފައިފައިވާއިރު ރަނގަޅު ނިޒާމެއް ގެންނަން މިނިސްޓަރު އަމީން ކުރެއްވީ ކީއްތޯއެވެ.

ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން އިސްވެރިން ދަތުރުތަކަށް ވަޑައިގަތަސް ރައްޔިތުންނަށް ކުރީ ކޮން ފައިދާއެއް ތޯއެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން ފޫގަޅާލައިގެން ކުރާ މަސައްކަތުން ރައްޔިތުންނަށް ކުރަމުންދަނީ ކޮން އަސަރެއްތޯއެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާ އެކު ފަށާ މަޖިލީހުން ގަރާރަކަށްފަހު ގަރާރުން ޓީޓީ ކުޅެކުޅެފަ ފާސްކޮށްގެން ރައްޔިތުންނަށް އެކަމުން ލިބެނީ ކޮން ފައިދާއެއްތޯއެވެ. މެމްބަރަކު ވިދާޅުވީ ހަމަތެދެލެވެ. ބަންދެއް ނުޖަހާ އެންމެ ފުރަތަމަ ކޯޓުން އަދީބު ދޫކޮށްލުމުން އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަކީ ބޮޑު ޖޯކެކެވެ. ހަމަ ޓީޓީ ކުޅުމުގެ މިސާލެކެވެ.

މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން މިއީ ކޮމިޝަން އުފައްދާ ސަރުކާރެކޭ ވެސް ހިތައް އަރަައެވެ. ނުވަތަ ކޮމެޓީއާއި ގަރާރު ހުށަހަޅާ ސަރުކާރެކޭ ވެސް ހިތައް އަރައެވެ.

ކޮންމެއަކަސް އަޅުގަނޑު ދަންނަވަން އޮތީ ހަމަ އެންމެ ވާހަކައެކެވެ. މި ސަރުކާރުން ކޮންމެ ގޮތަކަށް 100 ދުވަސް ގުނި ނަމަވެސް ފަސް އަހަރުގެ ދައުރުގެ ނިމި ދެން ބާއްވާ ރިޔާސީ އިންތިހާބް 2023 ގައޮ އޮންނާނެ ވާހަކައެވެ.

ހަމަ ގައިމުވެސް ފަސް އަހަރުގެ ރިޔާސީ ދައުރު ރައްޔިތުން ގުނަނީ ބަންދު ދުވަސްނުލާ މި ސަރުކާރުން 100 ދުވަސް ގުނާ ގޮތަކަށް ނޫނެވެ. މިއީ ވަރަށް ވާހަކައެެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: